ކާބޯތަކެތީގެ ރައްކާތެރިކަން ހޯދޭނީ ރައްޔިތުންނަށް

ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތުގައި ހޯދޭނީ ރައްޔިތުންނަށެވެ. މީގެ ކުރިންވެސް ރަށުފެންވަރުގައި އެކަންކޮށްފައި ވަނީ ރައްޔިތުންނެވެ. ދަނޑުވެރިކަމުގެ ސިޔާސަތު ފަރުމާކުރުމަށް ފޭލުވެ، ދަނޑުވެރިކަމުގެ ސިނާއަތަށް  އިހުމާލުވެފައިވަނީ ސަރުކާރުތަކުންނެވެ. އަދި ރާއްޖޭގެ ރަށްރަށުގެ ބިންތައް ހަލާކަށް ހުށަހަޅާ، އެ ބިންތަކުގެ ގުދުރަތީ މުއްސަނދިކަން ހީނަރުކުރުމުގައި ސަރުކާރުތަކުގެ ދައުރު ފުޅަލެވެ. މިކަން ހާމަވާ މުހިންމު އެއް ސަބަބަކީ އަދު ރާއްޖޭގެ ދަނޑުވެރި ބިންތަކަކީ ކެމިކަލް ވިޔަފާރީގެ ޝިކާރައަކަށްވެ، ތަޢައްޔަރުވެފައިވާ އެއްޗަކަށް ވާތީއެވެ. ރަށްރަށުގެ ވެށްޓަށް ބޮޑެތި ގެއްލުންދީ، ގުދުރަތީ ދިރުންތަކުގެ ބެލެންސް ގެއްލިއްޖެއެވެ. ވިހަ މާއްދާތައް ފަސްގަނޑަށް އެޅުމުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ބަލިމަޑުކަން ވަނީ ފެންމަތިވެފައެވެ. މި ހާލަތު ފަހިކޮށްފައިވަނީ ސަރުކާރުތަކުންނެވެ. މި ހާލަތުން އަރައިގަތުމަށް ފޫގަޅަން ޖެހެނީ ރައްޔިތުންނެވެ. އެއީ ރަށްތަކާއި މީސްތަކުންގެ އަމިއްލަ ސަލާމަތާއި، ދުޅަހެޔޮކަމާއި، ރައްކާތެރިކަން ހޯދުމަށް ކުރުން މަޖުބޫރު ކަމަކަށް ވާތީއެވެ.

ދުނިޔޭގައި ހަނގުރާމައިގެ އަޑުފައްގަނޑު ދަނީ ގުގުމަމުންނެވެ. އިންސާނީ ވަންތަކަމާއި އިންސާނިއްޔަތުކަން ދަނީ ފަނޑުވެ ގެއްލެމުންނެވެ. އެއީ ހަނގުރާމަވެރި ވެރިންގެ ބާރު ދުނިޔޭގެ ކަންކޮޅުތަކުގައި ގަދަވުމުގެ ސީދާ ނަތީޖާއެވެ. ދުނިޔޭގެ ބޮޑުހަނގުރާމަ ތަކުގެ ގިލަންވެރި ހިތި އަސަރުގެ ތަޖުރިބާ ކުރި މީހުން ދުނިޔެއިން މުޅިން ނެތިނުދަނީސް، އެ ބިރުވެރި ނާމާންކަން ތަކުރާރު ނުކުރުމަށް ދުނިޔޭގެ ގައުމުތަކުން ވައުދުވެ ވީ އިއްތިފާގު ހަނދާނުން ފުހެވިއްޖެއެވެ. އޭގެ ހެކިތައް ފަލަސްތީނާއި، ސީރިއާ އާއި، ޔަމަނާއި، ޔޫކްރެއިނާއި، އިރާނުން ސާފުކޮށް ހާމަވަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. މި ހަނގުރާމަތައް އަދު ހިނގަނީ އަހަރެމެންނަށް އޭގެ އަޑުތަކާއި، މަންޒަރުތައް ވަގުތުން ލިބި ފެންނަން އޮތް ދުނިޔެއެއްގައެވެ. އިންސާނުންނަށް ވީތީ އަހެރެމެންގެ އިންސާނީ ކުލުނު އޮންނަ ކުދިބޮޑު އެހެން އިންސާނުންނަށް ލިބެމުންދާ ބޮޑެތި އަނިޔާތަކާއި ވޭން ކޮންމެ ދުވަހަކު ފެންނަންއޮތް ދުނިޔެއެއްގައެވެ. އަހަރެމެން ދިރިތިބުމަށް ބަރޯސާވާ ފެނުގެ ވަސީލަތްތަކާއި،  ބިމާ ފަސްގަނޑާއި، ތެލުގެ ވަސީލަތްތަކާއި، ކާބޯތަކެތީގެ ދަނޑުތަކަށް ހަނގުރާމަވެރިން ގަސްތުގައި ހަމަލާދެމުންދާ ދުނިޔެއެއްގައެވެ. މީގެ އިތުރުން މޫސުމީ ކާރިސާގެ ސަބަބުން ދަނޑުބިންތަކަށް ދިމާވަމުންދާ ހިރާސްތައް ގިނަވަމުންދާ ދުނިޔެއެއްގައެވެ.

