ދައުލަތުގެ ކުންފުނި އެމް.ޓީ.ސީ.ސީ އަކީ އަސާސީ ޚިދުމަތްތަކެއް ރާއްޖޭގައި ފޯރުކުރުމަށް އުފައްދާ ހިންގަމުންދާ ކުންފުންޏެކެވެ. ދައުލަތުގެ ކުންފުނިތަކަކީ ދައުލަތުގެ މާލިއްޔާއިން ޚަރަދުކޮށްގެން ހިންގާ ކުންފުނިތަކެކެވެ. ރާއްޖޭގެ އެންމެހާ އަސާސީ ޚިދުމަތްތައް ފޯރުކުރުމަށް ދިވެހިދައުލަތުން ދަނީ ވިޔަފާރިކުންފުނިތަކެއް ހިންގަމުންނެވެ. މީގެ ގިނަ ކުންފުނިތަކަކީ މާލީގޮތުން ގެއްލުންބޮޑު ކުންފުނިތަކެއްކަން ފާހަގަކުރެވެއެވެ. ނަމަވެސް އެމް.ޓީ.ސީ.ސީ އަކީ ބޮޑުތަނުން ފައިދާ އުފައްދާ ކުންފުންޏެއް ގޮތަށް ރާއްޖޭގައި ތަސައްވުރެއް އުފައްދާފައިވެއެވެ. އެ ކުންފުނީގެ ކާމިޔާބީ ތަކުގެ ވާހަކަތައް ރާއްޖޭގެ ނޫސްތަކުގެ ފަލަސުރުޚީތަކުގައި ތަކުރާރު ކުރަމުންދެއެވެ.
އެކުންފުނީގެ 41 ވަނަ އުފަންދުވަސް 19 ޑިސެމްބަރ 2021 ގައި ކުލަގަދަކޮށް ފާހަގަކުރި ހަފްލާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހު ވެސް އެމް.ޓީ.ސީ.ސީ ގެ ކާމިޔާބީގެ ރެކޯޑުގެ ވާހަކަދައްކަވާ، އުފާ ފާޅުކުރައްވާ ތައުރީފު ރައްދު ކުރައްވަމުން އެ ކުންފުންޏާދޭތެރޭ ދެކެވަޑައިގަންނަވާ ގޮތުގެ ވާހަކަ ވިދާޅުވިއެވެ :
“އެމް.ޓީ.ސީ.ސީ.އޭ ބުނުމުން، މިއަދު އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބައޮތް. ހަމަގައިމުވެސް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބައޮތް. އެއީ، މި ކުންފުންޏާ ޙަވާލުކުރާ ކޮންމެ މަޝްރޫޢެއްވެސް، އޭގެ އެންމެ ރަނގަޅު ފެންވަރުގައި، ވަގުތަށް ނިންމައިދޭނެ ކަމުގެ ޔަޤީންކަން.”
