ދިވެހިރާއްޖޭގެ ރަށަކަށް މި ޒަމާނުގައި ހޯދެން އޮތް އެންމެ ބޮޑު “ފަޚުރަކަށް” ވެފައިވަނީ ރަށުގެ ތިމާވެށި ދާއިމަށް ނެތިކުރާނެ “ތަރައްޤީ” ކަމަށް ސިފަކުރާ ހަރަކާތްތަކެއް ރަށަށް ގެނައުމެވެ. ކޮންމެ ރަށެއްގެ ރައްޔިތުންވެސް މިފަދަ “ފަޚުރެއް” ރަށަށް ގެނައުމަށް ވަނީ ކެތްމަދުވެފައި ކަމަށް ވެއެވެ. ރަށުގެ ފަޚުރަކަށް ވެގެން ދަނީ ރަށުގެ ފަރާއި ތިލަފަޅާއި އެ ޤުދުރަތީ ވެށީގައިވާ އެންމެހާ ދިރުންތައް ކަފުންކޮށް ވަޅުލައި، އެތަންތަން ހިއްކުމެވެ. “ބިން” ހިއްކުމެވެ. ކިތަންމެ މަދު މީސްކޮޅެއް ރަށުގައި އުޅުނަސް، ލަފާފުރުމަށް އެކަށީގެންވާ ކިތަންމެ ސާދާ ޤުދުރަތީ ވެއްޓެއް އޮތަސް، ފަޚުރަކަށް ވަނީ ރަށުގައި ބޮޑުހިލަ ބަނދަރެއް ހެދުމެވެ. އެތަނުގައި ބާއްވަން އޮތީ އެންމެ އުޅަނދެއް ކަމަށް ވިޔަސް، ސިއްޙީ ފަރުވާ އާއި ތައުލީމު ލިބޭނޭ ގޮތެއް ނެތަސް، ބޮޑުހިލަ ބަނދަރުގެ ތަރައްޤީއަކީ ކޮންމެހެން ބޭނުންވާ ފަޙުރެކެވެ. ދަތުރުގެޓިކެޓެއް ގަތުމަށް ރަށުގެ ގިނަމީހުނަށް ނުފޯރިނަމަވެސް، މިހާރު އާމުދަނީ ހޯދުމަށް ބަރޯސާވާ ރުއްގަހާ، ދަނޑުބިމާ ޤުދުރަތީ ވެށި ނައްތާލައިގެންވެސް، ރަށުގައި އެއާޕޯޓެއް އެޅުމަކީ ރަށަށް ލިބޭ “ފަޚުރެއް” ކަމަށް ވެއެވެ.
މިފަދަ ހަރަކާތްތަކަށް ވާގިދީ، ސިޔާސީ ނުވަތަ އެހެނިހެން މަންފާ މިފަދަ މަޝްރޫޢުތަކުން ހޯދާފަރާތްތައް މިފަދަ ކަންކަން ސިފަކުރަމުންދަނީ ރަށުގެ ރައްޔިތުންގެ “ޒަމާންވީ ހުވަފެން” ތައް ޙަޤީގަތަކަށް ވެގެން ދިއުން ކަމަށެވެ. މި ދެކެވޭ ވާހަކަތަކުގައި ރަށަށް “ފަޚުރު” ގެންނަން އުޅޭ މީހުނާ، މިފަދަ ހިއްކި ބިމާ، ބަނދަރާ އެއާޕޯޓު އެޅުމަށް ވަކާލާތުކުރާ މީހުނަށް އެވާހަކަތައް ހަރުއަޑުން