ފަށަމުން ވެސް ކިޔަން މިޖެހެނީ އެންމެންވެސް ދަންނަ، ތާއަބަދު ކިޔަމުންދާ ވާހަކަތަކެކެވެ.
ދިވެހިރާއްޖެއަކީ ތިރި ޖަޒީރާ ގައުމެކެވެ.
ދިވެހިރާއްޖެއަކީ ނާޒުކު ތިމާވެށްޓެއް އޮންނަ ގުދުރަތީ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ގައުމެކެވެ.
ދިވެހިރާއްޖެ އަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ މޫސުމީ ބަދަލުތަކުގެ ބޮޑު ގޮންޖެހުންތަކުގެ އަސަރު ބޮޑުތަނުން ކުރާނެ ގައުމެކެވެ.
ދިވެހި ސަރުކާރުތަކުން ކެނޑިނޭޅި ދައްކަމުންދާ ވާހަކަތަކަކީ މިއީއެވެ.
2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހު ވަޑައިގަތީ އެމްޑީޕީ އިން ތައްޔާރުކޮށްފައި އޮތް މެނިފެސްޓޯ އެއް ހިއްޕަވައިގެންނެވެ. އޭގައިވާ ގޮތުގައި :
” ދިވެހިން ވަޒަންވެރިވެފައި ހުރީ ޖެހޭ ވަޔާއި ދޭ އަތްވާއި ކުރާ ވިއްސާރަ ދަނެގެންނެވެ. … އާބާދުވެފައިހުރީ އިރުވަރާއި ދިޔަވަރާއި ޖަހާ ރާޅަށް ފަރުވާތެރިވެގެންނެވެ. … ގުދުރަތުން މިރާއްޖެ ލައްވާފައިވާ ފުރިހަމަ ނިޒާމާއި އިދިކީލި ނުވާހެންނެވެ.”
އަދި އެމް.ޑީ.ޕީ ސަރުކާރެއްގައި ތިމާވެށީގެ ސިޔާސަތު ބައްޓަން ކުރާނެ ގޮތުގެ ވާހަކަ މި މެނިފެސްޓޯގައި އޮތެވެ.
އޭގައި ބުނާގޮތުގައި :
“ތިމާވެށި ދިރުވުމާއި ހިމާޔަތްކުރުމަކީ … ރާއްޖޭގެ އިގްތިސާދު ދުޅަހެޔޮ ގޮތުގައި ކުރިއަރުވާން ކޮންމެހެން ކުރާންޖެހޭ އިގްތިސާދީ އެންމެބޮޑު މަސައްކަތެވެ. އެއީ ކޮންމެ ރަށެއް ތަރައްގީކުރުމަށްޓަކައި އަބަދު ހިންގާންޖެހޭ އެންމެ ބޮޑު މަޝްރޫއެވެ. … އެމްޑީޕީގެ ނޫ އިގްތިސާދުގެ ސިޔާސަތަކީ، ގުދުރަތާއި އެއްކީއްޔަށް ތަރައްގީ ހިންގުމުގެ ސްޓްރެޓަޖީއެކެވެ. …
މި ސްޓްރެޓަޖީއަކީ ވަށައިޖެހޭ، މާހައުލުން ނެގޭ މައުދަން މަދުކޮށް، މިހާރު ނެގިފައިހުރި އެއްޗެއް ގިނައިން ބޭނުންކުރެވޭ އިގްތިސާދެކެވެ. ގަސްތައް ކަނޑައި، ކުޅިތައް ހިއްކައި، ފަނާކުރުވަނިވި “ތަރައްގީ” އާއި މުޅިން ދުރަށްގޮސް، އޮޔާ ވަޔާ އިދިކޮޅަށް ނުފަތައި، ކަނޑުތަކާއި ފަރުތަކާއި ދިޔަރެހާއި އުދަރެހާއި އެއްކުލައިން ފަރުމާކުރެވޭ ނޫ އިގްތިސާދެކެވެ.”
މި ވާހަކަތަކަކީ އަޑުއަހާލަން ހިއްގައިމު ވާހަކަތެއް ކަމާދޭތެރޭ ޝައްކެއް ނެތެވެ.