އަހަރެމެން މިތިބީ ހަނގުރާމައިގެ މައިދާނާއި މާދުރު، އަމާންކަމެއްގައި ކަމަށް ހީވެދާނެއެވެ. ނަމަވެސް، ހަމައިންނެއްޓިފައިވާ ހަނގުރާމަވެރި ވެރިންތަކެއް ފާޅުވެފައިވާ ދުނިޔެއެއްގައި ހަމަޖެހުމާއި އަމާންކަން އަހަރެމެންގެ ސަރަހައްދުގައި ދެމިއޮތުމަކީ ކަށަވަރުކުރެވޭނެ ކަމެއް ކަމުގައި ދެކިގެން ނުވާނެއެވެ. ދާދި އިހަކަށް ދުވަހު އަވަށްޓެރި ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ އިރާނުގެ އަސްކަރީ އުޅަނދެއް ފައްތާ، ފަޅުވެރިން މެރުމަށް އެމެރިކާގެ ހަނގުރާމަވެރި ހަމަލާ އަމާޒުކުރި ކުރުން މިއަށް ހެކިދެއެވެ. ދުނިޔެއަށް ވެރިވެފައިވާ މި ނުރައްކާ ހާލަތާއި ގުޅިގެން ރާއްޖޭގެ އިގްތިސާދީ ފަންނުވެރިން ދަނީ އިގްތިސާދީ ލޮޅުންތަކަކަށް ތައްޔާރުވުމަށް ސަރުކާރާއި ރައްޔިތުން ސަމާލުކަންދިނުމަށް ނަސޭހަތްތެރިވެ، ކަންބޮޑުވުމުގެ ރަނގަބީލުތައް ޖަހަމުންނެވެ. މި އިންޒާރުތަކުގެ އަޑުއިވޭ ސަރުކާރެއް އޮތްތޯ އެއީ އުފެދޭ ސުވާލެކެވެ. ނަމަވެސް އާންމު ރައްޔިތުން މިއަޑުތަކަށް ކޮންމެހެންވެސް އިޖާބަދޭން ޖެހެއެވެ.

މާދުރުގައި ހިނގާ މިކަންކަމާ އަހަރެމެންގެ ކާބޯތަކެއްޗާއި އޮތީ ކޮން ގުޅުމެއްތޯ ސުވާލު އުފެދިދާނެއެވެ. އެ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. ތަރައްގީގެ އޮއިވަރުގައި ޖެހި، އަދު ދިވެހިންނަކީ އަހަރެމެންގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ސަމާލުކަމެއްދޭ ބައެއް ނޫނެވެ. އަހަރެމެން މިތިބީ ޖަންގަލް ބުކް ވާހަކައިގާ އުޅޭ ހަރުފަ، “ކާ” ހަމައެކަނި އޭނައަށް އިތުބާރު ކުރުމަށްބުނެ މައުގްލީއަށް ކިޔައިދޭ ލަވައިގެ ޖާދޫގައި އޭނާ ޖެހިފައިވާ ގޮތަށް ހިޕްނޮޓައިޒް ވެފައެވެ. އަހަރެމެން ގަބޫލުކުރަނީ އަހަރެމެންގެ ކޭންބުއިމުގެ ހުރިހާކަމަކަށް މަރުކަޒީ ސަރުކާރަށާއި އެސްޓީއޯ އަށް ބަރޯސާވުމަކީ އެކަން އޮންނަންޖެހޭ ގޮތްކަމެވެ. އަދި ކާބޯތަކެއްޗަށް ގައުމުން ބޭރަށް ބަރޯސާވެގެން ތިބުމަކީ ލިބިފައިވާ ކުރިއެރުމެއް ކަމެވެ. އެގޮތުން ރާއްޖޭގައި ކައިބޮއެއުޅޭ އަސާސީ އާންމު ތަކެތި (ނުވަތަ ސްޓޭޕަލް) ކާނާގެ %100 އަކީ ރާއްޖެއަށް އެތެރެކުރާ (އިމްޕޯޓުކުރާ) ތަކެއްޗެވެ. އަދި އެހެނިހެން ކާބޯތަކެތީގެ %90 އަކީވެސް އިމްޕޯޓުކުރާ ތަކެއްޗެވެ.

