01 މެއި 2025
ކ. ގުޅިފަޅުގައި 2020 ވަނަ އަހަރު ދިވެހި ސަރުކާރުން ހިންގަންފެށި ތިމާވެށްޓަށް އިޔާދަނުކުރެވޭނެ ބޮޑެތި ގެއްލުންދޭނެ ޕޯޓް މަޝްރޫއު ހުއްޓުވުމަށް، ދައުލަތުގެ ކަމާބެހޭ 3 މުއައްސަސާއަށް ރައްދުވާގޮތަށް، ރާއްޖޭގެ ސިވިލްކޯޓަށް އަހުރެން ހުށަހެޅީ ސެޕްޓެމްބަރ 2021 ގައެވެ. އަދި ސިވިލްކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް، މަޝްރޫއުގެ 2 ވަނަ ފިޔަވަހީގެ ހިއްކުމުގެ މަރުހަލާ ފެބްރުވަރީ 2023 ގައި ސަރުކާރުން ފެށިއެވެ. މިކަމާ ގުޅިގެން، ކޯޓުގައި އޮތް މައްސަލަ ވަކިގޮތަކަށް ނިމެންދެން ކ.ގުޅިފަޅު ހިއްކުމުގެ 2 ވަނަ ފޭސްގެ މަސައްކަތް ވަގުތީގޮތުން ހުއްޓުވުމަށް ވަގުތީ އަވަސްއަމުރަކަށް އެދި ސިވިލްކޯޓަށް ހުށަހެޅީމެވެ. ނަމަވެސް ވަގުތީއަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށް ސިވިލްކޯޓުން ނިންމިއެވެ. މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އަހުރެން އިސްތިއުނާފު ކުރުމުން, ވަގުތީ އަމުރެއް ނެރޭނެ ހާލަތެއް އޮތްކަމަށް ކަނޑައަޅާ އެކޯޓުން އަހުރެންނާ އެއްކޮޅަށް ނިންމިއެވެ. މި ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރިއެވެ. އަދި 14 ފެބްރުވަރީ 2024 ގައި ހައިކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޤަޟިއްޔާ ނަންބަރު 2024/SC-A/08 އިން ބާތިލުކުރިއެވެ. ސުޕްރީމްކޯޓުން މައްސަލަ ނިންމިގޮތާބެހޭ ގޮތުގެ ކަންބޮޑުވުންތަކެއް ހިމެނޭ ކުރު ދިރާސާއެއް މިވެށީގައި 16 މެއި 2024 ގައި ޝާއިއުކޮށްފައި ވާނެއެވެ.
ސުޕްރީމްކޯޓުން ހައިކޯޓުގެ ނިންމުން ބާތިލުކޮށް، ދައުލަތާ އެއްކޮޅަށް މައްސަލަ ނިންމުމުގައި، ބޭއިންސާފުވެރި އަދި އަސާސީ ގޯސްތަކެއް ހެދިފައިވާ ކަމަށް ޤަބޫލު ކުރެވޭތީ، ސުޕްރީމްކޯޓުގެ އިޖުރާއީ ހަމަތަކުގެ ތެރެއިން މި ނިންމުން އަލުން ބެލުމަށް އެދި 11 އޮގަސްޓު 2024 ގައި އަހުރެން އެކޯޓަށް ހުށަހެޅީމެވެ. މި ހުށަހެޅުމަށް ސުޕްރީމްކޯޓުން ޖަވާބެއް ފޮނުވީ 6 އޮކްޓޫބަރ 2024 ގައެވެ. އެ ޖަވާބުގައިވާ ގޮތުން، 24 ސެޕްޓެމްބަރ 2024 ގައި ބޭއްވުނު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާންމު މަޖިލިސް ނަންބަރު SFMJ/2024/22 ބައްދަލުވުމުގައި މަޝްވަރާ ކުރުމަށްފަހު އެކޯޓުން ނިންމާފައިވަނީ، މި މައްސަލައިގާ ކޯޓުން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރާނެ ތަނެއް ނެތްކަމަށެވެ. އަދި އެ ނިންމުމާބެހޭ ގޮތުން ހޯދި އިތުރު މައުލޫމާތު މިވެށީގެ މައްސަލަ ނިއުޅެމުންދާގޮތުގެ 20 ޑިސެމްބަރ 2024 ގެ އަދާހަމައިގާ ހިމަނާފައި ވާނެއެވެ. ކަންމިހެން އޮތުމުން ރާއްޖޭގެ ކޯޓުތަކުން މި މައްސަލައަށް ފަރުވާލިބޭނެ މަގުތައް މި ހިސާބުން ބަންދުވީއެވެ.
ނަމަވެސް، ސުޕްރީމްކޯޓުގެ ޤަޟިއްޔާ ނަންބަރު 2024/SC-A/08 ގެ ނިންމުން ނިންމާފައިވާ ގޮތަކީ ދިވެހިރާއްޖޭގެ ޤާނޫނު ނެގެހެއްޓުމާ އަދުލުވެރި ވުމުގައި ސީރިއަސް އުނިސިފަތަކެއް ހުރި ނިންމުމެއް ކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން، މައްސަލަ އަލުން ބެލުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް 11 އޮގަސްޓު 2024 ގައި އަހުރެން ހުށަހެޅި ހުށަހެޅުމުގެ ފޯމު އާންމު މައުލޫމާތަށްޓަކާ މިވެށީގައި ޝާއިއުކުރަން ގަސްތުކުރީމެވެ.
މި ފޯމުގެ (ޒާތީ ބައެއް މައުލޫމާތު އުނިކޮށްފައިވާ) ދެލިކޮޕީއެއް މި ލިންކުން ބެލޭނެއެވެ.
ހުމައިދާ އަބްދުލްޣަފޫރު
މާލެ، ދިވެހިރާއްޖެ
01 މެއި 2025

