ސިވިލްކޯޓުގެ ގަޒިއްޔާ ނަމްބަރު 3246/Cv-C/2021 މައްސަލައިގެ އަދާހަމަ
ހުމައިދާ އަބްދުލް ޢަފޫރު ވ. ދިވެހި ދައުލަތް
ކ.ގުޅިފަޅު ގައި ޕޯޓެއްހެދުމަށް ހިންގާ މަޝްރޫއު ހުއްޓުވުމަށްއެދި ހުށަހަޅާފައިވާ މައްސަލަ

🔽 ކޯޓުގައި އޮތް މައްސަލަ ފެށިތާރީޚު : 2 ސެޕްޓެމްބަރ 2021

02 މާރިޗް 2026

މައުޟޫއީ ދައުވާގެ ހުކުމް ކުރުމުގެ އަޑުއެހުމެއް ދުރާލާ ތާވަލުކޮށް، ފަހުވަގުތު ކެންސަލް ކުރުން

• 20 ޖަނަވަރީ 2026 ގެ ތިރީގައިވާ އަދާހަމައިގާ ވާފަދައިން، މައުޟޫއީ ދައުވާގެ ޚުލާސާބަޔާން އިއްވުމަށްފަހު ސިވިލްކޯޓުން ގޮތެއް ނުނިންމާ ލަސްވެ ގިނަދުވަސްތަކެއް ވާންދެން އޮތުމަށްފަހު ހުކުމް ކުރުމުގެ އަޑުއެހުމެއް ތާވަލްކުރެވުނީ މިއަދު ހެނދުނުގެ 10.00 އަށް. ނަމަވެސް އަޑުއެހުމުގެ ވަގުތުގެ 01 ގަޑިއިރަށްވުރެ ކުޑަތަންވެފައި ވަނިކޮށް، މިއަދުގެ އަޑުއެހުން ކެންސަލް ކުރިކަން 9.09 ގައި އީމެއިލަކުން ކޯޓުން އެންގި. 

• މިއަދުގެ އަޑުއެހުމަކީ މިހާތަނަށް އެންމެ ދުރާލާ ތާވަލު ކުރެވުނު އަޑުއެހުންކަން ފާހަގަކުރަން. އަދި ހުކުމް ކުރުމުގެ މުހުލަތާއި ބެހޭ ޤާނޫނީ މުއްދަތު މި މައްސަލައިގާ ފާއިތުވެ ގޮސްފައިވާއިރު، ތާވަލު ކުރެވުނު ގޮތަށް ހުކުމް ކުރުމުގެ އަޑުއެހުން ކުރިއަށް ނުގޮސް އަނެއްކާވެސް ކެންސަލުކޮށް، ލަސްވެގެން ދިއުމަކީ ކަންބޮޑުވާކަމެއް. 

•  ޤާނޫނީ ގޮތުން މިކަން އޮތްގޮތް ތިރީގައި ފާހަގަކުރަން : 

ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ޤާނޫނު (ނަމްބަރު 2021/32) ގެ 259 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، 

“މަދަނީ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމުމާއެކު، ވަގުތުން ނުވަތަ ވީ އެންމެ އަވަހަކަށް އެ މައްސަލައިގެ ޙުކުމް ކުރަންވާނެއެވެ.” 

އަދިހަމަ 259 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، ވަގުތުން ހުކުމް ނުކުރާނަމަ ހުކުމްކުރާނެ ތާރީޚެއް ޝަރިއްޔަތުގެ ފަހު އަޑުއެހުމުގައި ޚަޞްމުންނަށް އަންގަންވާނެކަމާއި، މިކަން ކުރެވެންނެތްނަމަ ހުކުމްކުރާނެ ތާރީޚެއް ޝަރިއްޔަތުގެ އެންމެ ފަހު އަޑުއެހުން ބާއްވާތާ 3 ދުވަހުގެ ތެރޭގައި ޚަޞްމުންނަށް އަންގަންވާނެކަން.  

މި މައްސަލައިގާ މިގޮތަށް ކޯޓުން ކަންކޮށްފައިނުވާކަން ފާހަގަކުރަން. 