ނަމަވެސް މި ވާހަކަތަކަކީ ރައްޔިތަކަށް ގައުމެއް ހިންގުމަށް ބޭނުންކުރާނެ ސިޔާސަތުކަމަށް ވައުދުވެގެން އައިސް މިއާ ދިމާ އިދިކޮޅަށް ކަންކުރަމުން ދިއުމުން ސަރުކާރާދޭތެރޭ ހިތްބަރު ނުކުރެވި ނުދާނެފަދަ ވާހަކަ ތަކެކެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހު 7 ފެބްރުވަރީ 2019 ގައި ރައްޔިތުންގެ މަޖިލިހުގައި އިއްވި ރިޔާސީބަޔާނުގައި ވިދާޅުވެފައިވަނީ:
“މި ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުގެ އެންމެ މުހިންމު ބަޔަކީ، މި ޤައުމުގެ ނާޒުކު ތިމާވެށި. މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަ ދެމެހެއްޓުމަށްޓަކައި، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ރަށްރަށުގެ ޤުދުރަތީ ވެށި ހިމާޔަތްކުރުމުގެ މަސައްކަތް ޚާއްސަ އިސްކަމެއް ދީގެން މި ސަރުކާރުން ކުރާނެ. ދިވެހިރާއްޖެއަކީ މާކަނޑުގެ ރާއްޖެއަކަށްވީ ހިނދު، މި ޤައުމުގެ ދިރުން ގުޅިފައިވަނީ ކަނޑުތަކާއި، ފަރުތަކާއި، ހޭޅިފަށާއި، އެ ތަންތަނުގެ ދިރުމާ. ރަށްތަކުގެ ދިރުން ރައްކާތެރިކޮށް، އަންނާން އޮތް ޖީލުތަކަށް މި ރާއްޖެ ވާޞިލު ކޮށްދިނުމަކީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް”
މިހެންނެވެ.
ދެން އަހަންޖެހޭ ސުވާލަކީ މިގޮތަށް މިކަން ސަރުކާރުން ކުރޭ ހެއްޔެވެ؟
އެއްވެސް މަޑުޖެހުމެއްނެތި ސާފުކޮށް ދޭންކެރޭ ޖަވާބަކީ ނުކުރެއެވެ. ކުރާކަށް ނުވެސް އުޅެމެއެވެ.
ނުކުރާ ތާގައި ކަންކުރަމުންދަނީ މި ވާހަކަތަކާ ދިމާ އިދިކޮޅަށެވެ. މީގެ ބައެއް ހެކިތައް ތިރީގައި ތަފްސީލު ކޮށްލާނަމެވެ.
ރާއްޖޭގެ ސަރުކާރުން ތަންފީޒު ކުރާނެކަމަށް ބުނާ ތިމާވެށީގެ ސިޔާސަތާ، ތަންފީޒު ކުރަމުންދާ ތިމާވެށީގެ ސިޔާސަތަކީ ނުބައްދަލު ދެ އެއްޗެކެވެ. މެނިފެސްޓޯގައި ލިޔެވިފައިވާ އެއްޗަކާ، އަނގަބަހުން ޚިތާބު ތަކުގައި ބުނަމުންދާ އެއްޗަކާ، އަމަލީ ގޮތުން ކުރަމުންދާ ކަންކަމާ މުޅިން ނުބައްދަލެވެ. ސަރުކާރު ހިންގަން ތިބޭ ފަރާތްތަކުން ރައްޔިތުންނަށް ހަދަނީ ދޮގޭ ބުނުމަކީ ރީތި ގޮތެއްކަމުގައި ގިނަބަޔަކަށް ނުވެދާނެއެވެ. ނަމަވެސް ސަރުކާރަކުން ރައްޔިތަކަށް ސީދާ ދޮގު ހެދުމަކީ ރީތި ސިފައެއްކަމަށް ބެލެވޭނެ ޖާގައެއްވެސް ނެތެވެ.
