މާލޭގައި ރާއްޖޭގެ ޖަޒީރާރަށެއްގެ ގުދުރަތީ ވެށްޓެއް ނެތެވެ.
ގަސްކަރައެއް ނެތެވެ. ވެއްޔެއްވެސް ނެތެވެ. އަތިރިމައްޗެއް ވެސް ނެތެވެ.
މާލޭގެ މަލަމައްޗަކީ ރާއްޖޭގެ ޖަޒީރާ ރަށެއްގެ ސިފައޮތް އެއްޗެކޭ ބުނާނެ އެއްވެސް ޖާގައެއް ނެތެވެ.
މާލޭގައި އޮތީ “އާޓިފިޝަލް” ނުވަތަ ގުދުރަތީސިފަ މުޅިން ގެއްލިފައިވާ، އޭގެ ޒާތުގައި ވެށްޓިފައިވާ ވެށްޓެކެވެ.
މާލޭގެ ވަށައިގެން އޮތީ ކޮންކްރީޓާއި ބޮޑުހިލައެވެ.
މާލޭގެ ހަގީގީ ވަށާފާރަކީ ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްތަކަށް ލިބިފައިވާ ފުރިހަމަ ދިފާއީ ނިޒާމު އަދި ދިރިއޮތް، ދިރުންތަކުގެ މުއްސަނދިކަންއޮތް، ދެމެހެއްޓެނިވި ގޮތުގައި އެތައްހާސް އަހަރެއްވަންދެން އިޔާދަވަމުންއައި، ގުދުރަތީ ފަރެވެ. ނަމަވެސް އެ ގުދުރަތީ ވަށާފާރު މުޅިންހެން މާލެއިން ނައްތާލާފައި، މިހާރުއޮތީ އޭގެ ބަދަލުގައި އަޅާފައިވާ އޭގެޒާތުގައި މަރުވެފައި އޮތް ކޮންކްރީޓް ފާރެކެވެ. ނަމަވެސް މިއަށް ރާއްޖޭގެ ގިނަ ބަޔަކު ފަޚުރުވެރިކަމާއެކު ކިޔަނީ “ތަރައްގީ” އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މާލޭގެ މި “ތަރައްގީ” ތަކުރާރު ކުރުމަށް ރައްޔިތުން ބޭނުންވާ ކަމަށްވެއެވެ. މި “ތަރައްގީ” ވެފައިވަނިކޮށް ދާދި ފަހުން ވެލައެއް ބިސްއަޅާނެ ތަނެއް ހޯދަމުން ގޮސް މާލެއަށް އެރުމަކީ އެސޮރަށް ކުރެވުނު ނުރައްކާތެރި ކަމެކެވެ. މާލޭގެ އިރުދެކުނު ކަނުގައި އޮތް ވެލިކޮޅެއްގައި ބިސްއަޅަން ވަޅުކޮންނަން އޮއްވާ ފުލުހުން އައިސް ހިފައިގަނެގެން އެސޮރު އެތަނުން ބޭރުކުރިއެވެ.
ވެލައަކީ ރާއްޖޭގައި ހިފުންމަނާކޮށް 1995 އިންފެށިގެން އެކިގޮތަށް “ހިމާޔަތް” ކުރެވިފައިވާ ވަރަށް ޚާއްސަ ޖަނަވާރެކެވެ. ވެލައެއްގެ އުމުރުދުވަސް 50-70 އަހަރާ ދޭތެރޭ ކަމަށްވާއިރު އިންސާނުން ދިރިތިބޭ އުމުރާ މާބޮޑު ތަފާތެއްނެތެވެ. ނަމަވެސް އިންސާނުންނަށްވުރެ މާދޮށީ، ދުނިޔޭގައި އުޅެމުންދާ ގުދުރަތީ އަޖައިބެއް ކަމުގައިވާ، ރާއްޖޭގެ ރަށްވެހި ވެލަޔަކީ އަދު މާލޭގައިއުޅޭ ދިވެހިންނަށް ބީރަށްޓެހި ޖަނަވާރަކަށް ވެއްޖެއެވެ. ބިސްއަޅަންއޮތް ހިމާޔަތްކޮށްފައިވާ ވެލައަށް އިހުތިރާމްކުރާކަށް ގާނޫނު ނަގަހައްޓާ، ތަންފީޒުކުރުމުގެ ޒިންމާއޮތް ދިވެހި ފުލުހުންނަކަށްވެސް ނޭނގުނެވެ. ވެލާ ބިސްއަޅަން މާލެ އެރުމަކީ ކުށަކަށް ވެގެން ދިޔައެވެ. މި “ތަރައްގީ” ގައި ވެލައަށް ޖާގައެއް ނެތެވެ. ފަރަކަށް ޖާގައެއް ނެތެވެ. ފަރުން އުފެދޭ ވެއްޔަކަށްވެސް ޖާގައެއް ނެތެވެ. ރަށުގެ ވަށައިގެންވާ ދިފާއީ ފަރާ އޭގައިވާ ދިރުންތަކަކަށްވެސް ޖާގައެއް ނެތެވެ. ނަމަވެސް މި “ތަރައްގީ” އާއި އެކު އަންނަ ނުކިއްސަރު ބަދަލުތައް ދިވެހި ލޯތަކަށް ފެނޭބާއޭ އަހުރެން ހިތައް އަރައެވެ.