މި ޒަމާނީ ކުރިއެރުމުގެ ތެރޭގައި އަހަރެމެންގެ ކޭންބުއިމުގެ ސަގާފަތް މުޅިން ބަދަލުވެއްޖެއެވެ. އާންމުކޮށް ކައިބޮއެ އުޅުމަށް މާޒީގައި ބޭނުންކޮށްއުޅުނު ކާނާގެ ބައެއް ބާވަތްތަކަކީ ރަށްރަށުގައި ހައްދަން ނޫޅުނަސް ހެދޭ ގަސްގަހާގެއްސެވެ. ނަމަވެސް ތާޒާކޮށް ލިބެންހުއްޓަސް އެއީ އަދު އާންމުކޮށް ކެއުމަށް ޚިޔާރު ނުކުރާ ތަކެއްޗެވެ. އޭގެ ތެރޭގައި ސިއްހަތަށް ފައިދާހުރި މުރަނގަތޮޅި ފަދަ ފަސޭހައިން ހެދޭ ބާވަތްތަކާއި، ފަލަމަޑީގެ ބާވަތްތައް ހިމެނެއެވެ. ހައްޓަށް ފައިދާވާ ގުދުރަތީ ކާނާއަށްވުރެ ބޭރުގެ ފެކްޓަރީއެއްގައި އުފައްދައިގެން، ޕްލާސްޓިކުން ބަންދުކޮށްފައި ހުންނަ ތަކެތީގެ މަގްބޫލުކަން މާބޮޑެވެ. އެއީ ތެދު ދޮގު އޮޅުންފިލުވޭނެ ގޮތެއްނެތް، ވިއްކާމީހާ ބޭނުންގޮތަކަށް ތައްޔާރުކުރެވޭ ވިޔަފާރި އިޝްތިހާރު ތަކުގެ ނުފޫޒަށް ރައްޔިތުން އަނބުރާލާފައިވާ މިންވަރުގެވެސް ހެއްކެކެވެ. ދުނިޔޭގެ ކަނޑުތައް ހުރަސްކޮށްފައި ގެންނަ އަގުބޮޑު އަދި ތާޒާކަމެއްނެތް އުފެއްދުންތަކަކީ އަހަރެމެންގެ ވިސްނުމުގައި “ތަރައްގީ” ވެފައިވާ މިންވަރު ރަމްޒުކޮށްދޭ ކާނާއެވެ. ރަށުގައި ހެދޭ ދޮންކޭލަށް ވުރެ ބޭރުން ގެންނަ އާފަލާ އޮރެންޖު މާ ބޭނުމެވެ. ނަމަވެސް ހަނގުރާމައާއި އާލަމީ ވަބާތަކުގެ ނުރައްކަލަށް ހުށަހެޅިފައިވާ ދުނިޔެއެއްގައި، ކާބޯތަކެއްޗަށް ގައުމުން ބޭރަށް %100 ބަރޯސާވުމަކީ ކުރިއެރުމެއް ކަމަށް ބެލުމަކީ ހަމަޖެހޭ ވިސްނުމެއް ނޫނެވެ.

މި ތަރައްގީގެ ޒަމާނުގައި ރާއްޖޭގެ ރަށްރަށުގައި ރައްޔިތުން ހައްދަމުން ބަލަހައްޓަމުން އައި ވާވަލާއި، ދަނޑުތަކާއި، ގަސްގަހާގެހި ގާތްގަނޑަކަށް އޮތީ ކެންސަލް ކޮށްފައެވެ. ރާއްޖޭގެ ކުދި ރަށްތަކުގައި ދަނޑުވެރިކަން ކުރަމުންއައި ފަސްކޮޅުވެސް މިހާރު އޮތީ ހީނަރުވެފައެވެ. ޒަމާނީ ތަރައްގީގެ އިންގިލާބުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ފެތުރިގެންދިޔަ ޒަމާނީ ވިހަ ކެމިކަލް ތަކުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމާއި، ފަސްގަނޑަށާއި އާންމު ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތާ ދަހަރުތަކެއް ވެއްޖެއެވެ. ރާއްޖޭގައި އުފައްދާ މަދު ކާބޯތަކެތި އުފެއްދުމަށް ގެންގުޅޭ ވިހަ “ބޭސް” ކެމިކަލްތަކުގެ ކަންބޮޑުވުމަކީ މިހާރު އޭގެ އަޑު ގަދަވަމުންދާ މައްސަލައެކެވެ. ދަނޑުވެރި ބ. ގޮއިދޫގައި ކެންސަރު ގިނަވުމުގެ ކަންބޮޑުވުމުގެ ވާހަކަ އަދު ދެކެވެމުންދަނީ ރައްޔިތަކު އެކަން ސިއްހީ އިދާރާތަކަށް ހުށަހެޅުމުންނެވެ. ވިހަ ކެމިކަލުގެ ނުރައްކަލާބެހޭ މި ކަންބޮޑުވުން އޮތީ ކިތައް ރަށުގައިކަން ސާފުވާނީ ސިއްހަތާބެހޭ އިދާރާތަކުން އެފަދަ މައްސަލަތައްބަލާ ދިރާސާކޮށް، ރައްޔިތުންނާއި ހިއްސާކުރުމުންނެވެ. މިއީ ވެސް ސަރުކާރުތަކަށް ނުކޮށް ދޫވެފައިވާ، އަދި ރައްޔިތުންނަށް ވަމުންދާ އިހުމާލުގެ މިސާލެކެވެ.

