10 ޑިސެމްބަރ 2022 : އިންސާނީ ހައްގު ތަކުގެ ދުވަހު ނުދައްކާނެ ވާހަކަ

ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށްޓަކާ ވަނީ 2008 ގެ ގާނޫނު އަސާސީގެ 7 ވަނަ ބާބުގެ 189 ވަނަ މާއްދާގެ ދަށުން އެކަމަށް ޚާއްސަ “މުސްތަގިއްލު މުއައްސަސާ” އެއް އުފައްދާފައެވެ. އެއީ ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނެވެ. މި މުއައްސަސާއަކީ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ ކުރިން ތަން ހިންގުމަށް ޙާއްސަ ގާނޫނެއް ކަމުގައިވާ “ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު” (2006/6) އުފައްދާ، ގިނަ މުވައްޒަފުންތަކެއް މުއައްސަސާގެ މަސައްކަތްތައް ކުރުމަށް އައްޔަންކޮށް، ގާނޫނުން މަތިކުރާ މަސްއޫލިއްޔަތާ ޒިންމާތަކެއް ހަވާލު ކުރެވިފައިވާ ތަނެކެވެ. ހިއުމަން ރައިޓްސް ކޮމިޝަނަން 2021 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ރ28 މިލިއަން ހޭދަކޮށްފައިވެއެވެ. އަދި މި ބަޖެޓުން އެ މުއައްސަސާގެ 71 މުވައްޒަފުންގެ މުސާރައަށް ރ18 މިލިއަން ޚަރަދުކޮށްފައިވާއިރު، އޮފީސް ހިންގުމުގެ ޚިދުމަތުގެ ޚަރަދަށް ރ5 މިލިއަން، ތަންމަރާމާތުކޮށް ބެލެހެއްޓުމަށް ރ1.7 މިލިއަން، ތަނަށް ފަރުނީޗަރާ ތަކެތި ހޯދުމަށް ރ1.9 މިލިއަން ޚަރަދުކޮށްފައި ވެއެވެ. އެ ކޮމިޝަނުގެ 2021 ވަނަ އަހަރީ ރިޕޯޓުގައި ހާމަކޮށްފައިވާ މި ހުރިހާ އަދަދުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އަދަދެއް އެބައޮތެވެ. އެއީ ތަނުގެ މުވައްޒަފުން ތަމްރީނު ކުރުމަށް ހޭދަކުރިކަމަށް އޮތް އަދަދެވެ. މިކަމަށް މި ދިޔައަހަރު ޚަރަދުކޮށްފައިވަނީ ރ4،048 އެވެ. މި އަދަދަކީ އަހަރު ނިމިގެން ޚަރަދުނުވެ ބާކީއޮތް ރ13 ހާހުގެ ވެސް ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެ. މިއިން ދޭހަވާ ފުން މާނައެއް ވާކަމަށް ބެލެެވެއެވެ. މުއައްސަސާ އަކީ 71 މުވައްޒަފުންގެ މަސައްކަތް ބޭނުންކުރަމުންދާ ތާކަށްވާއިރު، އޭގެ ތެރެއިން އެކަށީގެންވާ ތަމްރީނު ލިބެނީ ކިތައް ފަރާތަށްތޯ ސުވާލު ކުރަންޖެހެއެވެ. މީގެ އަސަރު ކޮމިޝަނުގެ މަސައްކަތަށް ނުކޮށް އޮތުމަކީ ނުވާނެކަމެކެވެެ. ކޮމިޝަނުގެ މަސައްކަތްތައް ނިންމާފައިވާ މިންވަރަށް ބަލާއިރު 2021 