ދެއްކޭނެ ޚަބަރުފަތުރާ ވަސީލަތްތައްވެސް އޮންނަނީ ފަހިވެފައެވެ. މިފަދަ “ފަޚުރު” ތައް ރަށްރަށަށް ހޯދުމަށް އުޅޭ ފަރާތްތައް ވަރަށް ޔަޤީންކަމާއެކު ބުނަމުންދަނީ މިގޮތަކީ “ރައްޔިތުން ބޭނުންވާ” ގޮތް ކަމަށެވެ. ނަމަވެސް މީ ހަމަ މިހެން ހިނގާ ކަމެއްތޯ ސުވާލު އުފައްދާނެ މީހަކު ރަށްރަށުގައިވެސް ނެތީބާއެވެ؟ ޚުދު ރާއްޖޭގެ މީޑިއާ ގައިވެސް ނެތީބާއެވެ؟ މި ފަދަ “ތަރައްޤީ” އަކީ ރަށުގެ ކިތައް ރައްޔިތުންގެ މަންފާއަށް ކުރާކަމެއްތޯ ހޯދަން އުޅެނީ ކޮންބައެއްތޯއެވެ؟
ސިޔާސީގޮތުން މިފަދަ “ފަޙުރު” ރާއްޖޭގެ މީސްކޮޅު މަދު ކުދި ޖަޒީރާ ރަށްރަށަށް ގެންނަން މަސައްކަތްކުރާ ފަރާތްތައް ވަރަށް ފަށުވި އިބާރާތުން ރާއްޖޭގެ ތިމާވެށީގެ މުހިންމުކަން ވަނީ މެނިފެސްޓޯގައި ލިޔެ ރައްޔިތުންނާ ހިއްސާވެސް ކޮށްފައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްޓަކައި ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީ އެމް.ޑީ.ޕީ އިން ތައްޔާރުކޮށްފައިވާ މެނިފެސްޓޯގައިވާ އިބާރާތެއްގައި އޮންނަ ގޮތުގައި –
“ދިވެހީންގެ ތިޔާގިކަމާ މުޅި އާމްދަނީ އެއެއްޗެއްގައި ހިފެހެއްޓިފައިވާ ފައްތިޔާއަކީ ތިމާވެށްޓެވެ. ކަނޑާއި ފަރާއި ވިލުތަކާއި ގިރިތަކެވެ. ފަޅުން އެއްގަމަށް އަރައިގެން އައިސް ޖެހޭ ތުނޑިއާއި ހޭޅިފަށެވެ. އަދި ރުއްގަހާއި ގޮއިފާ ލައްބަތަކުން އެކުލެވިގެންވާ ބިމެވެ. ކުޅިއާއި ޗަސްބިން ފަދަ ހާއްސަ ސިފަތައް އެކުލެވޭ ތަންތަނެވެ. އަދި އެންމެހާ ތަންތަނުގައި ދިރިއުޅޭ އެންމެހާ ދިރުންތަކެވެ. ރާއްޖޭގެ ތިމާވެށި ހަލާކުވެ ފަނާވެ ދިޔުމުގެ މަގަށް ދޫކޮށްލުމަކީ “އަހާއި ލަގަން” އެކީ އެކަށް ގެއްލުވާލުމަށްވުރެ ނުރައްކާތެރި ކަމެކެވެ.”
