ކ. ގުޅިފަޅުގައި ޕޯޓެއް ހެދުމަށް ހިންގާ މަޝްރޫއު ހުއްޓުވުމަށް އެދި ރާއްޖޭގެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން
އާންމު ސިޓީ – 19 ސެޕްޓެމްބަރ 2021

ކ.ގުޅީފަޅު ހިއްކުމުގެ މަޝްރޫއުއަކީ ތިމާވެށްޓަށް ނުހަނުބޮޑު ގެއްލުންތަކެއް ދީގެން ހިންގާ، ދައުލަތުގެ ބަޖެޓުން 300 މިލިއަން ޔޫއެސް ޑޮލަރުގެ ދަރަނީގެ ހޭދައެއް ކުރަން ހަމަޖައްސާފައިވާ މަޝްރޫއުއެކެވެ. އަދި މަޝްރޫއުގެ ސަބަބުން ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް އެޕްރީލް 2020 ގައި ތައްޔާރު ކޮށްފައިވާއިރު، އޭގައިވާ މައުލޫމާތުން މުޅިސަރަހައްދަށް ލިބޭނޭ ގެއްލުންތައް ދޭހަވެއެވެ. މި ގޮތުން ގުޅީފަޅު ހިއްކުމަށްޓަކައި މާލެ އަތޮޅުގެ އުތުރުން 13 އަކަ ކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދަކުން 20 މިލިއަން ކޮޑިމީޓަރުގެ (ނުވަތަ 30 މިލިއަން ޓަނުގެ) ވެލި ނަގައިގެން އެފަޅު ހިއްކުމަށް ހަމަޖައްސާފައިވެއެވެ. މި މަޝްރޫއުގެ ސަބަބުން ގުޅީފަޅު ފަރުގައި 1995 އިން ފެށިގެން ހިމާޔަތްކުރެވިފައިވާ ޤުދުރަތީގޮތުންނާއި ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި މާހައުލީ ނިޒާމެއްކަމުގައިވާ “ހާންސްހާސް ޕްލޭސް” ނުވަތަ “ކިކި ރީފް” ފަނާވެގެންދާނެކަން ސާފުވެއެވެ. އަދި އެ ރިޕޯޓު ތައްޔާރުކުރުމަށް ބައެއްފަރާތްތަކާ ކުރެވުނު މަޝްވަރާތަކުން އެކި ތަފާތުދާއިރާ ތަކުގެ ފަރާތްތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ހާމަކޮށްފައިވާކަން ފާހަގަވެއެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ޖޫން 2020 ގައި ފަށާފައިވާއިރު، އެ މަސައްކަތް ފެށުމުން ގުޅީފަޅާ ޖެހިގެން އޮތް ވިލިނގިލީގެ (ވިލިމާލެ) ފަރަށް ބޮޑު ކިސަޑުފަށަލައެއްގެ ނުރައްކަލާ ކުރިމަތިވެގެން ދިޔައެވެ. އެކަމުގެ ސަބަބުން ވިލިމާލޭގެ ފަރުގެ ވެށީގެ ހާލަތާދޭތެރޭ ބައެއް ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުން އުފެދި، އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުނެވެ. ނަމަވެސް އެ މަޖިލިހުން މައްސަލަ ބެލުމަށްފަހު ނިންމީ، ގުޅީފަޅު މަޝްރޫއުގެ ސަބަބުން ސަރަހައްދުގެ ތިމާވެށްޓަށް ކުރާނެ އިޔާދަނުކުރެވޭނެ ގެއްލުންތަކަށް ރިއާޔަތްކުރުމުގެ ބަދަލުގައި، އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އިތުރު ހުއްޖަތެއް އުފައްދާ، ގުޅީފަޅުގައި ގެދޮރުއެޅުން ލާޒިމުކުރާ ނުކުތާއެއް މަޝްރޫއުގައި ހިމަނާ، މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ.
