ދިވެހިރާއްޖެއަކީ ޖަޒީރާވަންތަ ރަށްތަކެއްކަން އެންމެންވެސް ގަބޫލުކުރެއެވެ. ރާއްޖޭގެ ދިރިއޮތް ޤުދުރަތީ ތިމާވެށްޓަކީ “ނާޒުކު” އެއްޗެއްކަން ވެސް ގަބޫލުކުރެއެވެ. މިއީ ރާއްޖޭގެ ސިޔާސީ “ލީޑަރުން” ކަމަށް ބަލާ މީހުންނާއި، އެމީހުން ހިންގުމާ ހަވާލުވާ ސަރުކާރުތަކުން ކެނޑިނޭޅި ދައްކަމުންދާ ވާހަކަތަކެކެވެ. ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމާއި ދިރިތިބުމުގެ ރައްކާތެރިކަން ބަރޯސާވަނީ އަހަރެމެންގެ ކުދިޖަޒީރާ ރަށްތަކާއި، ގަސްގަހާގެއްސާއި، ދިރިހުރި ފަރުތަކާއި، ކަނޑުފަޅުން ލިބޭ ޤުދުރަތީ ނަފާއާއި މި ނިއުމަތްތަށް އެގޮތުގައި ދެމެހެއްޓުމުން ލިބޭ ތަބީޢީ ޤުދުރަތީ ވިލުންތެރިކަމުގެ މައްޗަށެވެ.
މިކަން ދެނެގަނެ، ރާއްޖޭގެ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ސަރީހަ އިބާރާތުން ބުނެފައިވަނީ ރާއްޖޭގެ ޤުދްރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ޤުދުރަތީ ވަސީލަތްތަކާއި ރީތިކަމަކީ އަދުގެ ޖީލުތަކާއި އަންނާންއޮތް ޖީލުތަކުގެ މަންފާއަށް ރައްކާތެރިކޮށް ދަމަހައްޓަންޖެހޭ އެއްޗެތިކަމަށެވެ. އަދި މިކަން ކުރުމަކީ ދައުލަތުގެ “އަސާސީ ވާޖިބެއް” ކަމަށެވެ. އަސާސީ ޤާނޫނުގެ މި މާއްދާގައި ބުނަނީ ރާއްޖޭގެ ތިމާވެށި ތަޣައްޔަރު ނުކުރުމަށެވެ. އެ ވެށީގައިވާ ދިރޭތަކެތީގެ ނަސްލެއް ނެތިދިޔަ ނުދިނުމަށެވެ. ތިމާވެށި ހަލާކުވިޔަ ނުދިނުމަށެވެ. ޤުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށެވެ. މިއަށްވުރެ ސާފު އިބާރާތުން ރާއްޖޭގެ ވެށި ހަލާކު ނުކުރުމަށް އަމުރުކުރާ ޤާނޫނެއް ނެތެވެ. އޮންނާކަށް ނުވެސް ޖެހެއެވެ. އަސާސީ ޤާނޫނުން އެކަށައަޅާ މަގްސަދާއި ތަސައްވުރު ވަރަށް ސާފެވެ. މި މަޤްސަދު އެގޮތުގައި ތަންފީޒުކުރުމަށް ރާއްޖޭގެ ވެށި ރައްކާތެރި ކުރުމަށްޓަކައި ހެދިފައިވާ މައި ޤާނޫނުގެ ނަމަކީ “ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ” ޤާނޫނެވެ. ޤާނޫނުގެ ނަމުންނާއި މަގުސަދުންވެސް ކުރަންވީ ކީއްކަން ސާފުވެއެވެ. މި ޤާނޫނުތަކުގެ މަޤުސަދު ހާސިލު ކުރުމަށް ހަދާ އެތައް ޤަވާއިދުތަކެއްވެސް އޮވެއެވެ. ރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމަށް ޤާއިމް ކޮށްފައި ހުރި ޤާނޫނު ތަކަކީ އިދާރީ އަދި މަދަނީ އޮނިގަނޑެއްގެ ތެރެއިން ތަންފީޒުކުރެވޭ ޤާނޫނު ތަކެކެވެ. ނަމަވެސް، ރާއްޖޭގެ ރަށްތަކަށް ވެފައޮތްގޮތާއި، ވަމުންދާ ގޮތަކީ އަސާސީ ޤާނޫނާއި، މައި ޤާނޫނުންވެސް ތަސައްވުރު ކުރާ ނަތީޖާ ނޫންކަން ލޮލުންބެލުމާއި ސިކުނޑިން ވިސްނުމުގެ ހެޔޮތައުފީގު ލިބިފައިވާ މީހަކަށް އިތުރަށް ބުނެދޭކަށް ނުޖެހޭނެއެވެ.
