ސިވިލްކޯޓުގެ ވަގުތީ އަމުރާބެހޭ ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފުކޮށް، ހައިކޯޓުގެ ނިންމުމަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރެއް ސުޕްރީމްކޯޓުން ނެރުމާ ގުޅޭ
މިވެށި – ނޫސް ބަޔާން
15 ފެބްރުވަރީ 2024
މާލެ، ދިވެހިރާއްޖެ
1 – ކ.ގުޅީފަޅުގައި ޕޯޓެއް ހެދުމަށް ހިންގާ މަޝްރޫއު ހުއްޓުވުމަށްއެދި އަހުރެން ރާއްޖޭގެ ސިވިލްކޯޓަށް މައްސަލަ ހުށަހެޅީ ސެޕްޓެމްބަރ 2021 ގައެވެ.
އަދި މި މައްސަލަ ސިވިލްކޯޓުގެ ޝަރުއީ މަރުހަލާގައި ވަނިކޮށް، ގުޅިފަޅު ހިއްކުމުގެ 2 ވަނަ ފިޔަވަހި ފެށުމުގެ ވާހަކަ މަޝްރޫއުގެ އެދިޔާރު، އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އިން 2 މާރިޗް 2023 ގައި އިއުލާނުކުރިއެވެ. އެހެންކަމުން ސިވިލްކޯޓުގައި ހިނގަމުންދާ މައްސަލައިގާ ކޯޓުން ގޮތެއް ނިންމަންދެން ބިންހިއްކުމުގެ މަސައްކަތް ހުއްޓުވުމަށް އެދި 15 މާރިޗް 2023 ގައި ސިވިލްކޯޓަށް ވަގުތީ އަމުރަކަށް އެދި ހުށަހެޅީމެވެ.
ހ) މި މައްސަލައިގާ ސިވިލްކޯޓުން ވަގުތީ އަމުރަކަށް އެދިފައިވަނީ 15 މާރިޗު 2023 ގައި
އެއަމުރާ ބެހޭގޮތުން ސިވިލްކޯޓުން ގޮތެއް ނިންމާފައިވަނީ 8 ޖޫން 2023 ގައި އަދި މި މައުލޫމާތު ވަގުތީއަމުރަށް އެދުނު ފަރާތާ ހިއްސާކޮށްފައިވަނީ 10 ޖޫން 2023 ގައި
ށ) މި މައްސަލައިގާ ސިވިލްކޯޓުގެ ވަގުތީ އަމުރު އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅީ 18 ޖޫން 2023 ގައި
މިއިސްތިއުނާފްގެ މައްސަލަ ހައިކޯޓުން ބަލައިގަތީ 24 އޮގަސްޓު 2023 ގައި، އަދި މި އިސްތިއުނާފީ މައްސަލާގައި އެކޯޓުން ގޮތެއް ނިންމާފައިވަނީ 14 ފެބްރުވަރީ 2024 ގައި
ނ) މަތީގައިވާ މައުލޫމާތުން ސާފުވަނީ ވަގުތީ އަމުރަކަށް އެދި އާންމު ރައްޔިތަކު ސިވިލްކޯޓަށް ހުށަހެޅުމުން ގޮތެއް ނިންމަން ގާތްގަނޑަކަށް 3 މަސްދުވަސް ހޭދަވެފައިވާކަން، އަދި ހައިކޯޓަށް ހުށަހެޅި މައްސަލައިގާ މައްސަލަ ފުރަތަމަ ހުށަހެޅުމާ ބަލައިގަތުމާ ގޮތެއްނިންމުމުގެ މަރުހަލާތައް ނިމުމަށް ގާތްގަނޑަކަށް 8 މަސްދުވަހަށް ދިގުދެމިގެން ދިޔަކަން
2 – ކޯޓުގައި މި މައްސަލައިގެ ކަންކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތު ދަނީ މިވެށި.ކޮމް ވެބްސައިޓުގައި އާންމުކޮށް އަދާހަމަކުރަމުންނެވެ.