މާލޭގެ ވަށައިގެން އޮތް ތަރައްގީއަކީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާ ދިރުންތަކާ މުޅިން ބީރަށްޓެހި އަދި އޭގެ ޒާތުގައި މަރުވެފައިވާ އެއްޗެތި ކަން ލޮލުންބެލީމާ ފެނެއެވެ. އިރެއްގައި މާލޭގައި ދޮންވެލި އަތިރިމައްޗަކާ ދިރިއޮތް މުއްސަނދި ފަރެއް އޮތްކަމުގައި ވިޔަސް އަދު އޭގެ ހިމާޔަތާ ރައްކާތެރިކަމުން މާލެ މަހުރޫމުވެ ނިމިއްޖެއެވެ. މީ ބައެއް އިންސާނުން “ތަރައްގީ” ދެކެމުންއައިގޮތުގެ އާޚިރު ނަތީޖާއެވެ. މާލޭގެ ފަރުގެ ގުދުރަތީ ހިމާޔަތާ ރައްކާތެރިކަން އެތައް ސަތޭކަ ގަރުނެއްވަންދެން ލިބިފައި އޮތެވެ. މިހާރު ނެތިގޮސްފައިވަނީ އެ ރައްކާތެރިކަމާ، އަދުގެ ބަހުރުވައިން ބުނާނަމަ ތިމާވެށީގެ ވިލުންވެރި ކަމެވެ.
މާލޭގެ ދިރިއޮތްފަރު ހިއްކާ ނައްތާލުމުން މާލެއަށް އެތައްނުރައްކަލަކާ ދިމާވަމުން ގޮސްފައިވެއެވެ. އަދި މި ނުރައްކާތަކުގެ ހަގީގީ ގިލަންވެެރިކަން ފެންނާނީ ކައިރި މުސްތަގުބަލުގައި ކަމަށް ގަބޫލުކުރެވެއެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ހިތި މި “ތަރައްގީ” ގެ ސަބަބުން ވަރަށް އަވަހަށް ފެންނާނެ ކަމާދޭތެރޭ އަދު ޝައްކު ކުރެވޭކަށް ނެތެވެ. ދުނިޔެ ދަނީ އާދަޔާ ޚިލާފަށް ހޫނުވަމުންނެވެ. މީގެ ސަބަބުން ދުނިޔޭގެ އެންމެ އުތުރާ ދެކުނުގައިވާ ބިޔަބޮޑު ގަނޑުފެން ސަރަހައްދުތައް ދަނީ ގިރެމުންނެވެ. މި ކަންކަމުގެ ސަބަބުން ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑު ދަނީ އުފުލެމުންނެވެ. މިއާވިދިގެން ރާއްޖޭގެ މުރަކަ ފަރުތަކުގެ ދުޅަހެއުކަމަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެކަން ސާފުވެއެވެ. އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ދިރުމާ ދިރިތިބުމުގެ އެންމެ އަސާސީ ރައުސުލްމާލު، ކަނޑުފަޅު ތަކާ މުރަކަފަރުތަކާ ދިރުންތައް ނުރައްކަލަށް ހުށަހެޅޭނެއެވެ. މޫސުމީ އޮޔާވަޔާ އެއާއެކު އަންނަ ތޫފާންތަކާ ކޮޅިގަނޑުތައް ދަނީ ވަރުގަދަ ވަމުންނެވެ. މީގެ ނުރައްކަލުން ސަލާމަތް ހޯދުމަށް “ތަރައްގީ” ގެ ކޮންކްރީޓާ ބޮޑުހިލައިގެ ފާރުތައް ރާނަން އުޅުމަކީ އަނެއްކާވެސް “ތަރައްގީ” ގެ ދަންތުރައެއްގައި ޖެހުމެވެ. ރާއްޖެ ރާއްޖޭގެ ގޮތުގައި