259 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގައި: 

“މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ތާރީޚަކީ، ޝަރީޢަތުގެ ފަހު އަޑުއެހުން ބާއްވާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށްވުރެ ފަހުގެ ތާރީޚެއް ކަމުގައި ވެގެންނުވާނެއެވެ.” 

20 ޖަނަވަރީ 2026

މައުޟޫއީ ދައުވާގެ ޚުލާސާބަޔާން އިއްވުމަށްފަހު ސިވިލްކޯޓުން ގޮތެއް ނުނިންމާ ލަސްވެ އޮތުމަށްފަހު ހުކުމް ކުރުމުގެ އަޑުއެހުމެއް ތާވަލްކުރުން

• 02 ސެޕްޓެމްބަރ 2025 ގެ އަދާހަމައިގާ ފާހަގަކޮށްފައިވާނީ، މައުޟޫއީ ދައުވާގެ 7 ވަނަ އަޑުއެހުމަށްފަހު، މައްސަލައިގާ ގޮތެއް ނިންމަން ޖެހޭ ޤާނޫނުގައިވާ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް ސިވިލްކޯޓުން މި މައްސަލައިގާ ހުކުމެއް އިއްވާފައި ނުވާކަން. 

• ނަމަވެސް، މައުޟޫއީ ދައުވާގެ ހުކުމް ކުރުމުގެ އަޑުއެހުމެއް 02 މާރިޗް 2026 ގެ ހެނދުނު 10.00 އަށް ތާވަލުކޮށްފައިވާ ކަމުގެ ޗިޓު 12 ޖަނަވަރީ 2026 ގައި ސިވިލްކޯޓުން ވަނީ ހިއްސާކޮށްފައި.  

• މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުނީ 2 ސެޕްޓެމްބަރ 2021 ގައި އަދި އެކޯޓުން ބަލައިގެންފައި ވަނީ 19 ސެޕްޓެމްބަރ 2021 ގައި.   ..

02 ސެޕްޓެމްބަރ 2025

މައުޟޫއީ ދައުވާގެ 7 ވަނަ އަޑުއެހުމުގައި ޚުލާސާބަޔާން އިއްވުމަށްފަހު ސިވިލްކޯޓުން ގޮތެއް ނުނިންމާ ދިގުދެމިގެންދާ ކަމުގެ ކަންބޮޑުވުން

• ކ.ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓުވުމާބެހޭ މައުޟޫއީ މައްސަލައިގާ 20 އެޕްރިލް 2025 ގައި ސިވިލްކޯޓުގައި އޮތް އަޑުއެހުމަކީ މައްސަލައިގެ ޙުލާސާބަޔާން ހުށަހެޅުނު އަޑުއެހުން. އެ އަޑުއެހުމަށްފަހު ޝަރިއްޔަތުން އިތުރު ކަމެއް ސާފުކުރުމަށް ބޭނުން ނުވާނަމަ، ދެން މި މައްސަލައިގާ އޮންނާނީ ހުކުމް ކުރުމުގެ މަރުހަލާ ކަމަށް ބެލުނު ނަމަވެސް ދެން އަޑުއެހުމެއް އޮންނާނެ ތާރީޚެއް ޝަރިއްޔަތުން އަންގާފައެއް ނުވޭ. އަދި އޭގެ ފަހުން އިތުރުކަމެއް ސާފުކުރުމަށް ކޯޓުން އެދިފައެއްނުވޭ.

• އެ އަޑުއެހުމަށްފަހު އަދާހަމައަށް 4 މަސްދުވަސް ހިނގާގޮސްފައިވާއިރު ސިވިލްކޯޓުން މި މައްސަލައިގާ އަދިވެސް ހުކުމެއް އިއްވާފައެއްނުވޭ. މިއީ ނުހަނު ކަންބޮޑުވާކަމެއް، އަދި މިއީ ޤާނޫނުން ކަނޑައަޅާފައިވާ އިޖުރާއަތާ ފުށުއަރާ ހާލަތެއް.

• ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ޤާނޫނު (ނަމްބަރު 2021/32) ގެ 259 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި:

“މަދަނީ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމުމާއެކު، ވަގުތުން ނުވަތަ ވީ އެންމެ އަވަހަކަށް އެ މައްސަލައިގެ ޙުކުމް ކުރަންވާނެއެވެ.”

އަދިހަމަ 259 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، ވަގުތުން ހުކުމް ނުކުރާނަމަ ހުކުމްކުރާނެ ތާރީޚެއް ޝަރިއްޔަތުގެ ފަހު އަޑުއެހުމުގައި ޚަޞްމުންނަށް އަންގަންވާނެކަމާއި، މިކަން ކުރެވެންނެތްނަމަ ހުކުމްކުރާނެ ތާރީޚެއް ޝަރިއްޔަތުގެ އެންމެ ފަހު އަޑުއެހުން ބާއްވާތާ 3 ދުވަހުގެ ތެރޭގައި ޚަޞްމުންނަށް އަންގަންވާނެކަން.

މި މައްސަލައިގާ މިގޮތަށް ކޯޓުން ކަންކޮށްފައިނުވާކަން ފާހަގަކުރަން.

259 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގައި:

“މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ތާރީޚަކީ، ޝަރީޢަތުގެ ފަހު އަޑުއެހުން ބާއްވާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށްވުރެ ފަހުގެ ތާރީޚެއް ކަމުގައި ވެގެންނުވާނެއެވެ.” ނަމަވެސް މި ނުކުތާއަށްވެސް ކޯޓުން އަމަލުކުރެވިފައި ނެތް.

• މަތީގައިވާ ފަދައިން މަދަނީއިޖުރާއަތުގެ ޤާނޫނުގައި ހުކުމްކުރުމުގެ މަރުހަލާ ސާފުކޮށް ބަޔާންކޮށްފައިވީ ނަމަވެސް، ސިވިލްކޯޓުން މި މައްސަލައިގާ ޤާނޫނީ އިޖުރާއަތާ އެއްގޮތަށް ކަންކޮށްފައި ނުވާކަން ހިތާމައާއެކު ފާހަގަކުރަން. އަދި ކަންމިހެން ހިނގަމުންދާތީ ކޯޓުން މައުލޫމާތު ހޯދަން މަސައްކަތްކުރިނަމަވެސް އަދާހަމައަށް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާކަން ފާހަގަކުރަން.

• 02 ސެޕްޓެމްބަރ 2021 ގައި ފުރަތަމަ ހުށަހެޅި، ސިވިލްކޯޓުގައި ހިނގަމުންދާ މި މައްސަލައިގެ މައުޟޫއީދައުވާ ދަށުކޯޓުގެ ފުރަތަމަ މަރުހަލާގައި އޮންނަތާ މިއަދަށް މިވީ 4 އަހަރު. ނަމަވެސް،  އާންމުމަސްލަހަތު ހިމެނޭ މި މައްސަލައިގާ ހޯދަން އެދިފައިވާ މަދަނީ ޤާނޫނީފަރުވާ ހޯދުމަކީ ރާއްޖޭގެ ޝަރުއީކޯޓެއް މެދުވެރިކޮށް ނުކުރެވޭނެ ކަމެއްގެ ގޮތުގައި ސިފަވާތޮތަށް ވޭތުވެދިޔަ 4 އަހަރު މައްސަލަ ބެލުމުގައި ކަންކަން ހިނގާފައިވާކަން މި ފުރުސަތުގައި ފާހަގަކުރަން.

• ‘އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން’ ކަމަށް ބުނާ ޒަމާންވީ ހަރުބަސް މި މަދަނީ މައްސަލައަށް ފުރިހަމައަށް ފެތޭކަންވެސް ފާހަގަކުރަން. ނަމަވެސް ރާއްޖޭގެ ޝަރުއީކޯޓަކީ އާންމު މަސްލަހަތުގައި އިންސާފުވެރި ޝަރިއްޔަތެއް ހިންގާ، އެކަށީގެންވާ ހަލުއި މިނެއްގައި އަދި ކަމާބެހޭ ޤާނޫނީ އިޖުރާއަތުތަކުގައިވާ ގޮތަށް މައްސަލަ ނިންމަން ދަންނަ މުއައްސަސާއަކަށް ވުމަކީ ކޮންމެ ރައްޔިތެއްގެވެސް އުންމީދަކަށްވާނެ.