އުފެދޭ ސުވާލަކީ އެމް.ޓީ.ސީ.ސީ އިން ރައީސުލް ޖުމްހޫރިއްޔާއަށް މި ލިބޭ ހިތްހަމަޖެހުމާ، އެ ކުންފުނިން ކުރާ މަސައްކަތުގެ ފެންވަރާ، އުފައްދާ “ފައިދާ” މާނަކުރަނީ ކިހެނެއްބާއެވެ؟ އަދި މިއީ ކޮންގޮތަކަށް މިނެކިރާ ހިތްހަމަޖެހުމަކާ، ފެންވަރަކާ، “ފައިދާ” އެއްބާއެވެ؟
އެމް.ޓީ.ސީ.ސީ އަކީ މީޑިއާ މެދުވެރިކޮށް ރައްޔިތުންގެ މަގުބޫލުކަން އުފައްދާފައިވާ ކުންފުންޏެއްކަން ވަރަށް ސާފެވެ. ސަބަބަކީ ރާއްޖޭގެ މީޑިއާތަކަށް ދައުލަތުގެ ކުންފުނިތަކުން ލިބޭ އިޝްތިހާރުގެ ފުރުސަތުތަކަކީ ނޫސްތައް ހިންގުމަށް މާލީގޮތުން ނުހަނު މުހިންމު އެއްޗަކަށް ވާތީއެވެ. ހާލަތުމިހެން އޮތުމުން އުފެދޭ ކަންބޮޑުވުމަކީ އެމް.ޓީ.ސީ.ސީ ގެ ކާމިޔާބީތަކުގެ ވާހަކަތައް އާދަޔާޚިލާފަށް ދެކެވި، އެ ކުންފުނީގެ ސަބަބުން ދިވެހިރާއްޖެއަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ވާހަކަ އެއްގޮތަކަށްވެސް ނުދެކެވުމެވެ. އެ ކުންފުނިން ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ ކިތަންމެ ގެއްލުންބޮޑު އަމަލުތަކަކަށް ވީނަމަވެސް، އެއީ ދައްކަން ނުޖެހޭ ވާހަކައަށް ވެފައިއޮތުމެވެ. އެމް.ޓީ.ސީ.ސީ އިން ހިންގާ މަޝްރޫއުތަކުން ރާއްޖެއަށް ލިބެމުންދާ އިޔާދަނުކުރެވޭނެ ގެއްލުމުގެ ބައެއްމިސާލު ތަފްސީލުކޮށްލާނަމެވެ.
ހިނގާދިޔަ ޖޫން މަހު އެ މައްސަލައަށް ގިނަބައެއްގެ ނަޒަރު ހުއްޓިފައިއޮތީ، މި ހުޅަނގު މޫސުމުގައި ފުނޯސް ނަކަތައް އެޅިއިރު މޫސުމަށް އައިބަދަލުގައި ގދ. މަޑަވެއްޔަށް އާދަޔާޚިލާފަށް އުދައަރައިގެން އެ ރަށުގެ %98 ގެދޮރަށް ލޮނުވަދެ ރައްޔިތުން ހާސްކަމާ ކަންބޮޑުވުމުގައި ތިބިކަމުގެ ޚަބަރަށެވެ. މަޑަވެއްޔަށާއި ރަށުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަމުގެ ޚަބަރަށެވެ. މި ގެއްލުމުގެ އަސްލަކީ 2018 ގައި މަޑަވެއްޔާ ހޯޑެއްދޫ ގުޅުވާލުމަށް ދިވެހި ސަރުކާރުން އެމް.ޓީ.ސީ.ސީ މެދުވެރިކޮށް ހިންގަންފެށި، 29 މިލިއަން ރުފިޔާގެ އަގުބޮޑު މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އެވެ. މި މަޝްރޫއުގެ ސަބަބުން މިހާރުދަނީ އިހުމާލުއޮތީ ކޮންފަރާތެއްގައިތޯ ސުވާލު އުފައްދަމުންނެވެ. ނަމަވެސް ކަމުގެ ހަގީގަތަކީ ސަރުކާރުން މި ތަރައްގީގެ މަޝްރޫއު ފަރުމާކޮށް، ތިމާވެށްޓާބެހޭ ރިޕޯޓު ހައްދާ، ކަމާބެހޭ މުއައްސަސާ ކަމުގައިވާ އެންވައިރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން ހުއްދަދީ، އެމް.ޓީ.ސީ.ސީ އިން މަޝްރޫއު ކުރިއަށް ގެންގޮސްފައިވާ ކަމެވެ. މިއީ ރާއްޖޭގައި ތަރައްގީގެ މަޝްރޫއު ކުރިއަށްގެންދާ އާންމު އުސޫލެވެ. ތިމާވެށި ހިމާޔަތްކުރުމަށް ގާނޫނު ހެދިފައިވީ ނަމަވެސް، އަދި ގާނޫނީޒިންމާ އުފުލުމަކީ ދައުލަތުގެ މުއައްސަސާތަކަށާ ކުންފުނިތަކަށް އިސްތިސްނާއެއްނެތި ކުރަންޖެހޭ ކަމަކަށް ވާނަމަވެސް، އެ ޒިންމާއިން އެއްކިބާވެތިބެ، ކަންކުރުމުގައި ބޮޑެތި އިހުމާލުތަކެއް ރާއްޖޭގެ ވެށްޓަށާ ރަށްތަކަށް ދެމުންދާ އާންމު އުސޫލަކީ މިއީއެވެ. އެމް.