ތިމާވެށީގެ ސިޔާސަތު ގުދުރަތާ އެއްކީލިކުރުމަށް މެނިފެސްޓޯ ގައި ވެފައިވާ ވައުދާ، ސަރުކާރާ ހަވާލުވެ ދައްކަމުންދާ ވާހަކަތަކާވެސް މުޅިން ޚިލާފަށް ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކަކީ ރާއްޖޭގެ ރަށްތައް އިޔާދަނުކުރެވޭނެ މިންވަރަށް ފަނާކުރުމުގެ ގެއްލުންބޮޑު މަޝްރޫއުތަކެވެ. މިސާލުތައް މިތާގައި ލިސްޓު ކުރާވަރަށްވުރެ މާ ގިނައެވެ. މިވަގުތު ހިންގަމުންދާ، ވެށްޓަށާ މާލީގޮތުން ގައުމަށް ގެއްލުންބޮޑު މަޝްރޫއުތަކަށް ބަލާއިރު ގުޅިފަޅު ހިއްކުމުގެ މަޝްރޫއަކީ އެއް މިސާލެވެ. އައްޑުއަތޮޅު ހިއްކަން އުޅޭ މަޝްރޫއަކީ ދެވަނަ މިސާލެވެ. މި ދެ މަޝްރޫއަކީވެސް ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނާ، އަދި ސަރުކާރުގެ ސިޔާސަތު ކަމުގައި ބުނާ ދެމެހެއްޓެނިވި ތަރައްގީ އާއި މުޅިން އިދިކީލި ދެ މަޝްރޫއެވެ. ގުޅިފަޅު ހިއްކާ މަޝްރޫއަށް ދިވެހިރައްޔިތުންގެ ނަމުގައި 120 މިލިއަން ޑޮަލަރުގެ ދަރަނި ހަމައެކަނި ތަން ހިއްކަން ހޭދަކުރާނެކަމަށް މިނިސްޓަރ ފޮ ނެޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ މުހަންމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެފައިވެއެވެ. މި މަޝްރޫއަކީ ވެލީގެ ހޭދައިގެ ގޮތުން ބަލާނަމަ މިފަދަ ބިމެއް ހިއްކަން ބޭނުންވާ ވަރަށްވުރެ 3 ގުނަ އިތުރަށް ހޭދަކުރާނެ، އިޔާދަނުކުރެވޭނެ އަގުބޮޑު މައުދަނެއް ކަމުގައިވާ ގުދުރަތީގޮތުން އުފެދޭ ދިވެހިފަރުތަކުގެ މުރަކަވެލީގެ ބޮޑު އިސްރާފެކެވެ. މި ބޮޑު އިސްރާފު ކުރާއިރު ތިމާވެށްޓަށް ދޭނެ ގެއްލުންތަކަކީ ފައިސާއިން އަގުކުރެވޭނެ އެއްޗެއްނޫނެވެ. އެނބޫދޫ ފަޅާ ހުޅުމާލޭގެ އިތުރުން ރިސޯޓުހަދަން ހިންގާފައިވާ ވެށްޓަށް ގެއްލުން ބޮޑު ފަޅުފަރު ހިއްކުމުގެ މަޝްރޫއުތައް މިހާރުވެސް ހައްދުން ނައްޓާފައިވާ މާލެއަތޮޅަށް ކޮށްފައިވާ ނޭދެވޭ އަސަރަކީ ދައުލަތުން ދިރާސާކޮށް ދެނެގަންނަން މަސައްކަތްކުރާ ގެއްލުންތަކެއް ނޫނެވެ. ކަންމިހެން އޮތުމުން، އަހުރެން ދެކޭގޮތުގައި ގުޅިފަޅު ހިއްކުމަށް މާލޭގެ ސަރަހައްދުގެ ގާތްގަނޑަކަށް 14 އަކަ ކިލޯމީޓަރު ކޮނެގެން ކުރާ 24.5 މިލިއަން ކޮޑިމީޓަރުގެ ވެލީގެހޭދައާއި ގެއްލުމަކީ އާޚިރުގައި ގްރޭޓަރ މާލޭގެ ރަށްވެހިންގެ ފުރާނައިން އަގުކުރަންޖެހޭނެ ގެއްލުން ތަކެކެވެ.