ވަނަ އަހަރު ޖުމްލަ 672 ޝަކުވާ ކޮމިޝަނަށް ހުށަހަޅާފައިވާއިރު، އަހަރު ނިމިގެން ދިޔައިރު ނިމިފައިވަނީ ހިނގާދިޔަ އަހަރުތަކުގެ މައްސަލަތައް ހިމެނޭ ގޮތަށް 347 މައްސަލަކަމަށް ކޮމިޝަނުގެ އަހަރީ ރިޕޯޓުން ހާމަވެއެވެ. މި ތަފާސްހިސާބުން މުޅިން ސާފު ނުވަނީ 2021 ވަނަ އަހަރު ހުށަހެޅުނު 672 މައްސަލައިގެ ތެރެއިން އަހަރު ނިމުނުއިރު ކޮމިޝަނަށް ބަލާ ނިންމުނީ ކިތައް މައްސަލަކަމެވެ. ކޮމިޝަނުގެ ހޭދަތަކަށް ނަޒަރުކުރާއިރު ކޮމިޝަނަށް ކުރާ ޚަރަދުތަކާ، ކުރެވޭ މަސައްކަތް ނިންމުމުގައި ހުރި ފަރަގާ ކޮމިޝަނުން މުވައްޒަފުން ތައްޔާރުކުރުމަށް ދޭ އަހަންމިއްޔަތާ މަތީގައި ވާ މައުލޫމާތުން ކިއުންތެރިޔާއަށް ސާފުވާނެ ކަމަށް ގަބޫލުކުރަމެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ 2 ވަނަ ބާބުގައި ކަނޑައަޅާފައިވާ އިންސާނީ ހައްގުތަށް ރާއްޖޭގައި ކުރިއަރުވާ، ދަމަހައްޓާ، ކަށަވަރުކުރުމަށްޓަކައި އެ ހައްގުތަކަށް ވަކާލާތުކުރުމަށް ދައުލަތުގެ މާލިއްޔާއިން ހޭދަކޮށް ހިންގަމުންދާ ކޮމިޝަނުގެ ރާޑަރުން އުސޫލެއްގެ ގޮތުން ކައްސާލައިފާވާ އަސާސީ ހައްގުތަކެއް އޮންނަކަމަށް ފާހަގަކުރެވެއެވެ. އެއީ ގާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ދައުލަތުގެ “އަސާސީ ވާޖިބެއް” ކަމަށްބުނާ މިހާރުގެ ޖީލަށާ އަންނާންއޮތް ޖީލުތަކަށް ފޯރުކުރުމަށްޓަކާ ރާއްޖޭގެ ނާޒުކު ތިމާވެށްޓާ ދިރޭތަކެތީގެ ނަސްލުތަށް ހިމާޔަތްކުރުމާ، މިއާ ލާމެހިފައިވާ 23 ވަނަ މާއްދާގައި ބުނާ “އިގްތިސާދީ އަދި އިޖްތިމާއީ ހައްގު” ތަކާއި، އެ މާއްދާގެ (ރ) ގައި ކަށަވަރުކުރުމަށް ބުނާ “ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް” ލިބުމުގެ ހައްގުތަކެވެ. ރާއްޖޭގެ އިންސާނީ ހައްގު ތަކުގެ ހާލަތު ދެނެގަތުމަށް ކޮމިޝަނުން ސިލްސިލާކޮށް ހަދަމުންދާ ދިރާސާ ކަމުގައިވާ “ދަ ރައިޓްސް ސައިޑް އޮފް ލައިފް” (ނުވަތަ ‘ހަޔާތުގެ ހައްގުތަކުގެ ފަޅި’) ރިޕޯޓުގައިވެސް މިހާތަނަށް މި ހައްގުތަކުގެ ވާހަކަ އޮންނަނީ އިންތިހާއަށް ފަނޑުވެފައި ނުވަތަ މުޅިން އުނިވެފަައެވެ. ނަމަވެސް އަދު ދިވެހިރާއްޖެ ދެމިއޮތުމަށާ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާ، ރައްކާތެރިކަމާ، މި ރާއްޖޭގައި