20 އެޕްރިލް 2025

20 April 2025 - CC hearing [Miveshi Maldives]

މައުޟޫއީ ދައުވާއާއިގުޅިގެން ސިވިލްކޯޓުގައި ބޭއްވުނު 7 ވަނަ އަޑުއެހުމުގެ އަދާހަމަ

• މައުޟޫއީ ދައުވާގެ 7 ވަނަ އަޑުއެހުން މިއަދަށް، 20 އެޕްރިލް 2025 އަށް ތާވަލުކޮށްފައިވާ ކަމުގެ ޗިޓު ސިވިލްކޯޓުން 07 އެޕްރިލް 2025 ގައި ފޮނުވާފައިވޭ، އަދި މިއަދުގެ ހެދުނު 11.50 އަށް ތާވަލުކުރެވުނު އަޑުއެހުން 12.03 ގައި ފެށިގެން 12.55 އަކަށް ކުރިއަށް ދިޔަ

• މިއަދުގެ އަޑުއެހުމަކީ މައްސަލައިގެ ޚުލާސާބަޔާނަށް ވާހަކަދެއްކުމަށް ބޭއްވުނު އަޑުއެހުމެއް. މައްސަލައިގެ ޚުލާސާބަޔާން 15 އެޕްރިލް 2025 ގެ ސުންގަޑިއަށް ދެފަރާތުންވެސް ހުށަހެޅުމަށް ސިވިލްކޯޓުން ވަނީ 03 އެޕްރިލް 2025 ގައި އީމެއިލް މެދުވެރިކޮށް އަންގާފައި.

• ދައުވާކުރާ ފަރާތުގެ ޚުލާސާބަޔާނުގައި މައްސަލައިގެ މައިގަނޑު ނުކުތާތަކަށް ރިއާޔަތްކޮށް ބަޔާންހުށަހަޅާފައި ވާނެ. އަދި މިއަދުގެ އަޑުއެހުމުގައި ފާހަގަކޮށްފައިވާނީ ކ. ގުޅިފަޅު މަޝްރޫއު ފެށިގެން އައިއިރުވެސް ޤާނޫނާ ފުށުއަރާގޮތަށް ދައުލަތުން ކަންކޮށްފައިވާކަމާ، މަޝްރޫއުގެ އީ.އައި.އޭ ގެ ހުއްދަ (އީ.ޕީ.އޭ ގެ ޑިސިޝަން ސްޓޭޓްމަންޓް) ގައިވާ އެއްވެސް ޝަރުތަކާ އެއްގޮތަށް މަޝްރޫއުގެ ތަންފީޒީ މަރުހަލާގައި ދައުލަތުން އަމަލުކޮށްފައި ނެތްކަން. ކަންމިހެން އޮތުމުން މި މަޝްރޫއުގެ ސަބަބުން މި ސަރަހައްދުގެ ތިމާވެށްޓަށް އިޔާދަނުކުރެވޭނެ މިންވަރަށް ގެއްލުން ވަމުންދާކަން ސާބިތުވާކަމާ، އޭގެ ސީދާނަތީޖާއެއްގެ ގޮތުން މި ސަރަހައްދުގެ ރައްޔިތުންނަށް އިޤްތިޞާދީ އަދި އިޖްތިމާއީ ނޭދެވޭ އަސަރުތައް ކުރާނެކަން ފާހަގަކުރެވުނު. އަދި މި މަޝްރޫއަކީ ޤާނޫނުއަސާސީގެ 22 ވަނަ މާއްދާގެ އިތުރުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނާއި، އެއާގުޅިފައިވާ ޤަވާއިދު ތަކާ ޚިލާފަށް ތަންފީޒު ކުރަމުން ގޮސްފައިވާ މަޝްރޫއެއްކަން ދައުވާކުރާފަރާތުން ހުށަހަޅާފައިވާ ހެކިތަކުން ސާބިތުވާނެކަން ފާހަގަކުރެވުނު.