3 – 14 ފެބްރުވަރީ 2024 ގައި ރާއްޖޭގެ ހައިކޯޓުން ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ސިވިލްކޯޓުގައި އޮތް މައުޟޫއީ ދައުވާގައި ގޮތެއް ނިމެންދެން މަޑުޖައްސާލުމަށް ހުކުމް ކޮށްފައިވަނީ ތިމާވެށްޓަށް އިޔާދަނުކުރެވޭނެ ގެއްލުންވިޔަނުދީ ހުއްޓުވުމުގެ މަގްސަދުގައި، ކަމާގުޅޭގޮތުން ހުށަހަޅާފައިވާ ފަންނީ ހެކިތަކާ އަދި ޤާނޫނީ ހަމަތަކާ މަފްހޫމްތަކަށް ވަރަށް ފުރިހަމައަށް ރިއާޔަތް ކުރައްވާފައިކަން ފާހަގަ ކުރަމެވެ.
4 – ނަމަވެސް 15 ފެބްރުވަރީ 2024 ގައި ދައުލަތުގެ ފަރާތުން ހައިކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން 15 ފެބްރުވަރީ 2024 ގައި ވަނީ ދައުލަތުން އެދިފައިވާ ގޮތަށް އަދި އެކޯޓުގެ ގަވައިދުގެ 21 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ތެރެއިން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުން ވަކިގޮތަކަށް އަމަލު ކުރުމަށް އަންގަން ދެން ތަންފީޒު ނުކުރުމަށް އަމުރުކޮށްފައެވެ. މީގެ މާނަ އަކީ ހައިކޯޓަށް ހުށަހެޅި ހެކިތައް އެއްފަރާތްކޮށް ގެއްލުން މިނެކިރުމުގައި ދައުލަތަކަށް ލިބިދާނޭ މާލީ ގެއްލުމަކާއި ޤައުމުގެ އާންމު ރައްޔިތުންނަށް ދިމާވާނެ އިޔާދަނުކުރެވޭ އަސާސީ ގެއްލުން އަޅާ ކިޔުމުގައި އެއް ހަމައެއްގައި މި ދެ ގެއްލުން ވަޒަން ކުރެވިގެން ދިޔުމެވެ!
5 – ނުކުތާ 1 ގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ދިޔަ ވަގުތާ ނުކުތާ 4 ގައި ފާހަގަކޮށްފައިވާ ކަންކަމަށް ދިޔަ ވަގުތުގެ ފަރަގުގެ ބޮޑުމިން ފާހަގަކުރެވެއެވެ. ޝަރުއީ ކޯޓުތަކަކީ ހަމަހަމަ އިޖުރާއަތު ތަކެއްގެ ތެރެއިން ހިނގާ އާންމު ޚިދުމަތުގެ މުއައްސަސާތަކެއް ކަން ފާހަގަކުރަމެވެ.
ދައުލަތުގެ މި އިސްތިއުނާފީ ކަންކަން ހިނގާދިޔަ މަރުހަލާއަކީ 24 ގަޑިއިރުވެސް ކޯޓުގައި ހަމަނުވާ ބާރު ސްޕީޑްގައި ނިމިގެން ދިޔަ މަރުހަލާއެއްކަން ފާހަގަކުރެވެއެވެ. އާންމު ރައްޔިތެއްގެ ހުށަހެޅުމާ އަޅާ ބަލާއިރު ހޭދަވީވަގުތާ ނުބައްދަލު މިންވަރު ފާހަގަކުރެވެއެވެ.
6 – ސުޕްރީމް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވަނީ އެކޯޓުން އަމުރު ނެރެފައިވާ ސަބަބަކީ، “ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޟިއްޔާއިން ކޮށްފައިވާ ޙުކުމް ތަންފީޒުކުރުން މިވަގުތު ފަސްނުކޮށްފިނަމަ، އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިޔުމުގެ އިމްތިމާލު ފާޅުކަން ބޮޑުކޮށް ފެންނަން އޮތުމާއެކު” ކަމަށެވެ. މި ނުކުތާއާއި ގުޅިގެން ފާހަގަކުރެވެނީ، ޤާނޫނު ނަމްބަރު 4/93 (ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ ގައި ޕްރޮޖެކްޓު ހުއްޓުވުމާބެހޭ ގޮތުން ބުނަނީ ތިރީގައިވާ ގޮތަށް ކަމެވެ. އެއީ:
“ހިންގަމުންދާ ޕްރޮޖެކްޓެއްގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓަށް ނޭދެވޭ އަސަރެއް ފޯރާކަމަށް ފެނިއްޖެ ހިނދެއްގައި، އެ ޕްރޮޖެކްޓެއް ހުއްޓުވުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުން ހުއްޓުވޭ ޕްރޮޖެކްޓަކަށް ބަދަލެއް ނުދެވޭނެއެވެ.”
