02 ސެޕްޓެމްބަރ 2021 ގައި ރާއްޖޭގެ ސިވިލްކޯޓަށް އާންމު މަސްލަހަތުގައި މަދަނީ މައްސަލައެއް އަހުރެން ހުށަހެޅީމެވެ. އަދި މި މައްސަލަ ހިނގަމުންދާ ގޮތާބެހޭ މައުލޫމާތު މިދަނީ އަހުރެންގެ ވެބްސައިޓް މިވެށި.ކޮމް ގައި އާންމު މައުލޫމާތަށްޓަކާ ޝާއިއުކުރަމުންނެވެ.
މި މައްސަލައަކީ ކ.ގުޅިފަޅު ހިއްކައިގެން ޕޯޓެއް ހެދުމުގެ މަޝްރޫއު ހުއްޓުވުމަށް އެދި ރާއްޖޭގެ ސިވިލްކޯޓަށް ހުށަހެޅި މައްސަލައެކެވެ. ރާއްޖޭގެ ސަރުކާރު މެދުވެރިވެ، ރާއްޖޭގެ ޤާނޫނާ ގަވާއިދުތަކަށް ގޮންޖަހާ، ކޯވިޑު-19ގެ ހާލަތުގައި ރާއްޖެއޮތް ވަގުތެއްގައި، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެއްނެތި، އަވަސްއަރުވާލައިގެން މި މަޝްރޫއު މެއި 2020 ގައި ހިންގަން ފެށުމުން، ގުޅިފަޅާ ޖެހިގެންއޮތް ކ.ވިލިމާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އުފެދިގެން ދިޔައެވެ. ގުޅިފަޅު ކޮންނަން ފެށުމަކީ ވިލިމާލޭގެ ގުދުރަތީފަރު ދިރިދެމިއޮތުމަށް އޮތް ނުރައްކަލަކަށް ވިއެވެ. އަދި މި މައްސަލަ ހޫނުވެ، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލޭ ދާއިރާގެ އޭރުގެ މެމްބަރު އަލްއުސްތާޛް އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލިހަށް މި މައްސަލަ ހުށަހެޅިއެވެ. މި ހުށަހެޅުމުން ސާފުވާން އޮތްކަމަކީ ކ.ގުޅިފަޅު ހިއްކުމަށް ހަވާލުކުރެވުނު ބޮސްކާލިސް ނަމަކަށް ކިޔާ ނެދަލެންޑުގެ ކުންފުނިން މި މަސައްކަތް ކުރަމުން ގޮަސްފައިވަނީ މަޝްރޫއުގެ ތިމާވެށީގެ ރިޕޯޓުގައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބެލުމެއްނެތި، އެފަދަ ފިޔަވަޅުތައްނާޅާ ކަމެވެ. ނަމަވެސް ކ.ގުޅިފަޅު ހިއްކުމުގެ މަޝްރޫއަކީ ހަމައެކަނި ތަންފީޒީ މަރުހަލާގައި މައްސަލަތަކެއް އުފެދުނު މަޝްރޫއެއް ނޫނެވެ. މި މަޝްރޫއަކީ އުފެދިގެން އައިގޮތުގައިވެސް އެތައް އުނިސިފަތަކެއް ހުރި މަޝްރޫއެއްކަން ލިބެންހުރި މައުލޫމާތުތަކުން ސާފުވެއެވެ. ނަމަވެސް އެއީ މިވަގުތު ތަފްސީލު ކުރެވޭވަރަށްވުރެ ދިގު ލިސްޓެކެވެ.