• ދައުވާލިބޭ ފަރާތުގެ ޚުލާސާބަޔާނުގައި މައިގަނޑުގޮތެއްގައި ހުށަހަޅާފައިވަނީ މި މަޝްރޫއަކީ ތިމާވެށި ރައްކާތެރި ކުރުމަށް ހެދިފައިވާ ޤާނޫނުތަކާ އެއްގޮތަށް ހިންގާފައިވާ މަޝްރޫއެއްކަމާ، ދައުވާކުރާފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ ކޯޓުން ގޮތެއް ނިންމޭނެ ކަންކަމެއް ނޫންކަމަށް.

• ޝަރިއްޔަތުން އިތުރު ކަމެއް ސާފުކުރުމަށް ބޭނުން ނުވާނަމަ، ދެން މި މައްސަލައިގާ އޮންނާނީ ހުކުމް ކުރުމުގެ މަރުހަލާ ކަމަށް ބެލެވޭ. ނަމަވެސް ދެން އަޑުއެހުމެއް އޮންނާނެ ތާރީޚެއް ޝަރިއްޔަތުން އަންގާފައެއް ނުވޭ.

17 މާރިޗް 2025

Civil Court 17 March 2025 MIVESHI team

މައުޟޫއީ ދައުވާއާއިގުޅިގެން ސިވިލްކޯޓުގައި ބޭއްވުނު 6 ވަނަ އަޑުއެހުމުގެ އަދާހަމަ

• މައުޟޫއީ ދައުވާގެ 6 ވަނަ އަޑުއެހުން މިއަދަށް، 17 މާރިޗް 2025 އަށް ތާވަލުކޮށްފައިވާ ކަމުގެ ޗިޓު ސިވިލްކޯޓުން 10 މާރިޗް 2025 ގައި ފޮނުވާފައިވޭ، އަދި މިއަދުގެ ހެދުނު 11.50 އަށް ތާވަލުކުރެވުނު އަޑުއެހުން 12.26 ގައި ފެށިގެން 13.09 އަކަށް ކުރިއަށް ދިޔަ (ގާތްގަނޑަކަށް 43 މިނެޓު).

• މިއަދުގެ އަޑުއެހުމަކީ ހެކިބަހާމެދު ވާހަކަދެއްކުމަށް ބޭއްވުނު އަޑުއެހުމެއް. އެގޮތުން ދެފަރާތުން ހުށަހެޅުނު ޝަފަހީ ހެއްކާބެހޭ ގޮތުން ވާހަކަދެކެވުނު. ދައުވާކުރާ ފަރާތުން ހުށަހެޅި 2 ޝަފަހީ ހެކިންނަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު 2 ޑައިވަރުން ކަމުގައިވާ ހުސެން ރަޝީދު (ސެންޑި) އާއި މުހަންމަދު ސީނީން (ސިންދި).

(މި 2 ބޭފުޅުންގެ ހެކިބަސް 2 ވަނަފަހަރަށް ނަގަން ޖެހުނު. މިކަމާބެހޭ ތަފްސީލު 19 މާރިޗް 2024 ގެ އަދާހަމައިގާ ތިރީގައިވާނެ).

ދައުލަތުގެ ފަރާތުން ހުށަހެޅި ޝަފަހީ ހެއްކަކީ އެންވައިރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އިބްރާހިމް ނައީމް.

