ރާއްޖޭގެ އެންމެހާ ރައްޔިތުން ތާއަބަދު ފެންބޮވައިގެންފައިވަނީ “ތަރައްގީ” އަށެވެ.
ނަމަވެސް މިއީ ކިހިނެއް އޮންނަ ކޮންއެއްޗެއްކަން މާ ސާފެއް ނޫނެވެ.
ގިނަ ބަޔަކަށް ތަރައްގީ ރަމްޒުކޮށްދޭ މިސާލަކީ ކ. މާލެ އެވެ. އަދި ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުން ބޭނުންވަނީ މާލެފަދަ ތާކަށް އެބައެއްގެ ރަށް ބަދަލުކުރަން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މީގެ އެއް މިސާލަކީ ރަށްރަށުގެ މަގުތަކަށް ގެންނަން ބޭނުންވާ ތާރު އެޅުމާ، ހޭޅިފަށުގައިވާ ގަސްތައް ކަނޑާފައި މާލެއާ އެއްގޮތަށް “ރިންގް ރޯޑް” ހެދުމާ މި ވިސްނުމާ ގުޅިފައިވާ “މަގު ހެދުން” ކަމަށް ވެއެވެ. ނަމަވެސް މާލޭގެ މަގުތަކަށް އައިސްފައިމިވާ ބަދަލަކީ މާލޭގެ ރަށްވެހިން ބޭނުންވެގެން ގެނެވިފައިވާ “ތަރައްގީ” އެއްތޯވެސް ސުވާލު ކުރެވެއެވެ.
އަހުރެން ދެކޭ ގޮތުގައި މާލެއަކީ ރާއްޖޭގެ ރަށެއްގެ ސިފަ ގެއްލި، މުޅިން ހަލާކުވެފައިވާ ތަނެކެވެ. ބައެއް މީހުންނަށް މި ހާލަތު ފެންނަނީ “ތަރައްގީ” ގެ ގޮތުގައި ކަމަށް ވެދާނެއެވެ. ނަމަވެސް މާލޭގައި އުޅެބޮޑުވެ އަދި ދިރިއުޅެމުންދާ ރައްޔިތެއްގެ ހައިސިއްޔަތުން އަހުރެންގެ ހިތުގައި އުފެދޭ ސުވާލަކީ މާލެއަށް އައިސްފައި މިއޮތީ ތަރައްގީ ތޯއެވެ.
މާލޭގައި އަބަދުވެސް މަގު އޮވެއެވެ. އަދި އެ މަގުތަކުގައި މީހުނަށް ހިނގާބިނގާވެ އުޅެ، ކުދިން ކުޅެހަދާ، ރަށްޓެހިންނާ ބައްދަލުވީމާ ވާހަކަދައްކާލަން މަޑުކުރެވި، މަރާ ކުރިމަތިނުލާ ބައިސްކަލު ދުއްވުމުގެ އިތުރުން އެހެން އުޅަނދު ތަކަށްވެސް ދުއްވާ އުޅެވުނު ޒަމާނެއް ދުށީމެވެ. އެ މަގުތަކުގައި އިންސާނުންގެ އިތުރުން ގަސްގަހާގެއްސަށްވެސް ޖާގައޮތް ދުވަހެއް ތާރީޚު ދުށްޓެވެ. ނަމަވެސް އަދު މާލެ އޮތީ ‘ތަރައްގީ’ ވެފައެވެ. މާލޭގެ މަގުތަކަށް އައިސްފައިވާ “ތަރައްގީ” ގެ ސަބަބުން މިއީ އަންދަމުންދާ ގެނދަބުޅީގެ ސަބަބުން ނޭވާލާނެ ސާފުވައި ލިބެންނެތް ތަނެކެވެ. އެ ވައި ސާފުކުރާނެ ގަހެއް ހުރިނަމަ ނައްތާލަމުންދާ އިރެއްގައި އޭގެ ހިޔާވައްސެއް ފިނިކަމެއްވެސް ލިބެންނެތް ތަނެކެވެ. އަދި އެ މަގުތަކަށް ނިކުތުމަކީ ކުދިބޮޑު