އަދަކީ 02 ސެޕްޓެމްބަރ 2025 އެވެ. ކ.ގުޅިފަޅު މަޝްރޫއު ހުއްޓުވުމަށް ދިވެހިސަރުކާރާ ދެކޮޅަށް ދައުވާކޮށް އަހުރެން މައްސަލަ ހުށަހެޅިތާ މިއަދަށް 04 އަހަރު ވީއިރު، މި މައްސަލައިގެ މައުޟޫއީ ދައުވާއާއިމެދު އަދިވެސް އޮތީ ދިވެހިރާއްޖޭގެ ސިވިލްކޯޓުން ގޮތެއް ނުނިމިއެވެ. މައްސަލައެއް ކޯޓުގައި ލަސްވުމަކީ ރާއްޖޭގެ ކޯޓެއްގައި އާކަމެއް ނޫންކަން ގިނަބަޔަކު ދަންނާނެއެވެ. ނަމަވެސް ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބެލެންވާނެ ގޮތުގެ ޤާނޫނީ އިޖުރާއަތުތަކެއް ގާއިމްވެފައި އަދު އެބަހުއްޓެވެ.
‘އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން’ – މިއީ ޤާނޫނާ އިންސާފުގެ ދާއިރާގެ ޒަމާންވީ އަދި މަޝްހޫރު ހަރުބަހެކެވެ.
އާންމު މަސްލަހަތު ހިމެނޭ މި މަދަނީ މައްސަލައިގާ ޤާނޫނީއިމުގެ ތެރެއިން، އަހުރެންވެސް ހިމެނޭގޮތަށް ރައްޔިތުންގެ ޙައްޤުތަކެއްގެ ދިފާއުގައި އިންސާފުވެރި ޝަރިއްޔަތަކަށް ރައްޔިތެއްގެ ހައިސިއްޔަތުން އަހުރެން އެދުނީއެވެ. މިއީ އަހުރެންނަށް ލިބިގެންވާ ޤާނޫނީ އަސާސީ ޙައްޤެކެވެ. އިންސާފާދިމާއަށް ކޯޓުން ދަތުރުކުރާނެކަމަށް ބެލުނު މަރުހަލާގައި ފިރުކެމުން ދިގުލަމުން ގޮސް، އިންސާފު ނުލިބޭހިސާބަށް ލަސްވެ، މައްސަލަ ހުއްޓިފައިވާގޮތް ރަމްޒުކޮށްދޭ މުހިންމު ދެ ތަޖުރިބާއެއް ބަޔާންކޮއްދޭން މިފުރުސަތުގައި އަހުރެން މަސައްކަތްކުރާނަމެވެ.
ފުރަތަމަ ތަޖުރިބާއަކީ ހެކިންގެ ހެކިބަސް ނެގުމުގައި ކޯޓުން ދިމާވި ހައިރާންކުރުވަނިވި ގޮންޖެހުމެކެވެ. މި މައްސަލައިގެ މައުޟޫއީ ދައުވާގައި، މައްސަލައިގާ ހިމެނޭ ދެފަރާތުގެ ހެކިން ކޯޓަށް ފުރަތަމަ ހާޒިރުކުރީ 13 މާރިޗް 2023 ގައެވެ. މި އަޑުއެހުމަކީ މި މައްސަލައިގާ މިހާތަނަށް ހިނގާދިޔަ އެންމެދިގު އަޑުއެހުމެވެ. މި އަޑުއެހުން ގާތްގަނޑަކަށް 2.5 ގަޑިއިރަށް ދިގުދެމިގެން ދިޔައެވެ. ނަމަވެސް ދެން ކަންހިނގާދިޔަ ގޮތަކީ، ކޯޓުގެ ވަސީލަތްތަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އަޑުއެހުމުގެ ރިކޯޑިންގ ‘ކޮރަޕްޓު’ ވެ، ހެކިންގެ ހެކިބަޔާން ކަރުދާހަށް ތިރިކުރެވޭނެގޮތް ނެތިގޮސް، އަލުން ހެކިންގެ ހެކިބަސް ނަގަންޖެހުމެވެ. ހެކިންގެ ހެކިބަހުގެ ފައިލް ކޮރަޕްޓުވެ، ހެކިންގެ ބަޔާން ލިޔެވޭނެގޮތެއް ނެތްކަން އަހުރެންނަށް ކޯޓުން އެންގީވެސް ހެކިބަސްނެގިތާ 6 މަސްދުވަސް ފާއިތުވި ފަހުންނެވެ. ހެކިންގެ ހެކިބަސް ދެވަނަ ފަހަރަށް ނެގުނީ ފުރަތަމަ އަޑުއެހުން ބޭއްވުނުތާ 1 އަހަރު ފަހުން، 19 މާރިޗް 2024 ގައެވެ.
