ރައީސުލް ޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒު އަށް
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
ދިވެހިރާއްޖެއަކީ މާކަނޑުގައި ޖަޒީރާވަންތަ ގޮތުގައި ޤުދުރަތީގޮތުން އުފެދިފައިވާ ތިރި ޤައުމެކެވެ. އަދި ރާއްޖޭގެ ކަނޑުފަޅު އަދި ފަރުތަކުގެ ވެށީގެ ނާޒުކުކަމާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅިފައިވާ ނުރައްކަލުގެ ވާހަކަތަކަކީ 1980 ގެ ފަހުކޮޅުން ފެށިގެން ދިވެހި ސަރުކާރުތަކުން ކަންބޮޑުވުން ފާޅުކޮށް، ތަކުރާރުކޮށް ދައްކަމުންދާ ވާހަކަތަކެކެވެ. ކޮންމެ ސަރުކާރަކުންވެސް އެންމެ ހަރުއަޑުން މި ވާހަކަތައް ދައްކަމުން އަންނަނީ ބައިނަލްއަޤުވާމީ މައިދާނުގައެވެ. އަޅުގަނޑަކީ ދިވެހިރާއްޖޭގެ ޤުދުރަތީ ވެށްޓަށް ދިވެހި ސަރުކާރުތަކުން ނިންމާ ނިންމުންތަކާއި ނުކޮށްދޫކޮށްލާ ކަންތައްތަކުގެ ސަބަބުން ލިބެމުންދާ އިޔާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަކާމެދު ނުހަނު ކަންބޮޑުވާ ރައްޔިތަކީމެވެ. އެގޮތުން 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު ރައީސް އިބްރާހިމް މުހަންމަދު ސާލިހަށްވެސް އަޅުގަނޑު ސިޓީއެއް ފޮނުވީމެވެ. އެ ސިޓީއަށް އެމަނިކުފާނު ޖަވާބެއް ނުދެއްވައެވެ.
އަޅުގަނޑު ދެކޭގޮތުގައި އެވަގުތެއްގައި ހުންނަ ރައީސުލް ޖުމްހޫރިއްޔާވެސް ހިމެނޭގޮތަށް، ރާއްޖޭގެ ކޮންމެ ރައްޔިތަކަށްމެ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދަމަހަށްޓަން ޙާއްސަ ޒިންމާއެއް ރާއްޖޭގެ ޤާނޫނުތަކުން މަތިކޮށްފައިވެއެވެ. ނަމަވެސް ހިތާމައާއި އެކު ފާހަގަކުރަން ޖެހެނީ ރާއްޖޭގެ ތިމާވެށީގެ ރައުސްމާލު މިހާރުގެ ޖީލުތަކަށާއި އަންނާންއޮތް ޖީލުތަކުގެ މަންފާއަށް ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ފޯރުކުރުމަށް ދިވެހިދައުލަތަށް އޮތް ޤާނޫނީ ޒިންމާ އަދާކުރުމުގައި ފެންނަމުންދަނީ އިހުމާލު ވުމެވެ. ދައުލަތުގެ ޒިންމާދާރު މަޤާމުތަކުގައި ކަންކަން ނިންމުމަށް ތިބި ރައްޔިތުންގެ ޚާދިމުން އެކަށީގެންވާ ގޮތުގައި ކަންކަން ދިރާސާކޮށް ބަލާހޯދުމަށް އިސްކަން ނުދޭކަމެވެ. އަދި ލިބެންހުރި އިލްމީ އަދި ފަންނީ މައުލޫމާތަށް ދޭންޖެހޭ ޙާއްސަ ސަމާލުކަން ނުދޭ ކަމެވެ.
