ދުނިޔެއާއި އަހަރެމެންގެ އަވަށްޓެރި ގައުމުތަކާއި އަދި ރާއްޖެއަށްވެސް އަންނަމުންދާ “ތަރައްގީ” ގެ ސަބަބުން އަދު އަހަރެމެން ހެޔޮހާލުގައި ދިރިތިބުމަށް ނޭވާލާން ބޭނުންވާ ވައި ތަޢައްޔަރު ވެއްޖެއެވެ. ހިތަށްއުފާލިބޭ ޅެންބައިތު ތަކުގައި ގިނަގިނައިން އޭގެވާހަކަ ލިޔެވޭ، ރާއްޖޭގެ ކަނޑުފަޅުން އަންނަ ހިތްގައިމު ވައިރޯޅިއަކީ އަހަރެމެންގެ ސިއްހަތަށް ނުރައްކާވެދާނެ އެއްޗެއް ކަމަށް ދިވެހިންގެ ޚިޔާލަށް ދުވަހަކުވެސް އައިބާއޭ ހިތައްއަރައެވެ. ނަމަވެސް މިއަދު މިއޮތީ އަހަރެމެންނަށް އެ ދުވަހާ ބައްދަލުވެފައެވެ. ކޮންމެ އަހަރަކު ހުޅަނގުން އިރުވަޔަށް މޫސުންބަދަލުވާ ދުވަސްވަރު އިރުއުތުރުން ދިވެހިރާއްޖެއަށް ދަތުރުކުރާ އިރުވަޔާއެކު އަންނަނީ އުތުރު އިންޑިއާ ސަރަހައްދުން އުފެދޭ “ތަަރައްގީ” ގެ ވިހަ ދުމާއި ކުނޑީގެ ވައެވެ.
މިއަށް އެކި ބަސްތަކުން ނަންދީފައިވެއެވެ. އިނގިރޭސިބަހުން މިއަށް “ހޭޒް” އަދި “އެއާ ޕޮލިއުޝަން” ވެސް ކިޔައެވެ. މާނަކުރެވެނީ ވައި ނުސާފުވާ ފުސްކަމެއްގެ ގޮތުގައެވެ. ދިވެހިން މިއަށް “ބަނަފިނި” އަދި “ދުންފިނި” ވެސް ކިޔާކަމަށް ފާހަގަކުރެވެއެވެ. މިއިން އެއްވެސް ބަހަކުން މިވަނީ ކިހާވަރެއްގެ ކަމެއްކަން ދޭހައެއް ނުކުރެއެވެ. އަހަރެން ދެކޭގޮތުގައި މިއަށް ކިއުން އެންމެ އެކަށީގެންވާ ނަމަކީ ވިހަކުނޑި ވައެވެ. އެއީ އިންސާނާގެ ސިއްހަތަށް ނުރައްކާވާ މިންވަރަށް ވިހަވެފައިވާ ކުނޑިން ތަޢައްޔަރުވެފައިވާ ވައި ކަމަށްވާތީއެވެ. ވިހަ ވަޔަށް ވިހަ ވަޔޭ ނުކިޔާ ފަރުޖެހޭކަށް ނެތެވެ. އަހަރެމެން ދިރިއުޅެންޖެހޭ މާހައުލު ވިހަވެ، ތަޢައްޔަރުވެ، ސިއްހަތަށް ނުރައްކާވާ މިންވަރަށް ހާލަތު ދަށަށްގޮސްފައި މިވަނީ ފަހުގެ ޒަމާނީ “ތަރައްގީ” ގެ ސަބަބުންކަމާ ދޭތެރޭ ޝައްކެއްނެތެވެ. މިއީ މުޅިދުނިޔެ ދަންނަ ހަގީގަތެކެވެ. ނަމަވެސް އިންސާނުން އެއާނުލާ ދިރިތިބެވެން ނެތް، ނޭވާލާ ވައި “ތަރައްގީ” ގެ ސަބަބުން ތަޢައްޔަރުވެގެން ދިއުމަކީ ފިކުރު ހިންގާލަންޖެހޭ ކަމެކެވެ. އަދި މި ހާލަތުގެ ސަބަބުން ނިކުންނާނެ ނަތީޖާތަކާދޭތެރޭ ވިސްނާލަން ޖެހެއެވެ.