• ދައުލަތުގެ ފަރާތުން ވަކާލާތުކޮށްފައިވަނީ ދައުވާކުރާ ފަރާތުން ހުށަހެޅި 2 ޝަފަހީ ހެކިންނަކީ “އާންމު ހެކިން” ކަމާ އެއީ “ޚަބީރުން” ނުވަތަ “އެކްސްޕާޓުން” ކަމަށް ނުބެލެވޭނެ ކަމަށް. ނަމަވެސް ޤާނޫނުގައި “އާންމު ހެކި” ކިޔާ އެއްޗެއް ނެތްކަން ފާހަގަކުރެވޭއިރު، ކަމެއްގެ ފަންނީ އަދި ދުވަސްވީ ތަޖްރިބާކާރުންނާ “ޚަބީރުންނާ” އޮތް ތަފާތެއް ސާފުކުރެވިފައެއް ނުވޭ. ދައުލަތުގެ މި ނުކުތާއަށް ދައުވާކުރާފަރާތުން ރައްދު ދީފައިވަނީ ހެއްކާބެހޭ ޤާނޫނު (11/2022) ގެ 13 ވަނަ މާއްދާއާއި 121 ވަނަ މާއްދާގެ ދަށުން ހެކިބަސް ބަލައިގަތުމަށް ސައްހަ ޤާނޫނީ ހުރަހެއްނެތްކަން ފާހަގަކުރަމުން. އަދި ސެންޑިއާއި ސިންދިގެ

ހެކިބަހަކީ ފުރަތަމަ ދަރަޖައިގެ ހެކިކަމުގައި ބެލުމަށް ޝަރިއްޔަތުގައި އެދިފައިވާނެ.

• ދައުވާކުރާފަރާތުގެ ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށް، ކ.ގުޅިފަޅު މަޝްރޫއު ހިމެނޭގޮތައް، ފަޅުހިއްކުމާ ގުޅިގެން މުރަކަފަރުތަކުގެ ހިމާޔަތްކޮށްފައިވާ މާހައުލީ ނިޒާމު ހިމެނޭގޮތަށް، ވެށްޓަށްކުރާ ނޭދެވޭ ބޮޑެތި އަސަރުތަކާބެހޭ ގޮތުން އެ ދެ ހެކިވެރިން ދެއްވާފައިވާ ލޮލަށްފެނި ފަހުމްވެފައިވާ ކަނޑުއަޑީގެ ހާލަތާބެހޭ ތަޖުރިބާތަކަކީ މި މައްސަލައިގާ ހުށަހަޅާފައިވާ ސައިންޓިފިކް ކިތާބީ ހެކިތަކާ އެއްގޮތް އަދި ދިމާވާ ހަޤީޤީ ހެކިކަން ޝަރިއްޔަތަށް ސާފުކޮށްދެވުނު. ދައުލަތުން މި ހެކިތައް ނަފީކުރުމުގެ ގޮތުން ވަކާލާތުކޮށްފައިވަނީ ޤާނޫނީ ހަމައިގެ ބަދަލުގައި ލަފްޒީ މާނައެއްގެ ބަހުސަކަށް ބަރޯސާވެގެންކަން ފާހަގަކުރެވުނު. އަދި ދައުވާކުރާފަރާތުގެ ހެކިބަސް ނެގި މަރުހަލާގައި އެ ހެކިންނަށް ބޭއިހްތިރާމާއެކު އެފަރާތްތަކުގެ ހެކީގެ ސައްހަކަން ނަފީކުރަން މަސައްކަތް ކޮށްފައިވާ ވުމާމެދު މިއަދުގެ ޝަރިއްޔަތުގައި ޝަކުވާއުފުލިން.

• މާރިޗް 19، 2024 ގެ ހެކިބަސް ނެގުމުގެ އަޑުއެހުމުގައިވެސް ދައުލަތުން ހުށަހެޅި ޝަފަހީ 1 ހެކިވެރިޔާ ކަމުގައިވާ އީ.ޕީ.އޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލްފާޞިލް އިބްރާހިމް ނައީމަކީ ޤާނޫނީ ގޮތުން މި މައްސަލައިގާ ހެކިބަސްދެވޭނެ ފަރާތެއް ނޫންކަމަށް ދައުވާކުރާފަރާތުން ފާހަގަކޮށްފައިވާނެ. އެއީ އިބްރާހިމް ނައީމަކީ މައްސަލަރައްދުވާ، މައްސަލައިގެ އެއް ޙަސްމުކަމުގައިވާ އީ.ޕީ.އޭ ގެ ވެރިއެއްގެ މަގާމުގައި ހުރި ފަރާތަށް ވުމުގެ އިތުރުން، އޭނާއަކީ ކ.ގުޅިފަޅު ހިއްކުމުގެ މަޝްރޫއާބެހޭ އެޕްރިލް 2020 ގެ އީއައިއޭގެ މައްޗަށްބިނާކޮށް މަޝްރޫއު ހުއްދަކުރި “ޑިސިޝަން ސްޓޭޓްމަންޓް” ލިޔުމުގައި ސޮއިކޮށްފައިވާ ފަރާތައްވެސް ވުމާއެކު، ހެއްކާބެހޭ ޤާނޫނު (11/2022) ގެ 51 ވަނަ މާއްދާއާއި ތައާރުޟުވާތީ.