އަސާސީ ޤާނޫނުގައި ވާގޮތަށް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ޤާނޫނީ އޮނިގަނޑުގައި ރާއްޖޭގައި މިވަގުތު ނެތް އެއްޗަކީ ވެށި މެރުމުގެ ޖިނާއީ ކުށް، ނުވަތަ އިނގިރޭސިބަހުން އާންމުކޮށް ބޭނުންކުރާ މަފްހޫމް “އިކޯސައިޑް” އެވެ. ތިމާވެށީގެ ގޮތުން ރާއްޖެ އަދުއޮތް ހަސްހާސް ހާލަތަށް ބަލާއިރު، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ އިދާރީ އަދި މަދަނީ އޮނިގަނޑު އޮތީ ރާއްޖޭގައި ފޭލުވެފައެވެ. އެއީ ތަންފީޒީ ފޭލުވުމެކެވެ. ޤާނޫނު އަސާސީގެ 22 ވަނަ މާއްދާ ނަގަހައްޓައި، ތިމާވެށި ރައްކާތެރި ކުރުމަށް ކޯޓުގައި ވަކާލާތު ކުރުމަށް ނިކުންނަ ރައްޔިތަކަށް އިންސާފުވެރި ހުކުމެއް ލިބުމުގެ ފުރުސަތު ހަނި މިންވަރު ރާއްޖޭގެ ސުޕްރީމްކޯޓުގެ ފަހުގެ ނިންމުމަކުން އޮތީ ހާމަވެފައެވެ. ކ. ގުޅިފަޅު ހިއްކައިގެން ބަނދަރެއް އެޅުމާ ދެކޮޅަށް އަހުރެން ކޯޓަށް ގެންދިޔަ ވަގުތީ އަމުރުގެ މައްސަލައިގާ ގަދަރުވެރި ހިކްމަތްތެރި ތައުލީމީ “ފުންނާބުއުސް” ފަނޑިޔާރަކު ވެސް ދެއްކެވީ ޤާނޫނުއަސާސީ ނެގެހެއްޓުމަށް އޮތް ހުރަހާ ހުއްޖަތުގެ ވާހަކައެވެ. އަދި މި ސީރިއަސް މައްސަލައާއި ގުޅިގެން ރިޔާސަތަށް އާނބަސް ފިޔަވާ ވިދާޅުވާނެ އެއްވެސް ބަހެއް ނެތް ފަނޑިޔާރަކުވެސް މި މައްސަލަ ބެއްލެވި ބެންޗުގައި އިންނެވިކަން ފާހަގަކުރެވުނެވެ. ޤާނޫނު އަސާސީ ތަރުޖަމާކުރުމުގެ ބާރާއި، ޒިންމާދާރު މަސްއޫލިއްޔަތު އޮންނަ ސުޕްރީމްކޯޓުން ލިބުނު އެއް ޖަވާބަކީ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާއަށް “ދިރުން” ލިބޭނީ ސަރުކާރުން ހަދަންޖެހޭ، ނަމަވެސް ނުހަދާއޮތް ރިޕޯޓެއްގެ ބާރުލިބިގެން ކަމަށެވެ. ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެ އަސާސީ މަސްއޫލިއްޔަތެއްކަން ވެސް ބަޔާންކޮށްފައިވަނީ ހަމަ ޤާނޫނު އަސާސީގައެވެ. މިކަމުގައި، ރައްޔިތެއް، ރައީސެއް، ވަޒީރެއް، ފަނޑިޔާރެއް އިސްތިސްނާ ނުވާނެކަން ޤާނޫނުން ހާމަވެއެވެ. ނަމަވެސް ދައުލަތުގެ މަގާމުތަކުގައި ޒިންމާއުފުލަން ޖެހޭ ފަރާތްތަށް އެކަމަށް އުޒުރުވެރި ވާވަގުތަކީ ރައްޔިތުން ފަހަތަށްޖެހި، ކަންކަން ހަރުދަނާ ކުރުމަށް މަސައްކަތްކުރުން ހުއްޓާލަންވީ ވަގުތެއް ނޫނެވެ. އޭގެ އިދިކޮޅެވެ. ގްރޭޓަރ މާލެ ސަރަހައްދުގެ ޤުދުރަތީވެށި މުޅިން ފަނާވެގޮސް، ބާކީ އިން ވިލިމާލެ ފުނަވަލުގެ ޤުދުރަތީ ތަރިކައިގެ ހިމާޔަތުގައި ރައްޔިތުންގެ ބަޔަކު ތެދުވެ މަސައްކަތް ކުރަމުންދަނީ ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ގެއްލުމާ ދެކޮޅުވާން މަޖުބޫރުވާތީއެވެ.