ޒަމާނީ ތަރައްގީގައި ކާބޯތަކެއްޗާއި ދޭތެރޭ ދެކޭގޮތް ބަދަލުވެގެން ގޮސްފައިވަނީ ތަފާތު ގޮތްގޮތަށެވެ. ރަށަކަށް ކުރި ދަތުރެއްގައި މަގުމަތިން ދިމާވި މީހަކާ ދެކެވުނު ވާހަކައިން ވެސް ހާމަވީ އެ ރަށަކީ ފަހަކާ ޖެހެންދެން މަގުތަކުގައި ވެސް ކާބޯތަކެތި ލިބޭ ގަސްތައް ތަނަވަސްކޮށް އޮތް ރަށެއްކަމެވެ. ނަމަވެސް ރަށުކައުންސިލުގެ ޒަމާނީ ފިކުރަކީ ހަމައެކަނި ދުއްވާ އެއްޗެއްސަށް މަގުތައް ޚާއްސަކުރުމެވެ. އަދި ރަށު ރައްޔިތުން ތާޒާ ކާނާ ހޯދުމަށް ބަންޑާރަ ބިމުގައި ހައްދާފައިހުރި ރުއްތަކާއި ގަސްގަހާގެހި ކަނޑާ ތިރިކުރުމެވެ. މަގުތަކުގެ ފެހިކަމާއި ފިނިކަން ކަނޑުވާލާ ހަނަފަސްކަން ގެނައުމެވެ. މީހުން ހިނގާބިނގާވެ އުޅުމަށް މުޅިރަށުތެރެ ބީރަށްޓެހިކޮށް، ރޯއަވީގެ ތަކުލީފު ރައްޔިތުންނަށް ގެނެސްދިނުމެވެ. ނުވިތާކަށް ކައިރި ރިސޯޓުތަކުން ރަށުގައި ހުރި ބޮޑެތި ގަސްތައް އުފުރައިގެން ގެންދިއުމުގެ މަގު ފަހިކުރުމަކީވެސް ރަށާއި ރައްޔިތުންނަށް އޮތް ނުރައްކަލެކެވެ. ގެއްލިގެން ދިޔަ ގަސްތަކާއި ކާނާގެ މުހިންމުކަން ފާހަގަ ކުރެވުނީ ކޯވިޑް-19 ގައި ދަތުރު ފަތުރަށް އައި ލޮޅުންތަކުގެ ސަބަބުން އޮޑިފަހަރު ނައުމުން ކާނާ ނުލިބި ރައްޔިތުން ތިބެންޖެހުމުންނެވެ. ކާބޯތަކެއްޗަށް ރަށުންބޭރަށް ބަރޯސާކޮށްފައި އޮތްއޮތުމުގެ ތަކުލީފު ތަޖުރިބާ ކުރަން ރައްޔިތުންނަށް މަޖުބޫރުވުމެވެ.

ޒަމާނީ ތަރައްގީގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތި ހެއްދުމަށް ގުދުރަތީ ގޮތުން ރޯދިކުރައްވާފައިވާ މުއްސަނދި ފަސްގަނޑާއި ޗަސްބިންތައް މިހާރު އޮތީ ހަލާކުގެ ތެރެއަށް ވައްޓާލެވިފައެވެ. އޭގެ އާޙިރު ނަތީޖާއަކީ ގުދުރަތީ ވެށި ތަޢައްޔަރުވެ، ހީނަރުވެ، އަހަރެމެން ދިރިތިބުމަށް ބަރޯސާވާ ދިރިއޮތް ވެށި ގުދުރަތީ ބެލެންސުން ނެއްޓިފައި އޮތުމެވެ. ދިވެހިންނަކީ ކެއުމުގައި އާންމުކޮށް ކާށި ބޭނުންކުރާ ބައެކެވެ. ރާއްޖޭގެ ރަށްތަކަކީ ރުކުގެ ރޯދި ތަނަވަސް ރަށްތަކެކެވެ. ނަމަވެސް އެދުވަސްވެސް މާޒީވެ ހިނގައްޖެއެވެ. ދިވެހިރާއްޖޭގެ ނިޝާން ފުރިހަމަ ކޮށްދޭ ދިވެހިރުކާއި އެއިންލިބޭ ނަފާއަކީވެސް ތަދު އެއްޗަކަށް ވެއްޖެއެވެ. 2017 އިން ފެށިގެން ރާއްޖެއަށް ކާށި އިމްޕޯޓުކުރަން ޖެހިފައި އޮތް ތާރީޚީ ދެރަ ބަދަލަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ފޭލުވެފައިވާ މިންވަރު ހެކިދޭ ހަގީގަތެކެވެ. ދިވެހިރުކުން ލިބޭ ކާނާގެ އިތުރުން ރާއްޖޭގެ ރައްޔިތުން އެއިން ހޯދާ އާމުދަނީގެ ނަފާއަށްވެސް އޮތީ ހުރަސްއެޅިފައެވެ. ޒަމާންވީ އަސާސީ ކާނާއެއްގެ ރޯދި ދެމެހެއްޓުމަށް ރާއްޖޭގެ ސަރުކާރުތަކުން މުޅިން ފޭލުވެފައިވާއިރު، ގައުމިއްޔަތު ވުޒާރާއެއް ހެދުމަކީ ދިވެހިރުއް ފަދަ ގުދުރަތީ ގައުމީ ތަރިކައެއް ސަލާމަތް ކުރެވޭނެ ކަމެއް ނޫނެވެ.

