21 އެޕްރިލް 2026
ވިލިމާލޭގެ ފުނަވާ މައްސަލަ
ކ. ވިލިނގިލި (ވިލިމާލެ) އަވަށުގައި ހުރި ޒަމާންވީ ފުނަވަލަކީ ގްރޭޓަރ މާލެ ސަރަހައްދުގައި ސަލާމަތުން ހުރި ހަމައެކަނި ދުވަސްވީ ޤުދުރަތީ ގަސްގަހާގެހީގެ ތަރިކައެވެ. ނަމަވެސް އަދުގެ ސަރުކާރުން މި ޤުދުރަތީ ތަރިކައަކީ އެއްވެސް އަގެއްނެތް އެއްޗަކަށް ހަދައި، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނު ތަކާއި ޚިލާފަށް، ފުނަވަލުގެ ސަރަހައްދުގައި ގެދޮރު އެޅުމާއި “ތަރައްޤީ” ގެ ނަމުގައި 17 ބުރީގެ 3 އިމާރާތް އެޅުމަށް ނިންމާ، 26 މާރިޗް 2026 ގައި މި މަޝްރޫއު އިފްތިތާހު ކޮށްފައިވެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް ގެ އަމިއްލަ ކުންފުންޏެއް މެދުވެރިކޮށް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއި ހަވާލުކޮށް، 4 އެޕްރިލް 2026 ގެ ލޯކަލް ކައުންސިލު އިންތިޙާބު ބޯމަތިވެފައި ވަނިކޮށް މި މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ އަވަސްއަރުވާލައިގެން ކުރަން ފަށާފައެވެ.
ނަމަވެސް، ސަރުކާރުން މި މަޝްރޫއު ހިންގަން ފެށިއިރު މާލޭސަރަހައްދުގެ ރައްޔިތުންނާއި މިކަމާބެހޭގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެއެވެ. އަދި މި މަޝްރޫއާއި ބެހޭ މައުލޫމާތު އެކަށީގެންވާ މިންވަރާ ގާތަށްވެސް ރައްޔިތުންނާއި ހިއްސާކޮށްފައެއް ނުވެއެވެ. ސަރުކާރުން ދެން ނުކޮށް ދޫކޮށްލާފައިވާ ކަމަކީ މި މަޝްރޫއަކީ ޤާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ހިންގާ މަޝްރޫއެއްތޯ ކަށަވަރު ކުރުމެވެ. ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ޤާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ 50 އަހަރުން މަތީގެ ގިނަ ގަސްތަކެއް ހުރިކަން ސާބިތުވެއެވެ. އަދި ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި، ޒަމާންވީ ގަސްގަހާގެހި ހިމެނޭގޮތަށް، ޤުދުރަތީ ވަސީލަތްތަކާއި ތަރިކަ އަދުގެ ޖީލުތަކާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ހިމާޔަތްކޮށް ބެލެހެއްޓުމުގެ ޤާނޫނީ އަދި ޤައުމީ ވާޖިބު ދިވެހި ދައުލަތަށް މަތިކޮށްފައިވެއެވެ. ނަމަވެސް ސަރުކާރުގެ ޤާނޫނީ ޒިންމާ މި މައްސަލައިގާ އަދާ ނުކުރާކަން ވަރަށްސާފެވެ.
އެހެންކަމުން މިއަދު، 21 އެޕްރިލް 2026 ވީ އަންގާރަ ދުވަހު، ގްރޭޓަރ މާލެ ސަރަހައްދުގެ 2 ވަޒަންވެރިން ކަމުގައިވާ ހުމައިދާ އަބްދުލް ޣަފޫރު (ހ. ޝޭޑީކޯނަރ، މާލެ) އަދި އަހުމަދު އިކުރާމް (ވ. ފައުނު، މާލެ) ދިވެހި ސަރުކާރު ޖަވާބުދާރީކޮށް، ދިވެހިރާއްޖޭގެ ޤާނޫނުގައިވާ ގޮތަށް ވިލިމާލޭގެ ފުނަވާގެ ގަސްތައް ހިމާޔަތްކޮށް ދެމެހެއްޓުމުގެ މަގްސަދުގައި، ރައްޔިތުންގެ އާންމު މަސްލަހަތުގެ ދިފާއުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވާނެއެވެ.
މި މައްސަލައިގާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެދިފައިވާނީ މި މައްސަލަ އެކޯޓުން ބައްލަވައި، ތިރީގައިވާގޮތަށް ނިންމަވާދެއްވުމަށެވެ.
1) ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) އާއި ޤަވައިދު ނަންބަރު 2022/އާރު-92 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ޤަވާއިދު) ގެ ދަށުން ކ.ވިލިނގިލި (ވިލިމާލެ) (30 ނަންބަރު ކޮށި) ފުނަވާގައި އެއްވެސް މަޝްރޫއެއް ފެށުމުގެ ކުރިން އެކަމަކުން ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދަން ޖެހޭކަން ސާބިތުވާއިރު، މިފަދަ ރިޕޯޓެއް ހަދާފައި ނެތުމުން އެކަމާމެދު ޤަވާއިދު ނަންބަރު 2012/އާރު-27 ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅުއްވައިދެއްވައި، ކ.ވިލިނގިލި (ވިލިމާލެ) (30 ނަންބަރު ކޮށި) ފުނަވާގައި ޤަވާއިދު ނަންބަރު 2022/އާރު-92 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިމާޔަތުގެ ދަރަޖަ ދީފައިހުރި ގަސްތަކަށް ގެއްލުންވާފަދަ އެއްވެސް ކަމެއް އެ ސަރަހައްދުގައި ނުކުރުމަށް ސަރުކާރާއި މާލެ ސިޓީ ކައުންސިލަށް އަންގަވައި އަމުރު ކޮށްދެއްވުމަށް؛
2) ކ.ވިލިނގިލި (ވިލިމާލެ) (30 ނަންބަރު ކޮށި) ފުނަވާގައި ހުރި، ޤަވާއިދު ނަންބަރު 2022/އާރު-92 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ޤަވާއިދު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިމާޔަތްކުރާ ގަސްތަކުގެ ދަފްތަރު މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަދާހަމަކޮށް، މިގަސްތައް ހިމާޔަތްކުރުމަށް ޤާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންތައްތައް ފުރިހަމަކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގަވައި އަމުރުކޮށްދެއްވުމަށް؛
3) ކ.ވިލިނގިލި (ވިލިމާލެ) (30 ނަންބަރު ކޮށި) ފުނަވާގައި ކުރިއަށްގެންދާ މަޝްރޫއުއަކީ ޤާނޫނު އަސަސީ އާއި ޤާނޫނު ތަކުން މަތިކޮށްފައިވާ އިޖުރާއަތު ތަކާއި ޚިލާފަށް ސަރުކާރުން ކުރިއަށް ގެންދަމުންދާ މަޝްރޫއެއްކަމުން، މިފަދަ މަޝްރޫއުއެއް ކ.ވިލިނގިލި (ވިލިމާލެ) (30 ނަންބަރު ކޮށި) ފުނަވާގައި ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅުއްވައިދެއްވާ މަޝްރޫއު ހުއްޓާލުމަށް ސަރުކާރަށް އަންގަވައި އަމުރު ކޮށްދެއްވުމަށް، އަދި
4) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ރ) އަދި (ބ) ގައި ކަނޑައަޅާފައިވާ ހައްޤުތަކަކީ ޤާނޫނުއަސާސީގެ 22 ވަނަ މާއްދާއިން ލިބިދޭ ތިމާވެށި ހިމާޔަތްކުރުމުގެ ހައްޤާއި، ސަރުކާރުގެ މައްޗަށް މި މާއްދާއިން މަތިކުރާ އަސާސީ ވާޖިބާއި ގުޅިފައިވާ ހައްޤަކަށްވުމުން، ދިވެހިރާއްޖޭގެ ތިމާވެށި މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމުގެ އަސާސީ ވާޖިބު އަދާކޮށް، މި ހައްޤުތައް ކަށަވަރުކުރުމުގެ ގޮތުން، ޤަވާއިދު ނަންބަރު 2022/އާރު-92 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ޤަވާއިދު) ގެ 3 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ ޒިންމާ ސަރުކާރުން އަދާކޮށް، އެ ޤަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ 50 (ފަންސާސް) އަހަރުން މަތީގެ ގަސްތައް ހިމާޔަތްކޮށް، ޤާނޫނު އަސާސީގެ 22 ވަނަ މާއްދާ އާއި އެމާއްދާއަށް ބާރުދޭ ޤާނޫނާއި ގަވާއިދުތަކާއި ޚިލާފު ނުވާގޮތަށް، ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތަކުގެ މަތީން، ތިމާވެށި ތަޣައްޔަރު ނުވާނެގޮތަށް، ދިރޭތަކެތީގެ ނަސްލެއް ނެތިގެން ނުދާނެގޮތަށް، ތިމާވެށި ހަލާކުނުވާނެ ގޮތަށް، ޤުދްރަތީ ވަސީލަތްތައް ބޭކާރުނުވާނެ ގޮތަށް، އިމާރާތްކުރުމާ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އަންގަވައި ހުކުމް ކޮށްދެއްވުމަށެވެ.