އެންމެނަށް ނުތަވަސްކަން އިހުސާސު ކުރުވާ ކަމެކެވެ. ދޭހާ އަތްވެއްގެ ގަދަހޫނާ ވެހޭ ވާރޭއެއްގެ ފެންބޮޑުވުން ތަކުގެ ތަކުލީފު އަބަދުމެ އުފުލަންޖެހޭ ކަމެކެވެ. އަދި މި ހިސާބުން މި ތަރައްގީ ގެ އަސަރުތަށް ނިމުނީކީ ނޫނެވެ. މާލޭގެ މަގުތަކަށް އައިސްފައިވާ ތަރައްގީގެ ސަބަބުން އެތައް ބައެއްގެ ހަށްޓާ ފުރާނައަށް ވަނީ އަދު ނުރައްކަލާ ކުރިމަތިލާން ޖެހިފައެވެ. މި ހަޤީޤަތަކީ މިފަދަ ކަމެއް ދިމާވެފައިވާ މީހެއްގެ، އަދި އޭނާގެ މުޅި އާއިލާގެވެސް ހާލަތާއި، ހަމަޖެހުމާއި، ނަފްސާނީ ދުޅަހެއުކަން ޚަރާބުވެގެންދާ ފަދަ ބޮޑެތި ކާރިސާތަކެވެ. އަދި މި ގެއްލުމުގެ ފުންމިން އިހުސާސް ކުރެވޭނީ މަގުތަކުގައި އަނިޔާވާ ފަރާތްތަކަށް އެކަންޏެވެ.
ނޮވެމްބަރ 2023 ގެ ޚަބަރެއްގައި ބުނާގޮތުން ރާއްޖޭގެ އޭރުގެ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވިކަމަށްވަނީ އޭނާގެ 5 އަހަރުގެ ދައުރުގެ އެންމެ ބޮޑުހިތާމައަކަށް ވެފައިވަނީ ރާއްޖޭގެ މަގުތަކުގައި ކޮންމެ ދުވަހަކު ހިނގާ އެކްސިޑެންތަށް ކަމަށެވެ. ނައިބު ރައީސްގެ މި ހިތާމައަކީ މިފަދަ އެކްސިޑެންޓް ތަކުގެ ޝިކާރައަށްވާ ފަރާތްތަކުގެ ހިތާމައާ އަޅާކިޔޭނެ އެއްޗެއް ނޫނެވެ. އެމީހުންގެ ހަޔާތާ ދުނިޔެ މި ކާރިސާތަކުގެ ސަބަބުން ބަދަލުވެގެންދަނީ ދާއިމަށެވެ. އަދި އެކަށީގެންވާ މިންވަރާ ގާތަށްވެސް ފިކުރެއް ފަރުވާލެއް ނެތި އުޅަނދުފަހަރު ދުއްވާ މީހާގެ ސަބަބުން އަނެކާއަށް ލިބޭ މިފަދަ ބޮޑެތި ގެއްލުންތަކަކީ އިޔާދަ ނުކުރެވޭނެ، އެމީހެއްގެ ހައްޓާ މުޅި ހަޔާތަށް ބޮޑެތި އަނިޔާލިބޭ ގެއްލުންތަކެވެ. މި ފަދަ އެކްސިޑެންޓު ތަކުގެ މިސާލުތަށް ގިނަވެ އާންމު ވެއްޖެއެވެ. ބޮޑެތި އަނިޔާތަކާ މަރުތަކުގެ އަދަދުދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ފުލުހުންގެ މުއައްސަސާގެ ތަފާސްހިސާބުން ހާމަވަނީ 2022 ވަނަ އަހަރު ރާއްޖޭގައި ޖުމްލަ 1،615 ޓްރެފިކް އެކްސިޑެންޓު ރިޕޯޓުކޮށްފައިވާ ކަމާއި، 2023 ގައި މި އަދަދު 2،300 އަށް އަރާފައިވާ ކަމެވެ. އަދި 2024 ގެ މިހާތަނަށް މި އަދަދު 1،955 އަށް އަރާފައިވާ ކަމެވެ. 