26 އޮގަސްޓު 2025 ގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓު ގައި ޝާއިއުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެ އަނެއްކާވެސް ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވާ ކަމާއި، އެކަން ނޮވެމްބަރ 2025 ގައި ފެށޭނެކަމެވެ. އެނގިވަޑައިގެންވާނޭ ފަދައިން ދިވެހިރާއްޖޭގައި ހުރިހާބާވަތެއްގެ މިޔަރުގެ މަސްވެރިކަން 2010 ގައި މުޅިން މަނާކޮށް، 2011 ގައި މިޔަރުގެ އެއްވެސް ގުނަވަނެއްގެ އެކްސްޕޯޓު ވިޔަފާރި ކުރުން މަނާކުރީ މުހިންމު ޙަޤީގަތްތަކެއްގެ މައްޗަށް ބުރަވެއެވެ. އަދި އެގޮތުގައި އެކަން ދަމަހަށްޓާ ނިޒާމީފެންވަރެއްގައި އިތުރަށް ހަރުދަނާކުރުމަކީ ކޮންމެހެން މުހިންމު ކަމަކަށްވާ ސަބަބުތަކެއްވެސް ވެއެވެ. އޭގެތެރޭގައި ތިރީގައިވާ ނުކުތާތައް ފާހަގަކުރަމެވެ.
1 – ދިވެހިރާއްޖެ އަކީ އިންޑިއާ ކަނޑުގައި އޮތް މިޔަރު ހިމާޔަތްކުރެވިފައިވާ ހަމައެކަނި ސަރަހައްދެވެ. އަދި މުޅިދުނިޔޭގައި އޮތް މިފަދަ 17 ސަރަހައްދުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ދިވެހިރާއްޖޭގައި އެއްވެސް ބާވަތެއްގެ މިޔަރުގެ މަސްވެރިކަމަކަށް ހުޅުވާލުމަކީ ރާއްޖޭގެ ‘މިޔަރު ސެންކްޗުއަރީ’ ހައިސިއްޔަތު ނިމުމަކަށް އަންނާނެ ކަމެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބައިނަލްއަޤުވާމީ ގޮތުން ބޮޑު ލޮޅުމެއްއަރާނޭ ކަމެއްކަމުގައި ދެކެމެވެ. އަދި މީގެ ސަބަބުން، ރާއްޖެއަކީ ޤުދުރަތީގޮތުން މުއްސަނދި ހިމާޔަތްކުރެވިފައިވާ ކަނޑުއަޑީގެ ރީތިކަމުގެ މަންޒިލެއްގެ ގޮތުގައި މުޅިދުނިޔެއަށް އުފެދިފައިވާ ތަސައްވުރަށް އިޔާދަކުރަންދަތި އުނިކަމެއް ލިބިގެންދާނެ ކަމާމެދު ޝައްކެއްނެތެވެ. އަދިހަމަ އެހެންމެ، މިޔަރުގެ މަސްވެރިކަމަށް ރާއްޖެ ހުޅުވާލުމަކީ ރާއްޖޭގެ ޤުދުރަތީ ތޮބީޢީ ހާލަތަށްވެސް، އަދި އެހެން ގޮތަކުންވެސް މަންފާވާނެ ކަމެއްކަމަށް ބެލޭނެ ހަރުދަނާ އެއްވެސް ހެއްކެއް ނެތެވެ. ރާއްޖޭގެ ފަރުފަޅާ ކަނޑުގެ ނިޒާމަކީ މިޔަރުގެ ހަރުދަނާ އާބާދީއެއް އޮތުމަށް ކޮންމެހެންވެސް ބޭނުންވާ ނިޒާމެކެވެ. އަދި ރާއްޖޭގެ ކަނޑުފަރުތަކުގެ ދުޅަހެޔޮކަމާ ޤުދުރަތީ މުއްސަނދިކަން އާލާކޮށް، އާރާސްތުކޮށް، އޭގެ ޒާތުގައި ދެމެހެއްޓުމަށްޓަކާ މިޔަރުގެ ދައުރު އިންތިހާއަށް ބޮޑުކަން އެއީ ސައިންސުވެރިންނާއި މި ދާއިރާގެ ފަންނީ ޚަބީރުންގެ ހޯދުންތަކުން އެނގެންއޮތް ޙަޤީގަތެވެ.