ދިވެހިން ދެމި ތިބުމާ އަދި ދިރިއުޅުމެއް ދެމެހެއްޓުމަށް އެންމެ ބޮޑު ނުރައްކަލެއް ދިމާވެފައިވާ އަސާސީ ހައްގުތަކަކީ ވެށީގެ ދުޅަހެއުކަމާ ރައްކާތެރި ކަމުގެ ހައްގުތަކެވެ. މި ހައްގު ތަކަކީ 30 އަހަރުގެ ދިގު ތާރީޙެއް އޮތް، ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް އެކި ސަރުކާރު ތަކުން ބައިނަލްއަގުވާމީ މަޝްރަހުގައި ކުރަމުންދާ އާދޭސްތަކާ ގުޅިފައިވާ ހައްގުތަކެކެވެ. މި ހައްގުތަކަކީ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހު ވެސް ރާއްޖޭގެ ވެށްޓަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތެއްގެ ބަހުރުވަ 7 ފެބްރުވަރީ 2019 ގެ ރިޔާސީ ބަޔާނުގައި ހިމަނާ، ރައްޔިތުންގެ މަޖިލިހުގައި ހުންނަވާ ރައްޔިތުންނަށާއި ރައްޔިތުންގެ މަންދޫބުންނަށް ހިއްސާކުރެއްވި ވާހަކަތަކާ ގުޅިފައިވާ ހައްގުތަކެކެވެ. މި ސަރުކާރުން “ޚާއްސަ އިސްކަމެއް” ދޭނޭ ކަމަށް ވިދާޅުވާ ވާހަކަތަކަކާ ގުޅިފައިވާ ހައްގުތަކެކެވެ. އަދި އެދުވަހު އެ މަނިކުފާނު ރާއްޖޭގެ ރައްޔިތުންގާތު ވިދާޅުވެފައިވަނީ،

“މި ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުގެ އެންމެ މުހިންމު ބަޔަކީ، މި ޤައުމުގެ ނާޒުކު ތިމާވެށި. މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަ ދެމެހެއްޓުމަށްޓަކައި، ތިމާވެށި ޙިމާޔަތް ކުރުމުގެ ގޮތުން ރަށްރަށުގެ ޤުދުރަތީ ވެށި ޙިމާޔަތް ކުރުމުގެ މަސައްކަތް ޚާއްސަ އިސްކަމެއްދީގެން މި ސަރުކާރުން ކުރާނެ” ކަމަށެވެ.

ނަމަވެސް މިއީ މި ސަރުކާރުން އަދި ކިއެއްތަ، މިހާތަނަށް އެއްވެސް ސަރުކާރަކުން ކުރަމުން ނުދާކަމެއްކަމީ އެންމެންނަށް ފެންނާން އޮތް ޙަގީގަތްތަކެކެވެ. ގުދުރަތީ ސާފު ވެށްޓަކާ “ޖަޒީރާ ވަންތަ” ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ރާއްޖޭގެ އެކި ރަށްތަކުން ދަނީ ދާއިމަށް ނަގާލަމުންނެވެ. އޭގެ ދެވަނައެއްނެތް، އަރާހުރި ނަމޫނާ މިސާލަކީ ކ. މާލެ އެވެ. ރާއްޖޭގެ މީހުންދިރިއުޅޭ ގިނަރަށްތަކުގެ ފަސްގަނޑުންނާ، ހޭޅިފަށުންނާ، އަތިރިމަތިންނާ، ފަރުފަޅުތަކުން އޮތީ ހާމަކަން ބޮޑުކޮށް މި މަންޒަރު ރައްޔިތުންނަށް ފެންނާށެވެ. ރަށްރަށުގެ އެންމެނަށް ފެންނާންއޮތް މަލަމައްޗާ، މަދުބަޔަކަށް ނޫނީ ފެންނާންނެތް