ރާއްޖޭގެ ތިމާވެށްޓަށް “ކުޑަކޮށް ގެއްލުން” ދިނުން : ހޮޅި ވާހަކަ

ރާއްޖޭގެ މަގްބޫލު އަދި އަޖައިބެއްފަދަ މުއްސަނދި ތިމާވެށްޓަކީ ލާމެހިފައިވާ ގުދުރަތީގޮތުން ފުރިހަމަ ނިޒާމެކެވެ.

މި ނިޒާމަކީ ތަފާތު އެތަކެއް މާހައުލީ ނިޒާމުތަކެއްގެ މައްޗަށް ބިނާވެފައިވާ، 800 ކިލޯމީޓަރުގެ ދިގުމިން އުތުރުން ދެކުނަށް އޮންނަ، 26 ގުދުރަތީ އަތޮޅުގެ މައްޗަށް އެކުލެވި 90،000 އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ ނިޒާމެކެވެ. ރާއްޖެ އުފެދިފައިވަނީ %99 ކަނޑުފަޅާ ފަރުތަކެއްގެ މައްޗަށެވެ. އަދި މި ފުރިހަމަ ކަނޑުގެ ނިޒާމު އޮންނަނީ ވަށައިގެންވާ އިންޑިއާ ކަނޑުގެ ރޯދިބަރަކާތާ ގުޅި ލާމެހި، ދުނިޔޭގެ ކަނޑުތަކުގެ އޮޔާވަޔާ އެކުލެވޭ މޫސުމީ ނިޒާމާ ގުޅޭ ގުނަވަނެއްގެ ގޮތުގައެވެ.

ރާއްޖޭގެ ކަނޑު ފަޅު ތަކުގެ މި ނިޒާމަކީ ދިވެހިރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދޭ ގުދުރަތީ ދިފާއީ ނިޒާމެވެ.

މި ނިޒާމަކީ ދިވެހިންގެ ދިރިއުޅުމުގެ ވަސީލަތްތައް އެމީހުނަށް ފެށުނީއްސުރެ ހޯދާދެމުންދާ މުއްސަނދި ނިޒާމެވެ.

މި ނިޒާމަކީ ދިވެހިރާއްޖެ ދިވެހިރާއްޖޭގެ ގޮތުގައި ދެމިއޮތުމަށް ކޮންމެހެން ބޭނުންވާ ނިޒާމެކެވެ.

މި ނިޒާމަކީ ދިވެހިންގެ ދިރިއުޅުމާ ދިރި ތިބުން އެތައް ހާސްއަހަރެއް ވީއިރު ފަހިކޮށްދެމުން ގޮސްފައިވާ ނިޒާމެވެ.

މި ނިޒާމަކީ ކުރިއަށް އޮތްތާގައިވެސް ދިވެހިރާއްޖޭގައި ދިވެހީން ދިރިތިބުން ކަށަވަރު ކޮށްދޭނެ ނިޒާމެވެ.

މި ނިޒާމުގެ މުއްސަނދި ކަމާ ފުރިހަމަކަމަކީ އަދި މިހާތަނަށް އިންސާނުންނަށް އެކަށީގެންވާ މިންވަރާ ގާތަށްވެސް ވަޒަން ކުރެވިފައިނުވާ ކަންކަމެވެ. މީގެ ހެކިތައް އަދުވެސް ދަނީ ފެންނަމުންނެވެ.

ނަމަވެސް މިއަދު ދިވެހީންގެ އަމަލުތަކުން ރާއްޖޭގެ މި ގުދުރަތީ ދިފާއީ ނިޒާމު ދަނީ ހީނަރުކޮށް އޭގެ ގުދުރަތީ އަސްލާ ހަމަ ނައްތާލަމުންނެވެ.