ގުޅީފަޅު ހިއްކުމުގެ މަޝްރޫއުއަކީ ތިމާވެށީގެ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި، އިޤްތިސާދީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް ދިވެހިރައްޔިތުންނަށާ ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ މަޝްރޫއުއެއްކަން ސާފުވެއެވެ. އެހެންކަމުން، މި މަޝްރޫއު އަކީ އެކަށީގެންވާ މިންވަރަށް ކަންކަން ބަލާފައިނުވާ، އަދި ވަގުތާ، ހާލަތާ، ގެއްލުމާ ފައިދާ އެކަށީގެންވާ މިންވަރަށް މިނެކިރުމެއްނެތި ކުރަމުންގެންދާ، ރާއްޖޭގެ ޤާނޫނުތަކާ ޚިލާފުވާ މަޝްރޫއުއެއް ކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން، މި މަޝްރޫއު ހުއްޓުވުމަށްއެދި ދިވެހިރާއްޖޭގެ ސިވިލްކޯޓަށް 2 ސެޕްޓެމްބަރ 2021 ގައި އަހުރެން މައްސަލައެއް ހުށަހެޅީމެވެ. އަދި އެ މައްސަލަ 19 ސެޕްޓެމްބަރު 2020 ގައި އެކޯޓުން ބަލައިގެންފައި ވާތީ އެކަން އާންމުކޮށް ހިއްސާކުރީމެވެ.
ދިވެހިރާއްޖެއަށް ހެޔޮގޮތްއެދޭ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަހުރެން ޤަބޫލުކުރަނީ، ރާއްޖޭގެ ތިމާވެށްޓާ، ޤުދުރަތީ ދިރުންތަކުގެ މުއްސަނދިކަމާ، މާހައުލީ ނިޒާމުތަކާ، ފައިސާއިން އަގުނުކުރެވޭ މި އެންމެހާ ނިއުމަތްތައް، ދިވެހި ދައުލަތާ ސަރުކާރުން، އެކަށީގެން ވާވަރަށް ދިރާސާކުރުމެއް ނެތި، “ތަރައްޤީ” ގެ ނަމުގައި ފަނާކޮށް، ނެތިކޮށް، ގެއްލުން ދިނުމަކީ އޭގެ ނުރައްކާ އިންތިހާއަށް ބޮޑު، އަދި އެކަމުގެ ނޭދެވޭ އަސަރު ޖީލުތަކަކަށް ތަޙައްމަލް ކުރަންޖެހޭ ފަދަ އިޙުމާލެއް ކަމުގައެވެ.
19 ސެޕްޓެމްބަރ 2021
ހުމައިދާ އަބްދުލްޢަފޫރު
މާލެ، ދިވެހިރާއްޖެ

ރާއްޖޭގެ ތިމާވެށްޓަށްކުރާ ގެއްލުންތަކާމެދު ކަންބޮޑުވާތީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ޟާލިހަށް ފޮނުވި
ޖަވާބު ނުލިބޭ ސިޓީ – 16 ޖަނަވަރީ 2020

ރައީސުލް ޖުމްހޫރިއްޔާ އަލްފާޞިލް އިބްރާހީމް މުޙައްމަދު ޞާލިޙް އަށް
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
ދިވެހިރާއްޖެ އަކީ ނާޒުކު ތިމާވެށްޓެއް އޮތް ތިރިޖަޒީރާ ޤައުމެއްކަމާއި ރާއްޖޭގެ ތިމާވެށްޓަކީ ހިމާޔަތްކުރަންޖެހޭ އެއްޗެއްކަމުގެ ވާހަކަ ދިވެހި ދައުލަތުން ފާހަގަކުރާތާ މިހާރު ތިރީހަކަށް އަހަރުވެއްޖެއެވެ. އެވާހަކަ ތަކުގެ ފެށުމަކީ 1989 ގެ ނޮވެމްބަރު މަހުގެ 14އިން 18އަށް ރާއްޖޭގައި ބޭއްވުނު ކުދިޤައުމުތަކުގެ ބައްދަލުވުމާއިގުޅިގެން 18 ނޮވެމްބަރުގައި ފާސްކުރެވުނު “މާލޭ ޑެކްލަރޭޝަން އޮން ގްލޯބަލް ވޯމިންގ އެންޑް ސީލެވެލް ރައިސް” ނުވަތަ “ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ބެހޭ މާލޭ ޤަރާރު” އެވެ. އޭގެ ނަވާރައަހަރު ފަހުން، 2008 ވަނައަހަރު ރާއްޖޭގެ ދައުލަތް