ކަނޑުއަޑީގެ ގުދުރަތީ މާހައުލީނިޒާމުތަކާ އެ ނިޒާމުތައް ދެމިއޮތުމުގެ އަސާސްކަމުގައިވާ ތަފާތު އަދި ގިނަގުނަ ދިރުންތަކުގެ ޚަޒާނާ ދަނީ މަދުބައެއްގެ ވަގުތީމަންފާގެ ބޭނުމުގައި ބެލުމެއްނެތި ދާއިމަށް މަރަމުންނެވެ. ރައްކާތެރި، ސާފުތާހިރު އަދި ގުދުރަތީ ފުރިހަމަކަމާ މުއްސަނދިކަން އޮތް ވެށްޓެއް ރާއްޖޭގެ ރަށެއްގައި އޮތުމަށް ހުރި ގޮންޖެހުންތައް ގާތުން ފެންނާނީ މިކަންކަން ލޮލުންބަލާ ކެނޑިނޭޅި ދެމުންދާ ބޮޑެތިގެއްލުންތަކާ ބެހޭގޮތުން ވިސްނާ ފިކުރުހިންގާ ރައްޔިތުންނަށެވެ. އޭގެ ނޭދެވޭ އަސަރުތައް ތަހައްމަލު ކުރަމުންދަނީވެސް ހަމަ ރައްޔިތުންނެވެ. މި ނޭދެވޭ އަސަރުތަކަކީ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ދިރާސާކޮށް، މި އިޔާދަނުކުރެވޭނެ ގެއްލުންތަކުގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގުތައް ހީނަރުވާ މިންވަރު ބަލާ މިނެކިރާ އެއްޗެއް ނޫނެވެ. ގާނޫނީ ގޮތުން ރައްޔިތުންނަށް ލިބިދީފައިވާ މި ހައްގުތައް ބީވެގެން ދާތަން ދެކެން ތިބެނީ ރައްޔިތުންނެވެ. އެމީހުންގެ ކުރިމަތީގައި ދާއިމަށް ފަނާކުރަމުންދާ މާހައުލީ ނިޒާމުތައް ނެތިދިއުމުން ވަލުންނާ ފަރުފަޅުން ލިބޭ ނަފާ ނެތިގެންދިއުމުގެ ތަކުލީފު ތަހައްމަލު ކުރަނީ ދިރިއުޅުމުގެ މި އަސާސީ ވަސީލަތްތަކަށް ބަރޯސާވާ ރައްޔިތުންނެވެ.
އެ ރައްޔިތުންނަކީ ސަރުކާރުގެ ފިނިކޮޓަރިތަކުން ނަފާލިބޭ ބައެއްނޫނެވެ.

އެމީހުންނަކީ ހދ. ކުޅުދުއްފުށީގެ ކުޅިން އެތައް ޖީލުތަކަކަށް ލިބެމުންދިޔަ ނަފާއިން މަހުރޫމު ކޮށްފައިވާ 400 އެތައް އާއިލާގެ މީހުންނެވެ. އެ މީހުންނަކީ ދ. ބަނޑިދޫ އާއި ދިގުލިސްޓަކަށް އަރާ އެތައްރަށަކުން އުފުރައިގެން މަހުޖަނުންގެ ރިސޯޓުތައް ފެހިކުރަން ރަށުން ބޭރުކުރަމުންދާ، އާންމުރައްޔިތުންގެ ރުއްގަހުގެ ވަސީލަތުން ފަންގިވިނދެގެންނާ ކާށިހޮވައިގެން އާމުދަނީ ހޯދަމުން ދިޔަ އާއިލާތަކެވެ. އެމީހުންނަކީ ގަދަމީހުން ރަށަށްއަރާ އެމީހުންގެ އާމުދަނީގެ ވަސީލަތްތަށް ރަށުންބޭރުކޮށް، ރަށް ހީނަރުކުރާ ފަރާތްތަކުންހިންގާ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލެންނެތް ނިކަމެތިންނެވެ. އެމީހުންނަކީ ފަޅުހިއްކުމުގެ ސަބަބުން ފަރުން ލިބެމުންދިޔަ ފަރުމަސްކޮޅު