ދުނިޔޭގެ ކަނޑުތައް ޗާޓުކޮށް ދެނެގަތުމަށް މަސައްކަތްކުރާ ފަންނީ ފަރާތްތަކުން ބުނާގޮތުގައި ދުނިޔޭގެ ކަނޑުތަކާބެހޭ މައުލޫމާތު މިހާތަނަށް އިންސާނުންނަށް ދެނެގަނެވިފައިވާ މިންވަރަކީ ގާތްގަނޑަކަށް %10 އެވެ. އިންސާނުންނަކީ ހަނދަށް ދަތުރުކޮށްފައިވާ އީޖާދީ ކަންކަމަށް ކުޅަދާނަ ބަޔަކަށް ވީނަމަވެސް، ދުނިޔޭގެ ކަނޑުތައް ދެނެގަނެވިފައި ނުވާކަމީ އަދުގެ ހަޤީގަތެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އަޖައިބުވާފަދަ މުއްސަނދި ފަރުފަޅުތަކުގެ ނިޒާމު ދެނެގަނެވިފައިވާ މިންވަރަކީ އަދަދުކުރެވެން ނެތް ކުޑަމިންވަރެއް ކަމުގައި ބެލުމަކީ ބުއްދީގެ ހަމަތަކުން ދަތިކަމަކަށް ނުވެއެވެ. ސަބަބަކީ ދިވެހިރާއްޖޭގެ ފަރު ފަޅު ތަކުގެ މުއްސަނދިކަމަކީ އެކަށީގެންވާ މިންވަރަށް އެއްވެސް ބަޔަކަށް ދެނެގަނެވިފައި ނުވާ އެއްޗަކަށް ވާތީއެވެ. މިފަދަ މަސައްކަތެއް ބަޔަކު ކުރަންއުޅެފައި އަދި އުޅެމުންދާކަމަށް ވީނަމަވެސް، މިއީ ކަމުގެ ހަޤީގަތް އަދު އޮތް ގޮތެވެ.

ދާދި މިދާކަށް ދުވަހު ދިވެހިރާއްޖޭގެ ފަރުގެވެށީގެ ފަންނީ ދިރާސާވެރިއަކާ ބޭރުގެ ސައިންޓިސްޓުން ގުޅިގެންކުރި މަސައްކަތުން ދުނިޔެއަށްވެސް މުޅިން އާ ބާވަތެއްގެ މަހެއް ރާއްޖެއިން ހޯދިއްޖެއެވެ. ސައިންސުގެ ދާއިރާއަށް މިހާތަނަށް އެނގިފައި ނުވާ ސީ. ފިނިފެންމާ ނަމުން ނަންދެވިފައިވާ މި މަސް ރާއްޖޭގެ ވެށީގައި އުޅެންފެށީ ކޮންއިރަކު ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ ކަންވެސް ބުއްދި ގަބޫލުކުރެއެވެ. އަދި މިހާތަނަށް ނުފެނި އޮތީ  މިފަދަ ކިތައް ސީ. ފިނިފެންމާތޯ އެއީ އިންސާނުންނަށް ވަޒަންކުރެވޭނެ އެއްޗެއް ނޫންކަންވެސް ބުއްދި ގަބޫލުކުރެއެވެ. ދުނިޔޭގެ ކަނޑުތައް ސައިންސުވެރިންނަށް ދިރާސާކޮށް ހޯދިފައިވާ ކުޑަ މިންވަރަށް ބަލާލުމުން ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ މުއްސަނދިކަން ދެނެގަނެވިފައެއް ނެތޭ ބުނުމަކީ މުޅިން ގޯހެއް ކަމަކަށް ނުދެކެމެވެ. އެއީ ރާއްޖެއަކީ މަދުބަޔަކު އުޅޭ ގައުމަކަށްވެފައި، ކަމުގެ މުހިންމުކަމަށް ބަލާއިރު ފަރުފަޅު ތަކުގެ ނިޒާމު ފަންނީ ފެންވަރެއްގައި ދެނެގަތުމުގެ މާބޮޑު ޝައުގެއް ރަސްމީ ސިފައެއްގައި ރާއްޖޭގައި ނެތުމުންނެވެ. ރާއްޖޭގެ މަތީތައުލީމުދޭ ޔުނިވަރސިޓީ އަށް ބަލާލުމުންވެސް މި ދާއިރާގެ ހީނަރުކަން ސާފުވާނެއެވެ.