އިންސާނާ ނޭވާލާން ބޭނުންވާ ސާފުވަޔަކީ ކޮންމެހެން ޤާނޫނެއްގައި ލިޔެވިގެން ހިމާޔަތްކުރަން ޖެހޭ އެއްޗެއް ކަމަކަށް ނުދެކެމެވެ. ނަމަވެސް ސާފުތާހިރު ވެށްޓަކީ އިންސާނާގެ ދުޅަހެއުކަމަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ތަފްސީލީގޮތެއްގައި އޮތީ ރައްޔިތުންގެ އަސާސީހައްގު ތައް ކަނޑައަޅާފައެވެ. މި ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނަނީ މި މާއްދާގައިވާ “ހައްގު ތަކަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ހައްގުތަކެއް ކަމަށް މި ޤާނޫނުއަސާސީ އިން ކަނޑައަޅާ ހިނދު، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކަށް އެ ހައްގުތައް ރައްޔިތުންނަށް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރަންވާނެ” ކަމަށެވެ. އެގޮތުން މި މާއްދާގެ (ރ) ގައި ބުނަނީ “ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުން” އެއީ އަސާސީ ހައްގެއް ކަމަށެވެ. ނަމަވެސް މިއަދު މި އަސާސީ ހައްގުން ރައްޔިތުން ވަނީ މަހުރޫމުވެފައެވެ. އަދި ޤާނޫނުއަސާސީގައި ބުނާގޮތަށް މި ހައްގުތައް ރައްޔިތުންނަށް ހޯދޭނެ މަގު ތަނަވަސްކުރުމަށް ދައުލަތުން ކުރަންޖެހޭ މަސައްކަތް ކުރާތަނެއް ފެންނާކަށް ނެތެވެ. އެއީ ދައުލަތުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ކަމަށްބެލޭނެ ޖާގައެބައޮތެވެ.
ލިބެންހުރި މައުލޫމާތުން ހާމަވަނީ ދިވެހިރާއްޖޭގައި “ހޭޒް” ފުރަތަމަ ފަހަރަށް ފާހަގަވެފައިވަނީ 1997 ގެ އޮކްޓޫބަރާއި ޑިސެމްބަރާއި ދެމެދުގައެވެ. މިކަންހިނގީ އިންޑޮނީޝިއާގެ ޤުދުރަތީގޮތުން މުއްސަނދި ބޮޑެތި ސަރަހައްދުތަކަކުން ގަސްތައްކަނޑާ އެންދުމާ ގުޅޭ ބޮޑު ތިމާވެށީގެކާރިސާ އެއްގެ ސަބަބުން، ވަށައިގެންވާ އަވަށްޓެރި ގައުމުތަކަށް ތަޢައްޔަރުވެފައިވާ ވައި ފެތުރުމާ ގުޅިގެންނެވެ. އަދި މި ބޮޑު ކާރިސާގެ ފަހުން މިވީ 28 އަކަށް އަހަރުގެ ތެރޭގައި ވިހަކުނޑި ވައި ރާއްޖެއައުމަކީ އާންމުކަމެއްގެ ގޮތުގައި އޮތީ ސިފަވެފައެވެ. އަހަރެމެން ނޭވާލާން ބޭނުންވާ ވައިގެ ސާފުކަމާ ތާޒާކަން ދިވެހި ސަރުކާރުތަކަށާއި ދައުލަތަށް ކަށަވަރު ކުރުމަށް އޮތީ ނުކުޅެދިފައެވެ.

މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޢައްޔަރު ވެފައިވާތީ ސިއްހަތު ރައްކާތެރިކުރުމާބެހޭ ސަރުކާރުގެ އިދާރާ އެޗް.ޕީ.އޭ އިން މި ޑިސެމްބަރު މަހު ވަނީ އެކި އިއުލާނުތައް އާންމުކޮށްފައެވެ. އޭގެ ތެރެއިން އެއް އިއުލާނަކީ 12 ޑިސެމްބަރ 2025 ގައި އެޗް.ޕީ.އޭ ގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރި، ނުސާފުވައިން އިންސާނާގެ ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތަކުގެ ތަފްސީލު ކިޔައިދޭ ވީޑިއޯ އެކެވެ. ރާއްޖޭގެ ސިއްހަތާބެހޭ ވުޒާރާއާއި، އދ ގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯ އަދި އެޗް.ޕީ.އޭ އިން ތައްޔާރުކޮށްފައިވާ މި ވީޑިއޯ ނިންމާލަމުން ބުނެފައިވަނީ “ވައިނުސާފުވުން ހުއްޓުވުމަށް އެންމެން މަސައްކަތް ކުރަމާތޯ” މިހެންނެވެ. މި މެސެޖު އަޑުއިވުމުން ބޮޑު ހައިރާންކަމެއް ލިބުނެވެ. މި ހުރިހާ އިދާރާތަކުން ރާއްޖޭގެ ރައްޔިތުންގާތު މި ބުނަނީ އުތުރު އިންޑިއާއިން އުފެދިގެން ރާއްޖެއަށް އިރުވަޔާއެކު ހިޖުރަކުރާ ވިހަކުނޑި ވައި އުފެދުން ހުއްޓުވުމަށް ރާއްޖޭގެ ރަށްވެހިން މަސައްކަތް ކުރަންޖެހިފައިވާ ކަމަށްތޯއެވެ؟ އެހެންކަމަށް ވާނަމެ އެއީ ރައްޔިތުން ކިހިނެއް ކުރަންޖެހޭ މަސައްކަތެއްތޯ ވެސް ސާފުކޮށްދިނުން މުހިންމެއް ނޫންތޯއެވެ؟ ދެން އުފެދޭ ސުވާލަކީ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ބުނާ، ރައްޔިތުންގެ އަސާސީ ހައްގެއް ކަމަށްވާ ސިއްހަތަށް ރަނގަޅު ސާފު މާހައުލެއް ހޯދުމަށް މަސައްކަތް ކުރުމަށް ދިވެހިދައުލަތަށް ކުޅަދާނަކަން އޮތް މިންވަރަކީ މީތޯއެވެ؟
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯ އިން ސިއްހަތަކީ ކޮބައިކަން މާނަކޮށްފައިވެއެވެ. މި މާނަކުރުމުގައި ބުނަނީ، “ސިއްހަތަކީ ހަމައެކަނި ބައްޔެއް ނުވަތަ ބަލިމަޑުކަމެއް ތަހައްމަލު ކުރަންޖެހިފައި ނެތުމުގެ ހާލަތެއްނޫނެވެ، އަދި އެއީ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ގޮތުން ފުރިހަމަ ދުޅަހެޔޮ ހާލަތެއްގައި ހުރުމެވެ.” އަހަރެމެން ނޭވާލާންޖެހިފައިވާ ވައި ނުރައްކާތެރި މިންވަރަކަށް ތަޢައްޔަރު ވުމުގެ ސަބަބުން އަހަރެމެންގެ ސިއްހަތަށް ކުރާނެކަމަށް ބެލެވޭ ސީރިއަސް ނޭދެވޭ އަސަރުތަކާއި ބަލިމަޑުކަމުގެ ތަފްސީލު އެޗް.ޕީ.