ޓީ.ސީ.ސީ އަދު ކުށްވެރިކުރަނީ ކޯޒްވޭ ޑިޒަައިންކޮށްފައިވާ ގޮތެވެ. މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ ތިމާވެށްޓަށް ގެއްލުންވާނެ މިންވަރު ދެނެގަތުމުގެ ރިޕޯޓު ހެދި ޓީމުގެ އެކަކީ މިވަގުތު ރާއްޖޭގެ މިނިސްޓަރ ފޮ ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓަކްޗަރ މުހަންމަދު އަސްލަމެވެ. މި ރިޕޯޓަކީ އޭނާގެހިއްސާ އެއިރުއޮތް ކުންފުނި ލޭންޑް އެންޑް މެރިން އެންވައިރަމެންޓަލް ރިސޯސް ގްރޫޕް (ލަމޭ) އިން 2016 ގާ ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ރިޕޯޓަށްބެލުމަށްފަހު މަޝްރޫއު ކުރިއަށްގެންދިއުމަށް ހުއްދަދީފައިވާނީ އީ.ޕީ.އޭ އިންނެވެ. އުސޫލެއްގެ ގޮތުން އީ.ޕީ.އޭ ގެ ހުއްދަ ދޭއިރު މަޝްރޫއު ކުރިއަށް ގެންދާގޮތާމެދު ޝަރުތުތަކެއް ކުރެއެވެ. ނަމަވެސް އެހިސާބުން މުޅި ނިޒާމު އިތުރަށް ބޮއްސުންލައެވެ. އެ ޝަރުތުތަކާ އެއްގޮތަށް ކޮންޓްރެކްޓަރު ކަންކުރޭތޯ ބެލުން ނުވަތަ މޮނިޓަރކޮށް ރިޕޯޓުކުރުން އޮންނަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފައެވެ. އީ.ޕީ.އޭ ގެ މުވައްޒަފުން އެ ރިޕޯޓުތަކުގެ އިންތިޒާރުގައި މާލޭގައި ހުރި އޮފީހުގައި ތިބޭނެއެވެ. ދެންވާނެގޮތް ވިސްނަވާށެވެ. އެމް.ޓީ.ސީ.ސީ އަށް އެ ކުންފުނީގެ މަސައްކަތުގެ ފުރިހަމަކަން ނޫން އެއްޗެއް ފެންނާނެތޯއެވެ؟ މަޑަވެލި – ހޯޑެއްދޫގެ ނުރައްކާތެރި މިސާލުން އަދު އާޚިރުގައި ފެންނާންއޮތީ އެމް.ޓީ.ސީ.ސީ ގެ އިހުމާލާއި މަޝްރޫއު ހިންގަން އެ ކުންފުނިން ފޭލުވެފައިވާ މިންވަރެވެ. މަޑަވެލި ކައުންސިލުގެ ރައީސް އާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި “މިއީ އެމްޓީސީސީން ވަރަށް ގޯސްކޮށް ކޮށްފައި ހުރި ކަމެއް. މީގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުން މިދަނީ”. މިހިސާބަށް ކަންކަން ދާއިރު އޮންނަނީ ރައްޔިތުންނަށް ރަށުގައި އުޅުމަށް ދަތިވާވަރަށް ސަރުކާރާ އެމް.ޓީ.ސީ.ސީ ގެނެސްދިން ތަރައްގީގެ މަޝްރޫއުއިން ގެއްލުންވެފައެވެ. މި ގެއްލުމަކީ މި މަޝްރޫއުއިން އެމް.ޓީ.ސީ.ސީ ހޯދާފައިވާ ކާމިޔާބީ އާއި “ފައިދާ” އާއި އަޅާކިޔާ، މިނެކިރާ އަގުކުރާ އެއްޗަކަށް ނުވެއެވެ. މަޑަވެލި – ހޯޑެއްދޫ ކޯޒްވޭގެ ކާރިސާއަށް ސަރުކާރުން މިހާރު އިޖާބަދީފައިވާ ގޮތަކީ 2018 ގައި 29 މިލިއަން ރުފިޔާ ބަޖެޓުކޮށްގެން އެޅި ކޯޒްވޭ 2022 ގައި 84.2 މިލިއަން ރުފިޔާ ހޭދަކޮށްގެން އަލުންބަލުން “އަޕްގްރޭޑް” ކުރުމެވެ. އެކަން ކުރަން ހަވާލުކޮށްފައި ވަނީވެސް ހަމަ އެމް.ޓީ.ސީ.ސީ އާއިއެވެ.
