އަލީ ރިފްހާން ވ. ހދ. ވައިކަރަދޫ ރަށުކައުންސިލު
ޤަޒިއްޔާ ނަންބަރު: 2026-B15C-CIV-27
03 އޮގަސްޓު 2026
ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުން
- ހދ. ވައިކަރަދޫ ރަށުކައުންސިލު މެދުވެރިވެ، އެ ރަށުން ގިނައަދަދެއްގެ ގަސްގަހާގެހި އުފުރައިގެން ރަށުން ބޭރުކުރަމުންދިއުމާއި ގުޅިގެން، އެ ރަށުގެ ރައްޔިތެއް ކަމަށްވާ އަލީ ރިފްހާން އެރަށުގެ ރަށުކޯޓަށް 03 އޮގަސްޓު 2026 (ހޯމަދުވަހު) ވަނީ މަދަނީ މައްސަލައެއް ހުށަހަޅާފައެވެ.
- ރަށުކޯޓަށް ހުށަހެޅި މައްސަލައިގާ އަލީ ރިފްހާންގެ ފަރާތުން ބުނެފައިވަނީ، ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ތިމާވެށި ހިމާޔަތްކުރުމުގެ ހައްޤާއި، ދިރި އުޅޭނެ ސާފު ސިއްހަތަށް ރަނގަޅު ވެއްޓެއް ލިބުމުގެ ހައްޤު ކަށަވަރު ކުރުމަށް ޤާނޫނީގޮތުން ރަށުކައުންސިލަށް މަތިކޮށްފައިވާ ޒިންމާތަށް އަދާކުރުމަށް ރަށުކައުންސިލު ވަނީ އިހްމާލުވެފައި ކަމެވެ.
- މި މައްސަލައިގާ އަލީ ރިފްހާން ގެ ފަރާތުން ކޯޓުން އެދިފައިވަނީ، ރަށު ކައުންސިލު މެދުވެރިވެ ރަށުގެ ގަސްކަރައަށާއި ފަސްގަނޑުގެ ރައުސްމާލަށް ދެމުންދާ ގެއްލުންތަކުން ރަށާއި ރައްޔިތުން ހިމާޔަތްކުރުމަށްޓަކައި، ޤާނޫނީ އިމުގެ ތެރެއަށް ރަށުކައުންސިލުގެ އަމަލުތައް ގެނައުމާއިއެކު، ރަށުކައުންސިލުގެ ޤާނޫނީ ޒިންމާ އެފަރާތުން އުފުލުމަށް ދެމެހެއްޓެނިވި ޤާނޫނީ ފަރުވާއެއް މި މައްސަލައިގާ ކޯޓުން ހޯދުމަށެވެ.
05 އަދި 06 އޮގަސްޓު 2026
ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބަލައިގަތުން
މި މައްސަލަ ވަނީ 05 އޮގަސްޓު 2026 (ބުދަދުވަހު) ގައި ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުން ބަލައިގެންފައެވެ. އަދި 6 އޮގަސްޓު 2026 (ބުރާސްފަތިދުވަހު) ގައި މައްސަލަ ރައްދުވާ ފަރާތް، ހދ. ވައިކަރަދޫ ރަށުކައުންސިލާއި ވަނީ މައްސަލައިގެ ދައުވާއާއިގުޅޭ ލިޔެކިއުން ހިއްސާކޮށްފައެވެ.
30 އޮގަސްޓު 2026
ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓަށް މި މައްސަލަބެލުމުގެ އިހުތިސާސު ނެތްކަމަށް ބުނެ ރަށުކައުންސިލުން އިއުތިރާޒު ހުށަހެޅުން
މި މައްސަލައާއި ގުޅިގެން ދައުވާލިބޭ ފަރާތް (ހދ. ވައިކަރަދޫ ރަށުކައުންސިލު) ގެ ފަރާތުން މި މައްސަލަ ހދ. ވައިކަރަދޫ ރަށުކޯޓަށް ބެލިދާނެކަމާމެދު ސުވާލު އުފައްދާ، ކޯޓުގެ އިހްތިޞާޞްއާއި މެދު އިއުތިރާޒުކޮށް ހދ. ވައިކަރަދޫ ރަށުކައުންސިލުން ވަނީ މިކަމާބެހޭ އިއުތިރާޒުފޯމު 30 އޮގަސްޓު 2026 ގައި ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައެވެ. މި އިއުތިރާޒު ހުށަހެޅުމުގައި ރަށުކައުންސިލުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ތިރީގައިވާ ނުކުތާތަށް ހިމެނެއެވެ.