ސަރުކާރުތަކުގެ އެހީތެރިކަމާއިއެކު ރިސޯޓު ހެދުމަށްޓަކައި ނައްތާލަމުންދާ ފަރުތަކާއި ފަޅުތަކުގެ ހަނަފަސް ފަސްގަނޑު ފެހިކުރުމަށްޓަކައި ރަށްރަށުން ރައްޔިތުންގެ ރުއްގަސް އުފުރައިގެން ގެންދިއުމަކީވެސް ޒަމާނީ ތަރައްގީއިން ރައްޔިތުންނަށް ސީދާގޮތުން ލިބެމުންދާ ގެއްލުމެވެ. އަދި ޒަމާނުއްސުރެ ރައްޔިތުން ކާނާއަށް ބަރޯސާވަމުންދިޔަ ފަޅުރަށްތައް ފަތުރުވެރިކަމުގެ ނަމުގައި އަތުލާ، އޭގެ ނަފާއިން ރައްޔިތުން މަހުރޫމުކުރުމަކީ ވެސް ދެމުންދާ ގެއްލުމެކެވެ. ރަށުގެ ފަސްގަނޑަށް ސީދާ ގެއްލުން ދިނުމުގެ އިތުރުން، ސަގާފީ އަދި ހުނަރުވެރި މަސައްކަތްތަކުން އާމުދަނީ ހޯދަމުންދާ އަންހެނުންނަށް މީގެ ސަބަބުން ލިބެމުންދަނީ ފަގީރުކަމުގެ ތަކުލީފެވެ. ރުއްތައް އުފުރައިގެން ގެންދިއުމުން ފަނާއި ކާށި ލިބޭނެ ގޮތް ބަންދުވެ، ފަންގިވިނުމުގެ މަސައްކަތުގެ އާމުދަނީއަށް ހުރަސްއެޅި، ކާނާއާއި އާމުދަނީގެ ވަސީލަތްތަކުން ރައްޔިތުން މަހުރޫމު ކުރެވެއެވެ. ފަނުގެ ފަންގީގެ ބަދަލުގައި ބޭރުން ޕްލާސްޓިކް “ފޭކު” ފަންގި ގެނައުމަކީ ރާއްޖޭގެ އިގްތިސާދަށާއި ދިރިއޮތް ވެށި ތަޢައްޔަރު ވުމަށް ހުޅުވުނު އިތުރު ދޮރެކެވެ. ބޯޅަކުޅޭ ދަނޑުތަކުގައި ހެދެމުން ދިޔަ ގުދުރަތީ ވިނަ ބަދަލުކޮށް، ޕްލާސްޓިކުގެ ވިހަ މާއްދާތަކާއި ނެތިނުދާނޭ މައިކްރޯ ޕްލާސްޓިކުގެ ނުރައްކަލަށް ރަށުގެ ފަސްގަނޑު ގުރުބާން ކޮށްފިއެވެ. މިއީ އެއްބަޔަކު ދެކޭގޮތުގައި ކުރިއެރުމެވެ. ރަށުގެ ދިރިއޮތް މުއްސަނދި ފަސްގަނޑަކީ ކިހާވަރެއްގެ ރައުސްމާލެއްކަން ދަންނަ ސަރުކާރެއް ނެތެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ކަޅު ކޫޑީގެ މުސީބާތުން ރުއްގަސް ސަލާމަތް ކުރެވިފައި ނެތުމަކީވެސް ސަރުކާރުތައް މިކަންކަމުގައި ފޭލުވެފައިވާ މިންވަރު ހެކިދޭ ކަމެކެވެ. ރާއްޖޭގެ އުތުރުގެ ރަށެއްގައި އުޅޭ ރައްޓެއްސަކާއި ދެކެވުނު އާދައިގެ ވާހަކައަކުން ހާލަތު އޮތްގޮތް ސާފުވިއެވެ. ރޭގަނޑުގެ ކެއުމާދޭތެރޭ އަހާލެވުނު ސުވާލެކެވެ. ކާންހުރީ ބަތާއި ރިހާކުރެވެ. ފަތްކޮޅެއް ހުރިތޯ އަހާލުމުން އޭނާ ބުންޏެވެ. މުރަނގަފަތް ގަހެއް ގޯތީގައި ހުއްޓަސް، ކަޅުކޫޑީގެ ސަބަބުން އެ ކެވޭކަށް ނެތެވެ. އަމިއްލަ ގޯތީގައި ހައްދާ ގަހުގެ ރޯދިވެސް ނުލިބޭ ހިސާބަށް ރައްޔިތުންގެ ހާލަތު ދަނީ ދަށަށެވެ.