ހިންގުމުގެ ޤާނޫނު އަސާސީ ވުޖޫދަށް އައިއިރު، އެ ޤާނޫނުގެ 22 ވަނަމާއްދާގައި ރާއްޖެ ތަރައްޤީ ކުރުމުގައި ތިމާވެއްޓަށް ދޭންޖެހޭ އަހަންމިއްޔަތު ކަމުގެ މުހިންމުކަން ކަނޑައެޅިފައިވާ ކަމީ މިދެންނެވި ތާރިޚާ ގުޅިފައިވާކަމެކެވެ. ނަމަވެސް، ކަމުގެ މުހިންމުކަން ދެނެތިބެ، އަދުގެ މި ޤާނޫނު އަސާސީގެ 22 ވަނަ މާއްދާއަށް އަމަލުކުރެވޭތަން ސަރުކާރު ހިންގުމުގައި ނުފެނުމަކީ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ ދިރުމެވެ. މި ދެ ސިނާއަތަކީވެސް، ތިމާވެށީގެ ގޮތުން ރައްކާތެރިކަމާއި ސަލާމަތްކަން ލިބިފައިވާ ރަށްތަކަކާއި، ތިލަ ފަޅު ފަރު އަދި ކަނޑުތަކެއް އޮވެ، އެ ވެށިތަކުގެ އެންމެހާ ދިރުންތަކަށް ހިމާޔަތްލިބި، މުޅިވެށި އާރާސްތުވެގެން މެނުވީ ވުޖޫދުގައި ނޯންނާނެ ދެ ސިނާއަތެވެ.
މި ވަގުތަކީ މުޅި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތިމާވެށީގެ ބޮޑެތި ނޭދެވޭ ބަދަލުތަކެއް އަންނަމުންދާކަން، ދުނިޔޭގެ ފެންވަރުގައި މިދާއިރާގެ ސައިންޓިސްޓުން ބަލައިގަނެ އިއްތިފާޤުވެފައިވާ ވަގުތެކެވެ. އަދި އެބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިމާވެއްޓަށް ބޮޑެތި ކާރިސާތަށް ކުރިމަތިވެ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކާއި އަދި ވަމުންދާ ޤައުމުތަކަށްވެސް ބޮޑެތި ތަކުލީފުތަކަކާއި އިޤްތިޞާދީ ގެއްލުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ވެސް ވަގުތެކެވެ. މުޅި ދުނިޔެ އާދަޔާ ޚިލާފަށް ކޮންމެއަހަރަކު ހޫނުވަމުންދާ ކަމީ ދުނިޔޭގެ ކަމާބެހޭ ފަންނީ އިދާރާތަކުން ބަލަމުން އެހޯދުންތައް އާންމުކޮށް އިއުލާނު ކުރަމުންދާ ކަމެކެވެ. އަދި ސައިންސުވެރިން މުޅިދުނިޔެއަށް އަންގަމުންދަނީ ދުނިޔެ ހޫނުވެ، ދުނިޔޭގެ ގަނޑުފެނުގެ ނިޒާމުތަށް އާދަޔާޚިލާފު ބާރުދުވެލީގައި ވިރި، އެހޫނާ ފެނުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލިގެން ދާނެކަމެވެ. ރާއްޖޭގެ ފަރުތަކުގެ މުރަކަ ވެށިތަކާއި ދިރުންތަކަކީ މިފަދަ ބަދަލުތަކަށް ނުހަނު ނާޒުކު އަދި އޭގެ ސަބަބުން ބޮޑެތިގެއްލުންތަށް ލިބޭނެ، ރާއްޖޭގެ ޤުދުރަތީ ބިންގަލެވެ. ރާއްޖޭގެ ފަރުތަކާއި ކަނޑުއަޑީގެ ދިރުންތަކަށް ނުހަނުބޮޑެތި ގެއްލުން މިހާރުވެސް ލިބިފައިވާކަމާއި، ލިބެމުންދާކަމާއި އަދި ކުރިއަށް އޮތްތާގައިވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭނެ ގެއްލުން ބޮޑުވެގެން ދާނެކަން އެނގެއެވެ. ވޭތުވެ ދިޔައަހަރުތަކުގައި ރާއްޖޭގެ އަދި ދުނިޔޭގެ އެކިހިސާބުގެ ނާޒުކު ފަރުތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބުނު މޫސުމީ ކާރިސާތަކުގެ ދިރާސާގެ އަލީގައި ސައިންޓިސްޓުން މިކަންވަނީ ހާމަކޮށްފައެވެ.