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަކީ ސަރުކާރުގެ ބާރުތަކާއި މަސްއޫލިއްޔަތު ބަޔާންކޮށް ދައުލަތުން އެމައްޗަށް ފުރިހަމައަށް ތަބާވާންޖެހޭ އަސާސީ ޤާނޫނު ކަމާއިމެދު ޝައްކެއް ނެތެވެ. ރައްޔިތުންގެ މައްޗަށްއޮތް ހައްޤުތަކާއި މަސްއޫލިއްޔަތުގެ އިތުރުން، ރައްޔިތުންގެ މަސްއޫލިއްޔަތު އަދާކޮށް ސަރުކާރު ޒިންމާދާރު ކޮށް ޖަވާބުދާރީ ކުރުމަށް ކޯޓުތަކަކީ މި ދުސްތޫރީ ނިޒާމު ހަރުދަނާ ގޮތެއްގައި ހިނގާނެ ވަސީލަތެވެ. ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ތިމާވެށީ ހިމާޔަތްކުރުމަށްޓަކައި ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކަކީ ވަރަށް ގިނަ ބަހަނާތަށް މުއައްސަސާތަކުން (ކޯޓުތައް ހިމެނޭ ގޮތަށް) ދައްކާ މައްސަލަ ތަކެއްކަން ތަޖުރިބާގެ އަލީގައި ފާހަގަކުރަމެވެ. ރާއްޖޭގެ ޝަރުއީ ނިޒާމަކީ ހަމައެކަނި ވަކި ބަޔަކަށް ވަކި ގޮތަކަށް ޤާނޫނީ ހަމަ ތަންފީޒުކުރުމަށް އޮތް ނިޒާމެއް ކަމުގައި ނުދެކެމެވެ. ނަމަވެސް ފެންނަމުންދަނީ ރާއްޖޭގެ ކޯޓުތަކަކީ ތިމާވެށި ހިމާޔަތްކުރުމުގެ އާންމު މަސްލަހަތު އޮންނަ މައްސަލަތަކުގައި ތަކުރާރުކޮށް ޤާނޫނީ ހަމަތަކާއި މަފްހޫމްތަކަށް އާދަޔާ ޚިލާފު ބީރަށްޓެހިކަމެއް ތަމްސީލު ކުރަމުންދާ މުއައްސަސާ ތަކެއްކަމެވެ. މި މައްސަލަ ހުށަހަޅަނީ މިފަދަ ނުތަނަވަސް ކަމެއް ކޯޓުތަކާއި ދޭތެރޭ ރައްޔިތުންގެ ހައިސިއްޔަތުން އަހަރެމެންނަށް އިހުސާސުވާ ހާލަތުގައިކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. ނަމަވެސް އަހަރެމެން ދެކޭ ގޮތުގައި ކޯޓުތަކަކީ ޤާނޫނު ނެގެހެއްޓުމަށް ޖެހިލުންވާ، އުޒުރުވެރިވާ، ބަލިކަށި ދައުލަތުގެ މުއައްސަސާ ތަކަކަށް ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި ކޯޓުތަކަކީ ރައްޔިތުންގެ އާންމު މަސްލަހަތު ދިފާއުކުރެވޭ، ވަކިފަރާތަކަށް ބުރަނުވާ، ޤާނޫނީ ހަމަ ތަންފީޒު ކުރުމުގެ ޤާބިލުކަމާއި، ހަރުދަނާކަމާއި، ހިކްމަތްތެރިކަން ލިބިގެންވާ ޚިދުމަތްތެރި ތަންތަނަށް ވާންޖެހޭ ދައުލަތް ހިންގުމުގެ ބާރެއް ކަމުގައި އަހަރެމެން ޤަބޫލުކުރަމެވެ.
އަހަރެމެންގެ އުންމީދަކީ އަދި ދުއާ އަކީވެސް ދިވެހިރާއްޖޭގެ ކޯޓުތަކަކީ އިންސާފުގެ ހަމަތަކުން ބަރީއަވެ ވަކިފަރާތަކަށް ބުރަނުވާ، ސިޔާސީ އަދި އެހެނިހެން ނުފޫޒުތަކުން އެއްކިބާވެ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އިން ތަސައްވަރު ކުރާ މިނިވަން، މުސްތަޤިއްލު، ނަޒާހަތްތެރި އަދި ރައްޔިތުންގެ އާންމު މަސްލަހަތު ދަންނަ، ރައްޔިތުންނަށް އިތުބާރުކުރެވޭ ޤާބިލު މުއައްސަސާތަކަކަށް ވުމެވެ.