އުފައްދާ އިޔާދަކޮށްފައިވަނީ އިންސާނުންނެއް ނޫނެވެ. ރާއްޖޭގެ ޖަޒީރާ ރަށްތަކަކީ ގުދުރަތީ އަޖައިބެކެވެ، އަދި ނިއުމަތެކެވެ. ދިރިހުރި ފަރުތަކާ އެތައްހާސް ދިރުންތަކެއްގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ ދޮންވެލި އުފައްދާ ފަރުތައް ފަނާކޮށްފައި ކޮންކްރީޓުން ތަރައްގީ ގެނެވޭނެ ކަމަށް އިންސާނުން ހީކުރާ ހީކުރުމަކީ ވަރަށްބޮޑު ކުށް ހީއެކެވެ. އިންސާނުންނަކީ ގުދުރަތީ މާހައުލުގައިވާ އެންމެ ދިރުމެކެވެ. އިންސާނުންގެ ދިރުމާ ދުޅަހެޔޮކަމާ ރައްކާތެރިކަން ބަރޯސާވަނީ މި ވެށީގައިވާ އެންމެހާ އެހެން ދިރުންތަކެއްގެ ސަލާމަތާ ރައްކާތެރިކަމުގެ މައްޗަށެވެ. މިއީ ލާމެހިފައިވާ ޗޭނެއްގެ ތެރޭގައި ހިނގާ ގުދުރަތީ ހަގީގަތްތަކެކެވެ. މި ހަގީގަތަށް ފުރަގަސްދިނުމުން ނިކުންނަ ނަތީޖާތައް މާލެއިން އަދި އެހެން ރަށްރަށުންވެސް އަދު ދަނީ ފެންނަމުންނެވެ. ރަށްގިރުމުގެ ނުތަނަވަސްކަމާ ކަންބޮޑުވުންތަކެވެ. ފަރުފަޅުތަކުން ލިބޭ ނަފާ ހީނަރުވަމުން ދިއުމެވެ.
މާލޭގެ ގުދުރަތީ ދިފާއީ ނިޒާމު ކަމަށްވާ މި ރަށުގެ ފަރު ހިއްކަމުންގޮސް މުޅިންފަނާވެ ދިއުމުން އެއާއެކު އޭގައިވާ މުއްސަނދިކަމާ ދިރުންތައް ހީނަރުވެ ފަނާވެ ނެތިދިޔައީއެވެ. އަދި އެ ދިރުންތަކުގެ ސަބަބުން މާލެއަށް ލިބެމުންދިޔަ ހިމާޔަތާ ރައްކާތެރިކަންވެސް ގެއްލި ނެތިދިޔައީއެވެ. މިއީ ދެން އިޔާދަކުރެވޭނެ މާހައުލެއްނޫނެވެ. ވެލާ ބިސްއަޅަން އެރި މާލޭގެ ވެލިކޮޅަކީ މާލޭގެ ފަރުގެބާކީ އޮތް މުރަކައިގެ މައްޗަށް ކޮންކްރީޓާ ބޮޑުހިލައިގެ އަސަރު ގަދަވެ، ދޮންވެލީގެ ބަދަލުގައި މިލަވެއްޔަށް ބަދަލުވެފައިވާ އެއްޗެކެވެ. މާލޭގެ އާޓިފިޝަލް ބީޗްގައި އަދު އޮތީ ދިވެހި ފަރުންއުފެދޭ ގުދުރަތީ ދޮންވެލިތޯ ސުވާލު ކުރެވެއެވެ. ސަބަބަކީ މިވެއްޔަށް އައިސްފައިވާ މިލަކުލައިގެ ސަބަބުންނެވެ. މާލޭގެ ރާޅުގަނޑު ސަރަހައްދުގެ ބަނޑުއަކިރިއަކީ ހުދުއަކިރިއެއް ނޫނެވެ. އެއީ ބޭރުން ގެނެސް އެ ސަރަހައްދަށް އަޅާފައިވާ ހިލަވެއްޔާ، ގަލާ، ބޮޑުހިލަޔާ ކޮންކްރީޓް ފުނޑިގެން އުފެދެމުންދާ އެއްޗެކެވެ. މިއަށް އަކިރި ކިޔޭނެ ޖާގައެއްވެސް ނެތެވެ. މާލޭގެ ދިރިއޮތް ފަރުގެ ވެށި ފަނާވެފައިވަނީ ދާއިމަށެވެ.
