16 މެއި 2024
ވަގުތީ އަމުރާބެހޭ މައްސަލައިގެ އަސާސީ މައުލޫމާތު
1) މި މައްސަލައަކީ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާގެ (ށ) (2) ގެ ދަށުން ވަގުތީ އަވަސް އަމުރަކަށް އެދި 15 މާރޗް 2023 ގައި ރާއްޖޭގެ ސިވިލްކޯޓަށް ހުށަހެޅުނު މައްސަލައެއް
2) މި މައްސަލައިގާ އެދިފައިވާނީ މިހާރު ސިވިލްކޯޓުގައި އޮތް ކ.ގުޅިފަޅު ޕޯޓް މަޝްރޫއު ހުއްޓުވުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން ކ.ގުޅިފަޅު ހިއްކުމުގެ 2 ވަނަ ފޭސް ހިއްކުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓުވުމަށް
3) ރާޢްޖޭގެ ސިވިލްކޯޓުން މި މައްސަލައިގާ އެދިފައިވާ ވަގުތީއަމުރު ނެރެދޭނެތަނެއް ނެތްކަމަށް ކަނޑައަޅާ ހުކުމްކުރީ 8 ޖޫން 2023 ގައި
4) ސިވިލްކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރީ 18 ޖޫން 2023 ގައި
5) ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގާ އެދިފައިވާ ވަގުތީއަމުރު ނެރެދިނުމަށް ހުކުމްކުރީ 14 ފެބްރުވަރީ 2024 ގައި
6) ހައިކޯޓުގެ ނިންމުން ތަންފީޒުކުރުން ހުއްޓުވުމަށް ސުޕްރީމްކޯޓުން އަމުރު ނެރުނީ 15 ފެބްރުވަރީ 2024 ގައި
7) ދައުލަތުން ސުޕްރީމްކޯޓުގައި މައްސަލަ އިސްތިއުނާފުކުރީ 15 ފެބްރުވަރީ 2024 ގައި
8) ކ.ގުޅިފަޅު 2 ވަނަ ފޭސް ހިއްކާ ނިންމިކަމަށް ދައުލަތުން އިއުލާނުކުރީ 16 އެޕްރިލް 2024 ގައި – އެއީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުން ހުއްޓުވިތާ 2 މަސްދުވަސް ފަހުން
9) ސުޕްރީމް ކޯޓުން މި މައްސަލައިގާ ގޮތެއް ނިންމީ 15 މެއި 2024 ގައި
10) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާގެ (ށ) (2) ގެ ދަށުން ވަގުތީ އަވަސް އަމުރަކަށް އެދި 15 މާރޗް 2023 ގައި ހުށަހެޅި މައްސަލަ 15 މެއި 2024 ގައި ނިމުނީ 1 އަހަރާ 2 މަސްދުވަސް ފަހުން
• ސުޕްރީމް ކޯޓުގެ ހުކުމް ނެރުއްވި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު ތާއީދު ކުރައްވާފައިވޭ. އަދި ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު މި ރައުޔަށް ތާއިދު ކުރައްވާފައިވަނީ ބައެއް އިތުރުކަންކަން ފާހަގަކުރައްވާފައި.
• ސުޕްރީމް ކޯޓުގެ ނިންމުމުގައި ފާހަގަކުރެވޭ ބައެއް މުހިންމު ނުކުތާތައް ތިރީގައި ފާހަގަކުރަން:
1 – ނިންމުމުގެ 17 ވަނަ ޕެރެގްރާފް ގައި ފާހަގަކޮށްފައިވަނީ:
“ސުޕްރީމް ކޯޓުން މިމައްސަލައިގައި ގޮތެއް ނިންމަން ޖެހެނީ، މި މައްސަލާގައި ހައިކޯޓުން ނެރެފައިވާ ވަގުތީއަމުރަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ކަނޑައެޅިފައިވާ އުޟޫލުތަކާ އެއްގޮތަށް ނެރެފައިވާ އަމުރެއްތޯ ނުވަތަ ނޫންތޯއެވެ.”
ދެންހުރި އިސްތިއުނާފީ ނުކުތާތަކާ ކަންކަމަކީ މައުޟޫއީ މައްސަލައާ ގުޅުންހުރި ކަންތަކަށްވާތީ މި މައްސަލައިގާ ބެލޭނެ ކަންތައް ނޫންކަން ފާހަގަކޮށްފައިވޭ.