އައްޑުއަތޮޅުގެ މުޅި އެތެރެވަރި ކޮނެގެން އެ ވެށީގެ %42 ގެ ސަރަހައްދެއް ގަޑުބަޑުކޮށް އެތައް ދިރުންތަކަކާއި، ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ އެ ދިރުންތަކާ، ދިރިއުޅޭ މާހައުލީ ނިޒާމުތައް ދާއިމަށް ފަނާކޮށްގެން ސަރުކާރުން ހިންގަންއުޅޭ މަޝްރޫއަކީ އެ އަތޮޅަށް މިއަދު އަރައިގެން އުޅޭ މޫސުމީ އުދައިގެ ގެއްލުންތަކަށް ބަލާލީމާވެސް ކުރަންހެޔޮވާނެ ވަރުގެ ކަމެއްނޫންކަން ސާފުވެއެވެ. އައްޑޫ ހިއްކުމުގެ މަޝްރޫއު އިން އިޔާދަނުކުރެވޭނެ މިންވަރަށް ފަނާވެދާނީ އައްޑުއަތޮޅުގެ އިގްތިސާދު އަދުވެސް އަދި މާދަމާވެސް އޭގެ މައްޗަށް ބަރޯސާވާންޖެހޭ ދިރިއޮތް ތިމާވެށިކަން ޔަގީނެވެ. މި ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ ތިމާވެށީގެ ގޯސްތަކާ ޖަރީމާތަކަށް ބަލާލާއިރު، ހޯރަފުށި އެއާޕޯޓަކީ ހޯރަފުށީގެ ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ “ތަރައްގީ” ގެ މަޝްރޫއެކެވެ. ކޮށްފާނެ ފައިދާއަކަށްވުރެ ދެވިފައިވާ ގެއްލުމުން އަރައިގަނެވެންނެތް ގޯހެއްކަން މާލީގޮތުންވެސް ހާމަވާންއޮތް ނަމޫނާ މިސާލެކެވެ. ކުޅުދުއްފުށި އެއާޕޯޓަކީވެސް އެފަދަ މިސާލެކެވެ. އެ “ތަރައްގީ” އައުމަށްފަހު މޫސުމީގޮތުން ރަށުގައި ފެންބޮޑުވުމުގެ ކާރިސާތައް ބޮޑުވެ، އޭގެސަބަބުން ރަށުގެ ރައްޔިތުންނަށް ލިބޭ ގެއްލުން އިތުރުވެފައިވެއެވެ. މިހާރުއޮތީ އެޅި އެއާޕޯޓުގެ ގޮނޑުދޮށް އެތައް މިލިއަންރުފިޔާއެއް ޚަރަދުކޮށްގެން ހިމާޔަތްކުރަންޖެހިފައެވެ. ގދ އަތޮޅު މަޑަވެލި – ހޯޑެއްދޫ ކޯޒްވޭ ގެ މިސާލަކީވެސް ތަރައްގީގެ ސަބަބުން ލިބޭ ގެއްލުމުގެ ނަމޫނާ މިސާލެކެވެ. އެއީ ތަރައްޤީގެ މަޝްރޫއުގެ ސަބަބުން ރަށަށް ލިބެމުންދިޔަ ގެއްލުން ބަލަންތިބުމަށް ރަށު ރައްޔިތުންނަށް ދަތިވެ، އެންމެފަހުން އެމީހުންގެ އަމިއްލައަތުން އެ ތަރައްޤީ ފުހެލަން މަސައްކަތްކުރަން ޖެހުނު ހާލަތެކެވެ. މިހާރު އެ ތަރައްޤީ އޮތީ އަނެއްކާވެސް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށް އިތުރަށް “އަޕްގްރޭޑް” ކުރަންޖެހިފައެވެ. ނަމަވެސް ފެންނާންއޮތް މިފަދަ އެތައް މިސާލަކަށް ނަޒަރުކުރުމެއްނެތި، މި ގޯސްތަކުގެ ހިތި ނަތީޖާ ތަކަށް ބެލުމެއްވެސް އަދި އޭގެ ނޭދެވޭ އަސަރުތައް ވަޒަންކުރުމެއްވެސް ނެތި، ރާއްޖެއަށާއި ރައްޔިތުންނަށް ގެއްލުން ބޮޑު މަޝްރޫއުތައް ހިންގަން ސަރުކާރުން އެހާބޮޑު ޝައުގުވެރިކަމެއް އޮންނަނީ ކީއްވެތޯ ސުވާލުކުރަންޖެހެއެވެ.
ދިވެހި ރައްޔިތުންނަށް އޭގެ ސަބަބުން ފައިދާނުވާތާގައި ގެއްލުންވާނެ ގޮތަށް، ދުނިޔޭގެ ބޮޑުވިޔަފާރީގެ ކުންފުނިތަކަށް ދޫކޮށްލައިގެން ހިންގާ ބިޔަ ބޮޑު މަޝްރޫއުތަކަކީ ތިމާވެށީގެ ނަޒަރުން ބަލާނަމަ ބޮޑެތި ޖަރީމާތަކެވެ. މިއީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން މި ވިޔަފާރިތަކާ އަދި މި ވިޔަފާރިތައް ހިންގާ ގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން އެ ގައުމުތަކުގެ ވިޔަފާރި އާލާކުރަން ކުރެވޭ ކަންތައް ކަމުގައިބެލެވެއެވެ. މިއީ ދިވެހިރާއްޖެފަދަ ދައުލަތް ހިންގުމުގައި ބޮޑެތި ގޮންޖެހުންތައް ހުންނަ ގައުމުތަކަށް އަަލަށް ދިމާވާ ކަމެއްނޫނެވެ. މިއީ ސަރުކާރުގެ ސިޔާސަތާ ގާނޫނު ތަންފީޒުކުރުމުގެ އަދި މުއައްސަސާތަކަށް ޒިންމާވާންޖެހޭ ފަރާތްތަށް ޖަވާބުދާރި ކުރުމަށް ނުކުޅެދޭ، ގައުމުހިންގުމާ ގެންގުޅޭ ސިޔާސަތާ ހިންގާ އަމަލުތަކުގެ ބަލިކަށިކަމާ ފަގީރުކަމުގެ ނާޖާއިޒު ފައިދާ ލިބެންއޮންނާތީ ރާއްޖެފަދަ ގައުމުތަކަށް އަންނަ ބޭރުގެ ކޮންޓްރެކްޓަރުންނެވެ. އެމީހުންގެ މަސައްކަތަކީ ރާއްޖޭގެ ދަރަނީގައި ވިޔަފާރިކޮށް ފައިދާހޯދުމެވެ. އެ ދަރަނި ލިބެން އޮންނަނީ މި ވިޔަފާރިތައް ހިންގަމުން އަންނަ ގައުމުތަކުގެ ބޭންކުތަކުގެ އެހީތެރިކަމުގައެވެ. މިފަދަ ކޮންޓްރެކްޓު ތަކުގެ މުހިންމު ކަމުން، ކޮންޓްރެކްޓަރުގެ “ސީއެސްއާރު” ގެ ދަށުންވެސް މަޝްރޫއަށް ބޭނުންވާ ބައެއް މަސައްކަތް ކުރާތަން ފެނެއެވެ. އޭގެ އެއް މިސާލަކީ ގުޅިފަޅު ހިއްކަން މުރަކަ އެހެންތާކަށް ގެންދިއުމަށް ބޮސްކާލިސްއިން “ސީއެސްއާރު” ހޭދަކުރިކަމެެވެ. މިއީ ހައިރާންވާފަދަ ކަމެކެވެ. ދިވެހިދައުލަތުގެ ދަރަނިހޭދަކުރާ މަޝްރޫއަކަށް ކޮންޓްރެކްޓަރުނަގާ ފައިދާއިން ދޭންއޮންނާނީ ކޮން “ސީއެސްއާރެއް” ތޯއެވެ؟ ދެން ފާހަގަކުރެވޭ އަނެއްކަމަކީ ދިވެހިދައުލަތުން ހޭދަކޮށްގެން ހިންގާ ވެލީގެ ސާވޭގެ ނަތީޖާ ދިވެހިދައުލަތައް ލިބެންނޯންނަ ކަމުގެ އަރަތެވެ. މިއީ ރާއްޖޭގެ މަޝްރޫއަކަށް ބޭނުންވާ ރާއްޖެއާބެހޭ މައުލޫމާތެއް ސަރުކާރުން ހޭދަކޮށްގެން ދިރާސާކުރުމުން ކޮންޓްރެކްޓަރުގެ މިލްކިއްޔާތަކަށްވާ އަރަތެކެވެ.