ކަންމިހެން އޮތްއިރު، ރާއްޖޭގެ ފަރުފަޅުތަކަށް ރާއްޖޭގެ ސަރުކާރުގެ އިޒުނައާއި ފުރިހަމަ ތާއީދާއި ބައިވެރިވުމާއިއެކު އެ ނާޒުކު ޤުދުރަތީ ވަސީލަތްތައް އިޔާދަނުކުރެވޭނެ މިންވަރަށް ފަނާކުރަމުން ދާކަމީ އަދު ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ކޮންމެ ދުވަހަކު ފެންނަމުންދާ ޙަޤީޤަތެވެ. މިކަމުގެ ބޮޑުކަމާއި ނުރައްކާތެރި ކަމަކީ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ ރާއްޖޭގެ ސަރުކާރުގެ ވަޒީފާތަކުގައި ތިބި ކަމާބެހޭ ފަންނީ ފަރާތްތަކުންނާއި އެކި މުއައްސަސާ ތަކުން ތައްޔާރުކުރާ ރިޕޯޓުތަކުންނާއި ރާއްޖޭގެ ތިމާވެށި ދެނެގަތުމަށް ރާއްޖެއިން ބޭރުގެ ފަންނީފަރާތްތަކުން ކުރާ މަސައްކަތްތަކުން މިކަންކަން ވަރަށް ސާފުކޮށް ފެންނާން އޮތީތީއެވެ. ނަމަވެސް ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު މިކަން މަނިކުފާނުގެ ސަމާލުކަމަށް ގެނައުމަށް ސިޓީއެއް ލިޔަން ޖެހެނީ ރާއްޖޭގެ ތިމާވެށީގެ ވުޒާރާއާއި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަށް ފަރުމާކުރުމާ ބެހޭ ވުޒާރާއާއި ހަވާލުވެތިބި ފަރާތްތަކުން، ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ބޮޑެތި އިހުމާލުތަކެއްވެ، ބޮޑެތި ގެއްލުންތަކެއް ދެމުންދާތީއެވެ. އަދި މިކަންކަން މިގޮތަށް ވިޔަ ނުދިނުމަކީ ސަރުކާރު ހިންގުމާއި ހަވާލުވެ ހުންނަވާ ފަރާތް، ރައީސުލް ޖުމްހޫރިއްޔާ އަށް ލާޒިމު ކަމަކަށް ވާތީއެވެ. ދުނިޔެއަށް އަދު އަންނަމުންދާ ސިޔާސީ އިޤްތިޞާދީ ބަދަލުތަކާއި، އަދި ޙާއްސަގޮތެއްގައި މުޅިދުނިޔޭގެ ތިމާވެށީގެ ތަފާތު އެކި ނިޒާމުތަކަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް ބަލާއިރު ރާއްޖޭގެ ނާޒުކު ތިމާވެށްޓަކީ އޭގެ އެންމެ ފުރިހަމަގޮތުގައި ހިމާޔަތް ނުކޮށް ފަރުޖެހެންނެތް ދިވެހިންގެ ޤައުމީ ރައުސުލްމާލެކެވެ.
ޤާނޫނުއަސާސީގެ 22 ވަނަ މާއްދާއިން، ދިވެހި ދައުލަތް ހިންގުމާ ހަވާލުވެތިބޭ ދިވެހިރައްޔިތުންނަށް މަގުދައްކާފައިވަނީ، ރާއްޖޭގެ “އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތް ތަކަކީ ތިމާވެށި ޙިމާޔަތްކުރެވޭ، ދެމެހެއްޓެނިވި ތަރައްޤީގެ އުޟޫލުތަކުގެ މަތީން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަށާއި، މިފަދަ ޙަރަކާތްތަކުގެ ސަބަބުން ތިމާވެށި ތަޣައްޔަރުވިޔަ ނުދިނުމަށާއި، ދިރޭތަކެތީގެ ނަސްލެއް ނެތިގެން ދިޔަނުދިނުމަށާއި، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި، ޤުދްރަތީ ވަސީލަތްތައް ބޭކާރުވިޔަނުދިނުމަށް ދައުލަތުން ބާރުއަޅާންވާނެ” ކަމަށެވެ. ނަމަވެސް ސަރުކާރުން މިގޮތަށް ސިޔާސަތު ކަނޑައަޅާ ތަންފީޒު ނުކުރާކަން އަދު ފެންނަމުންދަނީ އިންތިހާ ދަރަޖައަށްކަން ފާހަގަކުރަމެވެ.