އޭގެ ވީޑިއޯއިން ބުނެދެއެވެ. އޭގެތެރޭގައި މި ވިހަކުނޑި ވައިގެ ސަބަބުން އަހަރެމެންގެ ފުއްޕާމެއަށާއި، ސިކުނޑިއަށާއި، ހިތާއި ލޭނާރުތަކަށް ގެއްލުންވުމާއި ހިތުގެބަލިތަކާއި ކެންސަރުފަދަ ނުރައްކާތެރި ބަލިތަކަށް ހުށަހެޅުން ހިމެނެއެވެ. މިއީ އާންމުންނަށް އެނގުން މުހިންމު ސިއްހީ މައުލޫމާތު ކަމާދޭތެރޭ ސުވާލެއް ނެތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނުން ނޭވާލާވައި ތަޢައްޔަރުވުމުގެ ސަބަބުން އަހަރެމެންނަށް ކުރާ އަސަރުތައް ދެނެގަތުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ރިޕޯޓެއް ތައްޔާރުކޮށް ސެޕްޓެމްބަރ 2025 ގައި ޝާޢިއުކޮށްފައި ވެއެވެ. “ކްރޭޑްލް ޓު ގްރޭވް” (ނުވަތަ ތުއްތުއެނދުން ފެށިގެން މަހާނައަށް) މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ މި ދިރާސީ ރިޕޯޓުން ވެސް ޝައްކެއްނެތް މިންވަރަށް ސާފުކޮށް ބަޔާންކުރަނީ، އެޗް.ޕީ.އޭގެ ވީޑިއޯ އެކޭ އެއްފަދައިން، ތަޢައްޔަރުވެފައިވާ ވަޔާގުޅޭގޮތުން އިންތިހާއަށް ކަންބޮޑުވާންޖެހޭ ސިއްހީ ނުރައްކާ ތަކެއްގެ ހަގީގަތްތަކެވެ. ދުނިޔޭގެ “ތަރައްގީ” އަށް ހަކަތަދޭ ތެލާއި ދެއްޔާއި ގުޅިފައިވާ ވެށި ތަޢައްޔަރުވާ އެންދުންތަކުގެ ސަބަބުން އިންސާނުންގެ ސިއްހަތައް އޮތް ނުރައްކަލުގެ މިންވަރުދަނީ ކޮންމެއަހަރަކު ބޮޑުތަނުން އިތުރުވަމުންނެވެ. އަދި މިގޮތުން އުފެދޭ ވިހަކުނޑީގެ ވައިގެ ސަބަބުން ސިއްހަތަށް ނުރައްކާވެ، އަހަރަކު 8 މިލިޔަން މީހުންގެ ފުރާނަނެތިދާ ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކޮންމެއަހަރެއް ފެށޭއިރު އިރުވަޔާއެކު ރާއްޖެއަށް ހިޖުރަކުރާ ވިހަކުނޑި ވަޔަކީ އެ އުފެދޭ ހިސާބުތަކުގެ އެތައްބައެއްގެ ފުރާނައަށް ގެއްލުންދޭ އެއްޗެކެވެ. އަވަށްޓެރި އިންޑިއާގެ ހާލަތަށް ބަލާއިރު، ދިރާސީ އެއް މަސްދަރަކުންް ބުނަނީ އިންޑިއާގައި ވައި ތަޢައްޔަރު ވުމުގެ ސަބަބުން 2019 ގައި 1.67 މިލިއަން މީހުން މަރުވެފައިވާ ކަމަށެވެ. މިއީ ކޮވިޑް-19 ގެ އާލަމީވަބާގައިވެސް އެ ގައުމުގައި މީހުން މަރުވި އަދަދު ނާރާ މިންވަރެކެވެ. އަދި 2023 ގައި އިންޑިއާގެ ވެރިރަށް ދިއްލީގައި ކޮންމެ 7 މީހެއްގެ ތެރެއިން އެކަކު މަރުވެފައިވަނީ ވިހަވަޔާއި ގުޅިފައިވާ ބަލިމަޑު ކަމެއްގެ ސަބަބުންނެވެ. ދިވެހިރާއްޖޭގައި މިފަދަ ތަފާސްހިސާބެއް ހެދިފައިވާކަމަށް ފެންނަން ނެތަސް، ރާއްޖޭގައި މީހުން މަރުވުމަށް ހުށަހެޅޭ އެންމެ އާންމު ސަބަބަކީ ހިތުގެ ބަލިތަކެވެ. ޑަބްލިޔު.އެޗް.އޯ އިން ބުނާގޮތުގައި ވިހަކުނޑިވަޔަކީ ހިތުގެބަލިތަކާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް އަހަރެމެން ހުށަހެޅޭ ނުރައްކަލެކެވެ. ސައިންސުވެރިންގެ ހޯދުންތަކުންވެސް ވިހަކުނޑި ވަޔާއި ސްޓްރޯކް ޖެހުމާއި ގުޅުމެއް އޮތްކަން ފާހަގަކުރެއެވެ.