ބިން ހިއްކުމުގެ ގިނަ މަޝްރޫއު ތަކެއް ރާއްޖޭގައި ހިންގާފައިވަނީ ނެދަލެންޑްސް ގެ އައި.އެން.ޖީ ބޭންކުން ހޯދާ ލޯނު ބޭނުންކޮށްގެންނެވެ. ބިން ހިއްކަން އަންނަނީ ނެދަލެންޑްސްގެ ކޮންނަބޯޓު ކުންފުނިތަކެވެ. ގުޅިފަޅު މަޝްރޫއުއަށް 16 ޖޫން 2022 ގައި ދިވެހި ސަރުކާރުން 101 މިލިއަން ޔޫރޯގެ ލޯނު ހޯދީ ޔޫރަޕުގެ 3 ބޭންކަކުންނެވެ. އޭގެ ތެރޭގައި އައި.އެން.ޖީ ބޭންކު ހިމެނެއެވެ. ގުޅިފަޅު ހިއްކުމަށް ކޮންޓްރެކްޓު ކޮށްފައިވަނީ ނެދަލެންޑްސް ގެ ބޮސްކާލިސް ކުންފުންޏާއެވެ. އައްޑޫ ހިއްކުމުގެ މަޝްރޫއުއަށް ބޭނުންވާ 1.3 ބިލިއަން ރުފިޔާގެ ލޯނު ހޯދާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އެ މަޝްރޫއުގެ ބިން ހިއްކަން ކޮންޓްރެކްޓު ކޮށްފައިވަނީ އިންޑިއާގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ނެދަލެންޑްސް ގެ ވެން އޫރުދު ކުންފުނިންނެވެ. މި ބޮޑެތި މަޝްރޫއުތަކަކީ ގޮތްނޭނގޭ ގޮތްގޮތަށް ކޮންޓްރެކްޓު ކުރެވިގެން އެއްބައެއްެ ހިންގާ މަޝްރޫއު ތަކެކޭ ބުނެވޭނެ ޖާގަވެސް އޮވެއެވެ. ގުޅިފަޅު ކޮންޓްރެކްޓް 2019 ގައި ދީފައިވަނީ ބިޑަކާނުލާ ކަމަށްބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރާޚަބަރެއް އިވިގެންދިޔައެވެ. ނަމަވެސް އެއީ ކުރިއަށްދާ ތަހުގީގެއްކަމަށް އެއަށްފަހު ފެންނާކަށް ނެތެވެ. ސަރުކާރުގެ މަޝްރޫއުތަކުގައި ކަންހިނގާ ގޮތް ރައްޔިތުންނަށް ސާފުވުމަށްވުރެ ނުވުން އޮންނަނީ ގާތުގައެވެ. މި މަޝްރޫއުތަކުން ޔަގީންވާ ކަމަކީ ރައީސް ސާލިހުގެ އިލެކްޝަން މެނިފެސްޓޯގައި އޮތް “އޮޔާ ވަޔާ އިދިކޮޅަށް ނުފަތައި، ކަނޑުތަކާއި ފަރުތަކާއި ދިޔަރެހާއި އުދަރެހާއި އެއްކުލައިން ފަރުމާކުރެވޭ ނޫ އިގްތިސާދެއް” ސަރުކާރުން ތަންފީޒުކުރާކަށް ނޫޅޭކަމެވެ. ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން “ރަށްތަކުގެ ދިރުން ރައްކާތެރިކޮށް، އަންނާން އޮތް ޖީލުތަކަށް މި ރާއްޖެ ވާޞިލު ކޮށްދޭ” ކަށް ސަރުކާރުން މަސައްކަތެއް ނުކުރެއެވެ.