މި އިހުމާލުގެ ސަބަބުން އަދު ދުނިޔޭގެ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއިއެކު، ދިވެހި ރާއްޖޭގެ ޤުދުރަތީވެށީގެ ވިލުންވެރިކަން މުޅިން ގެއްލި، ރާއްޖެއާއި ރައްޔިތުން ތިމާވެށީގެ ބޮޑެތި ކާރިސާތަކަށް ހުށަހެޅިގެންދާނެ ކަމާދޭތެރޭ މިއަދު ޝައްކުކުރެވޭކަށް ނެތެވެ.
26 ޑިސެމްބަރު 2019 ވަނަ ދުވަހު ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ފަންނީ މަސައްކަތުގެ އިސް ޒިންމާއޮންނަ އެންވައިރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން ނ.އަތޮޅު މާފަރުގައި އަޅާފައިވާ އެއާޕޯޓު އިތުރަށް ބޮޑުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އިންކާރުކުރިއެވެ. ނަމަވެސް 12 ޖަނަވަރީ 2020 ވަނަ ދުވަހު، އީ.ޕީ.އޭ ގެ ފަންނީ ލަފާގެމައްޗަށް ބާރުހިންގާ ތިމާވެށީގެ ވުޒާރާގެ ވަޒީރު އީ.ޕީ.އޭގެ ނިންމުން ބާތިލުކޮށް، ނ.މާފަރަށް އިޔާދަނުކުރެވޭނެ ގެއްލުން ލިބޭނެކަން އެނގިހުރެ، އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމިއެވެ. 2017 ވަނަ އަހަރުގެ އޮކްޓޫބަރުމަހު، ތިމާވެށީގެ ވުޒާރާ އޭރު ހިންގަންހުރި ވަޒީރު ހދ.ކުޅުދުށްފުށީ ކުޅީގައި އެއާޕޯޓެއް އެޅުމަށް ހަމަ މިބީދައިން ނިންމިއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ކުޅުދުށްފުށީ ކުޅިއަކީ ޤުދްރަތީ ގޮތުން މުއްސަނދި ވެއްޓަކާއި ދިރުންތަކެއް އޮންނަ، ރާއްޖޭގައި އޮތް މިފަދަ އެންމެބޮޑު އެއް ޤުދުރަތީ ތަރިކައެވެ. ނަމަވެސް މަދަނީ ޖަމްއިއްޔާތަކާއި ރައްޔިތުންގެ އެތައްބައެއް މިކަމާ ދެކޮޅަށް އަޑުއުފުލިނަމަވެސް ކުޅުދުއްފުށީގެ ޤުދްރަތީ ސަލާމަތީ ނިޒާމުކަމުގައިވާ އެރަށުގެ ކުޅިއަށް އިޔާދަނުކުރެވޭނެ މިންވަރަށްވަނީ ގެއްލުން ދީފައެވެ. ނ.މާފަރަކީވެސް ޤުދުރަތީ ފުރިހަމަކަމާއި ދިރުންތަކުގެ މުއްސަނދި ވެއްޓެކެވެ. އަދި އެރަށަކީ އެއާޕޯޓު އެޅުމުގެ ސަބަބުން މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ރަށެކެވެ. މާފަރުގެވެށި ހަލާކުކޮށް އެއާޕޯޓު އެޅުމާއި، މިހާރު ސަލާމަތުންއޮތް ޤުދްރަތީ ވެއްޓާއި ދިރުންތައް ފަނާކުރުމަށް ތިމާވެށީގެ ވުޒާރާއިން ހުއްދަދިން ދިނުމަކީ، ވޭތުވެދިޔަ ސަރުކާރާއި މިސަރުކާރުންވެސް ރާއްޖޭގެ ތިމާވެއްޓަށް ވަމުންދާ ބޮޑެތި އިހުމާލުގެ ސާފު މިސާލުތަކެވެ.