މި އިބާރާތުގައި ބުނެފައިވަނީ ތެދުވާހައެއް ކަމަށް ބެލެވޭ އެއް ސަބަބަކީ 2016 ވަނަ އަހަރުގެ ރާއްޖޭގެ ތިމާވެށްޓާ ބެހޭ ރިޕޯޓުން ހާމަވަނީ ރާއްޖޭގެ އެކްސްޕޯޓުގެ %98 ބަރޯސާވަނީ ރާއްޖޭގެ ޤުދުރަތީ ވެއްޓާއި އެ ވެށީގައިވާ ދިރުންތަކުގެ ވަސީލަތްތަކުގެ މައްޗަށް ކަމަށްވާތީއެވެ. އަދި ރާއްޖޭގެ %71 މީހުންގެ ވަޒީފާ ވެސް ބަރޯސާވަނީ ޤުދުރަތީ ވެށްޓާއި ދިރުންތަކުގެ ވަސީލަތްތަކުގެ މައްޗަށް ކަމަށްވާތީއެވެ. ރާއްޖެއަށް ލިބޭ އާމުދަނީގެ ބޮޑުބަޔަކީ ތިމާވެށްޓަށް މުޅިންހެން ބަރޯސާވާ، ޤުދުރަތީ ވެށީގެ ނިޢުމަތްތަކުން މަންފާ ހޯދާ، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުން ލިބޭ އެއްޗެކެވެ. މި ވަގުތު ދިމާވެފައިވާ ކޯވިޑް-19 ގެ ސިއްޙީ ކާރިސާއިންވެސް ރާއްޖެއަށް ދަނީ މިކަން ވަރަށް ސާފުކޮށް ފެނިހާމަވެ އިހުސާސް ކުރެވެމުންނެވެ. ރާއްޖޭގެ ރަށްރަށުގެ ތިމާވެށި ދާއިމަށް ނެތިކުރުމަކީ ހަމަ ޤައުމުގެ އަހާއި ލަގަން ގެއްލުމަށްވުރެވެސް ނުރައްކާތެރި ކަމެކެވެ. ތެދުވާހަކައެކެވެ.
މި ނުރައްކަލަށް ރާއްޖެ ހުށަނޭޅުމަށްޓަކައި، ރާއްޖޭގެ ތަރައްޤީގެ މިސްރާބާއި އިޤްތިޞާދު “ޤުދުރަތާ އެއްކީލި” ކުރުމަށް މެނިފެސްޓޯގައި އޮތް ހައްލު ސިފަކޮށްފައިވަނީ ތިރީގައިވާ ގޮތަށެވެ.
“… ނޫ އިގްތިޞާދުގެ ސިޔާސަތަކީ ގުދުރަތާއި އެއްކީއްޔަށް ތަރައްގީ ހިންގުމުގެ ސްޓެރެޖީއެކެވެ. … ގަސްތައް ކަނޑައި، ކުޅިތައް ހިއްކައި، ފަނާކުރުވަނިވި “ތަރައްގީ” އާއި މުޅީން ދުރައްގޮސް، އޮޔާ ވަޔާ އިދިކޮޅަށް ނުފަތައި، ކަނޑުތަކާއި ފަރުތަކާއި ދިޔަރެހާއި އުދަރެހާއި އެއްކުލައިން ފަރުމާކުރެވޭ ނޫ އިގްތިސާދެކެވެ”.
އިއްޔެގެ ވާހަކައިގާ ތިމާވެށީގެ އަގު އެ މޭރުމުން ވަޒަންކޮށްފައި އޮތަސް، އަދު ކަންހިނގާގޮތަށް ބެލުމުން ފެންނަން އޮތީ ރާއްޖޭގެ ރަށްރަށަށް ތަރައްޤީގެ ފަޙުރު ފޯރުކޮށްދެވެންއޮތް ހަމައެކަނި ގޮތަކީ ވެށިފަނާކޮށްގެން ކަމެވެ. މެނިފެސްޓޯގައިވާފަދަ ނޫ އިގްތިޞާދެއްގެ ހިލަމެއް ނުވާތާގައި ސާފުކޮށް ފެންނަމުންދަނީ ތަރައްޤީގެ ހަރަކާތްތައް ޤުދުރަތާ އެއްކީލިވުމާ ގާތަށްވެސް ނުދާތަނެވެ. އަދި ދިމާ އިދިކީލި ވާތަނެވެ. އޮޔާ ވަޔާ އިދިކޮޅަށް ފަތަމުންދާތަނެވެ. ނިމިދިޔަ ސަރުކާރުން 2017 ވަނަ އަހަރު، ތިމާވެށްޓަށް ބެލުމެއްނެތި ހދ. ކުޅުދުއްފުށީގެ ޤައުމީ ޤުދުރަތީ ތަރިކަ ކަމަށްވާ މަށިކުޅި ފަނާކުރެވިގެން ދިޔައީ ތިމާވެށްޓަށާއި އެ މަށިކުޅިން ރަށުގެ އެތައް އާއިލާތަކެއް ހޯދަމުންދިޔަ އާމުދަނީއަށް ލިބޭނޭ ގެއްލުމަށް ބެލުމެއްނެތިއެވެ. އަދި ދިވެހީންގެ ސަޤާފީ ހުނަރުވެރިކަމާ ތާރީޚީ ތަރިކައަށް ބެލުމެއްނެތިއެވެ. ޤާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ބުނާ ދެމެހެއްޓެނިވި ތަރައްޤީގެ މަފްހޫމަށް ނަޒަރުކޮށްލުމެއްވެސް ނެތިއެވެ. ހަމަ އެ އަހަރު، އެ މޭރުމުން، ޤުދުރަތީ ގޮތުން އާދަޔާ ޚިލާފު މުއްސަނދިކަން ލިބިފައިވާ ނ. މާފަރުގެ ވެށި ފަނާކޮށް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށުނެވެ. ހެދި އެއާޕޯޓަށް ބޯޓެއް ޖެއްސޭހިސާބަށް ނުދެވެނީސް ރަންވޭ މައްޗަށް ވެލާ ބިސް އަޅަން އެރި ޚަބަރަކީ ދުނިޔޭގެ ނޫސްތަކުގައިވެސް ފެނިގެންދިޔަ، ރާއްޖެއަށް ލަދުވެތި ޚަބަރެކެވެ. ނަމަވެސް މި އެއާޕޯޓު އިތުރަށް ފުޅާކުރުމަށް 2019 ގައި މިހާރުގެ ސަރުކާރުން ތިމާވެށީގެ ފަންނީލަފަޔާ އިދިކޮޅުހަދާ ހުއްދަދިން ދިނުމަކީ ޤުދުރަތާ އެއްކީލި ތަރައްޤީގެ އަމަލެއް ނޫނެވެ. ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތްބައި ހިމާޔަތްކުރުމަށް 2019 ގައި ހެދި ދިރާސާއަކުން ލިބިފައިވާ ފަންނީ ލަފާގެ މައްޗަށް އަދި އަދަށްވެސް އަމަލުކޮށްފައެއް ނެތެވެ. ކުޅީގެ ރައްކާތެރިކަން ގެއްލި، އެރަށުގައި ފެންބޮޑުވުމުގެ މޫސުމީ ހާދިސާތައް ދަނީ ގިނަވަމުންނެވެ. ރައްޔިތުންނަށް އޭގެ ސަބަބުން އުފުއްލަންޖެހޭ ތަކުލީފު ދަނީ އިތުރުވަމުންނެވެ. ރަށުގެ ތިމާވެށީގެ ވިލުންވެރިކަން ގެއްލި، މޫސުމާ ގުޅޭ ކާރިސީ ހިރާސްތަކަށް ރަށް އޮތީ ހުށަހެޅިފައެވެ. މި ފަދަ އެކި މިސާލުތަކުން ފެންނަނީ އޮޔާވަޔާ އިދިކޮޅަށް ފަތަމުންދާ ތަނެވެ.
2020 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިންހިއްކުމަށް ކަނޑައެޅިގެން ދިޔަ ގާތްގަނޑަކަށް 01 ބިލިއަން ރުފިޔާއަކީ ވެސް ޤުދުރަތާ އެއްކީލި ތަރައްޤީއަކާއި ގުޅުންހުރި ކަމެއް ނޫނެވެ. ކ. އަތޮޅު ގުޅީފަޅުގައި 1995 އިންފެށިގެން ހިމާޔަތްކުރެވިފައިވާ ޤުދުރަތީ މުއްސަނދިކަން ލިބިފައިވާ ކަނޑުއަޑީގެ ތަރިކަ ފަނާކޮށް، ޖެހިގެން އޮތް ވިލިގިނލީގެ ފަރުވެސް ފަނާވެދިއުމަށް ހުށަހެޅި، މި އަހަރުގެ ކުރީކޮޅުގައި ފަށާފައިވާ ގުޅީފަޅު ހިއްކުމުގެ ދަރަނިބޮޑު “ތަރައްޤީ” އަކީވެސް ޤުދުރަތާ ދިމާއިދިކޮޅު ފަނާކުރަނިވި މަޝްރޫއެކެވެ. ކ. ގުރައިދޫ ހިއްކުމުގެ މަޝްރޫއަކީވެސް މިފަދަ ކަމެކެވެ. އަދި ހަމަ ދާދި މިދާކަށްދުވަހު ސަރުކާރުގެ ކުންފުނި އެމް.ޓީ.ސީ.ސީ އާއި ހަވާލު ކޮށްފައިވާ 01 ބިލިއަން ރުފިޔާގެ ބިން ހިއްކުމާ ބަނދަރުހެދުމުގެ 10 މަޝްރޫއުއަކީވެސް ޤުދުރަތާ އެއްކީލި ތަރައްޤީގެ އަމަލެއް ނޫނެވެ.
ކުރިއަށް އޮތް 2021 ގެ ބަޖެޓުގެ ތެރޭގައިވެސް އަހާއި ލަގަން ދޫކޮށްލާނެ އެތައް ކަމެއް ދަނީ ފާޅުވަމުންނެވެ. އިތުރު އެއާޕޯޓުތަކާއި ބިން ހިއްކުމުގެ މަޝްރޫއު ތަކުގެ ހުވަފެންތައް ދަނީ ތަސައްވަރު ކުރަމުންނެވެ. މީގެ ތެރޭގައި 111 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޙަރަދެއްކޮށް 2010 ގައި ބޮސްކާލިސް ކުންފުނިން ހިއްކާފައިވާ، އަދި މިހާތަނަށް އޭގެ ބޭނުމެއް ހިފިފައިނުވާ ހަނަފަސްބިން އޮތް ބ. ތުޅާދޫގައި ވެސް އެއާޕޯޓެއް އަޅާނެކަމުގެ ހުވަފެނެއް ޚަބަރުތަކުން ފެންނާން ފަށައިފިއެވެ. ވެށިފަނާކުރުމުގެ މަޝްރޫއު ތަކަކީ ނިމިދިޔަ ސަރުކާރުތަކުން ނަމޫނާ ދައްކާފައިވާ ކަމެކެވެ. މި ސަރުކާރުން އެ ނުރައްކާތެރި ނަމޫނާއަށް ފުރަގަސްދޭނެ ކަމަށްބުނި، 2018 ގެ މެނިފެސްޓޯގައި ހިމެނި ޤުދުރަތާ އެއްކީލި، ތިމާވެށި ހިމާޔަތްކުރުމުގެ އިގްތިސާދަކަށް ރާއްޖެ އަނބުރާލާނެ ކަމުގެ ސާދާ ތަސައްވަރު މިވަގުތު އޮތީ ތާރީޚީ ސިޔާސީ ދޮގުވާހަކައެއްގެ ގިންތީގައެވެ.
