ޤުދުރަތީ ވެށްޓާ އެ ވެށިން އާމުދަނީހޯދާ ވަސީލަތުގެ ހިމާޔަތުގައި
ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފަހުގެ ތަޖުރިބާ

ރާއްޖޭގެ ރަށްރަށުގައި އަދި ފަރުފަޅު ތަކުގައި ތިމާވެށްޓަށް ބޮޑެތި ގެއްލުންދޭ އެތައްކަމެއް “ތަރައްޤީ” ގެ ނަމުގައި ހިންގަމުންދާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އިޔާދަނުކުރެވޭނެ މިންވަރަށް ޤުދުރަތީ މުއްސަނދިކަމުގެ ރައުސުލްމާލު ނެތިކުރަމުން ދިއުމުގެ ނަތީޖާއަކީ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމާ އާމުދަނީ ހޯދުމަށް އެމައްޗަށް ބަރޯސާވާންޖެހޭ މާހައުލީ ނިޒާމުތަކާ ޤުދުރަތީ ދިރުންތަކުގެ މުއްސަނދިކަން ދާއިމަށް ރައްޔިތުންނަށް ގެއްލި ބީވެގެން ދިއުމެވެ. 

2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ދިވެހިސަރުކާރުން ހދ.ކުޅުދުއްފުށި މަށިކުޅީގައި އެއާޕޯޓެއް އެޅުމަށް ނިންމިއެވެ. 

މި ނިންމުމުގެ ސަބަބުން އެ ކުޅީގެ މާހައުލީނިޒާމު ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރަމުން އައި އެރަށުގެ 400 އަށްވުރެ ގިނަ އާއިލާގެ އާމުދަނީ ހޯދުމުގެ މަސައްކަތަށާއި ވަސީލަތަށް ސީދާ ހުރަސްއެޅިގެން ދިޔައެވެ. ކުޅުދުއްފުށްޓަކީ ރާއްޖޭގައި ރޯނު ވެށުމުގެ ފަންނުން މަޝްހޫރު ރަށެކެވެ. އެރަށުގެ ކުޅީގެ މާހައުލީ ނިޒާމު ބޭނުންކޮށްގެން އެތަކެއް އާއިލާގެ، އެތަކެއް ޖީލުތަކެއް ރޯނުވެށުމުގެ ހުނަރުވެރި މަސައްކަތް ޒަމާނުއްސުރެ އަންނަނީ ކުރަމުންނެވެ. ނަމަވެސް ކުޅި ހިއްކައިގެން އެއާޕޯޓެއް އެޅުމަށްޓަކައި 400 އެތައް އާއިލާއެއްގެ، މައިގަނޑުގޮތެއްގައި އަންހެނުން އާމުދަނީހޯދަން ކުރަމުން އައި މަސައްކަތް ކުއްލިއަކަށް ހުއްޓުވާލިއެވެ. އަދި އެމީހުން އެތަނުން ނިކުތުމަށް ސަރުކާރުން އަމުރުކުރިއެވެ. 

ކުޅުދުއްފުށި ކުޅި ހިއްކުމާ ދެކޮޅަށް އެރަށުގެ ރައްޔިތެއް ކަމުގައިވާ މުހަންމަދު އާދަމް އެރަށުގެ މެޖިސްޓްރޭޓް ކޯޓަށް ވަގުތީއަމުރަކަށް އެދި އޮކްޓޫބަރ 2017 ގައި ހުށަހެޅިއެވެ. ނަމަވެސް 30 އޮކްޓޫބަރ 2017 ގައި އެ މައްސަލަ ބެލެން ނެތްކަމަށްބުނެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ބޭރުކޮށްލިއެވެ.  