މަޑަވެލި – ހޯޑެއްދޫ ކޯޒްވޭގެ މައްސަލަ މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ މެމްބަރު ހުސައިން ފިރުޝާން އެ މަޖިލިހުގެ އެންވައިރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ޖުލައި 2019 ގައި ހުށަހެޅުއްވިއެވެ. އަދި އެ ކޮމިޓީއިން މައްސަލަ ބެލިބެލުމުން މި މަޝްރޫއުގައި އެތައް ކަމެއް ބޮއްސުންލާފައި އޮތްކަން ސާފުވެފައިވެއެވެ. އޭގެ ތެރޭގައި ރަށް ދަންނަ، ރަށުގެ ދޮށީ މީހުންގެ ކަންބޮޑުވުންތަކަށް މަޝްރޫއު ރާވާ ހިންގުމުގައި އިޖާބަދީފައި ނުވުމުގެ އިތުރުން، ކޮންޓެރެކްޓަރު މަޝްރޫއު ހިންގާފައިވަނީ އީ.ޕީ.އޭ ގެ ޝަރުތުތަކަށް ބެލުމެއްނެތިކަން 8 ޖުލައި 2020 ގައި އެ ކޮމިޓީއިން ފާސްކުރި ރިޕޯޓުން ހާމަވެއެވެ. އަދި މަޝްރޫއުގެ އީ.އައި.އޭ އަކީ “ނަމަކަށް ހަދާފައިވާ” އެއްޗެއްކަމާ އޭރުގެ ހައުސިންގ މިނިސްޓްރީއިން މި ކަމުގައި ވެފައިވާ އިހުމާލުގެ ބޮޑުކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ކޮމިޓީ އިން މައްސަލަ ދިރާސާކޮށް ހުށަހަޅާފައިވާ ހުށަހެޅުމަކީ މަޝްރޫއުގައި އިހުމާލުވި ފަރާތްތަކުން ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނު (ނަމްބަރ 93/4) ގެ ދަށުން އީ.ޕީ.އޭ އިން ފިޔަވަޅު އެޅުމަށެވެ. އަދި ދައުލަތުގެ ފައިސާގެ 31.14 މިލިއަން ރުފިޔާ “މިދިޔައީ ހަމަ ފެނަށް” ކަމަށް ކޮމިޓީގެ މުގައްރިރު މަޖިލިހުގައި ހާމަކުރެއްވިއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއިން ކުރި ދިރާސާ ރިޕޯޓުގައި މި މަޝްރޫއުއަށް ދައުލަތުން ކޮށްފައިވާ ޚަރަދާބެހޭ މައުލޫމާތެއް ނެތްކަން ފާހަގަކުރެވެއެވެ. އުފެދޭ ސުވާލަކީ މި މައްސަލައިގާ އިހުމާލުވި ކޮންޓްރެކްޓަރ ޖަވާބުދާރި ކުރެވި، އެފަރާތުގެ އިހުމާލުން ލިބިފައިވާ ގެއްލުން އަގުކުރެވި، އެ ގެއްލުމުގެ ބަދަލު ހޯދިފައިވޭތޯއެވެ؟ މިހާތަނަށްވެސް އެކަން ކުރެވިފައެއް ނެތެވެ. އަދި އެކަން ކުރެވިފައިނެތް ތާގައި، މަޝްރޫއު އަނެއްކާ ހިންގުމަށްވެސް ހަވާލުކޮށްފައިވަނީ ހަމަ އިހުމާލުވި އެ ކޮންޓްރެކްޓަރާ އެވެ. އަދު ރައީސުލް ޖުމްހޫރިއްޔާއަށް ބޮޑު ހިތްހަމަޖެހުމެއް ލިއްބައިދޭ އެމް.ޓީ.ސީ.ސީ އާ އެވެ.