2023 ގައި ފުލުހުންގެ މުއައްސަސާއިން 2،308 އެކްސިޑެންޓު ތަހުޤީޤު ކޮށްފައިވާއިރު، މީގެ ތެރެއިން %96 އަކީ މާލެސިޓީ ގައި ހިނގާފައިވާ އެކްސިޑެންޓުތަކެވެ. 2022 ގައި ހިނގި އެކްސިޑެންޓު ތަކުން 5 މީހުން މަރުވެފައިވާއިރު، 2023 ގައި 6 މީހުން މަރުވިއެވެ. 2024 ގެ މިހާތަނަށް އައިއިރު ނޫސްތަކުގެ ސުރުޚީތަކުން ވެސް 5 މީހުން އެކްސިޑެންޓުތަކުގައި މަރުވެފައިވާކަން ހާމަވެއެވެ. 2023 ގެ ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު 223 މީހުންނަށް އެ އަހަރުގެ އެކްސިޑެންޓްތަކުން އަނިޔާ ވެފައިވެއެވެ. މި ތަފާސްހިސާބުތަކުން އަހަރެމެންނަށް ފެންނަން ނެތީ މި އެކްސިޑެންޓުތަކުގެ ޝިކާރައަށްވި މީހުންނަށް ލިބުނީ ކޮންފަދަ އަނިޔާތަކެއް ކަމާ، އެމީހުންނާ އާއިލާތަކުގެ ދިރިއުޅުމާ ހަޔާތަށް އައީ ކޮންފަދަ ހިތްދަތިކަމަކާ، އުފުލަންޖެހިފައިވަނީ ކޮންފަދަ ވޭނާ ތަކުލީފުތަކެއް ކަމެވެ. މިއީ ހަމައެކަނި ނަމްބަރު ތަކެއް ނޫނެވެ. މިއީ އަހަރެމެންގެ އަވަށްޓެރި އަނެކާއަށާ އެމީހުންގެ އާއިލާތަކަށް ލިބިގެންދާ ބޮޑެތި ގެއްލުން ތަކެއް ރަމްޒު ކޮށްދޭ އަދަދުތަކެކެވެ. މި އަދަދުތަކަކީ އޭގެ ފަހަތަށްވެސް ފިކުރު ހިންގަންޖެހޭ އަދަދުތަކެކެވެ.
ކޮންމެ އެކްސިޑެންޓަކުންވެސް މީހަކަށްލިބޭ އަނިޔާގެ ވާހަކަ ކިއުމަކީ ހިތަށް އަސަރުކުރާ ކަމެކެވެ. އާދައިގެ ދުވަހެއްގައި އާދައިގެ ދުއްވުމެއްގައި އާދައިގެ މަގެއްގައި ދަތުރުކޮށްފައިދާ މީހާ އަށް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ދިމާވެގެންދަނީ މުޅި ދިރިއުޅުމާ ދިރިހުރުމުގެ ދުޅަހެޔޮކަން ގެއްލިގެންދާފަދަ އަނިޔާތަކާއެވެ. 2024 ގެ ފެބްރުވަރީ މަހު ދައުރު ނޫހުގެ ނޫސްވެރިޔާ އަލީ ނާފިޒް ސައިކަލުގައި ސިނަމާލެ ބުރިޖުގެ ޓްރެފިކްލައިޓް ކައިރިން ނައްޓާލިވަގުތު ފަހަތުންއައި މީހާ އޭނާގެ ސައިކަލުގައި ޖެހުމުގެ ސަބަބުން އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެ ޙަބަރުގެ ސިހުން އޭނާ ނުދަތަސް އެތައް ބަޔަކަށް އިހުސާސުވިއެވެ. މަސައްކަތްތެރި ޒުވާނެއްގެ ދުނިޔެ އަނިޔާވެރިގޮތަކަށް ބަދަލުވެގެން އެ ދިޔައީ އެންމެން ބޭނުންކުރުމަށް ހަދާފައިވާ މަގެއްގައި ފަހަތުން އައި މީހާގެ އިހުމާލުގެ ސަބަބުންނެވެ. މި ލިޔުން އަހަރެން ލިޔަންބޭނުންވި އެއްސަބަބަކީ އެ ޚަބަރެވެ. މިފަދަ އަނިޔާތައް ގިނަވަމުންދާ މިންވަރުގެ ބޮޑުކަމާ ސީރިއަސް ކަމުންނެވެ. ނަމަވެސް އޭގެ މާގިނަ ދުވަސްތަކެއްނުވެ، އެކްސިޑެންޓުގެ އަނިޔާގެ ޝިކާރައަކަށްވީ އަހަރެންގެ ކޮއްކޮއެވެ. އީދު ދުވަހު އަނެއްކޮއްކޮ ގެއައްލާން ސައިކަލުގައިގޮސް އެނބުރި ގެއަށް އައި މަގުމަތީގައި ބާރު ސްޕީޑުގައި އައި ސައިކަލަކާއިޖެހި ދިމާވި އެކްސިޑެންޓެކެވެ. މުޅިއާއިލާއަށް އޭގެ ސަބަބުންއައި ސިހުމާއި، ހާސްކަމާއި ލޮޅުންތައް އެތައްދުވަހެއްވާންދެން ސީދާ އިހުސާސްކުރަންޖެހުނެވެ. ބާރުސްޕީޑުގައި އައި ސައިކަލު ދުއްވަން އިންމީހާ އަތަކު ލައިސަންސެއް ނެތެވެ. މިއީ ރާއްޖޭގެ މަގުތަކުގައި ވަރަށް އާންމު ކަމެއްކަން ފުލުހުންގެ ތަފާސްހިސާބުން ހާމަވެއެވެ. 2023 ގައި ލައިސަންސްނެތި ދުއްވުމުގެ 4،683 ކުށް ފުލުހުން ރިކޯޑުކޮށްފައި ވެއެވެ. އަދި ޓްރެފިކް ކުށްތަކަށް ޖުމްލަކޮށް ބަލާއިރު މިއީ ނިސްބަތުން އާދަޔާޚިލާފަށް ގިނައިން ކުރާކުށެއްކަން ސާފުވެއެވެ. ނަމަވެސް މިކަމަށް އޮތީ ކޮން ހައްލެއްކަމެއް އެއްގޮތަކަށްވެސް ސާފުވާކަށް ނެތެވެ.
ކޮންމެ ދުވަހަކުމެ ތަކުރާރުވަމުންދާ މި ނުތަނަވަސް ޙަބަރުތައް ކިޔާ ކިޔުންތެރިން މި ބޮޑު މައްސަލައާ ބެހޭގޮތުން ކުރާނީ ކީއް ހެއްޔެވެ؟ ނުރައްކާތެރި އެކްސިޑެންޓު ތަކުގައި މީހުންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހޭކަން ކޮންމެ މީހަކަށްވެސް ވިސްނާލީމާ ފަހުމް ވާނެކަމާދޭތެރޭ ޝައްކެއް ނެތެވެ. މިފަދަ ޒާތީ ކާރިސާތަކުގެ ވާހަކަ އެނގުމަކުން އަދި ހައްލެއް ލިބޭކަށްވެސް ނެތެވެ. މިފަދަ ކަންކަމާ ގުޅޭ ގޮތުން ގޮތް ހުސްވުމުގެ ބަދަލުގައި ތިމާއަށް ކުރެވޭނީ ކީއްތޯވެސް ބަލަންޖެހެއެވެ. ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެއް ސާފުވާނީ އެމީހަކު ހުރިހާލަތެއްގައި ކުރެވޭނެ ކަމަކާދޭތެރޭ ވިސްނާ ފިކުރުކޮށް ފިޔަވަޅެއް އަޅައިގެންނެވެ. މިއީ މުޖުތަމައު ޒިންމާވާންޖެހޭ، އެންމެނާ ބެހޭ ބޮޑެތި ކަންކަމެވެ. ސަބަބަކީ މިއީ އަހަރެމެން އެންމެންގެވެސް މުޖުތަމައު ކަމަށްވާތީއެވެ.