2 – ނިންމުމުގެ 21 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވަނީ:
“މި މައްސަލައިގާ އެދިފައިވާ ގޮތަށް ވަގުތީ އަމުރު ނެރެފިނަމަ ދައުލަތަށް ލިބޭނެ ގެއްލުން ދައުލަތުން ހައިކޯޓުގައިވެސް އަދި ސުޕްރީމްކޯޓުގައިވެސް ބަޔާންކޮށްފައި ވެއެވެ. އެއީ ދެފަރާތުގެ ދެމެދުގައިވާ އެއްބަސް ވުމުގައި ބަޔާންވެގެންވާ ގޮތުން، މަޝްރޫއުގެ މަސައްކަތް ހުއްޓުވައިފި ނަމަ، އައިޑަލް ޗާޖަސްގެ ގޮތުގައި ކޮންމެ ގަޑިއިރަކަށް 15،300 (ފަނަރަހާސް ތިންސަތޭކަ) ޔޫރޯ ކޮންޓްރެކްޓަރަށް ދައުލަތުން ދައްކަންޖެހެއެވެ. އެއީ ދުވާލަކަށް -/367،200 (ތިންލައްކަ ފަސްދޮޅަސް ހަތްހާސް ދުއިސައްތަ) ޔޫރޯ އެވެ. މަހަކަށް -/11،016،000 (އެގާރަ މިލިއަން ސޯޅަ ހާސް) ޔޫރޯއެވެ.”
މި އަދަދުތަކަކީ ހައިކޯޓު މަރުހަލާގައި ދައުލަތުން ހުށަހަޅާފައިނުވާ މައުލޫމާތެއްކަން ފާހަގަކުރެވޭ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅުނު ޖަވާބުފޯމުގެ 6.4.1 ވަނަ ނުކުތާގައި، އައިޑްލް ޗާޖަސްކަމަށް ދައުލަތުން ބުނެފައިވާ އަދަދަކީ ހައިކޯޓު މަރުހަލާގައި ހެކީގެ ގޮތުގައި ހުށަހެޅިފައިވާ މައުލޫމާތު ނޫންކަން ސާފުކޮށް ބަޔާންކޮށްފައިވުމުގެ އިތުރުން ޝަރިއްޔަތުގެ މަޖިލިހުގައި މިކަން ފާހަގަކޮށްފައިވާނެ.
3 – ނިންމުމުގެ 22 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވަނީ:
“މިފަދަ މަޝްރޫޢުތަކުން ތިމާވެށްޓަށް ގެއްލުން ލިބޭނަމަ އެ މަޝްރޫޢެއް ހުއްޓުވުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށާއި، މި ގޮތަށް ހުއްޓުވުމުން ބަދަލުދޭން ނުޖެހޭކަމަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. ނަމަވެސް މި މައްސަލާގައި މިނިސްޓްރީއިން ބޭނުންވަނީ މަޝްރޫޢު ކުރިއަށް ގެންދަން ކަމަށްވުމާއެކު، މަޝްރޫޢު ކޯޓުން ހުއްޓުވައިފިނަމަ ދެފަރާތް ދެމެދުގައިވާ އެއްބަސްވުމުގެ ދަށުން ދިނުމަށް ދެފަރާތުން އެއްބަސްވެފައިވާ އިސްވެ ބަޔާންވެދިޔަ ފައިސާ ދައުލަތުން ދޭން ނުޖެހޭނެ ކަމަށް ބެލެވޭނެތަނެއް ނެތްކަން ފާހަގަކުރެވެއެވެ.”
މި ނިންމުމުން ހާމަވެގެންދަނީ ކ.ގުޅިފަޅު ހިއްކުމުގެ މަޝްރޫއަކީ ރާއްޖޭގެ ޤާނޫނު ނުހިނގާ ގޮތަށް ރާވާ ހިންގޭ މަޝްރޫއުއެއްކަން، އަދި ތިމާވެށްޓަށް ކުރާނެ ގެއްލުން ހުއްޓުވުމަށް ސަރުކާރުން އުޒުރުވެރިވާ ހިނދު، އެކަން ކުރުމަށް ހެދިފައިވާ ޤާނޫނު ނަގަހައްޓާނެ ޖާގަ ރާއްޖޭގެ ކޯޓަކަށްވެސް ހަޤީގަތުގައި ނެތްކަން.
4 – ނިންމުމުގެ 23 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވަނީ:
“ހައިކޯޓުން ވަގުތީ އަމުރު ނެރުމުގައި ދައުލަތަށް ލިބިދާނެ ކަމުގެ އިޙްތިމާލު އޮތް ގެއްލުމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައި ނުވެއެވެ.”