ކަންމިހެން އޮތްނަމަވެސް، ރާއްޖޭގެ ފަރުފަޅުތަކުގެ ނިޒާމަކީ އަދުގެ ސަރުކާރު ތަކުން “ތަރައްގީ” ގެ ނަންދީގެން ހިންގާ ސިޔާސަތުތަކުގެ ތެރެއިން ދާއިމަށް ނެތި ފަނާކުރަމުންދާ މާހައުލު ތަކެކެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ވަށާ ހިނގާލަންދާ ދިވެއްސަކަށް ވެސް މިކަން ވަރަށް ސާފުކޮށް އިހުސާސުވާނެއެވެ. މި ގެއްލުންތަކުގައި ހަލާކުވެފައިވާ ރަށްތަކަށް ބަލާއިރު އުތެރެއް ދެކުނެއް ހުޅަނގެއް އިރެއް ނެތެވެ. މުޅިރާއްޖޭގައި އޭގެ މިސާލުތަކެވެ. ރާއްޖޭގެ އެކި އެކި ތަފާތު މާހައުލީ ނިޒާމުތަކަށް “ތަރައްގީ” ގެ ނަމުގައި ދެމުންދާ ގެއްލުންތަކަކީ ކަމާބެހޭ، އަދި ކަމުގައި ޝާމިލުވާ ދައުލަތުގެ މުއައްސަސާތަކުންވެސް މިނެކިރާ އަދަދުކުރަމުންދާ ގެއްލުންތަކެއް ނޫނެވެ. މީގެ އިތުރުން މި ގެއްލުންތަކަކީ އޭގެ ސަބަބުން ރަށާ ރައްޔިތުންނަށް ދިމާވާ ނޭދެވޭ އަސަރުތައް މައުނަވީ ގޮތެއްގައި ދެނެގަންނަން މަސައްކަތް ކުރާ ގެއްލުންތަކެއްވެސް ނޫނެވެ. މިސާލެއްގެ ގޮތުން ރާއްޖޭގެ މޫދުވިނަ މާހައުލީ ނިޒާމު ނުވަތަ މޫދުވިނަ ބަގީޗާ ތަކުގެ ހާލަތަށް ބަލާލާނަމެވެ. މިއީ ރާއްޖޭގައި ސަރުކާރުގެ އިޒުނަލިބިގެން އުސޫލެއްގެ ގޮތުން ރިސޯޓުތަކާ އެހެން ރަށްރަށުންވެސް ނައްތާލަމުން ގޮސްފައިވާ މާހައުލުތަކެކެވެ. މި ނިޒާމުތަކުގައިވާ މުއްސަނދި ދިރުންތަކާ، ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ވިލުންވެރިކަމަށް މި މާހައުލުތަކުގެ މުހިންމުކަން ދެނެގަނެވުނީ ދާދި އިހަށްދުވަހުއެވެ. އަދި މިކަން ހޯދާ ދެނެގަނެވުނީ ރާއްޖޭގެ ސަރުކާރުގެ މަސައްކަތަކުން ނޫނެވެ. މިކަން ކުރީ ރާއްޖޭގެ މާހައުލީ ނިޒާމުތަކުގެ އަގުވަޒަންކުރާ ބޭރުގެވިޔަފާރީގެ ރިސޯޓަކާ ބޭރުގެ މަދަނީ ޖަމާއަތަކާ ގުޅިގެން ކޮށްފައިވާ ފަންނީ މަސައްކަތްތަކެއްގެ ސަބަބުންނެވެ. މަދުންނަމަވެސް ދިވެހީން މިކަންކަމުގައި ޝާމިލުވާކަމީ ރާއްޖެއަށް ލިބޭ ކުރިއެރުމެކެވެ.