ނާފިޒްގެ އެކްސިޑެންޓުގެ ޚަބަރާއެކު އަހުރެންގެ ހަނދާނަށް އަންނާންފެށީ އެހެން އެފަދަ އެކްސިޑެންޓް ތަކުގެ ވާހަކަތަކެވެ. އާދައިގެ ދުވަހެއްގައި އާދައިގެ ދިރިއުޅުމުގައި އާދައިގެ ކަމެއްގައި ސައިކަލުގައި މަގުމަތިން ދިޔަދިޔުމުގައި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ފައިތިލައިގެ ކަށިތަށް ފުނޑުފުނޑުވެ ދިރިއުޅުމުގެ ހާލަތު ބަދަލުވެގެންދިޔަ މަންމައެއްގެ ވާހަކައެވެ. އާދައިގެ ދުވަހެއްގައި އާދައިގެ ދިރިއުޅުމުގައި މަގުމަތީ ހިނގާފައި ދަނިކޮށް ދިމާވި އެކްސިޑެންޓުގައި ފަޔަށްވީ އަނިޔާގެ ސަބަބުން ފައި ބުރިކުރަން ޖެހި އޭނާގެ މުޅި ދުނިޔެ ފުށުންޖެހިގެން ދިޔަ ޒާތީކާރިސާ އެއްގެ ވާހަކައެވެ. އާދައިގެ ދިރިއުޅުމުގައި އާދައިގެ މަތިން މަގުމައްޗަށް ދުވަން ނުކުމެ އުޅުމުގައި ދިމާވި އެކްސިޑެންޓުގެ ސަބަބުން މުޅި ދިރިއުޅުމާ އާއިލީ ހާލަތު ބަދަލުވެގެން ދިޔަ ކާރިސާގެ ވާހަކައެވެ. އީދު ދުވަހު އާއިލާއާއި އެކު ދުވަސް ހޭދަކޮށްފައި ދައްތައެއް ގެއައްލާން ނުކުމެފައި ދެން ވަންނަންޖެހުނީ އަނިޔާވެރި އެކްސިޑެންޓުގެ ސަބަބުން ބިނދުނުފަޔަށް ފަރުވާހޯދަން އިމަޖެންސީ ސާޖަރީއަށެވެ. މިފަދަ ވާހަކަތަކަކީ ތަފާސް ހިސާބުން ފާޅުވާން އޮންނަ ވާހަކަތަކެއް ނޫނެވެ. މިއިން ކޮންމެ ޒާތީ އަދި އާއިލީ ކާރިސާއަކީ މާލޭގެ މަގުތަކަށް އައިސްފައިވާ “ތަރައްގީ” ގެ ނަތީޖާކަމަށް އަހުރެން ދެކެމެވެ.
ދުނިޔޭގައި މަގުތަކުގެ އަމާންކަމާ ދުއްވާތަކެތީގެ ވަނަވަރު ނަކަލުކުރާ ވެބްސައިޓެއް ކަމުގައިވާ ‘ރޯޑް ސޭޕްޓީ ފެސިލިޓީ’ ބުނާ ގޮތުގައި ރާއްޖޭގައި 2016 އާއި ހިސާބަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުގެ އަދަދަކީ 92،983 އެވެ. މީގެ ތެރެއިން %81 އަކީ 2 ފުރޮޅާ 3 ފުރޮޅުލީ އުޅަނދު ކަމަށްވެއެވެ. އަދި ރާއްޖެއަކީ އުޅަނދުފަހަރުގެ ރައްކާތެރިކަމަށް ބަލާއިރު ބައިނަލްއަޤުވާމީ މިންގަނޑުތައް ގެންގުޅޭ ތަނެއްނޫންކަން އެ ވެބްސައިޓުގައިވާ މައުލޫމާތުން ދޭހަވެއެވެ. ކަންމިހެން އޮތުމާއި، މާލޭގެ މަގުތަކުގައި އުޅަނދު ފަހަރު ދުއްވުމުގެ ހަޤީޤަތަކީ ހަމައެއް ލަމައެއް ނެތް ވައްޓަފާޅިއެއްކަން ގުޅުވާ އިހުސާސު ކުރެވޭނީ އެ މަގުތަކުގެ ބޭނުން ކުރާ މީހަކަށެވެ. ބޭރުން ޒިޔާރަތްކުރާ ދަތުރުވެރިން މާލޭގެ މަގުތަކުގައި އުޅަނދު ފަހަރު ދުއްވާގޮތް ފެނުމުން ހައިރާންވެ ބިރުގަނެއެވެ. އެމީހުންނަށް އެކަން އިހުސާސްވަނީ ކަމުގެ ނުރައްކާތެރިކަން ދެނެގަނެވިފައި ވާތީއެވެ. މަގުމަތީގައި އުޅަނދެއް ދުއްވުމަކީ އިންތިހާއަށް ޒިންމާދާރު ކަމެކެވެ. ނަމަވެސް ޓެސްޓެއް ހަދައިގެން ލައިސަންސެއް ލިބިފައިވާ ބަޔަކު މާލޭގެ މަގުތަކުގައި އުޅޭކަމެއް މަންޒަރު ބަލާމީހަކު ގަބޫލުކުރާނެ ޖާގައެއް ނެތެވެ.