ނަމަވެސް ވިހަކުނޑިވައި އުފައްދާ މި “ތަރައްގީ” ގެ ދުވެއްޔަކީ މަޑުކުރެވޭނެ އެއްޗެއް ނޫންކަމަށް ގިނަބަޔަކު ދެކެއެވެ. އަދި ތަރައްގީއަކީ އެންމެގޮތަކަށް ކުރެވެންއޮތް ކަމެކެވެ. އެއީ ގިނަބަޔަކު އެއްތަންކޮށް، ތޮއްޖައްސައިގެން ހިންގޭ، މުއްސަނދިންނާ ފަގީރުންނާއި ދެމެދު އޮންނަ ފަރަގު ބޮޑުތަނުން ބޮޑުކުރާ، ވަކިބައެއްގެ އިގްތިސާދީ ކުރިއެރުމެކެވެ. އޭގެ އާޚިރު ނަތީޖާއަކީ މާލެފަދަ ތަންތަނެވެ. ކުޑަ ތަންކޮޅެއްގައި ގިނަމީހުންތަކާއި، ތެޔޮއަންދާ އުޅަނދުފަހަރާއި، ނިމުމެއްނެތް ކޮންސްޓްރަކްޝަނާއި، ސިނާއީ މަސައްކަތުގެ ކުނިބުންޏާއި ވިހަމާއްދާތަކާއި، އަންދާތެލުގެ ގެނދަބުޅީގެ ޖައްވެއްގައި، ދަތިހާލުގައި ހޭބޯނާރާ ގިނަބަޔަކު އުޅެންޖެހޭ ނުސާފު، ނުތާހިރު، ނުތަނަވަސް ދިރިއުޅުމެވެ. އާއިލާގެ ސިއްހަތަށްޓަކާ ކޮންމެ ދުވަހަކު ފިކުރުކޮށް، ހަނގުރާމަ ކުރަންޖެހޭ ދިރިއުޅުމެވެ. ޑަބްލިއު.އެޗް.އޯ އިން “ސިއްހަތު” މާނަކުރާކުރުމާއި، މި “ތަރައްގީ” އިން ފަހިކޮށްދޭ ސިއްހީ ދުޅަހެޔޮކަމުގެ ފުރުސަތާ ނުބައްދަލެވެ. ރައްޔިތުންގެ ފުރާނައަކީވެސް މި ތަރައްގީގެ ދުވެލީގައި މުހިންމު އެއްޗަކަށް ނުވަނީކަން ލިބެންހުރި ހެކިތަކުން ސާފުވެއެވެ.