މަތީގައި މި ފާހަގަކުރީ ރާއްޖޭގައި ފަހަކަށްއައިސް ސަރުކާރުތަކުން ތިމާވެއްޓަށް ކުރަމުންދާ ބޮޑެތި ގެއްލުންތަކުގެ މަދު ވާހަކައެކެވެ. ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކަށް އެއްގޮތަކަށްވެސް ބެލުމެއްނެތި، ރާއްޖޭގެ ރަށްތަކުގެ ވިލުންވެރިކަން ހިފަހައްޓާދޭ ފަރުފަޅުތައް ހިއްކުމާ، މި ޤުދުރަތީ ދިފާއީ ނިޒާމުތަށް މުޅިންނައްތާލުމަކީ ތަރައްޤީގެ ނަމުގައި ތަކުރާރުކޮށް އަދުގެ ސަރުކާރުތަކުން ކުރަމުންދާ ކަމެކެވެ. އަދި މި ހިއްކި ބިންތަކުގައި ބޮޑެތި ވިޔަފާރިވެރިންގެ ރިސޯޓުތައް ހެދުމަށާއި ފެހިކުރުމަށް ރާއްޖޭގެ އާބާދުވެފައިވާ ރަށްރަށާއި، އަދި މީހުންނޫޅޭ ދަނޑުވެރި ރަށްރަށުންވެސް ރުއްގަސް މުލުން ލުހެގެން ގެންދިއުމަކީ ރާއްޖޭގެ ރަށްތަކުގެ ވިލުންވެރިކަން ކުޑަވެ، ތިމާވެށްޓަށް ބޮޑެތިގެއްލުންތަކެއް ވަމުންދާ ކަމެކެވެ. މިކަންމިގޮތަށް ފަހިކުރަމުންދަނީވެސް ތިމާވެށި ހިމާޔަތް ކުރުމުގެ ޤާނޫނީ ޒިންމާއުފުލަން ޖެހޭ ތިމާވެށީގެ ވުޒާރާއިންނެވެ. މިގޮތަށް ރުއްގަސް އުފުރާ ގަނޑުކޮށް ރަށުންބޭރުކުރުމަކީ ރުކުގެބޭނުން ކޮށްގެން އާމުދަނީހޯދާ ރައްޔިތުންނަށް، ޚާއްސަގޮތެއްގައި އަތޮޅުތެރޭގެ އަންހެނުންގެ އިޤްތިޞާދީ ރައްކާތެރިކަމަށް އޮތް ނުހަނުބޮޑު ހުރަހެކެވެ. މި ގެއްލުންތަކުގެ ތަކުލީފު އުފުއްލަންޖެހޭ ފަރާތްތަކަކީ ރަށުގެވެށިންލިބޭ ޤުދުރަތީ ވަސީލަތްތަކުން އާމުދަނީހޯދައިގެން ދިރިއުޅޭ މީހުނަށްވާއިރު، އެއީ އެމީހުންގެ ބަސް ސަރުކާރުހިންގާ ފަރާތްތަކާއި ހިސާބަށް ގެނައުމުގެ މަގު ފަހިވެފައި ނުވާ މީހުންކަން ފާހަގަކުރަނީވެސް ނުހަނު ކަންބޮޑުވުމާއި އެކުއެވެ. އެ ނިކަމެތިކަމަށް އެމީހުން ހުށަހެޅިގެންދަނީ އެމީހުންގެ އަސާސީ ޙައްޤުތަކުގެ ދިފާއުގައި އަމަލުކުރާނެ ދައުލަތުގެ ގުނަވަންތަށް އެގޮތުގައި މަސައްކަތް ކުރުމަށް ނުކުޅެދިފައި ވާތީކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން ރާއްޖޭގެ ރަށްރަށުގެ ތިމާވެއްޓަށް ވަމުންދާ ގެއްލުންތަކަކީ ވެށިފަނާވުމާއި ރަށްރަށުގެ ވިލުންވެރިކަން ގެއްލުމުގެ އިތުރުން، އާމުދަނީ ހޯދުމުގެ ޤުދުރަތީ ވަސީލަތްތަކުން އެންމެ ނިކަމެތި ރައްޔިތުން މަހުރޫމު ކުރުވަމުންދާ ކަމެއްކަން ރައީސުލް ޖުމްހޫރިއްޔާ އަށް އެނގިވަޑައިގަތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ދެކެމެވެ.