އަދުގެ ސަރުކާރުން “ތަރައްގީ” ގެ ނަމުގައި ކުރަން ފައިނަގާފައިވާ އައްޑުއަތޮޅުގެ “ތަރައްގީ” ގެ މަޝްރޫއަކީ މުޅި އައްޑުއަތޮޅުގެ ގުދުރަތީ މާހައުލީ ނިޒާމުތަކާ އޭގައިވާ ދިރުންތައް މީގެ ސަބަބުން ފަނާވުމުގެ ބިރުއޮތް ނުރައްކާތެރި މަޝްރޫއެކެވެ. މި މަޝްރޫއުގެ ތިމާވެށީގެ ހާލަތު ދެނެގަތުމަށް ކޮށްފައިވާ ދިރާސާއިންވެސް މިކަން ސާފުކޮށް ފެންނާން އެބައޮތެވެ. އަދި އޭގައިވާ މައުލޫމާތައް ބަލާނަމަ އިޔާދަނުކުރެވޭނެ ބޮޑެތި ގެއްލުންތައް މުޅި އައްޑުއަތޮޅަށް މި މަޝްރޫއުގެ ސަބަބުން ކުރާނެއެވެ. އައްޑުއަތޮޅުގައި އުޅެނީ ކިތައް ބާވަތުގެ ސީ. ފިނިފެންމާ ތަކެއްކަން ދިވެހި ސަރުކާރަށް އަދި އެނޫން ފަރާތަކަށްވެސް ވަޒަން ކުރަން ނޭނގޭނެކަން ޔަގީނެވެ. ގެއްލިނެތިދިއުމުގެ ބިރުއޮތް އެހެން ކަންކަމަށް ބަލާނަމަ އައްޑުއަތޮޅުގެ މޫދުވިނައިގެ މާހައުލީ ނިޒާމުތަކަށް އެކަނި ބަލާލިނަމަވެސް، އެތަންތަނަށް ވާނެ ބޮޑު ގެއްލުން އައްޑޫގެ އެ ދިރާސާއިން އަންދާޒާ ކުރެއެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކާ އައްޑުއަތޮޅުގެ 120 ހެކްޓަރުގެ މޫދުވިނަ ބަގީޗާގެ މައްޗަށް ވެލިއަޅާ، އޭގައިވާ ދިރުންތައް ދިރިތިއްބާ ވަޅުލާނެއެވެ. އައްޑޫގެ މޫދުވިނައިގެ މާހައުލީ ނިޒާމުގެ މާލީނަފާ އަންދާޒާ ކުރަނީ އަހަރަކު 6.4 މިލިއަން ޑޮލަރު ކަމަށެވެ. އަދި މުޅި މަޝްރޫއުގެ ސަބަބުން 21 ހެކްޓަރުގެ މުރަކަ ފަރުތަކަށް ދޭނެ ގެއްލުމުގެ އަގު އަންދާޒާ ކުރަނީ 343-858 މިލިއަން ޑޮލަރުގެ ގެއްލުމުގެ ގޮތުގައެވެ. މި ގެއްލުންތަކަކީ ގެއްލުން ދިނުމަށް ކުރާނެ ދައުލަތުގެ ދަރަނީގެ ހޭދައިގެ މައްޗަށް އިތުރުވާނެ އަދަދުތަކެވެ. މި މާލީ ގެއްލުމުގެ އިތުރުން އައްޑޫ ފަނާކުރުމުން ގެއްލި ނެތިދާނީ ކޮންފަދަ ގުދުރަތީ ޚަޒާނާއެއްކަން ސަރުކާރަށާ އައްޑޫގެ ރައްޔިތުންނަށްވެސް ވަޒަން ކުރެވިފައި ނެތުމަކީ ކަމުގެ ހަޤީގަތް އޮތްގޮތެވެ. ސަބަބަކީ ކަނޑުއަޑީގެ މުއްސަނދި އަދި އެމައްޗަށް ދިވެހީން ބަރޯސާވާ ނިއުމަތްތަކަކީ ރަށުގެ އަތިރިމަތީގައި ހުރެ ބަލާލުމަކުން މީހަކަށް ފެންނާން އޮންނަ އެއްޗަކަށް ނުވާތީއެވެ. އަދި ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ކިޔެވެއްޔަކުންވެސް ފަހުމްކުރެވޭ އެއްޗަކަށް ނުވާތީއެވެ. ނަތީޖާއަކީ ރާއްޖޭގެ ކަނޑުއަޑީގެ މާހައުލުތަކުގެ އަގު ދިވެހީންނަށް ވުރެބޮޑަށް ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ވަޒަން ކުރެވޭކަމެވެ. މިފަދަ ނިކަމެތި ހާލަތެއްގައި ރައްޔިތުންގެ މައުލޫމާތުގެ ފެންވަރު އޮތުމުން، މިފަދަ “ތަރައްޤީ” ގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ތިމާވެށްޓަށް “އެންމެ ކުޑަކޮށް ގެއްލުންދިނުމަކީ” ކުރެވޭނެ ކަމެއްކަމުގައި ދިވެހީންނަށް އޮޅުވާލެވިދާނެކަމީ ސަރުކާރުތަކުން ކުރެވިދާނެ ކަމެކެވެ. މިފަދަ އޮޅުވާލުންތައް މީގެ ކުރިންވެސް ރާއްޖޭގެ ރަށްރަށުގައި ހިންގާފައިވާކަން ފެންނާން އެބަހުއްޓެވެ. މިސާލުތައް ގިނައެވެ. ވިސްނާ ފިކުރު ހިންގާލުމުން އެ ގެއްލުންތައް ފެންނާނެއެވެ. ފަނާކޮށްފައިވާ އަދި އިހުމާލުން ފަނާވެ ހީނަރުވެފައިވާ ފަރުފަޅުތަކާ ކުޅި ފާ ޗަސްބިންތަކުގެ މާހައުލުތަކުގެ ލިސްޓު ދިގެވެ.