(މިކަމާބެހޭ ތަފްސީލު 19 މާރިޗް 2024 ގެ އަދާހަމައިގާ ތިރީގައިވާނެ).

މީގެ އިތުރުން މިއަދުގެ އަޑއެހުމުގައި މި ނުކުތާއާއި ގުޅިގެން ހެއްކާބެހޭ ޤާނޫނު (11/2022) ގެ 122 ވަނަ މާއްދާގެ (ށ) ގެ (3) އަދި (6) ވެސް މިކަމަށް ބާރުދޭކަމަށް ވަކާލާތުކުރިން.

• މިއަދުގެ އަޑުއެހުމުގައި ދެފަރާތައް ހެއްކާބެހޭގޮތުން ވާހަކަދެއްކުމަށް ލިބިފައިވަނީ އެއް ފުރުސަތު. މީގެ އެއް ސަބަބަކީ ރޯދަމަސް ކަމަށްވާތީ އަޑުއެހުން ކުރުކުރުމަށް ޝަރިއްޔަތުން ނިންމެވުން. މިއަދުގެ އަޑުއެހުމުގައި ހެއްކާބެހޭގޮތުން ދެކެވުނު ވާހަކަތަކާ ގުޅިގެން ހެކިންގެ ހެކިބަސް ބަލައިގަތުމަށް ނުވަތަ ބަލައިނުގަތުމަށް ޝަރިއްޔަތުން ވަކިގޮތެއް ނިންމަވާފައެއް ނުވޭ.

• ދެން އޮތް އަޑުއެހުމަކީ މި މައްސަލައިގެ ޚުލާސާބަޔާން އިއްވުމުގެ އަޑުއެހުން. ދެން އަޑުއެހުމެއް ތާވަލުކުރުމަށް ޝަރިއްޔަތުން ނިންމެވީ އެޕްރިލް 2025 ގެ 20 ހާ ތަނުގައި. ސަބަބަކީ ކުރިއަށް އޮތީ ރޯދަމަހުގެ ފަހުދިހައިގެ ބޮޑު ޗުއްޓީ ދުވަސްތަކާއި، ޖެހިގެންއަންނަ ޢީދުގެ ޗުއްޓީ ކަމަށްވެފައި، މި މައްސަލައަކީ ގިނަ ލިޔެކިއުންތަކެއް ހިމެނޭ މައްސަލައަކަށްވާތީ ދެފަރާތަށްވެސް ވަގުތު ބޭނުންވާނެ ކަމަށް ޝަރިއްޔަތުން ދެކޭތީ. ދައުލަތުން އެދިފައިވަނީ މިހާރު މި މައްސަލަ ބައްލަވާ ދައުލަތުގެ ވަކީލަކީ އަލަށް މި މައްސަލަ ދިރާސާކުރައްވާ ފަރާތަކަށް ވުމާއެކު ވަގުތު ބޭނުންވާކަމަށް. ނަމަވެސް މިއީ އެޓާނީ ޖެނެރަލްގެ އޮފީހަށް މިފަދަ މައްސަލައެއްގައި ދިމާވާންވާނެ ހާލަތެއްކަމުގައި އަހުރެން ނުދެކެން. ސަބަބަކީ ދައުލަތުން ބަލާ މައްސަލަތަކަކީ ރޭވުންތެރިކަމާއެކު ވަކީލުންގެ ޓީމުތަކަކުން ބެލެހެއްޓެންވާނެ މައްސަލަތަކެއް ކަމަށް ބެލެވޭތީ އަދި އަލަށް ހަވާލުކުރާ ވަކީލަކަށް މިފަދަބޮޑު މައްސަލައެއް އެކަނި ދިރާސާކުރަން ދިނުމަކީ މުއައްސަސާގެ ހިންގުމުގައި ރަނގަޅުކުރަންޖެހޭ ކަމެއްކަމުގައި ދެކޭތީ.

24 ފެބްރުވަރީ 2025

Court hearing Miveshi Maldives [24 Feb 2025]

މާރިޗް 19, 2024 ގައި އޮތް ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުމަށްފަހު މައުޟޫއީ ދައުވާއާއިގުޅިގެން ސިވިލްކޯޓުގައި ބޭއްވުނު 5 ވަނަ އަޑުއެހުމުގެ އަދާހަމަ

20 ޑިސެމްބަރ 2024

ވަގުތީއަމުރާބެހޭ ސުޕްރީމްކޯޓުގެ 15 މެއި 2024 ގެ ނިންމުން އަލުން ބަލައިދިނުމަށް އެދުމުން ކޯޓުން ލިބުނު ޖަވާބާއި ގުޅޭ އިތުރު އަދާހަމަ

08 އޮކްޓޫބަރ 2024

ވަގުތީއަމުރާބެހޭ ސުޕްރީމްކޯޓުގެ 15 މެއި 2024 ގެ ނިންމުން އަލުން ބަލައިދިނުމަށް އެދުމުން ކޯޓުން ލިބުނު ޖަވާބު

11 އޮގަސްޓު 2024

Supreme Court [11 Aug 2024] #saveMaldives

މެއި 15، 2024 ގެ ވަގުތީއަމުރާބެހޭ ސުޕްރީމްކޯޓުގެ ނިންމުން އަލުން ބަލައިދިނުމަށް އެދި އެކޯޓަށް ހުށަހެޅުން

15 މެއި 2024

ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމުގެ ފަސް ވަނަ އަޑުއެހުން – ހުކުމް – އަދާހަމަ

06 މެއި 2024

ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމުގެ ހަތަރު ވަނަ އަޑުއެހުން – އަދާހަމަ

28 އެޕްރިލް 2024

ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމުގެ ތިން ވަނަ އަޑުއެހުން – އަދާހަމަ

28 މާރިޗް 2024

ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމުގެ ދެވަނަ އަޑުއެހުން – އަދާހަމަ

19 މާރިޗް 2024

Miveshi Civil Court team [19Mar24]

ސިވިލްކޯޓުގައި 13 މާރޗް 2023 ގައި ބޭއްވުނު މައުޟޫއީ ދައުވާގެ 4 ވަނަ ޝަރީޢަތުގެ އަޑުއެހުން އަލުން ބޭއްވުން – އަދާހަމަ

13 މާރިޗް 2024

ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމުގެ އަދާހަމަ

15 ފެބްރުވަރީ 2024

ވަގުތީ އަމުރާބެހޭ ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފުކޮށް، ހައިކޯޓުގެ ނިންމުމަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރެއް ސުޕްރީމްކޯޓުން ނެރުން

14 ފެބްރުވަރީ 2024

Miveshi High Court verdict (14 Feb 2024)

ޙާއްސަ އަދާހަމަ
ވަގުތީ އަމުރާބެހޭ ސިވިލްކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ހައިކޯޓުން ނިންމުން

23 ނޮވެމްބަރ 2023

ވަގުތީ އަމުރާބެހޭ ސިވިލްކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ އަދާހަމަ – 3 ވަނަ އަޑުއެހުން

ސިވިލްކޯޓުގެ ގަޒިއްޔާ ނަމްބަރު 3246/Cv-C/2021 މައްސަލައިގެ އަދާހަމަ
ހުމައިދާ އަބްދުލް ޢަފޫރު ވ. ދިވެހި ދައުލަތް
ކ.ގުޅިފަޅު ގައި ޕޯޓެއްހެދުމަށް ހިންގާ މަޝްރޫއު ހުއްޓުވުމަށްއެދި ހުށަހަޅާފައިވާ މައްސަލަ

އަދާހަމައިގެ އެންމެފަހުގެ ލިއުމަށް ދިއުމަށް 🔼