މިއީ ނޭނގި ތިއްބާ ވީ ކަމެއްވެސް ނޫނެވެ. ސަރަހައްދީ ގޮތުން މިކަން މިގޮތަށް ހިނގުމަކީ އެކަށީގެންވާ ކަމެއްކަން އޮތީ މާކުރިން ތަސައްވުރު ކުރެވިފައެވެ. “ތަރައްގީ” ވެފައިވާ ކަމަށް ބެލެވޭ ގައުމުތަކަށް ނަޒަރު ހިންގާލުމުންވެސް މި ހަގީގަތް ސާފުވާނެއެވެ. އެގޮތުން ދެކުނު އޭޝިއާގެ ތަރައްގީއާއި ގުޅިގެން މި ސަރަހައްދުގައި ވައި ތަޢައްޔަރު ވާނެކަމާދޭތެރޭ މަޝްވަރާކުރެވި، މާލޭގައި ޤަރާރެއް 1998 ގައި ފާސްކުރިއެވެ. ސަރަހައްދީ ފެންވަރުގައި މި މައްސަލަ ބެލުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބައެއްކަންތައް ކުރެވިފައިވާ ކަމަށް ބަލަމާތޯއެވެ. އެއީ ރާއްޖޭގެ ވައިގެ ހާލަތު ދެނެގަތުމަށް ކަމާބެހޭ އާލާތެއް ހދ. ހަނިމާދޫގައި އަދި ސ. ގަމުގައި ބެހެއްޓުމެވެ. ކޮންމެވެސް މިންވަރަކަށް ރާއްޖޭގެ ވައިގެ ހާލަތާބެހޭ ތަފާސްހިސާބު އެއްކުރެވިފައި ވާނެކަމަށް ބެލެވެއެވެ. ކުޑަނަމަވެސް ކަމެއް ކުރެވިފައި ނެތަކީ ނޫންތާއެވެ. ނަމަވެސް އަހަރެމެން ނޭވާލާންޖެހޭ ވައި ވިހަވެ ތަޢައްޔަރު ވެދާނެކަމުގެ ކަންބޮޑުވުން އުފެދުނުތާ ގާތްގަނޑަކަށް ތިރީހަކަށް އަހަރު ވެފައިވާއިރު އާޚިރުނަތީޖާ މިއޮތީ ފެންނާށެވެ. އެއީ މިއަދު މި ތަހައްމަލުކުރާ ވިހަކުނޑި ވައިގެ ނުރައްކަލަށް ރައްޔިތުން ހުށަހެޅިފައިވާ މިންވަރެވެ. މިއީ ދިވެހި ސަރުކާރުތަކަށާއި ދައުލަތަށް ރައްޔިތުންގެ ހައްގުގައި ކުރުމަށް ކުޅަދާނަވި މިންވަރު ކަމަށް ވެދާނެއެވެ.
ރާއްޖޭގެ ހާލަތުގައި މި މައްސަލައިގެ ސަބަބުން އިތުރަށް ފާހަގަކުރެވޭ ކަމަކީ، މި ވިހަކުނޑި ރާއްޖެއަށް އަންނަ ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު ދުވަސްވަރު ކަމެވެ. ޑިސެމްބަރާއި ޖަނަވަރީ އަކީ ފަތުރުވެރިކަމުގެ “ހައި ސީސަން” އެވެ. ފަތުރުވެރިން ރާއްޖެ އަންނަނީ ސާފުތާހިރު އަދި ގުދުރަތީގޮތުން މުއްސަނދި އާދަޔާޚިލާފު ރީތިކަމެއް އޮތް ވެށްޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ބޭނުމުގައި ބޮޑު ހޭދައެއް ކޮށްގެންނެެވެ. އެމީހުން އައުމަކީ އަހަރެމެންގެ ފުދުންތެރިކަމާއި ހައިހޫނުކަމާއި ގުޅިފައިވާ ކަމެކެވެ. އެމީހުނާއި ކޮންމެ އަހަރަކު ރާއްޖެއިން ބައްދަލު ކުރަނީ ވިހަކުނޑި ވައި ކަމަށްވާނަމަ މި އަހަރީ ނުރައްކަލުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް މުސްތަގްބަލުގައި އަންނާނީ ކޮންފަދަ ލޮޅުމެއްތޯ ވެސް ސުވާލު އުފެދެއެވެ. ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ އިން ދިވެހި ދައުލަތަށް މަތިކޮށްފައިވާ ޒިންމާއަށް ނުކުޅެދިއްޖެނަމަ އޭގެ އަސަރުކުރާނީ ހަމައެކަނި އެންމެ ގޮތަކުން ނޫންކަން ވަރަށް ސާފެވެ. އޭގެ އަސަރުގެ ނުރައްކާއޮތީ ހަމައެކަނި ރާއްޖޭގެ ރައްޔިތުންގެ ސިއްހަތަކަށް ނޫނެވެ. އޭގެ ނުރައްކާ އޮތީ ރާއްޖޭގެ އެންމެ މުހިންމު އިގްތިސާދީ ސިނާއަތުގެ ދުޅަހެޔޮކަމަށްވެސް މެއެވެ.