ދެވަނަ ތަޖުރިބާއަކީ މައުޟޫއީ މައްސަލައިގެ ޙުލާސާބަޔާނާބެހޭ ފަހުއަޑުއެހުން ނިމުމުން ކަންހިނގާފައިވާ ގޮތެވެ.
މައްސަލައިގެ ދެފަރާތުން ހުށަހެޅި ޚުލާސާބަޔާނަށް ވާހަކަދެކެވުނު ފަހުއަޑުއެހުން ސިވިލްކޯޓުގައި ބޭއްވުނީ 20 އެޕްރިލް 2025 ގައެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލާ މަދަނީ މައްސަލަތަކަކީ ވަކި އިޖުރާއަތުތަކެއްގެ ތެރޭގައި ހިންގަންޖެހޭ މައްސަލަތަކެކެވެ. މިގޮތަށް ކަނޑައެޅިފައިވަނީ ޖޫން 2022 ގައި އަމަލުކުރަންފެށުނު މަދަނީ އިޖުރާއަތުގެ ޤާނޫނު (ނަމްބަރ 2021/32) ގެ ދަށުންނެވެ. މި ޤާނޫނުގެ 259 ވަނަ މާއްދާއަކީ ހުކުމް ކުރުމާބެހޭ މާއްދާއެވެ. މި މާއްދާގައި ހިމެނޭ 3 ނުކުތާގައި ކަނޑައަޅާފައިވާ ގޮތުގައި މައްސަލައެއްގައި ހުކުމް ކުރުމަކީ އެންމެފަހު އަޑުއެހުމަށްފަހު ވަގުތުން ކުރަންޖެހޭ ކަމެކެވެ. ނުވަތަ އެއަށްފަހު ވީ އެންމެއަވަސް މުއްދަތެއްގައި ކުރަންޖެހޭ ކަމެކެވެ. އަދި ހުކުމް އިއްވާނެ ތާރީޚެއް ކޯޓުން ކަނޑައަޅާ، ފަހުއަޑުއެހުމުގައި ނުވަތަ އެއާ ޖެހިގެން އަންނަ 3 ދުވަސްތެރޭގައި މައްސަލައިގެ ހަސްމުންނަށް އެންގުމަކީ ކޯޓުން އަމަލުކުރަންވާނެ ގޮތެވެ. އަދި ހުކުމް އިއްވުމަކީ ފަހުއަޑުއެހުމަށްފަހު 30 ދުވަހުގެ ތެރޭގައި ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އަހުރެން ހުށަހަޅައިގެން އުޅޭ މި މައްސަލައިގާ 20 އެޕްރިލް 2025 ގައި ބޭއްވުނު އަޑުއެހުމަށްފަހު 4 މަސް ފާއިތުވެ ގޮސްފައިވާއިރު ކޯޓުން އަދާހަމައަށް މި މައްސަލައިގާ ހުކުމެއް އިއްވާފައެއް ނެތެވެ. މައްސަލަ ސިވިލްކޯޓުގައި 4 އަހަރުވީއިރު އަހުރެން އަދިވެސް މިހުރީ މި ހުކުމުގެ އިންތިޒާރުގައެވެ. މިހާތަނަށް އައިއިރު މި އަހަރުތަކުގެ އާޚިރު ތަޖުރިބާއަކީ ޝަރުއީކޯޓުން ހޯދަން މަަސައްކަތްކުރެވުނު ޤާނޫނީފަރުވާ އޮޔާދާތަން ބަލަން ހުންނަންޖެހުމެވެ.