މިއީ ހެއްކެއްގެ މައްޗަށް ބިނާވާ ތުހުމަތެއް ނޫންކަން ފާހަގަވޭ. މަތީގައިވާ ޕޮއިންޓް 1 ގައި ފާހަގަކޮށްފައިވާ ފަދައިން ހައިކޯޓަށް އައިޑްލް ޗާޖަސްގެ އަދަދުތައް ހުށަހަޅާފައި ނުވާކަމުގެ އިތުރުން، ހައިކޯޓުގެ ނިންމުމުގެ 22 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވަނީ:
“ގެއްލުން ކަނޑައެޅުމުގައި ހަމައެކަނި ދައުލަތަށް ލިބިދާނެ ގެއްލުން ބަޔާންކޮށް ދިނުމުން ފަރުޖެހޭނެކަމުގައި ނުދެކެމެވެ.”
މިގޮތަށްކަން.
މި ނުކުތާގައި ހެއްކަށް ރިއާޔަތްކުރުމުގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވާ ގޮތް އެކަށީގެންވާ އިންސާފުވެރި މިންގަނޑެއްގައި ހިފެހެއްޓިފައިނެތްކަން ފާހަގަކުރެވޭ.
5 – ސުޕްރީމް ކޯޓުގެ ނިންމުމުގެ 24 ވަނަ ޕެރެގްރާފް ގައި ފާހަގަކޮށްފައިވަނީ:
“ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްގައި މައްސަލައިގެ ދެފަރާތަކަށް ލިބިދާނެ ގެއްލުން ވަޒަން ކުރަން ޖެހޭއިރު، ވަގުތީ އަމުރުގެ ބޭނުމަށްޓަކައި މި މައްސަލާގައި ބިން ހިއްކުމުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތަކަކީ އެ ގެއްލުންތައް ދެމިގެން ގޮސް އިހުހުރި ހާލަތަށް އިއާދަ ނުވާނެ ދާއިމީ ގެއްލުންތަކެއްކަން ނުވަތަ ނޫންކަން ވަގުތީ އަމުރަށް އެދުނު ފަރާތުގެ ބަހުން ސާފުނުވާކަން ފާހަގަކުރެވެއެވެ.”
މިއީ ޖަވާބުފޯމުގައި އަދި ޝަރިއްޔަތުގައި ދެކެވުނު ވާހަކަތަކުން މިކަމާބެހޭ ގޮތުން، މަސްދަރުތައް ހިމެނޭގޮތަށް، ހުށަހަޅާފައިވާ ތަފާތުއަދި ތަފްސީލީ ހެއްކާ މައުލޫމާތަށް ރިއާޔަތްނުކުރެވި ބަޔާންކުރެވިފައިވާ ކަމެއްކަން ފާހަގަކުރެވޭ.
މައްސަލައިގެ ޖަވާބުފޯމުގެ 6.4.1 ގައި ބުނެފައިވާނީ:
“އައްޑުއަތޮޅުގެ ބިންހިއްކުމުގެ މަޝްރޫއުގެ ފެބްރުވަރީ 2022 ގެ އީ.އައި.އޭ ގައި ބިން ހިއްކުމުގެ ސަބަބުން އެ އަތޮޅުގެ މުރަކަފަރުތަކަށް ލިބޭނޭ ގެއްލުމުގެ އަގު ފައިސާއިން ވަޒަން ކޮށްފައިވާއިރު، ލިބެންހުރި ތަފްސީލުގެ ތެރޭގައި 21 ހެކްޓަރުގެ ފަރަށް ލިބޭ ގެއްލުމަކީ ޔޫއެސްޑޮލަރު 343 މިލިއަނާއި 858 މިލިއަނާ ދެމެދުގެ އަދަދެއްކަން ހާމަވެއެވެ. މިއީ ރާއްޖޭގެ ޤަވާއިދު ނަންބަރު 2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) އަށް ރިއާޔަތްކޮށް އަންދާޒާ ކޮށްފައިވާ އަދަދުތަކެއްކަން ފާހަގަކުރަމެވެ. ކ. ގުޅިފަޅު ހިއްކުމާބެހޭ އެޕްރިލް 2020 ގެ އީ.އައި.އޭ ގައި ބުނާގޮތުން މަޝްރޫއުގެ ސަބަބުން 2.1 އަކަ ކިލޯމީޓަރުގެ “ބައޯޓާ” ނެތިފަނާވާނެއެވެ. 2.1 އަކަ ކިލޯމީޓަރަކީ ގާތްގަނޑަކަށް 200 ހެކްޓަރުގެ ސަރަހައްދެކެވެ. ލިބެންހުރި މިފަދަ މައުލޫމާތުން ކުޑަގޮތަކަށް މިސާލެއް ނަގައިގެން މަތިމަތިން ބެލިނަމަވެސް ވެށްޓަށްލިބޭ މާލީ ގެއްލުމުގެ ސީރިއަސްކަން ދޭހަވާކަމަށް ދެކެމެވެ.”
