ކަށިމިޔަރުގެ މަސްވެރިކަމާބެހޭ ދުސްތޫރީ މައްސަލަ 2 ވަނަ ފަހަރަށް އަލުން ބެލުމަށް ކޯޓަށް ހުށަހެޅުން

ދިވެހިރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށްވާތީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ރަޖިސްޓަރީ ކުރެވެން ނެތްކަމަށް ބުނެ 2 ވަނަ ފަހަރަށް އަނބުރާ ފޮނުވާލުމާބެހޭ ކަންބޮޑުވުންތައް،
އަދި 2 ވަނަ ފަހަރަށް މި މައްސަލަ އަލުން ބެލުމަށް
މިއަދު، 23 އެޕްރިލް 2026 ގައި ހައިކޯޓަށް ހުށަހެޅުން

ދިވެހިރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލާ ސަރުކާރުން 31 އޮކްޓޫބަރ 2025 ގައި ގެޒެޓުކުރި “ދިވެހިރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭން” އާއި ޤަވާއިދު ނަންބަރު 2025/R-112 “ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެހެލެއްޓުމާބެހޭ ޤަވާއިދު” އަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި އެހެނިހެން ޤާނޫނުތަކާއި ޚިލާފަށް ވުޖޫދުކޮށްފައި އޮތް ބާތިލު ޤަވައިދުތަކެއް ކަމަށް ޤަބޫލުކުރެވޭތީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުގެ ރަޖިސްޓްރާ 2 ވަނަ ފަހަރަށް ކޯޓަށް ބަލައިގަނެވެން ނެތްކަމަށްބުނެ ފޮނުވާލުމަކީ ހައިރާން ކުރަނިވި ގޮތަކަށް ހިނގަމުންދާ ކަމެއްކަމުގައި އަހަރެމެން ދެކެމެވެ.

ފުރަތަމަ ފަހަރަށް މި މައްސަލަ ހުށަހެޅީ 9 ޑިސެމްބަރު 2025 ގައެވެ. އެ މައްސަލަ ބަލައިނުގަނެ ހައިކޯޓުގެ ރަޖިސްޓްރާރ އަނބުރާ ފޮނުވާލީ 18 ޑިސެމްބަރު 2025 ގައި 2 ސަބަބެއް ބަޔާންކޮށެވެ. މިގޮތަށް ކަންކުރުމުގެ ފުރަތަމަ ސަބަބުކަމަށް ރަޖިސްޓްރާރ ބަޔާންކޮށްފައިވަނީ، “ދިވެހިރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން” އަކީ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާއިދެއް ނުވަތަ ޤަވާއިދެއްގެ ބަޔަކަށް ނުވާކަމަށެވެ. ޤާނޫނީ ހަޤީގަތަކީ މިއީ ނޫންކަން ވަރަށް ސާފެވެ. އެހެނީ، ޤާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ) 19 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވަނީ، “މި ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ހަދާ ކޮންމެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއް ވާނީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކަށެވެ.” މިހެންނެވެ. އަދި މެނެޖްމަންޓް ޕްލޭންގެ ތައާރަފަށް ބެލުމުން އެއީ މަސްވެރިކަމުގެ ޤާނޫނުގެ “17 ވަނަ މާއްދާގެ (ށ) އާއި 18 ވަނަ މާއްދާގެ ދަށުން” ހަދާފައިވާ އެއްޗެއްކަން ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މައްސަލަ ކޯޓުން ބަލައި ނުގަތުމަށް ރަޖިސްޓްރާރ ބަޔާންކުރި ފުރަތަމަ ސަބަބަކީ ޤާނޫނީ ގޮތުން ސައްހަ ސަބަބެއް ނޫންކަން ވަރަށް ސާފެވެ. މި ޤާނޫނީ ނުކުތާ ރަޖިސްޓްރާރ އަށް ފާހަގަކުރެވިފައި ނެތުމަކީ އެކަށީގެންވާ ފެންވަރަށް މި މައްސަލަ މުތާލިޔާ ކުރެވިފައި ނެތްކަން ރަމްޒުކޮށްދޭ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ.