2 – 1993 ގައި ޝާޢިއުކޮށްފައިވާ ދިވެހިރާއްޖޭގެ މިޔަރުގެ މަސްވެރިކަމާބެހޭ ދިރާސާއަކުން ހާމަވަނީ މަރުވެފައިވާ މިޔަރަކަށްވުރެ ދިރިހުރި މިޔަރެއްގެ ނަފާ ރާއްޖޭގެ އިޤްތިސާދަށް 100 ގުނަ އަދި ބައެއް ހާލަތްތަކުގައި 1000 ގުނައަށް ފައިދާބޮޑުކަމެވެ. 2019 ގެ ދިރާސާއެއްގެ ހޯދުންތަކުން ހާމަވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ފީނުމުގެ ސިނާއަތަކީ 1992 އާއި އަޅާބަލާއިރު އިޤްތިޞާދީގޮތުން ދެގުނަ އިތުރުވެފައިވާ ސިނާއަތެއްކަމެވެ. ރާއްޖޭގެ ފަތުރުވެރިކަމަކީ ދިރިހުރި މިޔަރުގެ ހަރުދަނާ އާބާދީއާއި ސީދާ ގުޅި ލާމެހިފައިވާ މާހައުލުތަކުން ނަފާހޯދާ ސިނާއަތަކަށްވާއިރު، މިޔަރުގެ މަސްވެރިކަމަށް ރާއްޖެ ހުޅުވާލުމަކީ ޒިންމާދާރު ހަރުދަނާ ސިޔާސަތަކަށް ވާނެކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.
3 – 1980 ގެ އަހަރުތަކުގައި ރާއްޖޭގައި ކުރި ކަށިމިޔަރުގެ މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ ކަށިމިޔަރުގެ އާބާދީވަނީ އިނދަޖެހިފައިކަން ކަމާބެހޭ ތަފާސްހިސާބުން ވަރަށްސާފެވެ. އަދި ލިބެންހުރި މައުލޫމާތުން ހާމަވަނީ ރާއްޖޭގެ ކައިރި މާޒީގައި ކުރި ކަށިމިޔަރުގެ މަސްވެރިކަމުގެ ސީދާ ނަތީޖާއަކީ 1982 އާއި 2002 އާއި ދެމެދު، ރާއްޖޭގެ ކަށިމިޔަރުގެ އާބާދީ %97 ދަށަށް ގޮސްފައިވާކަމެވެ. ރާއްޖޭގެ އުތުރުގެ ސަރަހައްދާއި، ހދ. ކުޅުދުއްފުށީގެ މިޔަރުގެ މަސްވެރިކަމާބެހޭ 2002 ގެ ދިރާސާއަކުން ސާފުވާންއޮތީ މި ސަރަހައްދުގެ ފަރުތަކާއި، އަތޮޅުން ބޭރުގައި އަދި މާކަނޑުގައި އޭރު ކުރަމުންދިޔަ މިޔަރުގެ މަސްވެރިކަމުގެ ސަބަބުން މިޔަރުގެ އާބާދީ ބޮޑުތަނުން މަދުވެ، ހީނަރުވެ، މަސްވެރިންނަށްވެސް މިކަންކުރުމަށް ދަތިވެ މިޔަރުގެ މަސްވެރިކަން ނުކުރުމަށް ޚިޔާރުކޮށްފައިވާ ކަމެވެ. އަދި ލިބެންހުރި ތަފާސްހިސާބުން މި މަސްވެރިކަން 2010 އާއި ހަމައަށް އައިއިރު ދަށަށްގޮަސްފައިވާ މިންވަރު މިކަމުގައި އުޅުނު އުޅަނދުފަހަރުގެ އަދަދުތަކުންވެސް ސާފުވެއެެވެ.