7 ނޮވެމްބަރު 2017 ގައި 13 މަދަނީ ޖަމްޢިއްޔާއެއް ގުޅިގެން، ކުޅުދުއްފުށި ކުޅި ހިއްކުމުގެ މަޝްރޫޢު ހިންގަމުންދިޔަ ކޮންޓްރެކްޓަރުން އެކަން ކުރަމުންދިޔައީ، މަޝްރޫއުއަށް ހުއްދަދީފައިވާ އެންވައިރަމެންޓަލް ޑިސިޝަން ސްޓޭޓްމަންޓް ގައި ތިމާވެށްޓަށް ގެއްލުން ކުޑަކުރުމަށް ޝަރުތުކޮށްފައިވާ ކަންކަމާ ޚިލާފަށް ކަމަށްވާތީ، އޭގެ ތަފްސީލާއެކު ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރުނެވެ. އަދި 13 ނޮވެމްބަރ 2017 ގައި، އީކޯކެއާ މޯލްޑިވްސް މަދަނީ ޖަމްޢިއްޔާއިން ކުޅުދުއްފުށި ކުޅި ހިއްކުމުގެ މަޝްރޫއު ހިންގަމުންދާގޮތާމެދު ކަންބޮޑުވެ، މަޝްރޫއު ވަގުތީ ގޮތުން ހުއްޓުވުމަށް ވަގުތީއަމުރަކަށް އެދި މާލޭގެ ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް ކަންހިނގާފައިވާ ގޮތަކީ، އީކޯކެއާގެ މައްސަލަ ސިވިލްކޯޓުގައި ފުރަތަމަ އަޑުއެހުމަކަށް ތާވަލު ކުރެވިގެން ދިޔައީ ނޮވެމްބަރ 2018 ގައެވެ. އަދި އެ އަޑުއެހުމަށްފަހު އެ ކޯޓުން ޑިސެމްބަރ 2018 ގައި ނިންމީ މައްސަލައަކީ ސިވިލްކޯޓުގެ އިހުތިޞާސުން ބޭރުގައިވާ މައްސަލައެއް ކަމެވެ. އެހެންކަމުން ރަށުކޯޓުންވެސް އަދި މަދަނީ ކޯޓުންވެސް މި މައްސަލައިގާ ކަންކުރަންވީ ގޮތް އެނގި ސާފުވެފައި ނުވުމަކީ ސީރިއަސް މައްސަލައެކެވެ. 

މަތީގައި ދެންނެވުނު ހާލަތަށް ބަލާއިރު، ރާއްޖޭގައި ރައްޔިތުން ސަލާމަތުން ދިރިތިބުމުގެ ރައްކާތެރިކަން ހޯދުމަށާ، އަދި ސާދާ ހަމަޖެހޭ ދިރިއުޅުމަކަށް ބޭނުންވާ އަސާސީ ޤުދުރަތީ ވަސީލަތްތަކުގެ ރައުސުލްމާލު ހިމާޔަތް ކުރުމަށްޓަކައި އާންމު ރައްޔިތުމީހާ އަދި މަދަނީ މުޖުތަމައުންވެސް ރާއްޖޭގެ ޝަރުއީ ނިޒާމުގެ ޚިދުމަތާ ފަރުވާ ހޯދުމަކީ ކުރެވެން ނެތް ނުވަތަ ކުރަން ތަކްލީފް ބޮޑު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ކަންމިހެން އޮތުމުގެ އާޚިރު ނަތީޖާއަކީ ރާއްޖޭގެ ޤުދުރަތީ ތަރިކަތަކާ އާމުދަނީހޯދުމަށް ބަރޯސާވާ ޤުދުރަތީ ވަސީލަތްތައް ބާރު ދުވެލީގައި ރައްޔިތުންނަށް ދާއިމަށް ގެއްލި، ފަނާވެ ނެތިދިއުމެވެ. އަދި ރައްޔިތުންނަށް ޤައުމަކުން ލިބިދޭންޖެހޭ އަސާސީ ޙައްޤުތަކުން ދިވެހިދައުލަތުގެ މުއައްސަސާތަކުގެ އިހުމާލުން ދިވެހިން މަހުރޫމް ކުރުވަމުން ދިއުމެވެ. މިފަދަ މައްސަލަތަކުގައި ރާއްޖޭގެ ކޯޓުތަކުން އިސްވެ ދެންނެވި ފަދައިން ކަންކޮށްފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި އަހުރެން ދެކެމެވެ. އަދި މިފަދަ މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ތައްޔާރީހާލަތު ހަރުދަނާވުމުގެ އިތުރުން، މައްސަލަ އެކަށީގެންވާ އަވަސްމިނެއްގައި ބަލައި، ދިވެހިރައްޔިތުންނަށް އިންސާފުވެރި އަދި އަދުލުވެރި ހުކުމްތަކަކާ ހަމައަށް ވާސިލުވުމަށް އަޙުލުވެރިވެ ތިބުމަކީ އަދުލްއިންސާފު ޤާއިމު ކުރުމުގެ ނިޒާމެއްގައި ކަންހިނގަންވާނެ ގޮތް ކަމުގައިވެސް އަހުރެން ދެކެމެވެ. އެހެންކަމުން، ކ.ގުޅީފަޅުގައި ހިންގަން ފަށާފައިވާ އިޖްތިމާއީ، އިޤްތިޞާދީ އަދި ތިމާވެށީގެ ބޮޑު ގެއްލުންދެނިވި ޖަރީމާ ހުއްޓުވުމަށް ރާއްޖޭގެ ކޯޓުތަކަށް ހުށައަޅައިގެން ޤާނޫނީ ފަރުވާ ހޯދަން މަސައްކަތްކުރަން އަހުރެން ގަސްތުކުރީމެވެ. 

KFK airport Maldives land reclamation Miveshi (Oct 2018)
ފޮޓޯ : ހދ.ކުޅުދުއްފުށި މަށިކުޅީގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު – އޮކްޓޫބަރ 2018
Miveshi