ހދ. ކުޅުދުއްފުށި އެއާޕޯޓަކީވެސް އެމް.ޓީ.ސީ.ސީ އިން ހިންގި ތަރައްގީގެ މަޝްރޫއެކެވެ. އެ މަޝްރޫއު 2017 ގައި ކުރިއަށް ގެންދިޔައިރު އީ.ޕީ.އޭ އިން ޝަރުތުކުރިގޮތަށް މަޝްރޫއު ގެ ކަންކަން ކުރިއަށް ނުގެންދިއުމުގެ މައްސަލައިގެ ކަންބޮޑުވުން މަދަނީ ޖަމިއްޔާތަކުން ފާޅުކުރިއެވެ. މީގެ އިތުރުން އެ ކަންބޮޑުވުންތަށް ރާއްޖޭގެ ސިވިލް ކޯޓަށް ބައެއް ވަކީލުންނާ އީކޯކެއާ ޖަމިއްޔާ ގުޅިގެން ހުށަހަޅާ، މި މަޝްރޫއު އިން ވަމުންދިޔަ އިހުމާލުގެ ގެއްލުން ހުއްޓުވާ، ތިމާވެށްޓަށް ކުރާގެއްލުންތަށް ހިފެހެއްޓުމަށް ކުރި ޝަރުތުތަކާ އެމް.ޓީ.ސީ.ސީ އިން ޚިލާފުވަމުންދާތީ، ސަރުކާރު ޖަވާބުދާރި ކުރުވުމަށް މަސައްކަތް ކުރިއެވެ. އެ މައްސަލައަށް ރާއްޖޭގެ ސިވިލްކޯޓުން އިޖާބަދިނީ ހިއްކުމުގެ ގެއްލުންދީ ނިމި މަޝްރޫއުއަށް އަހަރުވީ ފަހުންނެވެ. އެކަމަށް ކޯޓަކުންވެސް ހައްލެއް ނުލިބުނެވެ. ކުޅުދުއްފުށީގެ ގުދުރަތީ ފެންހިންދާ ނިޒާމު އަދި ފެންފަށަލަ ދަމަހައްޓާ ނިޒާމު ކަމުގައިވާ ކުޅީގައި އެއާޕޯޓު އެޅުމަށްފަހު އެރަށަށް ދިމާވަމުންދާ ފެންބޮޑުވުމުގެ ހާދިސާތަކަކީ ކޮންމެ މޫސުމެއްގައި ފާހަގަކުރެވޭ ގެއްލުންތަކެކެވެ. މި އެއާޕޯޓު އެޅުމަށްޓަކައި ރަށުގެ 400 އެއްހާ އާއިލާއިން ކުޅިބޭނުންކޮށްގެން ހޯދަމުންދިޔަ، އަހަރެއްގެ މައްޗަށް 8 މިލިއަނެއްހާ ރުފިޔާގެ ނުރަސްމީ ވިޔަފާރިއަކީ އަގެއްހުރިއެއްޗެއް ކަމަކަށް ބެލިފައެއް ނެތެވެ. 5 އަހަރުވެގެން ދިޔައިރު ރަށުގެ އެއާޕޯޓު އަދިވެސް އެދެވޭ ފެންވަރެއްގައި ހިނގައެއް ނުގަނެއެވެ. އެއާޕޯޓުން ލިބެނީ ފައިދާތޯ ގެއްލުންތޯ ބަލާހޯދާފައެއް ނެތެވެ. ނަމަވެސް މިހާރު އަނެއްކާވެސް އޮތީ ކުޅުދުއްފުށީ އެއާޕޯޓު ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރަން ޖެހިފައެވެ. މިކަމަށް 2022 ގެ ބަޖެޓުގައި 2.2 މިލިއަން ރުފިޔާ އަދި 2023 ގެ ބަޖެޓުގައި 4.1 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެމް.ޓީ.ސީ.ސީ މެދުވެރިކޮށް ކުޅުދުއްފުށްޓަށް ގެނެސްފައިވާ މި ތަރައްގީގެ ކުރިއެރުން އަގުކޮށް މިނެކިރާފައިވަނީ ކިހާވަރެއްގެ ފައިދާއެއްގެ ގޮތުގައިތޯ ސުވާލު ކުރަންޖެހެއެެވެ. އެއީ ފެންނާންއޮތް އެއްޗެއް ނޫނެވެ.