(ތަފާސްހިސާބު: ޚަދީޖާ އަލީ އާއި ހުސައިން ސިނާން، 2014 ގެ ދިރާސާ، ޓޭބަލް 1)
ރާއްޖޭގައި ކަށިމިޔަރު އުޅޭ ‘ހެބިޓެޓް’ ނުވަތަ ދިރިއުޅޭ މާހައުލަކީ ރާއްޖޭގެ އަތޮޅުތަކުގެ ބޭރުފަށަލައިގެ 300 އާއި 400 މީޓަރާ ދެމެދުގެ ހަނި އަދި ފުން ސަރަހައްދެއްކަން މަސްވެރިކަމުގެ މާހިރުން ބުނެއެވެ. އަދި ކަށިމިޔަރަކީ ދިގުއުމުރަކަށް ދިރިއުޅޭ، ދަރިމައިވުމުގެ އުމުރު ލަސް، މާބަނޑުވުމުގެ މުއްދަތު ދިގު، ލަހުންވިހާ، މަދުންވިހާ ބާވަތެއްގެ މިޔަރެކެވެ. މައުނައީ ކަށިމިޔަރަކީ ދިހަ ފަނަރަ އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި އާރާސްތުވެ ހަރުދަނާ އަދަދަކަށް އާބާދީ އާލާވާނެ ބާވަތުގެ މިޔަރެއް ނޫނެވެ. މީގެ އިތުރުން، ކަށިމިޔަރަކީ މުޅި ދުނިޔޭގައިވެސް ނެތިދިއުމުގެ ބިރު އުފެދިފައިވާ ބާވަތެއްގެ މިޔަރެއް ކަމަށްވުމާއެކު، އެއީ ބައިނަލްއަޤުވާމީ ގޮތުން ނެތިދިއުމުގެ ބިރުއޮތް މިޔަރުގެ ބާވަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ޔޫނިއަން ފޯދަ ކޮންސަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) ގެ ‘ރެޑްލިސްޓު’ ގައިވެސް ހިމަނާފައިވާ ޖަނަވާރެކެވެ. މި އެންމެހާ މައުލޫމާތުން އެނގި ހާމަވަނީ ކަށިމިޔަރުގެ މަސްވެރިކަމަށް ރާއްޖެ އަދު ހުޅުވާލުމަށް ނިންމާ ނިންމުމަކީ ޒިންމާދާރު ނިންމުމެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް، ޤަރީނާއެއް އަދި ހުއްޖަތެއްވެސް ނެތްކަމެވެ. ލިބެންހުރި އިލްމީ އަދި ފަންނީ ހޯދުންތަކުން ސާފުވަނީ މިއީ ކުރަންވާވަރުގެ ކަމެއް ނޫންކަމެވެ. އަދި މިއީ ކުރެވިދާނެ ކަމެއްތޯވެސް ސުވާލު އުފެދެއެވެ.

1980 އާއި 2006 އާއިދެމެދު ރާއްޖެއިން ކަށިމިޔަރު ތެޔޮ ބޭރުކޮށްފައިވާ ތަފާސްހިސާބު
މެރިންރިސާޗް ސެންޓަރ 2008
(‘ސައިޓީސް’ ގެ ކޮޕް 20 (2025) ބައްދަލުވުމަށް ހުށަހެޅިފައިވާ ޑްރާފްޓް ހުށަހެޅުން، ސަފްހާ 10)
4 – ދިވެހިރާއްޖެއަކީ ނެތިދިޔުމުގެބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ
ބައިނަލްއަޤްވާމީ މުޢާހަދާ (ނުވަތަ ‘ސައިޓީސް’) ގައި 2013 ވަނަ އަހަރު ބައިވެރިވެ، އެ މުޢާހަދާއިން މަތިކުރާ ޤާނޫނީ ޒިންމާ ތަންފީޒު ކުރުމަށް 2022 ގައި ޤައުމީ ފެންވަރުގައި ޤާނޫނެއް ފާސްކޮށްފައިވާ ޤައުމެކެވެ. ކަށިމިޔަރަކީ ‘ސައިޓީސް’ ގެ ނެތިދިޔުމުގެބިރު ހީވެފައިވާ ދިރޭ ތަކެތީގެ ލިސްޓުގެ އެޕެންޑިކްސް (ނުވަތަ ޖަދުވަލު) 2 އަށް ލުމުގެ މަގުމަތީގައިވާ މިޔަރުގެ ބާވަތެކެވެ. މިކަމާބެހޭ ‘ސައިޓީސް’ ގެ ބައިނަލްއަޤުވާމީ މަޝްވަރާތައް މި އަހަރުގެ ނޮވެމްބަރު މަހު އުޒްބެކިސްތާނުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. ސަބަބަކީ ކަށިމިޔަރަކީ މުޅިދުނިޔޭގައިވެސް ނެތިދިއުމުގެ ބިރު އުފެދިފައިވާ މިޔަރުގެ ބާވަތަކަށް ވާތީއެވެ. ‘ސައިޓީސް’ ގެ އެޕެންޑިކްސް 2 އަށް ލުމުގެ މާނައަކީ އޭގައި ހިމެނޭ ނެތިދިޔުމުގެބިރު ހީވެފައިވާ ޖަނަވާރާ އޭގެ ގުނަވަންތަކަކީ ބައިނަލްއަޤުވާމީ ގޮތުން ވިޔަފާރިކުރުމަށް ހުރަސްއެޅިގެންދާނެ އެއްޗެތި ކަމެވެ. މިފަދަ ނާޒުކު ހާލަތެއްގައި އޮތް މިޔަރުގެ ބާވަތެއްގެ އާބާދީއަކަށް އަމާޒުކޮށް، ބައިނަލްއަޤުވާމީ ގޮތުން މިކަމަށް ހުރަސްއެޅިގެންދާނެކަމުގެ ހިރާސް އޮތްކަން އެނގިތިބެ، ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ކުރުމަށް ސަރުކާރުން މަސައްކަތް ކުރުމަކީ ބައިނަލްއަޤުވާމީ ގޮތުން ރާއްޖެއަށް ފިއްތުންތަކެއް ދިމާވުމަށް ހުށަހެޅުން ނޫންކަމެއް ވާނޭފަދަ އަމަލެއްކަމަށް ބެލޭކަށް ނެތެވެ.
5 – ރައީސްއޮފީހުގެ 26 އޮގަސްޓުގެ ނޫސްބަޔާނުގައި ބުނެފައިވަނީ ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލާނީ
މެނެޖްމަންޓް ޕްލޭނަކާއެކު ކަމެވެ. ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ތަފާތު މެނޭޖްމަންޓް ޕްލޭންތައް ހެދިފައިވެއެވެ. އަދި ކައިރިމާޒީގައި ކުރި މިޔަރުގެ މަސްވެރިކަމަކީވެސް މެނެޖްމެންޓް ޕްލޭންގެ ދަށުން އެކަށީގެންވާ ފެންވަރެއްގައި ތަންފީޒު ނުކުރެވިގެންގޮސް، ރާއްޖޭގެ މިޔަރުގެ އާބާދީއަށް އިންތިހާއަށް ބޮޑު ގެއްލުންލިބި، އާބާދީ އިނދަޖެހި، އެ މަސްވެރިކަންވެސް ހީނަރުވަމުން ދިއުމާ ގުޅިގެން އެންމެފަހުން މުޅިން މަނާކުރި މަސްވެރިކަމެއްކަން ކަމާބެހޭ ދިރާސީ ލިޔެކިއުންތަކުން ހާމަވެއެވެ. އަދި މިޔަރުގެ މަސްވެރިކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށާއި ކަނޑުމަހުގެ މަސްވެރިކަމަށްވެސް އޮތުމަކީ، މިޔަރުގެ މަސްވެރިކަމަށް ރާއްޖެއިން ފުރަގަސްދޭން ޖެހުނު އިތުރު އިގްތިޞާދީ ސަބަބުތަކެވެ. ދިވެހިރާއްޖޭގެ ތަންފީޒީ އިދާރާތަކަކީ އެކިސަބަބުތަކާހުރެ އެކަށީގެންވާ ގޮތުގައި މިފަދަ ޕްލޭންތައް ތަންފީޒުކުރުމަށް ނުކުޅެދިފައިވާ ތަންތަންކަން އެންމެގާތުން ފެނިދަންނާނީވެސް ސަރުކާރަށެވެ. އެހެންކަމުން މެނެޖްމަންޓް ޕްލޭނެއްގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަށް ކުރެވިފައިވާ އިޢުލާނަކީ، ރައްޔިތުންނަށް ޙަޤީޤީ ނަފާއެއް ލިބޭނޭ ގޮތަކަށް ކުރެވިދާނެ ކަމެއްކަމަށް ބެލެވޭނެ ހެއްކެއްވެސް ނެތެވެ.