ފަރުތައް ހިއްކައިގެން އަޅާ ރިސޯޓުތައް ފެހިކުރުމުގެ އިތުރުން، ޒަމާނީ ތަރައްގީއާއި ފުރޮޅުލީ އުޅަނދުގެ އަވައިގާ ވެސް ރާއްޖޭގެ ރަށްރަށުގެ ހޭޅިފަށް ދަނީ ނައްތާލަމުންނެވެ. ރަށު ކައުންސިލުތަކާއި ގުޅިގެން، ހޭޅިއާއި ނެތެމުންދާ ވަލުގައި ހުރި ރުއްގަހާއި، މަދު މިދިލި ގަސްތަކަކީވެސް “ސައިކަލު ބުރު” ޖަހަން ބޭނުންވާ ބަޔަކަށް ހަދައިދިނުމަށް ބޭނުންވާ “ރިންގު ރޯޑު” އަށް ޓަކައި ގުރުބާންކުރަމުންދާ އަގުހުރި ގުދުރަތީ ވަސީލަތްތަކެވެ. ކާބޯތަކެތީގެ އިތުރުން ރަށުގެ ހޭޅިއާއި ވަލަކީ ރަށާއި ރައްޔިތުންގެ މޫސުމީ ރައްކާތެރިކަމަށްވެސް މުހިންމު ގުދުރަތީ ޚަޒާނާއެކެވެ. ޒަމާނީ ތަރައްގީ ކަމަށް ދެކޭ އިންޖީނުލީ އުޅަނދުފަހަރާއި އެތަކެތީގައި “ފިނިބުރު ޖަހަން” ހިތްއެދޭ ތާރު މަގުތަކަކީ ކާބޯތަކެތީގެ ރައްކާތެރިކަމަށްވުރެ މާ މުހިންމު އިސްކަމެއް ދޭ އެއްޗެއްސަށް ވަނީ ވެފައެވެ. ހައިހޫނުކަމެއް ކުރިމަތިވާ ދުވަހެއްގައި ރަށުގެ ރިންގުރޯޑެއް ނުކެވޭނެއެވެ. ފިނިބުރު ޖަހާނެ ތެލެއް ސައިކަލުތަކަށް އެޅޭނެގޮތެއް ނޯންނާނެއެވެ. އަދުގެ ކަންބޮޑުވުންތަކަކީ އެފަދަ ދުވަހަކަށް ތައްޔާރުވުން ކުޑަތަންވެ އޮތްކަމާމެދު ފުންކޮށް ފިކުރުކުރަން ޖެހިފައި އޮތުމެވެ. ފިކުރުކުރަން ވަގުތުއޮތްތޯވެސް ސުވާލު އުފެދެއެވެ. ސާފުވަނީ މިކަމާދޭތެރޭ އަމަލުކުރަން ފަސްޖެހޭނެ ވަގުތެއް ނެތްކަމެވެ.