ރާއްޖޭގައި ފަގީރީ ހަމައެކަނީ ތިމާވެށީގެ ސިޔާސަތެއް ނޫނެވެ. ރާއްޖޭގައި ފަގީރީ ދައުލަތް ހިންގުމުގެ ވަށްޓަފާޅިއާ ތަރައްގީގެ ވިސްނުން ގެންގުޅޭ ގޮތެވެ. ރާއްޖެ ތަރައްގީ ކުރުމުގެ ނަމުގައި ދެކެވޭ ވާހަކަތަކާ ކަންނިންމަން ތިބޭ ފަރާތްތަކުން އަމަލުކުރާގޮތާ އަދި އޭގެ ސަބަބުން އާޚިރުގައި ފެނިގެންދާ ގެއްލުންބޮޑު ނަތީޖާތަކަކީވެސް ރާއްޖެ ފަގީރުކުރުވާ ކަަންކަމެވެ. ސިޔާސީ ބޭނުންތައް ފުއްދުމަށް ރައްޔިތުންނަށް ކުރާ ވައުދުތަކާ ހަދަމުންދާ ދޮގުތަކުގެ ފަގީރުކަމަކީ ވެސް ރާއްޖޭގެ ރައްޔިތުންގެ ހާލަތު ހީނަރުވެގެންދާ ކަމެކެވެ. ދައުލަތް ހިންގުމުގެ ދޯދިޔާކަމުގެ ނާޖާއިޒު ފައިދާ ނެގުމަށް ބޭރުގެފަރާތްތަކަށް ފަހިވެފައިވާ ހާލަތަކީވެސް ފަގީރުކަމެކެވެ. މި އެންމެހާ ނޭދެވޭ ފަގީރުކަމާ ބަލިކަށިކަން އެއްވެގެން ނިކުންނަ ނޭދެވޭ ނަތީޖާތަކާއި އޭގެ ބުރަ އުފުލަން ރާއްޖޭގެ ރައްޔިތުންނަށް ވަނީ ޖެހިފައެވެ. ވެށިފަނާކުރުމުން އަރާއުދައިން ލިބޭ ގެއްލުމުގެ ބުރައެވެ. އިޔާދަނުކުރެވޭނެ މިންވަރަށް ވެށި ފަނާކޮށް ދައުލަތް ދަރަނިވެރިކުރުމުގެ ބުރައެވެ. ހިއްކާ ބިންތައް ގިރުމާ، ހިންގާ މަޝްރޫއުތައް ތާއަބަދު އަލުން މަރާމާތު ކުރަންޖެހުމުގެ ބުރައެވެ. ހިއްކާބިންތައް ހަނަފަސްކޮށް އޮވެ ރައްޔިތުންނަށް މަންފާނުވުމުގެ ބުރައެވެ. ވެށި ފަނާކުރުމުގެ ސަބަބުން ވެށިންލިބޭ އިގްތިސާދީ އަދި އިޖްތިމާއީ ނަފާއިން މަހުރޫމް ވުމުގެ ބުރައެވެ. އަންނާން އޮތް ޖީލުތަކަށް ރާއްޖެ ވާސިލުކޮށްދިނުމުގެ ޒިންމާ ނެގުމަށް ސަރުކާރަށް ނުކުޅެދުމުގެ ބުރައެވެ. ދިވެހިންނަށް ރާއްޖޭގައި އުޅެން ދަތިވުމުގެ ހިތާމަވެރި ބުރައެވެ.
މި ލިޔުން ފުރަތަމަ ޝާއިއު ކޮށްފައިވަނީ 4 ޖުލައި 2022 ގައި ދައުރު ނޫހުގައި