6 – މިޔަރުގެ މަސްވެރިކަމަށް ސަރުކާރުން ދިވެހިރާއްޖެ ހުޅުވާލުމަށް އުޅުމާއި، ބައެއް މަސްވެރިންގެ މެދުގައި
މިޔަރާމެދު އުފެދިފައިވާ ނުތަނަވަސްކަމަކާ ގުޅިފައިވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިފަދަ ހާލަތެއް އުފެދިފައިވަނީވެސް މަސްވެރިކަމުގެ މެނެޖްމަންޓް ޕްލޭންތަކެއް މީގެ ފަސްއަހަރުކުރިން ހެދި، ތަންފީޒު ނުކުރެވި، ނުބެލެހެއްޓިފައިވާތީ ކަމަށް ލިބެންހުރި ދިރާސީ ހޯދުންތަކުގެ އަލީގައި ބުނެވެން އެބައޮތެވެ. މިސާލަކަށް، ‘ދިވެހިރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން މެނެޖްކުރުމުގެ ޕްލޭން’ (2020) ގައި ފާހަގަކޮށްފައިވަނީ، “ދިވެހިރާއްޖޭގެ އިޤުތިޞާދު އޭގެ މައްޗަށް ބަރޯސާވާ މައިގަނޑު ދެ ޞިނާޢަތް ކަމުގައިވާ މަސްވެރިކަމާއި ފަތުރުވެރިކަން ސީދާ ގުޅިފައިވަނީވެސް ފަރުތަކުގެ ދިރުންތަކުގެ މުއްސަނދިކަމުގެ މައްޗަށެވެ.” އަދި މިފަދަ ޕްލޭންތަކުގެ މައިގަނޑު މަގްސަދެއް ކަމުގައި ބުނެފައިވަނީ މިކަންކުރަނީ “މުސްތަޤުބަލުގެ ޖީލުތަކަށް ފޯރުކޮށް ދިނުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނު” މަށް ކަމުގައެވެ. (މިސާލަކަށް، 2021 ގެ ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނެޖްކުރުމުގެ ޕްލޭން، 1.2(ހ)). ނަމަވެސް ހެދޭ ޕްލޭންތަކާ، އޭގެ މަގްސަދާ، ތަންފީޒީ ހާލަތާ، ނެރެވޭ ނަތީޖާ ނުބައްދަލެވެ. ރާއްޖޭގައި މިޔަރުގެ މަސްވެރިކަން 2010 ގައި މަނާކުރެވިފައިވީ ނަމަވެސް، އަދުވެސް އެކަށީގެންވާ ގޮތުގައި މިޔަރު ހިމާޔަތް .ނުކުރެވޭކަމަކީ ކަމުގެ ޙަޤީޤަތް އޮތްގޮތެވެ
ޤާނޫނުތަކާއި، ޤަވާއިދުތަކާއި، މެނެޖްމަންޓް ޕްލޭން ތަކުގައިވެސް ދެމެހެއްޓެނިވި ގޮތުގައި ކަންކަން ކުރުމަށް ބާރުއަޅާފައިވާ ނަމަވެސް، ރާއްޖޭގެ ފަރުފަޅުތަކަކީ ސަރުކާރުތަކުގެ ގެއްލުންބޮޑު ބިންހިއްކުމުގެ ސިޔާސަތުގެ ޝިކާރައަކަށްވެ ފުޅާދާއިރާއެއްގައި ފަނާކުރަމުންދާ، އިޔާދަނުކުރެވޭނެ ޤައުމީ ރައުސްމާލެކެވެ. އަލުން އިޔާދަނުކުރެވޭނެ މިންވަރަށް ނެތިކޮށް ހީނަރު ކުރަމުންދާ އިޤްތިޞާދުގެ ޤުދުރަތީ މި ރައުސްމާލަކީ ހުސްނުވާނެ ވަސީލަތެއް ކަމަށް ހީވާނަމަ، އެއީ ވަރަށްބޮޑު ކުށް ހީއެކެވެ. ކަންކަން ހިނގަމުންދާގޮތާ، އޭގެ ނޭދެވޭ އަސަރުތައް ކުރާގޮތް ސާފުކަމުގައިވީ ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތާ މަސްވެރިކަމުގެ ސިނާއަތާ ދޭތެރޭ ނުތަނަވަސްކަން އުފެދެނީވެސް ސިޔާސަތު ފަރުމާކުރުމާއި، ރެގިއުލޭޓަރީ އަދި މެނެޖްމަންޓުގެ ކަންކަން އެކަށީގެންވާގޮތުގައި ކުރެވިފައިނުވާތީ ކަމަށް ބެލޭނެޖާގަ ވަރަށްބޮޑެވެ. އެހެންކަމުން، ރާއްޖޭގެ އިޤްތިޞާދަށް އެންމެ މުހިންމު ދެ ސިނާއަތަށް ގެއްލުންވާނެ ގޮތަށް އެއްވެސް ބާވަތެއްގެ މިޔަރުގެ މަސްވެރިކަމަކަށް ރާއްޖެ ހުޅުވާލުމަކީ އިޖްތިމާއީ ހަަމަޖެހުމާއި، އިޤްތިޞާދީ ފުދުންތެރިކަމާއި އަދި ތިމާވެށީގެ ކުރު އަދި ދިގުރާސްތާގެ ރައްކާތެރިކަމާ ދުޅަހެއު ކަމަށް އެޅޭނެ ހުރަސްތަކެއް ކަމަށް ޤަބޫލުކުރަމެވެ. މިފަދަ ގެއްލުންބޮޑު ކަމެއް ކުރުމުގެ ބަދަލުގައި، ކުރެވޭނެ ހަރުދަނާ ކަންކަން ނެތަތީއެއްވެސް ނޫނެވެ.
7 – ރާއްޖޭގެ މަސްވެރިކަމަށް އޮތް ނުރައްކާ ތަކުގެ ތެރޭގައި ދައުލަތުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ މުހިންމު
އެއްކަމަކީ ރާއްޖޭގެ ސަރަހައްދުން ހުއްދަނެތި މަސްވެރިކަން ކުރަމުންދާ ފަރާތްތައް ހުއްޓުވުމަށް އަމާޒު ހިފުމެއް ނޫންތޯއެވެ؟ ރާއްޖޭގެ އިޤްތިސާދުގެ އަސާސް ކަމުގައިވާ ދިރިއޮތް ވެށްޓާއި ދިރުންތަކުގެ މުއްސަނދިކަން ހީނަރުވިޔަ ނުދިނުމަށް ސިޔާސަތު ފަރުމާކޮށް، އެ ނިޔަތުގައި ހެދިފައިވާ ޕްލޭންތައް ހެޔޮގޮތުގައި ތަންފީޒު ކުރުމެއް ނޫންތޯއެވެ؟ އަދި ވެށިމެރުމާއި ފަނާކުރުމުގެ މަޝްރޫއުތަކުން ރާއްޖޭގެ ދިރިއޮތްވެށްޓަށް ދެމުންދާ ގެއްލުމުގެ މައްޗަށް ޤައުމާއި ރައްޔިތުން ބޮޑެތި އަދަދުތަކުން ދަރަނިވެރިކުރުން ނިމުމަކަށް ގެނައުމެއް ނޫންތޯއެވެ؟ ރާއްޖޭގެ ފަތުރުވެރިކަމަކީ ނުހަނު ކާމިޔާބު ސިނާއަތަކަށް ވާއިރު، އެ ސިނާއަތުން 2024 ގައިވެސް ލިބުނުކަމަށްބުނާ 5.6 ބިލިއަންޑޮލަރުގެ ނަފާ ޙައްޤު ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ސިޔާސަތުތައް ފަރުމާކުރުން މާ ބުއްދިވެރި ނޫންތޯއެވެ؟
މަތީގައި ފާހަގަކޮށްފައިވާ އެންމެހާ ނުކުތާތަކުގެ އަލީގައި ދެންނެވެން އޮތީ ދިވެހިރާއްޖެ އެއްވެސް ބާވަތެއްގެ މިޔަރުގެ މަސްވެރިކަމަކަށް ހުޅުވާލުމަކީ، ރާއްޖޭގެ ކަނޑުފަރުތަކުގެ ތަބީޢީ މުއްސަނދިކަމަށް އިންތިހާއަށް ހީނަރުކަން ގެނުވާ، ރާއްޖޭގެ ފަތުރުވެރިކަމާއި، ޒަމާންވީ ދޮށީގެ މަސްވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރުވާނެ ކަމެއްކަމެވެ. ޚާއްސަގޮތެއްގައި މިފަދަ ނިންމުމަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުފަރުތަކަށްް އޮތް ނުރައްކާ އިތުރުވެގެންދާނެ ކަމެކެވެ. އަދި މިޔަރުގެ އާބާދީއަށް ގެއްލުންވާނެ ކަމެއް ކުރުމަކީ އެފަދަ ގެއްލުމަކުން ކައިރި މުސްތަޤްބަލުގައިވެސް އަަރައިނުގަނެވޭނެ ފަދަ ހީނަރުކަމެއް ރާއްޖޭގެ ކަނޑުފަރުތަކަށް ކުރާނެކަމެއް ކަމުގައި ދެކެމެވެ. 1980 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ކުރި މިޔަރުގެ މަސްވެރިކަމުގެ ސަބަބުން މިޔަރުގެ އާބާދީއަށް، ޚާއްސަގޮތެއްގައި ކަށިމިޔަރުގެ އާބާދީއަށް ލިބިފައިވާ ބޮޑު ގެއްލުމުން އަރައިގަނެވިފައިވާ ކަމުގެ ހަރުދަނާ އަދި ކަމަށްއެކަށީގެންވާ އިލްމީ އަދި ދިރާސީ ހެއްކެއް ހޯދިފައެއް ނެތެވެ. ލިބެންހުރި ފަންނީ މައުލޫމާތުން ދޭހަވަނީ ރާއްޖޭގެ ކަށިމިޔަރުގެ އާބާދީ އަދިވެސް އާލާވެފައި ނުވާނެކަމެވެ. އަދި ކަންއޮތްގޮތަކީ ކަށިމިޔަރަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ނެތިދިއުމުގެ ބިރު އުފެދިފައިވާ އިންތިހާއަށް ނާޒުކު ހާލަތެއްގައި އޮތް މިޔަރުގެ ބާވަތެއްކަމެވެ.
ކަންމިހެންއޮތުމުން، ރާއްޖޭގެ ކަނޑުފަރުތަކުގެ ވެށީގެ ދުޅަހެއުކަމަށް ކޮންމެހެން މުހިންމު މިޔަރުގެ އާބާދީ ހީނަރުވެގެންދާނެ ސިޔާސަތެއް ދިވެހިރާއްޖޭގެ ސަރުކާރުން ތަޢާރަފްކުރުމަކީ ޤައުމާއި ރައްޔިތުންގެ މަސްލަހަތު އެކަމުގައި އޮތް ސިޔާސަތެއްކަމުގައި ބެލޭކަށްނެތެވެ. ރާއްޖޭގެ ވެށްޓަށާއި ޤުދުރަތީ ތަބީޢީ މުއްސަނދިކަން ދެމެހެއްޓުމަށް ނުރައްކާވާނެ، އަދި އޭގެ ސަބަބުން އިޤްތިޞާދަށް ގެއްލުންވާނެ ސިޔާސަތަކަށް ބުރަވުމުގެ ބަދަލުގައި، ރާއްޖޭގެ މިޔަރު ސެންކްޗުއަރީ ދަމަހައްޓާ އިތުރަށް ހަރުދަނާކުރުމަށާއި، މިޔަރުގެ އެއްވެސް ބާވަތެއްގެ މަސްވެރިކަމަކަށް ރާއްޖެ ހުށަނޭޅުމަށް ރައްޔިތެއްގެ ހައިސިއްޔަތުން ރައީސުލް ޖުމްހޫރިއްޔާއަށް އިލްތިމާސް ދަންނަވަމެވެ.
އަލްމުޚްލިސް،
ހުމައިދާ އަބްދުލްޢަފޫރު
މާލެ، ދިވެހިރާއްޖެ
އޮކްޓޫބަރ 16، 2025
މި ލިޔުން ފުރަތަމަ ޝާއިއު ކޮށްފައިވަނީ 16 އޮކްޓޫބަރ 2025 ގައި ދައުރު ނޫހުގައި
“ރައީސް މުއިޒުއަށް، ހުޅުވާލެވިފައިވާ ސިޓީއެއް”، މި ސުރުޚީގެދަށުން