އަދަކީ އަނެއްކާވެސް ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރާ ދުވަހެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ތިމާވެށީގެ ވާހަކަތަކާ މުޅިދުނިޔޭގެ ވެށްޓަށް ދިމާވެފައިވާ ގޮންޖެހުން ތަކުގެ ވާހަކަތަކުން މީސްމީޑިއާ ގުގުމާނެ ދުވަހެކެެވެ. ސަރުކާރުގެ އެކި މުއައްސަސާތަކުން ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަތަކުގެ އަޑު ފަތުރާނެއެވެ. ނަމަވެސް ރާއްޖޭގައި މިވާހަކަތައް ދެކެވޭއިރު ރައްޔިތުން މިކަންކަމާ އެއްވެސް މިންވަރަކަށް ވިސްނާނެބާއެވެ. މާލެއަކީ ގުދުރަތީ ގޮތުން މަރުވެފައިއޮތް ވެށްޓެއްކަން ރައްޔިތުންނަށް ގަބޫލުކުރެވޭނެ ބާއެވެ. މާލޭގެ ތަރައްގީ، މާލެއަށް ގެނެސްފައިވާ ގޮތަށް ރަށަށް ގެންދަން ބޭނުންވާ ރައްޔިތުން މިކަމާ ވިސްނަން ޖެހެނީ މާދަމާއަށް ނަޒަރުކުރަމުންނެވެ. ތިމާއާއި ރަށުއެންމެންގެ ވެސް ސަލާމަތާ ރައްކާތެރިކަމަށް ވިސްނައިގެންނެވެ. ރަށުގެ ރައްކާތެރިކަމާ ވިލުންވެރިކަން ދެމެހެއްޓުމަށް ސަމާލުކަން ދީގެންނެވެ. މަރުވެފައިވާ މާލޭގެ ދެލިކޮޕީ އަކަށް ކޮންމެ ރަށެއް ހެދުމުން ރާއްޖޭގެ ގުދުރަތީ ދޮންވެލި އަތިރިމަތިތައް މާލެ ފަދައިން މިލަކުލައަށް ބަދަލުވެ ތަޣައްޔަރުވާނެ ނޫންބާއެވެ. ވެލާ ކަހަނބަށާ ދިވެހީންނަށްވެސް މިއަށްވުރެ ރައްކާތެރި ގުދުރަތީ ނިއުމަތްތަކުގެ ނަފާލިބޭނޭ ސާދާ މާދަމައެއް ހޯދޭނެގޮތް ޚިޔާރުކުރެވިދާނެއެވެ. ރާއްޖޭގައި ވެއްޔަކީ ފަރުތަކާ އޭގައިވާ މުއްސަނދި ދިރުންތަކުގެ މާހައުލީ ނިޒާމުއޮންނަ ގޮތުގެ ސަބަބުން، އެ ދިރުންތަކުގެ ޒަރިއްޔާއިން އުފެދިގެން އަންނަ އެއްޗެކެވެ. ޖަޒީރާ ރާއްޖޭގެ ދޮންވެލި އަތިރިމަތި ދަރިންނަށާ ފަތުރުވެރިންނަށް ރަށުން ދައްކަން ބޭނުންވާ ބަޔަކު މާލޭގެ “ތަރައްގީ” ރަށަށްގެންދަން ޚިޔާރު ކުރުމަކީ ބުއްދިވެރި ގޮތެއްނޫނެވެ.
މި ލިޔުން ފުރަތަމަ ޝާއިއު ކޮށްފައިވަނީ 5 ޖޫން 2022 ގައި ދައުރު ނޫހުގައި