ދިވެހި ތާރީޚު ހެކިދެނީ ރާއްޖޭގެ ރަށްތަކުގެ ކުޅި ފާ އަދި ޗަސްބިންތަކުގައި ހެދޭ ކަނޑޫ، ރަނޑޫ، އަލައާއި ކެޔޮ އަދި އެހެނިހެން ކާނާގެ ބާވަތްތަކަކީ މާޒީގައި ދިވެހިން ކާބޯތަކެއްޗަށް ދަތިވާހިނދު ބޭނުންކުރުމަށް ރަށުން ލިބެންހުރި ޤުދުރަތީ ރޯދިކަމެވެ. ނަމަވެސް، އަދުގެ ޒަމާނީ ކުރިއެރުމާއި ތަރައްގީގެ ތިލަ ވިސްނުމަކީ ކުޅި ފާ ޗަސްބިންތައް ނައްތާލާ، އެތަންތަނަށް ފަސްއަޅާ، ބިންހަދައިގެން އެއާޕޯޓާއި، ތާރު މަގާއި، އެހެނިހެން އުމްރާނީ ތަރައްގީގެ ކޮންކުރީޓަށް ދާއިމަށް ބަދަލުކުރުމެވެ. ހދ. ކުޅުދުއްފުށީގެ މަށިކުޅިއަކީ ރައްޔިތުންގެ އެތައް ރުއްގަހަކާއި ކެޔޮގަހެއް، ޚިޔާލެއް ނެތި ފަނާކޮށްފައި އޮތް އިޔާދަނުކުރެވޭނެ ރައުސްމާލެކެވެ. އައްޑޫ ސިޓީ ކައުންސިލުން، ސ. ހިތަދޫ ގެ އަލަދަނޑުތަކެއް ނައްތާލަން ރަށު ކައުންސިލުން މަސައްކަތް ކުރުމުން، އެކަމާ ރައްޔިތުން ދެކޮޅުހެދިއެވެ. އަދި މަދަނީ ޖަމްއިއްޔާ އަކުން އާރާސްތުކުރުމަށް މަސައްކަތް ފަށާފައި އޮތް ސ. ހިތަދޫ ގެ މަޝްހޫރު ރުއްފަށާގެ ރުއްތައްވެސް ރައްޔިތުންނަށް “ސިއްރުން” އެއްދުވަހު އަލިވިލުނުއިރު އޮތީ ނެތިކޮށްފައެވެ. ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތުގައި ލިބޭ ކާބޯތަކެތީގެ ރައްކާތެރިކަން ފޯރުކޮށްދެމުންއައި ގުދުރަތީ ވަސީލަތްތަކަކީ އަދު ފައިދާއެއް ނެތް އެއްޗެތީގެ ގޮތުގައި ދެކި، ރަށުފެންވަރުގައިވެސް އެއީ ދާއިމަށް ނެތިކުރަމުންދާ އަގުނުކުރެވޭވަރުގެ ވަސީލަތްތަކެވެ. މިއީ އެތައް ޒަމާނަކުން އުފެދި ފައްކާވެފައިވާ، އަލުން އަނބުރާ އެގޮތުގައި ގެނެވޭނެ ގުދުރަތީ ދިރުންތަކާއި މާހައުލުތަކެއް ނޫނެވެ. މިފަދަ ގުދުރަތީ މުއްސަނދިކަމުން ލިބެމުންދިޔަ ރޯދި ނައްތާލަމުންދަނީ މާދަމައަކަށް ބެލުމެއް ނެތިއެވެ. މިއީ ކުރިއެރުމެއްކަމަށް ދެކެނީ ބުއްދީގެ ކޮން ހަމައަކުންތޯ ސުވާލުކުރަން ޖެހެއެވެ.

މިދާކަށް ދުވަހު އޭގެ ހިތި ތަޖުރިބާކުރަން ޖެހުނު ކޯވިޑު-19 ގެ ވަބާއަކީވެސް ދިވެހި ސަރުކާރު ތަކަށާއި ރަށުފެންވަރުގައި ކަންކަން ނިންމަން ތިބޭ ފަރާތްތަކަށް ފިލާވަޅެއް ލިބުނު ގައުމީ ކާރިސާއެއް ކަމުގައި ބުނެވޭކަށް ނެތެވެ. ރަށުފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލާ އެކަމުގައި އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތެއް ފެންނާކަށް ނެތެވެ. ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހޯދުމަށް ސިޔާސަތެއް ކަނޑައަޅާފައިވާ ކަމެއް ފެންނާކަށް ނެތެވެ. ފެބްރުވަރީ 2026 ގެ ރިޔާސީ ބަޔާނުގައި ރައީސުލް ޖުމްހޫރިއްޔާ ވެސް ޝަކުވާ އުފުލާފައިވަނީ ދިވެހި އިގްތިސާދުގައި ދަނޑުވެރިކަމަށް “ސަރުކާރުތަކުން ސަމާލުކަން ދީފައިނުވާ” ކަމަށް ދެކިއެވެ. މި ސަރުކާރުގެ ދައުރު ދެބައިވުމާ ގާތްކުރާއިރު މިއީ ރިޔާސީ ބަޔާނެއްގައި ހިމަނަން މާ ހަރުދަނާ ވާހަކައެއް ކަމަކަށް ނުދެކެމެވެ. ރިޔާސީ ބަޔާނުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ: “ވިލުންތެރި އިޤްތިޞާދެއް ޤާއިމުކުރުމަށްޓަކައި ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މައިގަނޑު ބާވަތްތައް، ރާއްޖޭގެ އާބާދީއަށް އެކަށީގެންވާވަރަށް އުފެއްދުމަށް މަސައްކަތްކޮށް، ފުޑް ސެކިއުރިޓީ ޤާއިމުކުރުމަކީ، މި ސަރުކާރުގެ ސިޔާސަތު” ކަމަށެވެ. މިއީ ޑރ. މުހަންމަދު މުއިއްޒު 2018 ގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގައި ބޭނުންކުރެއްވި “ދިވެހީންގެރާއްޖެ” މެނިފެސްޓޯ ގައި ކަރުދާހުގައި ލިޔެވިފައިވާ ސިޔާސަތެއް ކަމަކަށް ފާހަގައެއް ނުކުރެވެއެވެ. ސިޔާސަތަކީ ބަދަލުކުރެވޭ އެއްޗަކަށްވީ ނަމަވެސް، އެއީ ޚިތޯބެއްގައި އަނގަބަހުން ބުނެލައިގެން ތަންފީޒުކުރެވޭ ބަދަލުތަކެއް ކަމަކަށް ނުބެލެވޭނެއެވެ. ހަގީގަތުގައި ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކުރިއަރުވާ ދަނޑުވެރިކަން ހަރުދަނާ ކުރުމަށް އެކަށީގެންވާ ސިޔާސަތެއް ނެތެވެ. ދަނޑުވެރިކަމާބެހޭ ވަޒީރުގެ ވާހަކައިން ވެސް މިކަން ހާމަވެއެވެ. ދާދި ފަހުން އެކަމަނާވެސް ވިދާޅުވެފައިވަނީ ދަނޑުވެރިކަމުގައި ބޭނުންކުރާ ވިހަ ކެމިކަލް (ޕެސްޓިސައިޑް) އާއި ބެހޭ ޤާނޫނެއް އޮތަސް އަދި ސިޔާސަތެއް ނެތް ކަމަށެވެ. ދައުލަތް ހިނގުމުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމީހުންގެ ޒިންމާތައް ފޮޅާލާ “މަށެއްނޫން” އަދި “ކުރީސަރުކާރު” ބީދައިން ދެކެވޭ ވާހަކަތަކަކީ ބިނާކުރަނިވި ވާހަކަތަކެއް ނޫނެވެ.