ހ) ދައުވާގެ އަސާސްތަކާއި ވާޤިއާތައް ސާފުނުވާކަމަށް ބުނުމާއި ހެކި ހުށަހަޅާފައިނުވާ ކަމަށް ބުނުން
ށ) އަލީ ރިފްހާން ގެ ކިބައިގާ ހދ. ވައިކަރަދޫ ކައުންސިލާއި ދެކޮޅަށް ދައުވާކުރުމުގެ ސިފަތު ނެތްކަމަށް ބުނުން
ނ) ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ދައުލަތަށް މަތިކޮށްފައިވާ ޒިންމާއާއި މަސްއޫލިއްޔަތާގުޅޭ ކަންކަމުގައި ހދ. ވައިކަރަދޫ ރަށުކައުންސިލު ޖަވާބުދާރީ ވުމުގެ ޤާނޫނި ހައިސިއްޔަތު ނެތްކަމަށް ބުނުން
ރ) މަދަނީ އިޖުރާއަތުގެ ދަށުން ޝަރުތުކޮށްފައިވާ ކަންކަން ދައުވާގައި ފުރިހަމަނުވާ ކަމަށް ބުނުން.
8 އޮކްޓޫބަރ 2026
ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް، ފަހުވަގުތު ކެންސަލް ވުން
- ހދ. ވައިކަރަދޫ ކޯޓުން މި މައްސަލައިގާ އަޑުއެހުމެއް ބޭއްވުމަށް ފުރަތަމަ ތާވަލުކުރެވުނީ 8 އޮކްޓޫބަރ 2026 ގެ ހެނދުނު 10.00 އަށެވެ. ނަމަވެސް އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހުނު މި އަޑުއެހުން ފަހުވަގުތު ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ބުނެ ކެންސަލް ކޮށްފައެވެ.
- މި އަޑުއެހުމާއި ގުޅިގެން އަލީ ރިފްހާންގެ ފަރާތުން ތައްޔާރު ކުރެވުނު ރައްދު ބަޔާން 8 އޮކްޓޫބަރ 2026 ގައިވަނީ ހދ. ވައިކަރަދޫ މެޖިސްޓްރޭޓްކޯޓާއި ހިއްސާކޮށްފައެވެ. މި ބަޔާނުގައި މައިގަނޑު ގޮތެއްގައި އަލީ ރިފްހާންގެ ފަރާތުން ފާހަގަކޮށްފައިވަނީ ތިރީގައިވާ ޤާނޫނީ ނުކުތާތަކެވެ.
ހ) ހުށަހެޅި ދައުވާގައި، ދައުވާގެ އަސާސްތަކާއި ވާޤިއާތައް ސާފުކޮށް ބަޔާންކޮށްފައިވާނެކަން
ށ) އަލީ ރިފްހާން ގެ ކިބައިގާ ހދ. ވައިކަރަދޫ ކައުންސިލާއި ދެކޮޅަށް ދައުވާކުރުމުގެ ސިފަތު ހުރިކަން
ނ) ހދ. ވައިކަރަދޫ ކައުންސިލަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އެކައުންސިލުން އުފުލުމުގެ ޤާނޫނީ ހައިސިއްޔަތު އޮތްކަން
ރ) މަދަނީ އިޖުރާއަތު ޤާނޫނާއި ފުށުއަރާ ކަމެއް ދައުވާހުށަހެޅި ފަރާތުގެ ދައުވާގައި ނުވާކަން.
މި މައްސަލަ ނޫސްތަކާއި އެހެނިހެން މަސްދަރުން :
8 އޮގަސްޓު 2026 – ސަން އޮންލައިން
9 އޮގަސްޓު 2026 – އަދަދު ނޫސް