ހދ. ހޯރަފުށި އެއާޕޯޓަކީވެސް އެމް.ޓީ.ސީ.ސީ އިން 2020 ގައި ކުރިއަށް ގެންގޮސްފައިވާ 198 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރި ތަރައްގީގެ މަޝްރޫއުއެކެވެ. މި އެއާޕޯޓަކީ 2019 ގައި ފަރުމާކޮށް، އީ.އައި.އޭ ރިޕޯޓު ހަދާ، 19 ނޮވެމްބަރު 2020 ގައި ރައީސުލް ޖުމްހޫރިއްޔާ ވަޑައިގެން ކުލަަގަދަ ހަފްލާއެއްބާއްވާ އުފާފާޅުކޮށް ރަސްމީކޮށް ހުޅުވި އެއާޕޯޓެކެވެ. އެއާޕޯޓު ހުޅުވުމާގުޅިގެން ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަދި މަޖިލިހުގެ އެންވައިރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު، އަހުމަދު ސަލީމް އެމް.ޓީ.ސީ.ސީ އަށް ތައުރީފު ރައްދުކޮށް “އެމްޓީސީސީން އެ މުގުރާލި ރެކޯޑަކީ އުއްމީދު އާވެގެންދިޔަ ރެކޯޑެއް،” ކަމަށް ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ނުކުތާއަކީ ހޯރަފުށި އެއާޕޯޓު ހެދުމުގެ އީ.އައި.އޭ ރިޕޯޓަކީ އޭނާގެ ކުންފުނި މޯލްޑިވްސް އެނަޖީ އެންޑް އެންވައިރަމެންޓަލް ކޮމްޕެނީ (މީކޯ) މެދުވެރިކޮށް މެމްބަރު އަހުމަދު ސަލީމު ތައްޔާރު ކުރައްވާފައިވާ ރިޕޯޓެއްކަމެވެ. އެއާޕޯޓު ހުޅުވިތާ 6 މަސް ނުވަނީސް، މެއި 2021 ގައި ރާއްޖެއަށް ކުރި މޫސުމީ ވިއްސާރައިގާ ހޯރަފުށި އެއާޕޯޓު އޮތީ އުދައަރާ ފެނުއަޑީގައެވެ. މި ހާދިސާއާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ އިތުރުން އެއާޕޯޓުގެ ދަތުރުތައް ހުއްޓި ހިންގުމަށް ބުރޫއަރައިގެން ދިޔައެވެ. ބައެއް ޚަބަރުތަކުން މައުލޫމާތު ލިބިގެންދިޔައީ ހޯރަފުށި އެއާޕޯޓު އޮތީ އިންޝުއާ ނުކޮށްކަމަށެވެ. މި ހާލަތުގައި ފެންމަތިވެގެންދިޔަ އެންމެހާ ކަންކަމަކީ ގެއްލުމުގެ އަގު ބަލާ ވަޒަންކުރާ ކަންކަން ކަމުގައި ފާހަގަވާކަށް ނެތެވެ. މުޅި މަޝްރޫއުއަށާއި ވެށްޓަށް ލިބިފައިވާ ގެއްލުމުގެ އަދަދު ފައިސާއިންވެސް އަދި އެހެންގޮތަކަށްވެސް އަގުކޮށްފައިވާކަމެއް ފެންނާކަށް ނެތެވެ. ހޯރަފުށި އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރަން ސަރުކާރުން އަނެއްކާވެސް އަވަސްވެގަތީ އެމް.