ހާލަތު މިހާހިސާބަށް އައިސްފައިވަނީ ދުއްވާތަކެއްޗާ މަގުތަކުގެ ސަލާމަތާ ރައްކާތެރިކަމުގެ ކަންކަމުގައި ކަން ނިންމުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް އެ މަސްއޫލިއްޔަތު އެކަށީގެންވާ ފެންވަރަށް އަދާނުކުރެވިގެން ކަމުގައި ޝައްކެއް ނުކުރަމެވެ. މާލެއަކީ 6 އަކަ ކިލޯމީޓަރުގެ ކުޑަ ރަށެކެވެ. ނަމަވެސް މި ކުޑަ ތަންކޮޅުގައި މަގުތައް ތަރުތީބުކޮށް، ދުއްވާ އެއްޗެތި އެތެރެ ކުރެވޭނެ އަދަދާ، މިރަށުގައި އެތަކެތި ގެންގުޅެވޭނެ މިންވަރާ، ދުއްވާއުޅުމުގެ ހަމައެއް ގާއިމް ކުރެވިފައެއް ނެތެވެ. މިނިސްޓްރީއޮފް ޓްރާންސްޕޯޓުން ޖަނަވަރީ 2024 ގައި ނެރެފައިވާ ތަފާސްހިސާބު ބުނާގޮތުގައި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި 69،780 އުޅަނދު ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މީގެ ތެރެއިން 42،000 އުޅަނދަކީ މާލޭގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެވެ. ކޮންމެ އެއްޗެއް އެތެރެކުރުމުގައިވެސް މާލެއަކީ ފުލެއްނެތް ނުފުރޭނެ އެއްޗަކަށްވަނީ ވެފައެވެ. އެއްވެސް ހައްދެއްނެތި މާލެއަށް މީހުން ތޮއްޖައްސަމުންގޮސް މިހާރު އޮތީ ދުނިޔޭގެ ރެކޯޑު ލިބޭ ހިސާބުގައެވެ. މިއީ އިންސާނުން ދިރިއުޅުމަށް އެކަށީގެން ނުވާ ހާލަތެއްގައި އޮތް ތަނަކަށްވަނީ ވެ ނިމިފައެވެ. މާލޭގައި ހިނގަމުންދާ އެކްސިޑެންޓު ތަކަކީ އެ ދަތި ދިރިއުޅުމުގެ ތަކުލީފު އެތައްގުނައެއް އިތުރުކުރާ ނުރައްކަލެކެވެ.
މާލެއަށް އައިސްފައި މިވާ “ތަރައްގީ” އަށް ހައްލެއް ބޭނުންވާކަމާދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ. އަދި މާލެއަށް އައިސްފައި މިވަނީ “ތަރައްގީ” ކަމަކަށް އަހުރެންނެއް ގަބޫލެއް ނުކުރަމެވެ. މާލެއަށް އައިސްފައި މިއޮތީ މުސީބާތެކެވެ. ތޮއްޖެހުމާ ތަކުލީފާ ދަތިކަމާ ނުރައްކަލާ ބަލިމަޑުކަމުގެ މުސީބާތެކެވެ. މި “ތަރައްގީ” އަކީ ދިރިއުޅުމުގެ ފެންވަރު ދަށަށް ގެންދިއުމަށް ފަހިކުރާ ތަރައްގީ އެކެވެ. މި ތަރައްގީ އަކީ ކުޑަ ރަށެއްގައި އާންމުންނަށް ދިރިއުޅުން ބޮޑު ތަކުލީފަކަށް ވެފައިވާ ތަރައްގީ އެކެވެ. މަގެއްގައި ހަމަޖެހިގެން ދަތުރު ކުރުމުގެ އަސާސީ ބޭނުން ފުދޭނެ ގޮތްނެތް ތަރައްގީ އެކެވެ. އަދި ހަށްޓާ ފުރާނައިގެ ރައްކާތެރިކަން ލިބެންނެތް ތަރައްގީ އެކެވެ. ކުރަންޖެހޭ މުހިންމު ކަންކަން ނުކޮށްދޫކޮށްލައި، ކުރަންނުޖެހޭ ބޭކާރު ކަންކަން އިސްކޮށްފައިވާ ތަރައްގީ އެކެވެ.