މި މައުލޫމާތަށް ކޯޓުން ރިއާޔަތް ކޮށްފައި ނެތުމަކީ ހުށަހެޅިފައިވާ މައުލޫމާތަށް އެކަށީގެންވާ މިންވަރަށް ބެލިފައި ނެތްކަން ދޭހަވާކަމެއް. އަދި ޕްރިކޯޝަނަރީ ޕްރިންސިޕަލްގެ މަފްހޫމާ މިކަމާ ގުޅިފައިވާއިރު، ސުޕްރީމްކޯޓުގެ ނިންމުމުގައި މި މައްސަލަ ބިނާކުރެވިފައިވާ އެ އަސާސީ މަފްހޫމަށް އެއްގޮތަކަށްވެސް ރިއާޔަތް ކޮށްފައިނެތުމަކީ މައްސަލައޮތްގޮތް ދެނެގަތުމަށް ކޯޓުން އުޒުރުވެރިވެފައިވާ ކަމުގެ ދަލީލެއްކަމަށް ބެލެވޭ. މިއީ ހައިކޯޓުގެ ނިންމުމާ ސުޕްރީމްކޯޓުގެ ނިންމުމާ އޮތް ބޮޑު ފަރަގެއްކަން ފާހަގަކުރަން.
6 – ނިންމުމުގެ 27 ވަނަ ޕެރެގްރާފް ގައި ކަނޑައަޅާފައިވަނީ ހައިކޯޓުގެ ނިންމުން ނިންމާފައިވަނީ
“އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޟޫލުތަކާ ޚިލާފަށެވެ.”
މި ނުކުތާއާއި ގުޅޭގޮތުން ހައިކޯޓުގެ ނިންމުމުގެ ޕެރެގްރާފް 25 ގައި ބަޔާންކޮށްފައިވަނީ:
“ސުޕްރީމް ކޯޓުގެ އެޤަސިއްޔާއަށް ބެލުމުން އެއީ، ދެ ކުންފުންޏެއްގެ ދެމެދުގައި އޮތް ވިޔަފާރީގެ މުޢާމަލާތަކާގުޅޭ މައްސަލައެއްކަން އެނގެން އޮވެއެވެ. އެފަދަ މައްސަލައެއްގައި، އެންމެ އެކަށީގެންވާ ގޮތެއްގައި ގެއްލުން ނުވަތަ ނުރައްކާ ވަޒަންކުރާނެ ގޮތަކީ އެއީ ކަމުގައި ވެދާނެއެވެ. އެހެންނަމަވެސް، މި މައްސަލައަކީ ތިމާވެށި ހިމާޔަތް ކުރުމުގެ އަސާސްގެ މައްޗަށް، އަސާސީ ހައްޤެއް ހިމާޔަތްކުރުމުގެ ގޮތުން ހުށަހެޅުނު މައްސަލައެއްކަމަށްވުމުން ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ވަގުތީ ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅެއް އަޅަންޖެހޭތޯ ވަޒަންކުރުމުގައި، Balance of Convenience ގެ އުސޫލާއި އެކު ނުވަތަ އެ އުސޫލާއި ނުލާ ނަމަވެސް، ތިމާވެށީ ހިމާޔަތްކުރުމުގެ އަސާސްގެ މައްޗަށް ހުށަހެޅޭ މައްސަލަތަކުގައި، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ޙާއްސަ ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމަށް، އެފަދަ މައްސަލަތަކަށް ޙާއްސަކުރެވިފައިވާ އާންމު އުސޫލުތަކަށް ރިޢާޔަތްކުރުމުގެ ގޮތުން، އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ފަދައިން، Precautionary Principle މި މައްސަލައަށް ތަޠްބީޤު ކުރެވޭތޯ ނުވަތަ ނޫންތޯ ދެނެގަންނަން ޖެހެއެވެ.”