ނުލިބިގެން ހިތާމަކުރާ އާދައިގެ މީހުންނެވެ. އެމީހުންނަކީ ކުޑަ ފައިސާކޮޅަކަށް ރައްޔިތުންގެ ހައްގުތައް ވިޔަފާރިވެރިންގެ މަންފާއަށް ދޫކޮށްލާ ސަރުކާރަކުން ޖެހިގެން އޮތް ރަށާ، އެރަށުން ލިބޭ ކާބޯތަކެއްޗާ އާމުދަނީ ހޯދުމުގެ ވަސީލަތްތަކުން މަހުރޫމުކޮށްފައިވާ ރައްޔިތުންނެވެ. ރާއްޖޭގެ ވެށިން ނަފާހޯދައިގެން ކައިބޮއެ އަދި އާމުދަނީ ހޯދާމީހުންނަކީ ބޮޑުސަރުކާރާ ނުފޫޒުގަދަ ސިޔާސީ ވިޔަފާރިވެރިންގެ ވަކިތަކުގެ ސަބަބުން ވެށީގެ ޚަޒާނާއިން މަހުރޫމު ކޮށްފައިވާ ރައްޔިތުންނެވެ. އެމީހުންގެ ކަންބޮޑުވުންތައް ގެންދާނެ ތަނެއް ނެތެވެ. އެމީހުންގެ ހައްގުތަކަކީ ގާނޫނު އަސާސީގެ 22 ވަނަ މާއްދާއާއި 23 ވަނަ މާއްދާއިން ކަށަވަރު ކުރަންޖެހޭ ހައްގުތަކަކަށްވީ ނަމަވެސް، އެ ހައްގު ތަކުގެ ވާހަކަ ދައްކާނެ ހައްގުތަކާ ބެހޭ މުއައްސަސާއެއްވެސް ރާއްޖެއަކު ނެތެވެ.

ކޮންމެއަހަރެއްގެ 10 ޑިސެމްބަރުގައި ސަރުކާރުންނާއި އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނުން އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކޮށް އަޑުގަދަ ކުރާނެއެވެ. ނަމަވެސް ބަހެއް ބުނާނެ ފުރުސަތުނެތް، އަޑެއްއުފުލާނެ ގޮތެއްނެތް، “ޖަޒީރާވަންތަ”، “ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް” ގެ އިތުރުން “އިގްތިސާދީ އަދި އިޖްތިމާއީ ހައްގު” އެ ބަޔަކަށް ހައްގުވާ އަދި ކަށަވަރު ކޮށްދޭންޖެހޭ ބަޔަކު ރާއްޖޭގައި އެބަތިއްބެވެ. ގަސްތުގައި، ދެނެތިބެ އެމީހުންގެ ކިބައިން ނިގުޅައިގަނެގެންދާ ހައްގުތަކެއްގެ ހިމާޔަތުގައި ވާހަކަ ދައްކާނެ ދައުލަތުގެ ކަމާބެހޭ ފަރާތެއް ނެތުމަކީ، “ނާޒުކު ތިމާވެށި” ފަނާކުރުމުގައި ޖޯޝާއެކީ ކުރިއައްދާ އަދުގެ ސަރުކާރާ މުއައްސަސާތަކެއްގެ ގާނޫނީ މަސްއޫލިއްޔަތާ ޒިންމާއިން ބަރީއަވެ އިހުމާލުވެފައިވާ މިންވަރު ދައްކުވައިދޭ ހަގީގަތެވެ. ދިރިއުޅުމާ ދިރިތިބުމަށް ކޮންމެހެން ބޭނުންވާ ގުދުރަތީ ސާފު ވެށްޓާ ވަސީލަތްތަކުގެ އަސާސީ ހައްގުތަކުން ރައްޔިތުންގެ އެތައްބައެއް މަހުރޫމު ކުރަމުންދާތަން ހާމަކޮށް ފެންނަންއޮތަސް އެއީ މިއަދު ނުދައްކާނެ ވާހަކަތަކެކެވެ.

މި ލިޔުން ފުރަތަމަ ޝާއިއު ކޮށްފައިވަނީ 10 ޑިސެމްބަރ 2022 ގައި ދައުރު ނޫހުގައި