ނަމަވެސް މިއީ ބަދަލުކުރެވޭނެ ހާލަތެކެވެ. މާލެއަށް ދުވާލެއްގެ މައްޗަށް ރަޖިސްޓަރީ ކުރާ އުޅަނދުގެ އަދަދު 200 އިން 25 އަށް މި ސަރުކާރުން ބަދަލުކުރިވާހަކަ ޖަނަވަރީ 2024 ގެ ޚަބަރެއްގައި ވެއެވެ. އިފްތިތާހީ ޖަލްސާތަކުގައި ސަރުކާރުގެ ވަޒީރުން މިފަދަ ވާހަކަތައްދައްކާ، ނޫސްތަކުގައި ސުރުޚީތައް ލިޔެވުމަކީ ކަމެއް ބަދަލުވާނެކަމުގެ ފާލެއްނޫނެވެ. އަދި މިބަދަލު ގެންނަން ވިސްނުމުގެ ދުވަހަކީ މިއަދެއްވެސްނޫނެވެ. މިއީ މީގެ އެތައް އަހަރެއް ކުރިންވެސް ނުކޮށް ދޫކޮށްލާފައިވާ ކަމެކެވެ. މާލޭގެ މަގުތަކަކީ އާންމުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއިއެކު ބޭނުންކުރެވޭނެ ތަންތަނަށް ހެދުމަށްޓަކައި ބޮޑުތަނުން އުޅަނދުފަހަރު މަދުކުރަން ޖެހެއެވެ. މިއީ ބަހުސެއް އޮތްކަމެއް ނޫނެވެ. އަދި އާންމު ސިއްހަތަށް އިސްކަންދީ އެކްސިޑެންޓުގެ އަނިޔާވެރިކަމުން މިންޖުވެ، ވައިނުސާފުވުމުގެ ބަލިމަޑުކަން މަދުކުރުމަށް އެންމެން ނޭވާލާންޖެހޭ ވައި ސާފުކުރުމަށް އުޅަނދުފަހަރު ބޮޑުތަނުން މަދުކޮށް، ގެނދަބުޅި އެންދުން ހުއްޓުމަކަށްގެނެސް ސާފުހަކަތަބޭނުންކުރާ އުޅަނދަށް ބަދަލުކުރެވިދާނެއެވެ. އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ބޮޑުތަނުން ފުޅާކޮށް، ހަރުދަނާކޮށް، ފައްކާކޮށް، އެ ނިޒާމުގައި ބޭނުންކުރާ އުޅަނދުތަކަކީ ތަނަށް އެކަށީގެންވާ، ފަސޭހަކަމާއެކު މަގުތަކުގައި ދަތުރުކުރެވޭ އުޅަނދުތަކަކަށް، ނުވަތަ ނިޒާމަކަށް ހެދިދާނެއެވެ. މިއީ ދުނިޔޭގައި މިސާލުނެތް ކަންކަމެއް ނޫނެވެ. އާކަމެއް ނޫނެވެ. ކުރެވިދާނެ އަދި ކުރަންޖެހޭ ކަންކަން ސާފެވެ. ޖެހިގެން އުޅޭ މައްސަލައަކީ މިކަން ކުރާނެ ޒިންމާދާރު ބަޔަކުނެތުމެވެ. މާލޭގެ ރައްޔިތުން އަދު އުފުއްލަންޖެހިފައިވާ ތަކުލީފަކީ މިއުނިކަމުގެ ނަތީޖާއެވެ.
މި ލިޔުން ފުރަތަމަ ޝާއިއު ކޮށްފައިވަނީ 22 ސެޕްޓެމްބަރ 2024 ގައި ދައުރު ނޫހުގައި