މި މައްސަލައާއި ގުޅިގެން ދިވެހި ސަރުކާރުން ސަރަހައްދީ ފެންވަރުގައި ކުރަނީ ކީއްކަމެއް ސާފުކޮށް އެނގޭކަށް ނެތެވެ. އެޗް.ޕީ.އޭ ގެ ވީޑިއޯގެ މެސެޖުގައި “ވައިނުސާވުން ހުއްޓުވުމަށް” ދިވެހި ރައްޔިތުން އުޅެންޖެހޭ ކަމަށް ބުނެފައިވާ ބުނުމަކީ ހަމަޖެހޭ އަދި ބަލައިގަނެވޭނެ ވާހަކައެއްވެސް ނޫނެވެ. އަވަށްޓެރި ގައުމުތަކާއި އެކު މަޝްވަރާކުރުމާއި، ސަރަހައްދީ ފެންވަރުގައި މި މައްސަލައަށް ހައްލުހޯދުމަށް މަސައްކަތް ކުރުމަކީ ދިވެހި ދައުލަތުގެ ޤާނޫނީ ޒިންމާއެއްކަން ވަރަށް ސާފެވެ. މިކަމުގައި އިސްކޮށް އުޅެންޖެހޭނެ، ރައްޔިތުންގެ ފައިސާއިން މުސާރަދޭ މުވައްޒަފުންތަކެއް ތިބޭ ގިނަ ވުޒާރާތަކެއް ރާއްޖޭގައި އެބަހުއްޓެވެ. ސިއްހަތާބެހޭ ވުޒާރާގެ އިތުރުން ޚާރިޖީ ވުޒާރާ އާއި، ފަތުރުވެރިކަމާއި ތިމާވެށީގެ ވުޒާރާތަކުގެ ދައުރު މިކަމުގައި ބޮޑުކަމަށް ދެކެމެވެ. ރައްޔިތުން ތަމްސީލުކުރާ ކަމަށްބުނާ މަޖިލިހަށްވެސް މިއީ ގައުމީސަލާމަތާ ގުޅޭވަރުގެ ކަމެއްކަން ދަންނަންޖެހެއެވެ. ދިވެހި ދައުލަތުގެ ބިޔަ، ޚަރަދުބޮޑު އޮނިގަނޑުގެ ތެރެއިން ރައްޔިތުންގެ ސިއްހަތަށް އޮތް ނުރައްކަލަކަށް އިޖާބަދޭނެ ފަރާތެއް ފެންނަން ނެތުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ވިހަކުނޑިން ވައި ތަޢައްޔަރުވެ، ނޭވާލާ ކޮންމެ ފަހަރަކީ ހައްޓަށް އޮތް ނުރައްކަލަކަށްވާ މިންވަރަށް ރައްޔިތުންގެ ހާލަތު ދަށްވުމަކީ ވަރިހަމަވެގެން ތިބެވޭނެ ފަދަ ހާލަތެއް ނޫނެވެ. ނޭވާލާ ވައި ވިހަވެ ތަޢައްޔަރުވާތީ ސަރުކާރާއި ދައުލަތް ޖަވާބުދާރީ ކުރުވުމަށް “އެންމެން މަސައްކަތްކުރަމާތޯ” އެވެ.
މި ލިޔުން ފުރަތަމަ ޝާއިއު ކޮށްފައިވަނީ 7 ޖަނަވަރީ 2026 ގައި ދައުރު ނޫހުގައި