ރާއްޖޭގެ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާ ބުނާގޮތުގައި “ދިވެހިރާއްޖޭގެ ޤުދްރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ޤުދްރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެކެވެ.” މި އަސާސީ ވާޖިބަށް މިއަދުގެ ސަރުކާރު ދަނީ ކަނޑައެޅިގެން އިހުމާލުވަމުންކަމާ ދޭތެރޭ އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެށް ނެތެވެ. އަދި މި އިހުމާލަކީ، އެއްވެސް ނަޒަރިއްޔާތަކުން ބަލާއިރުވެސް، އެކަމުގައި ރައްޔިތުންގެ ލާބަޔާއި މަންފާ އެއްގޮތަކަށްވެސް އޮތްކަމެއް ނޫންކަން އަޅުގަނޑު ދެކެމެވެ. އެހެނީ ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގައި ދިރިއުޅެ ބަނޑުފުރާނަ މުއްތި ކުރެވޭނީ ރާއްޖޭގެ ޤުދުރަތީވެށި ފަނާކުރަމުންދާދިއުން ވަގުތުން ހުއްޓާލާ، އެ ވެށި އެންމެ ފުރިހަމަގޮތުގައި ހިމާޔަތްކުރެވިގެން ކަމަށްވާތީއެވެ. ރާއްޖޭގެ ތިމާވެށީގެ ސަލާމަތްކަން ހޯދޭނީ ފަރުފަޅުތައް ހިއްކުން ހުއްޓާލައި ރުއްގަސް އުފުރުން ހުއްޓާލައިގެންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ދިފާއުގައިވެސް މިކަންކުރަންޖެހެއެވެ. ރާއްޖޭގެ ރަށްތަކުގެ ބިންގަލަކީ ނާޒުކު ފަރުފަޅުތަކާއި ދިރުންތައް ކަމަށްވާހިނދު ލާމެހިފައިވާ އެ އަސާސީ ވެށީގެ ބިންގާ، “ތަރައްޤީގެ” ނަމުގައި ފަނާކުރުމަކީ ރާއްޖޭގެ ރައްޔިތުންގެ މިހާރުގެ އަދި މުސްތަޤުބަލުގެ ރައްކާތެރިކަމަށް ވެވޭ، ކަމުގެ ފުންމިން ގަލަމުން ލިޔަން ދަތި، ބޮޑުވެގެންވާ އިހުމާލެކެވެ. މިފަދަ އިހުމާލެއް ސަރުކާރަކުން ރައްޔިތަކަށް އަދުގެ ދުނިޔޭގައި ވުމަކީ ބޮޑުވެގެންވާ ޖަރީމާއެއްކަމަށްވެސް އަޅުގަނޑު ދެކެމެވެ.
މިކަމުގެ ކަންބޮޑުވުން އަޅުގަނޑުގެ ހިތުގައި އޮތްމިންވަރުގެ ބޮޑުކަމުން މިބީދައިން މިސިޓީ ލިޔަން އަޅުގަނޑުގެ ޒަމީރު އަދު މަޖުބޫރުކުރެއެވެ. ރާއްޖޭގެ ޤާނޫނުއަސާސީގެ 22 ވަނަ މާއްދާއިން ލާޒިމުކުރާ އަސާސީ ވާޖިބު މަނިކުފާނުގެ ސަރުކާރުން އަދާކުރުމަށް ދަންނަވަމެވެ. އަދި ދިވެހި ރައްޔިތުންގެ މިހާރުގެ ޖީލާއި އަންނާންއޮތް ޖީލުތަކަށް ރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަމުގައި ދެމިތިބެވެން އޮތްހާ ދުވަހަކަށް ދެމިތިބެވޭނެކަން ކަށަވަރު ކުރުމަށްޓަކައި، ދައުލަތް ހިންގުމުގެ ޒިންމާ އޭގެ އެންމެ ހަރުދަނާ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނެންގެވުމަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު މިއަދު އިލްތިމާސް ދަންނަވަމެވެ.
އަލްމުޚްލިސް
ހުމައިދާ އަބްދުލް ޣަފޫރު
16 ޖަނަވަރީ 2020