ޓީ.ސީ.ސީ ކޮންޓްރެކްޓުކޮށް 90.5 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށާށެވެ. މި މަޝްރޫއު ޖުލައި 2021 ގައި އެ ކުންފުންޏާ ހަވާލުކުރިއެވެ. އެއާޕޯޓު އެޅުމުގެ ސަބަބުން ހޯރަފުށި ގިރަންފަށާފައިވާ ކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމަށް އޮތް ހައްލަކީ ހޯރަފުށްޓާ އެއާޕޯޓު ގުޅުވާލުމަށް ހަދާފައިވާ މަގު ނެގުންކަމުގައި ވާހަކަދެކެެވެއެވެ. މިއީ ދައުލަތުގެ މާލިއްޔާއިން ބޮޑު ޚަރަދެއްކޮށްގެން ކޮށްފައިއޮތް މަސައްކަތެއް ރޫޅާލުމެވެ. މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ ހާލަތު ހޯރަފުށްޓަށްވެސް އޮތީ ދިމާވެފައިކަން ފާހަގަކުރަންޖެހެއެވެ. މިފަދަ ޚަރަދުބޮޑު، ގެއްލުންބޮޑު މަޝްރޫއުތައް ސަރުކާރާއި ދައުލަތުގެ ނަމޫނާ ކުންފުންޏެއްކަމަށް މަޝްހޫރުވެފައިވާ އެމް.ޓީ.ސީ.ސީ އިން ކުރަމުންގެންދަނީ ކަރުދާހުގައި ކުރަހާފައި ފޮހެފައި އަލުން ކުރެހުން ކުރަހާ ބީދައިންނެވެ. މަސައްކަތް ކުރުމުގެ މި ގެއްލުންބޮޑު ވަށްޓަފާޅިއަކީ ފަންނީގޮތުން ގާބިލުކަން ލިބިފައިވާ ބަޔަކު ކުރާނެކަމެއްކަމަށް ބެލެވޭކަށް ނެތެވެ.
މަތީގައި ފާހަގަކޮށްފައިވާ ސީރިއަސް މައްސަލަތަކަކީ އެތައް މިސާލުތަކެއްގެ ތެރެއިން އެންމެ ތިން މިސާލެވެ. ރާއްޖޭގެ އުތުރުން ދެކުނަށް ބަލާއިރު ތިމާވެށްޓަށް އިޔާދަނުކުރެވޭނެ ގެއްލުންތައް ދިނުމަކީ ތަރައްގީގެ ނަމުގައި ރާއްޖޭގައި ކުރަހާފައިވާ ތަސައްވުރެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އާންމު ރައްޔިތުންގެ އާމުދަނީ ހޯދުމުގެ ގުދުރަތީ ވަސީލަތްތައް އެމީހުންގެ ކިބައިން ނިގުޅައިގަނެ، މަހުރޫމުކޮށް، ތަރައްގީގެ ނަމުގައި ރަށްރަށުގެ ވެށްޓަށް އިޔާދަނުކުރެވޭނެ ބޮޑެތި ގެއްލުންތައް ދެމުންދަނީ އެމް.ޓީ.ސީ.