ވެށްޓަށް ދޭ ގެއްލުމުގެ ސަބަބުން މުޅި އައްޑު އަތޮޅުގެ މޫސުމީ ވިލުންވެރިކަން މި މަޝްރޫއު އިން ނަގާލާނެ ކަމާ ދޭތެރޭ ސުވާލު އުފެއްދޭކަށް ނެތެވެ. މިކަން މިގޮތަށް ކޮށްފިނަމަ އެކަން އެގޮތަށް ވާނެއެވެ. ދުނިޔޭގެ މޫސުމީ ކާރިސާ އާއި ގުޅިގެން ސައިންސުވެރިން ދޭ އިންޒާރުތަކާ އިލްތިމާސްތަކަކީ ރާއްޖެއިން އަޅާނުލާ، ބަލާނުލާ، ފޮޅާލެވޭނެ ވަރުގެ ފަންނީ މައުލޫމާތު ތަކެއްނޫނެވެ. ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ބަރޯސާވަނީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ގުދުރަތީ ދިރިއޮތް ދިފާއީ މާހައުލީ ނިޒާމުތަކުގެ މައްޗަށެވެ. އެ ނިޒާމު ތަކާ އޭގައިވާ ދިރުންތަކުގެ ދުޅަހެޔޮކަމާ މާހައުލީ ސިއްހީ ހާލަތުގެ ހަރުދަނާކަމުގެ މައްޗަށެވެ. މި ސާފު ހަޤީގަތުގެ އިތުރުން، އައްޑުއަތޮޅުގެ އެތެރެވަރިއަކީ ޚާއްސަ މުއްސަނދިކަމެއް ލިބިފައިވާ އާސާރީ ކަނޑުގެ މާހައުލީ ނިޒާމެކެވެ. ރާއްޖޭގެ ފަރުފަޅުތަކުގެ ނިޒާމަކީ ރާއްޖޭގެ އާސާރީ ތަރިކަ ކަން ދިވެހީންގެ ހިތްތަކާ ސިކުނޑީގައި ނެތުމަކީ މިފަދަ ތަންތަން ދާއިމަށް ފަނާވެދިއުމަށް ހުށަހެޅިގެންދާ އެންމެބޮޑު ގޮންޖެހުމެވެ. ރާއްޖޭގެ ގިނަ ރައްޔިތުންނަށް ރާއްޖޭގެ މާހައުލީ ނިޒާމުތަކާ، އެމީހުންގެ ދިރިއުޅުމާ ދިރިތިބުމަށް މި މާހައުލީ ނިޒާމުތަކުގެ މުހިންމުކަން އެނގި ފަހުމްވެފައި ނުވުމަކީ  އަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެބޮޑު ނުރައްކަލެވެ. އައްޑޫގެ ތިމާވެށްޓަށް “ކުޑަކޮށް” ގެއްލުންދީގެން މުޅިއަތޮޅުގެ މާހައުލީނިޒާމުތަކުގެ ހަމަ ގެއްލުވާލާ ވަރުގެ ކަންކަން ކުރެވޭނެ ވާހަކަތަކަކީ ހޮޅި ވާހަކަ ތަކެކެވެ. އެއީ އޮށްޓަރެއްހުރި ވާހަކަތަކެއް ނޫނެވެ. ދިވެހީންގެ ސަލާމަތާ ރައްކާތެރިކަން އަދާ މާދަމައަށް ދަމަހަށްޓަން ބޭނުންވާނަމަ މިކަން އަދު ދިވެހީން ދަންނަން ޖެހެއެވެ.

މި ލިޔުން ފުރަތަމަ ޝާއިއު ކޮށްފައިވަނީ 24 މާރިޗު 2022 ގައި ދައުރު ނޫހުގައި