“އިކޯސައިޑް” ނުވަތަ ވެށި މެރުމުގެ ޖިނާއީ ކުށަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި އަދު އޭގެ އަޑު ގަދަވަމުންދާ ޤާނޫނީ ފަރުވާއެކެވެ. ރާއްޖޭގައި ތިމާވެށީގެ ދިފާއުގައި ޚިޔާލުފާޅުކުރާ ފަރާތްތަކުން ވެށިމެރުން ހުއްޓާލުމަށް ދައުލަތަށް ގޮވަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް މިއީ އެއްވެސް ސަރުކާރަކުން އިޖާބަދޭ ކަމެއް ނޫންކަން ހެކިދެނީ ރާއްޖޭގެ ދިރިއޮތް ވެށި ފަނާކުރަމުންދާ ބާރުމިނާ ފުޅާމިނާ ފުންމިނަށް ނަޒަރު ހިންގާލުމުންނެވެ. ގެދޮރުއެޅުމުގެ ނަމުގައި ސަރުކާރުތައް މެދުވެރިވެ 58 ރަށް ހިއްކާ، ޤުދުރަތީނިޒާމަށް އިޔާދަނުކުރެވޭނެ ގެއްލުންތައް ވަނީ ދީފައެވެ. މިކަމުގައި ޤާނޫނު އަސާސީއިން މަތިކުރާ ޒިންމާއަކީ ތަންފީޒީ ގޮތުން ނުނެގޭނެ އެއްޗަކަށްވަނީ ހަދާފައެވެ. ނަމަވެސް ސަރުކާރުތަކުން ބުނާ ގެދޮރުގެ ދަތިކަމަކީ ހިއްކިބިންތައް ގިނަވުމާ ގުޅިފައިވާ ކަމެއްނޫންކަން ސާބިތުވަނީ، ދަހަރުތައް ފާއިތުވާއިރުވެސް މި ތަންތަނުގައި ގެދޮރުއެޅިފައި ނެތީމައެވެ. ފަތުރުވެރިކަން ކުރިއެރުވުމުގެ ނަމުގައި ދަނީ ރާއްޖޭގެ ފަރުފަޅުތައް ފަނާކުރަމުންނެވެ. މި ގެއްލުންތަކުން އުފައްދާ ހަނަފަސް ބިންތައް ފެހިކުރުމަށް ރާއްޖޭގެ މީހުންދިރިއުޅޭ ރައްތަކުގެ ގަސްކަރަ ދަނީ ސުންނާފަތި ކުރަމުންނެވެ. އާންމު ރައްޔިތުން ދިރިއުޅުމަށް ބޭނުންވާ ޤުދުރަތީ ވަސީލަތްތައް ދަނީ ރިސޯޓު ވިޔަފާރިތަކަށް ބެލުމެއްނެތި ބަހަމުންނެވެ. ރާއްޖޭގެ ވެލީގެ ރައުސްމާލު ބޭރުގެ ކުންފުނިތަކުގެ ބޭނުމަށް އަގެއްނެތް އެއްޗެއް ފަދައިން އެތައް މިލިއަން ކޮޑިމީޓަރެއްގެ އަދަދުތަކުން ބަހާ، ރައްޔިތުން ވަނީ ވެލީގެ ނަފާއިންވެސް މަހުރޫމުކޮށް، ރައްޔިތަކު ރަށަކުން ވެލިނެގުމަކީ ކުށަކަށް ހަދާފައެވެ. ރަށްރަށުގެ ރައްޔިތުންނަށް ބޮޑުޚަރަދެއްނުކޮށް ލިބެމުންދިޔަ ކާށިކޮޅު ނުލިބި، ރާއްޖެއަށް ކާށި އެތެރެކުރަންޖެހޭ ހިސާބަށް ހާލަތު ދަށްވެއްޖެއެވެ. ކާބޯތަކެތީގެ ރައްކާތެރިކަމަށްއޮތް ކުޑަމިންވަރުވެސް ދަނީ ނެތިކުރަމުންނެވެ. މިއީ ތިމާވެށި ހިމާޔަތް ކުރުމުގެ މަޤްސަދުގައި ހަދާފައިވާ ޤާނޫނުތައް ތަންފީޒުކުރުމުގެ ޒިންމާއޮތް ދައުތަލުގެ މަގާމްދާރުންނާއި މުއައްސަސާތައް ޝާމިލުވެގެން ހިންގާ ވެށިމެރުމާއި ވެށިންލިބޭ ނަފާއިން އާންމު ރައްޔިތުން މަހުރޫމުކުރުމުގެ ގެއްލުން ބޮޑު ޖަރީމާތަކެކެވެ.
ވެށިމެރުމަކީ ކުށަކަށް ހެދުމަށް ބައިނަލްއަޤުވާމީ ގޮތުން ވަރަށް ބޮޑު މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން “ސްޓޮޕް އިކޮސައިޑް އިންޓަނޭޝަނަލް” ގެ ނަމުގައި ހިންގާ ބައިނަލްއަޤުވާމީ މަދަނީ ޖަމާއަތާއި، އެޖަމާއަތާއި ގުޅިގެން ހިންގާ ތަފާތު ހަރަކާތްތަކެއްގެ އަސަރުދަނީ ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރެމުންނެވެ. ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު) އުފެއްދި ބައިނަލްއަޤުވާމީ މުއާހަދާ ކަމަށްވާ “ރޯމް ސްޓެޓިއުޓް” އަށް ވެށިމެރުމުގެ ޖިނާއީ ކުށް އިތުރުކުރުމަށް ދަނީ ފުޅާދާއިރާއެއްގައި ވަކާލާތު ކުރަމުންނެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ނަންވުމަށް އެދޭއެދުން ފުއްދުމަށް ދިވެހިރާއްޖެއިން ވެސް މިކަމަށް ތާއީދުކޮށް، ރައްޔިތުންގެ މަޖިލިހުން ރަސްމީ ސިފައެއްގައިވަނީ ވެށިމެރުމުގެ ޖިނާއީ ކުށް ބައިނަލްއަޤުވާމީ ފެންވަރުގައި ވުޖޫދަށް ގެނައުމަށް ވަކާލާތުކުރުމުގައި ބައިވެރިވެފައެވެ. މިއީ ކަންނުވެ ނަންވުމުގެ ނަމޫނާ މިސާލެކެވެ.
ދިވެހިރާއްޖޭގައި ވެށިމެރުމުގެ ކުށްތަށް ހިފެހެއްޓުމެއްނެތި ސިޔާސީންނާއި ސަރުކާރު ޝާމިލުވާގޮތަށް ހިންގަމުންދާ ހާލަތުގައި، ވެށިމެރުމަކީ ބައިނަލްއަޤުވާމީ ކުށަކަށް ހެދުމަށް ދިވެހިރާއްޖެއިން ވަކާލާތު ކުރުމަކީ މިކަން ކުރުމުގައި އުޅޭ ސިޔާސީންގެ ނަފްސު ހިސާބުކުރުމަށް ފިކުރުހިންގާ ނުލާކަން ދޭހަވާ ކަމެކެވެ. މިއީ އެފަރާތްތަކުން ލަދުގަންނަ ކަމެއްނޫންކަންވެސް ވަރަށް ސާފެވެ. ވެށިމެރުމަކީ ބައިނަލްއަޤުވާމީ ބޮޑު ކުށަކަށް ހެދުމަށް ރާއްޖެއިން ތާއިދުކޮށް، ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން ބައިނަލްއަޤުވާމީ ޖިނާއީ ކޯޓަށް 2023 ގައި ރަސްމީ ލިޔުމެއް ފޮނުވިއެވެ. އެ ލިޔުން ތައްޔާރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލިހުގެ “އެންވައިރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ” ގެ އޭރުގެ މުޤައްރިރު ހއ. ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. އަހުމަދު ސަލީމަކީ ހއ. ހޯރަފުށީގައި ބިންހިއްކައިގެން އެއާޕޯޓެއް އެޅުމަށް ވައުދުވެ ވަކާލާތުކޮށް، އެކަންކުރުމުގެ އީ.އައި.