މި ދަށް ހާލަތުން އަރައިގަތުމަށް ރައްޔިތުން އަދު ހަރަކާތްތެރިވާން ޖެހެއެވެ. ސަރު”ކާ”ރު ގެ ޖާދޫގައި ޖެހިފައި ތިބިތިބުމުން ހޭއަރަން ޖެހެއެވެ. ރައްޔިތުންގެ ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމްކުރުމަށް ރައްޔިތުން އިސްވެ ލަސްނުކޮށް އަމަލުކުރަން ޖެހެއެވެ. އެޕްރިލް 2026 ގެ ލޯކަލް ކައުންސިލު އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ރައްޔިތުން ސާބިތުކަމާއިއެކު ޑިމާންޑު ކުރަންވީ ކާބޯތަކެތި ހެއްދުމަށް ރަށުގެ ބިންތައް ރައްޔިތުންނަށް ލިބޭނޭގޮތް ހެދުމަށެވެ. ބަންޑާރަ ބިންތަކަކީ ރައްޔިތުންގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ޚާއްސަކުރާ ބިންކަމުގައި ހެދުމަށެވެ. ލިބެންހުރި މައުލޫމާތުން ހާމަވަނީ ރާއްޖޭގެ 58 ރަށަކީ “ބިން ހިއްކާ” ފައިވާ ރަށްތައް ކަމެވެ. މީގެ ގިނަ ބިންތަކަކީ ކޮންމެ ސަރުކާރަކުންވެސް ގެދޮރުގެ އަވާމެންދުރެއް ރައްޔިތުންނަށް ދައްކާފައިވާ، އަހަރުތައް ފާއިތުވާއިރުވެސް ހަނަފަސްކޮށް އޮތް ބިންތަކެވެ. މިއީ ރައްޔިތުންގެ ބޮލުގައި އޭގެ ގެއްލުންތަކާއި ދަރަނީގެ ޒިންމާ އެޅިފައިވާ ބަންޑާރަ ބިމެވެ. މި ބިންތަކުގައި ގަސްގަހާގެހި ހެއްދުމަށް ރައްޔިތުންނަށް ހުރަހެއް އޮވެގެން ނުވާނެއެވެ. ތަދުމަޑު ކަމުގެ ހާލަތެއް މެދުވެރިވާނެ ދުވަހަކަށް ރައްޔިތުން ނުވާ ތައްޔާރެއް، މިކަންކަމަށް ތާއަބަދު އިހުމާލުވަމުންދާ ސަރުކާރަކަށް ނުވެވޭނެއެވެ. ހައިހޫނުކަން ފިލުވުމުގެ ހައްގަކީ ފައިސާވެރިކަމާއި ގުޅިފައިވާ އެއްޗަކަށް ހަދާފައިވާ ޒަމާނީ ނިކަމެތިކަން ނިމުމަކަށް ގެނެވޭނީވެސް މިފަދަ ފަންވަރު ރައްޔިތެއްގެ ކިބައިގާ ހުރެގެންނެވެ. ރަށުގެ ބިމަކީ ރައްޔިތުންގެ މަސްލަހަތު އޮންނަ ބަންޑާރަ ތަރިކައެވެ. އެ ބިންތަކުން ކާބޯތަކެތީގެ ރައްކާތެރިކަން ހޯދާ ކަށަވަރުކުރުމުގެ ހައްގު ރައްޔިތުން އަދު ލަސްނުކޮށް ލިބިގަންނަން ޖެހެއެވެ.

މި ލިޔުން ފުރަތަމަ ޝާއިއު ކޮށްފައިވަނީ 16 މާރިޗް 2026 ގައި ދައުރު ނޫހުގައި

Food security (Miveshi Maldives)