ކ.ގުޅިފަޅު ހިއްކުމާ ޕޯޓެއް އެޅުމުގެ ބިޔަ، ޚަރަދުބޮޑު އަދި ގެއްލުންބޮޑު މަޝްރޫއު ހުއްޓުވުމަށް ކޯޓުން ފަރުވާއެއް ހޯދަން 02 ސެޕްޓެމްބަރ 2021 ގައި އަހުރެން އެދުނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހާލަތު ނުދަންނާތީއެއް ނޫނެވެ. އެކަން އަހުރެން ކުރީ ކޯޓުތަކުގެ ހާލަތު ކޮންމެސް މިންވަރަކަށް ދަންނާތީއެވެ. އަދި އެކަން ކޮންމެހެންވެސް ކުރުމަކީ ރައްޔިތުކަމުގެ ޒިންމާއެއްގެ ގޮތުގައި އަހުރެން ދުށީތީއެވެ. ދިވެހިރާއްޖޭގެ ކޯޓުތައް މެދުވެރިކޮށް އިންސާފު ހޯދުމަށް ހުރި ގޮންޖެހުންތަކަކީ ދިވެހި އެއްވެސް ރައްޔިތަކު ނުދަންނާނެ ކަމެއް ނޫނެވެ. ނަމަވެސް ޤާނޫނީ އޮނިގަނޑަކާއި ކޯޓުތަކެއް ޤާއިމުވެގެން ހިނގަމުންދާ ދިވެހި ދައުލަތެއްގައި އިންސާފުވެރި ޝަރިއްޔަތެއް ހިނގާތަން ފެނުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ އުންމީދަަކަށް ވާނެކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. އަދި އެދުވަސް ގެނައުމަށް ކޯޓުތަކުގެ ބޭނުން ހިފުމަކީވެސް ރައްޔިތުންގެ ޒިންމާއެކެވެ. ކޯޓުތަކުގެ ނިޒާމީ ދިރުން ހިފެހެއްޓުމުގެ އެންމެބޮޑު ޒިންމާއޮތީ ކޯޓުތަކުގެ އެކި މަގާމުތަކުގައި މަސައްކަތްކުރާ، ރައްޔިތުންނަށް ޚިދުމަތްކުރުމަށް މުސާރަވެރިވެެތިބި ފަރާތްތަކުގެ ކިބައިގައެވެ. އަދި ހަސްމުންގެ މަސްލަހަތުގައި މަސައްކަތްކުރާ ވަކީލުންނާއި ހަސްމުންގެ ވެސް ކިބައިގައެވެ. މިކަމުގައި އަހުރެން އުޅޭތާ 4 އަހަރަށްވުރެ މާގިނަދުވަސް ވެއްޖެއެވެ. އަދި އަދު، 02 ސެޕްޓެމްބަރ 2025 ގައި، އާންމު މަސްލަހަތާ ރައްޔިތުންގެ ހައްޤުގައި މިބާވަތުގެ މައްސަލައެއް ޤާނޫނީ އިމުގެތެރެއިން ބެލުމަކީ ރާއްޖޭގެ ސިވިލްކޯޓަށް ނުކުރެވިފައިވާ ކަމެކޭ ބުނުމުގެ ޖާގަ އޮތަސް، މާދަމާ މިކަން ބަދަލުވެގެންދާނެ ކަމުގެ އުންމީދު އަހުރެން އަބަދުވެސް ކުރާނަމެވެ. މިއީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަހުރެންގެ އިޙުތިޔާރުގައިވާ ކަމެކެވެ
މި ލިޔުން ފުރަތަމަ ޝާއިއު ކޮށްފައިވަނީ 2 ސެޕްޓެމްބަރ 2025 ގައި ދައުރު ނޫހުގައި

![20 April 2025 - CC hearing [Miveshi Maldives]](https://miveshi.com/wp-content/uploads/2025/04/20-April-2025-CC-hearing-Miveshi-Maldives-571x428-1.jpg)