އޭ އާއި ހިސާބުން އަމަލީގޮތުން މަސައްކަތް ކުރެއްވި ފަރާތެކެވެ. އަހުރެން ދެކޭ ގޮތުގައި ހއ. ހޯރަފުށީގައި އެޅި އެއާޕޯޓަކީ ވެށިމެރުމުގެ ޖަރީމާގެ ވަރުގަދަ މިސާލެކެވެ. ހޯރަފުށި އެއާޕޯޓު އަޅާފައިވަނީ ރާއްޖޭގައި އެންމެ ބޮޑެތި ބާނިރާޅު ނަގާ ސަރަހައްދުގައެވެ. އަދި އެއާޕޯޓު އެޅިތާ 6 މަސްތެރޭގައި އެތަންއޮތީ ފެނުއަޑީގައެވެ. ހޯރަފުށި އެއާޕޯޓުގެ ސަބަބުން އެރަށާއި، އެޅި އެއާޕޯޓަކީ ދާއިމީގޮތުގައި ހިމާޔަތްކުރުމަށް ދިވެހި ރައްޔިތުން ޚަރަދުކުރަންޖެހޭނެ ތަނެއްކަމަށް ބެލެވެއެވެ. އަދި މުޅި ސަރަހައްދުގެ ވެށްޓައް މިކަމުގައި ދީފައިވާ ގެއްލުމަކީ ބަލާހޯދާ ދެނެގަތުމަށް މަސައްކަތް ކޮށްފައި ނެތީމާ އެނގެން ނެތް އިޔާދަނުކުރެވޭނެ ގެއްލުން ތަކެކެވެ. ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމާއި، ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލުގެ ކަންބޮޑުވުން ފާޅުކުރާ ދައުލަތުގެ މަގާމްދާރީންނަކީ، ރާއްޖޭގައި ވެށިމެރުމުގެ އަމަލުތަކުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތަކެވެ. ސަރުކާރުތަކުން މިކަން ކުރަމުންދަނީ އެމީހުންގެ އަމަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މޫސުމީ ވިލުންތެރިކަން ނަގާލަމުންދާ ހާލަތުގައެވެ. ދިވެހިބަހުން މިއަށް ދެވެންއޮންނަ ނަމަކީ “ދެފުށްކެހެރި” ކަމަށް ބެލިދާނެއެވެ.
ވެށިމެރުމުގެ ކުށް ރާއްޖޭގައި ތައާރަފްކުރުމަށް ވަކާލާތުކުރުމުގެ އަޑު މިވަގުތު ގަދަވަމުންދާ މުހިންމު އެއް ސަބަބަކީ، ނިމިދިޔަ އެޕްރިލް މަހު މޮރިޝަސްގެ ޤާނޫނުގައި ވެށިމެރުމަކީ ޖިނާއީ ކުށަކަށް ހެދުމުގެ ޚަބަރު ލިބުމެވެ. އެގޮތުން މިކަމަށް ރާއްޖޭގައިވެސް ރައްޔިތުންގެ ތެރޭގައި ތާއީދުއޮތްކަން ފެންނާން ފަށައިފިއެވެ. އަހުރެންވެސް ގަބޫލުކުރަނީ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާއިން ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމަށް ކަނޑައަޅާފައި އޮތް ތަސައްވުރަށް ވާސިލުވުމަށް އިދާރީ އަދި މަދަނީ މަގުތައް ފޭލުވަމުންދާ ހިނދު، އެ މަންޒިލަށް ވާސިލުވުމަށް މިވަގުތު ކުރަންޖެހިފައިވާ ކަމަކީ ރާއްޖޭގެ ޤާނޫނީ އޮނިގަނޑަށް ވެށިމެރުމުގެ ޖިނާއީކުށް ތައާރަފް ކުރުމެވެ. މިކަމަށް އަހުރެންގެ ޝައުގު އޮތުމުން، އަހުރެންގެ އަމިއްލަ ދަސްވެނިކަމުގެ ދިރާސާއަކުން ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި ވެށިމެރުމުގެ ކުށް ތައާރަފްކުރުމަށް ހުށަހަޅާ ހުށަހެޅުމަކާބެހޭ ކަރުދާހެއް ތައްޔާރުކުރީމެވެ. ނަމަވެސް އެހެން ލިޔުމެއްގައި އެކަމާބެހޭ ގޮތުން ލިޔުމަށް އުންމީދު ކުރަމެވެ. ދިވެހިރާއްޖޭގެ އަދާ މާދަމާގެ ރައްޔިތުންނާއި މުޅިތިމާވެށީގެ ދިފާއުގައި ރާއްޖޭގައި ވެށިމެރުމުގެ ޖިނާއިކުށް ތައާރަފްކުރުމަކީ އަދު ކުރުން ލާޒިމުކަމެއްކަމަށް އަހުރެން ދެކެމެވެ.
މި ލިޔުން ފުރަތަމަ ޝާއިއު ކޮށްފައިވަނީ 7 މެއި 2026 ގައި ދައުރު ނޫހުގައި