މައްސަލަ ބަލައިނުގަތް ދެވަނަ ސަބަބުކަމަށް ރަޖިސްޓްރާރ ބަޔާންކޮށްފައިވަނީ، މައްސަލައިގާ ހުށަހަޅާފައިވާ މައިގަނޑު ޤާނޫނީ ނުކުތާތަކާއި ގުޅިގެން “ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ޤަވާއިދު” ޤާނޫނާއި ޚިލާފުވަނީ “ކިހިނަކުން ކޮންގޮތަކުންކަން ބަޔާންކޮށްފައިނުވާތީ” ކަމަށް ބުނެއެވެ. ކޯޓަށް މައްސަލައެއް ހުށަހަޅާއިރު މިވަރަށް މައުލޫމާތު ނެތި ހުށަހެޅުމަކީ ދިރާސީ ގިނަ މަސައްކަތްތަކެއް ކޮށްގެން ފަރުމާކުރާ މައްސަލައެއްގައި ނުހިމެނޭ ކަމެއްކަމަށް ދޭހަކޮށް، ބުނާއެއްޗެއް ސާފުނުވާ މަދު ބަސްކޮޅަކުން ރަޖިސްޓްރާރ ފޮޅާލެއްވުމަކީވެސް ހައިރާންވާންޖެހޭ ކަމެކެވެ. ނަމަވެސް، މި ސަބަބަކީ ރަޖިސްޓްރާރ ގެ މަސްއޫލިއްޔަތުން ބޭރުން އުފައްދާފައިވާ ސަބަބެއްކަން ފާހަގަކުރަމެވެ. އެހެނީ، ރަޖިސްޓްރާރ ގެ މަސްއޫލިއްޔަތަކީ އިދާރީ މަސްއޫލިއްޔަތެކެވެ. މައްސަލައިގެ މައުޟޫއީ ނުކުތާތަކަށް ރިއާޔަތްކޮށް ގޮތެއް ނިންމުމަކީ ރަޖިސްޓްރާރ ގެ ދައުރެއް ނޫނެވެ. އެއީ ފަނޑިޔާރުންގެ ދައުރެވެ. ރަޖިސްޓްރާރ ގެ މަސްއޫލިއްޔަތު ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ) 50 ވަނަ މާއްދާ އާއި ހަވާލާދީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވައިދު (2011) ގެ 15 ވަނަ މާއްދާގައެވެ. ހުށަހަޅާފައިވާ މައްސަލައެއް މި ޤަވާއިދާއި ޚިލާފުވާނަމަ އެކަން ރަޖިސްޓްރާރ ސާފުކޮށް ބަޔާންކޮށްދޭންޖެހޭކަން މި ޤަވާއިދުގެ 15 ވަނަ މާއްދާގެ 2 ވަނަ ނުކުތާއިން ސާފުވެއެވެ. ނަމަވެސް މިފަދަ ޚިލާފެއް ހުށަހެޅި މައްސަލައިގާ އޮތްކަމެއް ރަޖިސްޓްރާރ ގެ ނިންމުމުގައި ފާހަގަކޮށްފައި ނެތުމުން، މައްސަލަ ބަލައިނުގަތުމުގެ ދެވަނަ ސަބަބަކީ އޭނާގެ މަސްއޫލިއްޔަތުގެ ބޭރުން އުފައްދާފައިވާ ސަބަބެއްކަމަށް ބުރަވެވެއެވެ.

ކަންމިހެން އޮތުމުން، ރަޖިސްޓްރާރ ގެ ނިންމުން އަލުން ބަލައިދިނުމަށް އެދި 21 ޑިސެމްބަރ 2025 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅީމެވެ. އެ ހުށަހެޅުން ހައިކޯޓުގެ 3 ފަނޑިޔާރުންގެ މަޖިލިހަކުން ބެލުމަށްފަހު ނިންމެވި ގޮތް ކޯޓުން ހިއްސާކޮށްފައިވަނީ 22 ޖަނަވަރީ 2026 ގައެވެ. ރަޖިސްޓްރާރ ގެ ނިންމުން އަލުން ބެލުމަށް އެދި ހުށަހެޅީ ކަމާބެހޭ ޤާނޫނީ އިޖުރާއަތުގައިވާ ގޮތަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވައިދު (2011) ގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ނަމަވެސް އަލުންބެލުމަށް ހުށަހެޅި މައްސަލައިގާ ފަނޑިޔާރުންގެ ނިންމުމުގައި ފާހަގަކުރެވޭ މުހިންމު ނުކުތާއަކީ، ރަޖިސްޓްރާރ ގެ ނިންމުން ނިންމާފައިވާ އެއްވެސް ސަބަބަކަށް ރިއާޔަތްކޮށްފައި ނެތުމެވެ. އޭގެ ބަދަލުގައި ފަނޑިޔާރުންގެ މަޖިލިހުން މައްސަލަ ބަލައި ނުގަތުމަށް ނިންމާފައިވަނީ 9 ޑިސެމްބަރު 2025 ގައި ހައިކޯޓަށް ހުށަހެޅުނު މައްސަލައިގެ ސީޣާގައި “އާންމު މަސްލަހަތާއި ގުޅިފައިވާ ދުސްތޫރީ މައްސަލައެއް” ކަމަށް ބުނެފައިވާތީއެވެ. އެގޮތުން މައްސަލަ ނިންމެވި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ ބަޔާންކުރައްވާފައިވަނީ:

“އެހެންކަމުން، މި މައްސަލަ އަކީ ޢާންމު މަޞްލަޙަތާ ގުޅިފައިވާ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެއްކަމަށްވާތީ، މި މައްސަލަ މި ކޯޓަށް ބަލައިނުގަތުމަށް ރަޖިސްޓަރާރ ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.”