ސީ އިން ގައުމު ބިނާކުރަން ކުރާ ވިޔަފާރީގެ ނަމުގައެވެ. މި މިސާލުތަކުން ސާފުވާ މުހިންމު އެއްކަމަކީ ދައުލަތުގެ ދަރަނީގެ ހޭދަ ކޮށްގެން މި މަޝްރޫއުތައް ހިންގާފައިވަނީ ދައުލަތުގެ މާލިއްޔާއަށާއި ދިވެހި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ، އިސްރާފު އިންތިހާއަށް ބޮޑުވެގެންދާ ގޮތަށެވެ. ދައުލަތުގެ ކުންފުންޏެއްގެ ގޮތުގައިއޮވެ ދައުލަތުގެ ދަރަނީގެ ބޮޑު ހޭދަތަކާއި، އަގުނުކުރާ އަދި އަގުނުވެސްކުރެވޭނެ ތިމާވެށީގެ ބޮޑެތި ގެއްލުންތައް ދީގެން އެމް.ޓީ.ސީ.ސީ ރާއްޖެއަށް ގެންނަނީ ތަރައްގީތޯ ދެނީ ގެއްލުންތޯ ކޮންމެ ރައްޔިތަކުވެސް ސުވާލު ކުރަންޖެހެއެވެ. މި ބުނާ ތަރައްގީއަކީ ދަރަނިވެރިވެފައިވާ ދައުލަތުގެ މާލިއްޔާގެ ދަރަނިފައިސާ ބޭނުންކޮށްގެން، ދައުލަތުގެ ކުންފުންޏަކަށް ހަގީގަތުގައިވެސް “ފައިދާ” ލިބޭނޭ ކަމެއްތޯވެސް ސުވާލު ކުރަންޖެހެއެވެ. އެމް.ޓީ.ސީ.ސީ އިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކަކީ އިޔާދަނުކުރެވޭނެ ބޮޑެތި އަގުނުކުރާ ގެއްލުންތަކެއް ރައްޔިތުންނަށާ ރާއްޖޭގެ ތިމާވެށްޓަށް ދެމުންދާ މަޝްރޫއުތަކެކެވެ. އަދި މި މަޝްރޫއުތަކަކީ އޭގެސަބަބުން ލިބޭގެއްލުން މަރާމާތުކުރުމަށް އިތުރުޚަރަދުތަކެއް ކެނޑިނޭޅި ކުރަންޖެހޭ ހަލާކުތަކުގެ ބުރެއް އުފައްދައިގެން އެމް.ޓީ.ސީ.ސީ އިން “ފައިދާ” ހޯދަމުންދާ ގެއްލުންތަކެކެވެ. މި ނުރައްކާތެރި ނިމުމެއްނުވާ ހަލާކުގެ ބުރަށް “ތަރައްގީ” ކިޔައިގެން މިއީ ކުރިއެރުންކަމަށް ދެކިގެން އުޅުމަކީ ގައުމަށް ކުރާ ޚިދުމަތެކޭ ބުނާނެ ޖާގައެއްނެތެވެ. އެމް.ޓީ.ސީ.ސީގެ ރެކޯޑުފައިދާ އަކީ ހަގީގަތެއްއޮތް، ދެކޮޅުޖެހޭ އަދި އިތުބާރުހިފޭ ވާހަކަތަކެއް ނޫނޭ ބުނަންޖެހެނީ މި ހުރިހާ ސަބަބު ތަކަށްޓަކައެވެ. އަދު އަގުކުރަން ޖެހިފައިއޮތީ މި ނުރައްކާތެރި ހަލާކުގެބުރެވެ. އެމް.ޓީ.ސީ.ސީ ގެ މަޝްރޫއުތަކުން ރާއްޖެއަށް ކުރަމުންދާ ގެއްލުން ޒިންމާދާރުގޮތުގައި ދިވެހި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ދިވެހި ސަރުކާރުން މިނެކިރަންޖެހެއެވެ. ރާއްޖެއާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ މި ހަލާކުގެ ބުރު ހުއްޓުވަން ޖެހެއެވެ.