ސުޕްރީމް ކޯޓުގެ ނިންމުމުގައި ޕްރިކޯޝަނަރީ ޕްރިންސިޕަލްގެ މަފްހޫމަށް ރިއާޔަތް ކޮށްފައި ނުވާހިނދު، އެސް.ޕީ.އެޗް މައްސަލައާއި މި ހިނގާމައްސަލަ ތަފާތުވާގޮތް ސުޕްރީމްކޯޓުގެ ނިންމުމަކާ ހަވާލާދީ ޝަރިއްޔަތުގެ މަޖިލިހަށް ހުށަހެޅިފައިވާނެ. މިފަދަ ޤާނޫނީ ހަމަތައް ކޯޓުން ވަޒަންކޮށްފައި ނެތުމަކީ ޤާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ އަސާސީ ހައްޤެއް ދިފާއުކުރުމަށް އާންމު މަސްލަހަތުގައި ކޯޓަށްމައްސަލަ ހުށަހެޅުމަށް ލިބޭ ފިނި ތަރުހީބެއްކަން ދޭހަވޭ.
7 – ނިންމުމުގެ ޕެރެގްރާފް 32 ގައި ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ގެ ރައުޔުގައި ފާހަގަކުރައްވާފައި ވަނީ:
“މި ވަގުތީ އަމުރާ ގުޅޭ އަސްލު މައްސަލަ 2021 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހަޅައިގެން އެކޯޓުން މައްސަލަ އަދިވެސް ނިމިފައި ނުވާއިރު، ގުޅީފަޅުގެ ބިން ހިއްކުން އޮތީ މުޅިން ނިމިފައެވެ. … ބިން ހިއްކުން މުޅިން ނިމިފައިވާތީވެ، ސިވިލް ކޯޓުގައި އޮތް މައްސަލައާ ގުޅިގެން ވަގުތީ އަމުރެއް ނެރުމުގެ މުއާލާތް ވަނީ ކެނޑިފައެވެ. އެހެންކަމުން މި މައްސަލައިގައި ވަގުތީ އަމުރެއް ނެރޭނެ ތަނެއް ނެތެވެ.”
ކަމުގެ ހަޤީގަތް އޮތްގޮތް ފަނޑިޔާރަކު ފާހަގަ ކުރައްވާފައިވުމަކީ މުހިންމު ކަމެއް. އަދި މީގެ އިތުރުން ފަނޑިޔާރު ސުޢޫދުގެ ރައުޔުގައި ފާހަގަކުރެއްވީ
“މިފަދަ ނާޒުކު ނިންމުމެއް ނިންމަން ކޯޓުތަކަށް ބޭނުންވާ ލަފާ ދެވޭނޭ ސައިންސްވެރިންނާއި ދިރާސާތައް ރާއްޖެއިން ލިބެން ހުރިކަމާމެދު ސުވާލުއުފެދޭ”
ކަމަށް. ފަނޑިޔާރު ސުޢޫދުގެ ރައުޔުގައި ނިޒާމީ ފެންވަރެއްގައި ތިމާވެށި ހިމާޔަތްކުރުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންތައްތަކަކަށް އަލިއަޅުވާލައްވާފައިވޭ. އަދި މި މައްސަލައިގާ ކަންހިނގާފައިވާގޮތް ތަކުރާރުވިޔަ ނުދިނުމަށް އިރުޝާދުތަކެއް ދެއްވާފައިވޭ.
ޖުމްލަކޮށް
ޖުމްލަކޮށް ސުޕްރީމްކޯޓުގެ މި ނިންމުމުން ލިބިގެންދާ މެސެޖަކީ ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކަކީ ތަންފީޒީ އިދާރާތަކުން އޭގެ މަގްސަދު ހާސިލު ކުރުމަށް ތަންފީޒުކުރަންޖެހޭ އަދި ނަގަހައްޓަންޖެހޭ ޤާނޫނުތަކެއް ނޫންކަން. އަދި ބޭރުގެ ވިޔަފާރި ކުންފުނިތަކުގެ ގެއްލުންބޮޑު މަޝްރޫއުތަކަކީ ރާއްޖޭގެ ޤާނޫނީ އޮނިގަނޑުން އެއްކިބާވެ ރާއްޖޭގައި އެފަރާތްތަކުގެ މަންފާ އިސްވާގޮތަށް ދައުލަތުގެ ނިވާ އެފަރާތްތަކަށް ލިބިދީގެން ހިންގިދާނެ މަޝްރޫއުތަކެއްކަން. އަދި ރައްޔިތުންގެ އަސާސީ ހައްޤުތަކާ މަސްލަހަތަކީ މިހާލަތުގައި އެއްފަރާތްކުރެވޭނެ ކަންތައްކަން.