ފަނޑިޔާރުންގެ ނިންމުމުން ސާފުވަނީ، 3 ފަނޑިޔާރުން އިއްތިފާގުވި މަޖިލިހުގެ ނިންމުމަކީ ރަޖިސްޓްރާރ ގެ ނިންމުމާއި މުޅިން ތަފާތު އުޒުރެއްގެ މައްޗަށް ނިންމެވި ނިންމެވުމެއް ކަމެވެ. އެއީ، މައްސަލައަކީ އާންމު މަސްލަހަތުގައި ހުށަހަޅާ ދުސްތޫރީ މައްސަލައެއްކަމަށް ދައުވާގެ ސީޣާ ގައި ބުނެފައި އޮތުމުގެ ސަބަބުން، އެ ނުކުތާއަށް ބުރަވެ ނިންމެވި ނިންމެވުމެއްކަން ހާމަވެއެވެ.

ފަނޑިޔާރުންގެ ނިންމުމަށް ބެލުމަށްފަހު، ދެވަނަ ފަހަރަށް މައްސަލަ ހައިކޯޓަށް ހުށަހެޅީ 2 ފެބްރުވަރީ 2026 ގައެވެ. މި ހުށަހެޅުންވެސް ވަނީ ރަޖިސްޓްރާރ ބަލައިނުގަނެ، 16 އެޕްރިލް 2026 ގައި އަނބުރާ ފޮނުވާލާފައެވެ. މި ފަހަރު މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާރ ގެ އުޒުރަކަށްވީ ހުށަހެޅި ދައުވާގައި ކަށިމިޔަރުގެ މަސްވެރިކަމާބެހޭ “ޕްލޭނާއި ގަވާއިދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާއި ތަޢާރުޟުވާ ގޮތް ތަފްޞީލުކޮށް ސަބަބުތަކާއެކު ބަޔާންކޮށްފައިނުވާތީ” ކަމަށެވެ. މިއީ އަނެއްކާވެސް ހައިރާން ކުރުވަނިވި ކަމެކެވެ. މި ދައުވާއަކީ ތަފާތު 22 ހެއްކަށް ރިއާޔަތްކޮށް، އެ ހެކިތަކާއިބެހޭ މައުލޫމާތުތަކާއި ތަފްސީލާއި އެކު ހުށަހަޅާފައިވާ ޖުމްލަ 267 ސަފްހާގެ ދައުވާއެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރާރ ގެ ނިންމުންތަކާއި ގުޅިގެން އުފެދޭ އެންމެ ބޮޑު ކަންބޮޑުވުމަކީ، މި މަޤާމުގައި ހުންނެވި ފަރާތަކީ މިފަދަ މަޤާމެއްގައި ހުރުމަށް އެކަށީގެންވާ ފަރާތެއްތޯ އުފެދޭ ނުތަނަވަސްކަމުގެ ސުވާލެވެ. އަދި މިއީ ދިވެހިރާއްޖޭގެ ހައިކޯޓާއި ދޭތެރޭ، އެ ކޯޓަށް މައްސަލަ ހުށަހަޅާ ރައްޔިތުންނަށް އޮތް ނުހަނުބޮޑު ހުރަހެއްގެ ގޮތުގައި ބެލޭނެ ކަމެއްކަން ހިތާމައާއި އެކު ފާހަގަކުރަމެވެ. ޤާނޫނީ ކަމެއްގައި ފަރުވާއެއް ހޯދުމަށް ރައްޔިތަކަށް ދެވެން އޮންނަ ކޯޓުތަކަކީ ބަންދުވެފައިވާ ތަންތަނުގެ ގޮތުގައި ސިފަވާހާލަތަށް ކަންތައް ދިއުމަކީ ކޯޓުތަކާއި ދޭތެރޭ އޮންނަންޖެހޭ އިތުބާރު ހީނަރުވެގެންދާ ކަމެކެވެ. ރަޖިސްޓްރާރ ގެ މި ނިންމުމާއި ގުޅިގެން މި މައްސަލަ އަލުން ބަލައިދިނުމަށް އެދި މިއަދު، 23 އެޕްރިލް 2026 ގައި ހައިކޯޓަށް ހުށަހަޅާފައިވާނެއެވެ.