7 – 6 ވަނަ ނުކުތާ އަށް ރިއާޔަތްކުރުމުން 2 ކަމެއް ފާހަގަކުރެވެއެވެ.
ހ) ފުރަތަމަ ކަމަކީ ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުއަކީ ރާއްޖޭގެ ޤާނޫނު ނުހިނގާ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެއް ކަމަށްވަނީތޯއެވެ.
ށ) ދެވަނަ ކަމަކީ ވަގުތީއަމުރާ ބެހޭގޮތުން ހައިކޯޓުން ނިންމި ނިންމުމުގެ ސަބަބުން ދައުލަތަށް އިންތިހާއަށް ބޮޑެތި ގެއްލުންވެދާނެ ކަމެއްކަމަށް ބުނާބުނުމަކީ އެއްވެސް ހެއްކެއް ހުށަހަޅައިގެން ކުރެވިފައިވާ ކަމެއްތޯ ސާފުވާން ނެތްކަމެވެ.
8 – ސިވިލްކޯޓުގައި އޮތް މައުޞޫއީ ދައުވާ ވަކިގޮތަކަށް ނިމެންދެން ގުޅިފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށް ހައިކޯޓުން ނިންމި ނިންމުން ތަންފީޒު ނުކުރުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތް ކުރުމުން ތިމާވެށްޓަށް ވަމުންދާ ގެއްލުންތަކުގެ އަގު ވަޒަންކޮށްފައި ނެތުމަކީ ވެށްޓަށް އިޔާދަނުކުރެވޭނެ ގެއްލުން ނުލިބޭނެކަމެއް ނޫންކަންވެސް ފާހަގަކުރަމެވެ. އަދި ގުޅިފަޅު ހިއްކުމުގެ މަޝްރޫއަކީ ވެށްޓަށް ލިބޭނެ ގެއްލުމުގެ އަގު ވަޒަންނުކޮށް ހިންގަމުންދާ މަޝްރޫއެއްކަން ފެންނާން އޮތްއިރު، ރާއްޖޭގެ ފަރުފަޅުތަކަށް ލިބޭ ގެއްލުމުގެ އަގު ވަޒަންކޮށްފައިވާ ހަމައެކަނި މަޝްރޫއު ކަމުގައިވާ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުއިން ފަރުފަނާވެ ދިއުމަކީ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ގެއްލުން ވާނެކަމެއްކަން ފާހަގަ ކޮށްފައިވެއެވެ. މިފަދަ ކަންކަމަށް ބެލުމެއްނެތި، ނުބެލީމާ ނޭނގުމުގެ އުސޫލެއްގެ ތެރެއިން ރާއްޖޭގެ ވެށި ފަނާކުރަމުން ދިއުމަކީ މިޖީލާ މުސްތަގްބަލުގެ ޖީލުތަކަށްވެވޭ ޚިޔާނާތެއްކަމުގައި ދެކެމެވެ.
އިސްތިއުނާފުކުރާ މައްސަލަ ހުށަހެޅި ފަރާތް
ހުމައިދާ އަބްދުލް ޢަފޫރު
ހ.ޝޭޑީކޯނަރ، މާލެ
އެޑިޓް ނޯޓު: މައުލޫމާތު ފުރިހަމަ ކުރުމުގެ މަގްސަދުގައި، މި ނޫސްބަޔާނުގެ ނުކުތާ 7(ށ) ގައި ‘އިޔާދަ ނުކުރެވޭނެ’ މި ބަސްތައް ‘އިންތިހާއަށް ބޮޑެތި ގެއްލުން ވެދާނެ ކަމެއްކަމަށް’ މިގޮތަށް ބަދަލު ގެނެސްފައިވާނެ (17 ފެބްރުއަރީ 2024)