ރާއްޖޭގެ އިޤްތިޞާދުގެ އަހާއި ލަގަން އެކީއެކަށް ގެއްލުވާލުމަށްވުރެ ބޮޑު ނުރައްކަލަކަށް ޙަޤީގަތުގައިވެސް ރާއްޖެ ދަނީ ބާރު ސްޕީޑުގައި ހުށަހެޅެމުންނެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ކާރިސާތަކާ ރާއްޖޭގެ މުސްތަޤްބަލާ އޮތީ ލާމެހިފައެވެ. ރާއްޖޭގެ ޤުދުރަތީ ދިފާއީ ނިޒާމަކީ ރާއްޖޭގެ ދިރިއޮތް ފަރު ފަޅުތަކުގެ ވެށީގެ ވަރުގަދަ ބިންގަލެވެ. އެތަންތަން އެގޮތުގައި ހިފަހައްޓައިދޭ ތަފާތު ދިރުންތަކެވެ. ނަމަވެސް އަންނަންއޮތް ޖީލުތަކަށް ރަށްރަށުގައި ނޫޅެވޭނެ ވަރުގެ “ފަޙުރެއް” ގެ “ހުވަފެން” ކޮންމެ ރަށެއްގެ ވެށި ފަނާކޮށްގެން ހޯދައިދިނުމަށް މި ޖީލުގެ އެތައް ދިވެހިންނެއް ތިބީ ސާބިތުކަން މަތީއެވެ. އަދި މި ކަމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ދައުލަތުގެ ޒިންމާދާރު އިސް މަގާމުތަކުގައިތިބި ފަރާތްތަކުންނެވެ. ޤާނޫނާ ސިޔާސަތު ކަނޑައަޅާ ތަންފީޒުކުރުމާ ހަވާލުވެ ތިބި ފަރާތްތަކުންނެވެ. ނޫ އިގްތިޞާދުގެ ތަސައްވުރާއި އެންމެ އަހުލުވެރި ފަރާތްތަކުންނެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ސަލާމަތްކުރަން ޖެހޭނެކަމަށް ބައިނަލްއަޤުވާމީ މައިދާނުގާ ރާއްޖޭގެ އަޑުއިއްވަން މަސައްކަތްކުރާ ފަރާތްތަކުންނެވެ. ރަށަށް ލިބޭ “ފަޙުރު” ރައްޔިތުންނަށް ތަސައްވަރު ކޮށްދޭން ތިބޭ ސިޔާސީ ޕާޓީތަކުގެ މޭސްތިރިންނެވެ. ރައްޔިތުންނަށް ނުރައްކާވާނެފަދަ ހުވަފެން ދައްކަމުންދާ ސިޔާސީ ވިޔަފާރިވެރި ފަރާތްތަކުންނެވެ. ރައްޔިތުން “ވެރިން” ގެ ލަގަބު އެބަޔަކަށް ދީފައިވާ ފަރާތްތަކުންނެވެ.
ރާއްޖޭގެ ތިމާވެށި ފަނާވެދިއުމަށް ދޫކޮށްލައި، އަހާއި ލަގަން ގެއްލުވާލުމަށްވުރެ ނުރައްކާތެރި ކަމަކަށް ރާއްޖެ އޮތީ ހުށަހެޅިފައެވެ. އެ ނުރައްކަލަކީ ދުނިޔޭގެ މޫސުމަށް އަންނަބަދަލުތަކުގެ ސަބަބުން އަދުގެ ދަރިންގެ ދަރިންނަށް ރާއްޖެ ދޫކޮށް ހިޖުރަކުރަން ޖެހުމުގެ ނުރައްކަލެވެ. އަމިއްލަ ވަޒަން ގެއްލުމުގެ ނުރައްކަލެވެ. މި މަންޒަރު މިހާރުވެސް ދަނީ ދުނިޔޭގެ ބައެއް އެހެން ތިރި ޖަޒީރާ ޤައުމުތަކުން ފެންނަމުންނެވެ. ކަންމިހެން އޮތްއިރު އަންނާން އޮތް ޖީލުތަކަށްޓަކައި ވެށިރައްކާތެރިކޮށް ރާއްޖެ ސަލާމަތް ކުރުމަށް ދެން އެނބުރެންއޮތީ ކޮން ބަޔަކަށް ހެއްޔެވެ؟
މި ލިޔުން ފުރަތަމަ ޝާއިއު ކޮށްފައިވަނީ 6 ޑިސެމްބަރ 2020 ގައި މިހާރު ނޫހުގައި

